ރާއްޖޭގެ ޚަބަރު އިސްލާމީ އުޞޫލުން ކަންކުރަނީނަމަ މުސްތަޤްބަލާ ދޭތެރޭގައި ފިކުރުބޮޑުވާން ނުޖެހޭނެ: ރައީސް

އިސްލާމީ އުޞޫލުން ކަންކުރަނީނަމަ މުސްތަޤްބަލާ ދޭތެރޭގައި ފިކުރުބޮޑުވާން ނުޖެހޭނެ: ރައީސް

އިސްލާމީ އުޞޫލުން ކަންކުރަނީނަމަ މުސްތަޤްބަލާ ދޭތެރޭގައި ފިކުރުބޮޑުވާން ނުޖެހޭނެ: ރައީސް

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އިސްލާމީ އުޞޫލުގެ ތެރޭގައި ކަންކަން ކުރަމުން ގެންދާ ކަމަށްވާނަމަ، ﷲ އިރާދަކުރެއްވިއްޔާ، ރާއްޖޭގެ މުސްތަޤްބަލާ ދޭތެރޭގައި ފިކުރުބޮޑުވާން ނުޖެހޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

މުލަކުއަތޮޅު ބައެއް ރަށްރަށަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި އެ އަތޮޅު މުއްޔަށް ވަޑައިގެން، މުލީ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އަޅުގަނޑުމެން އެންމެންނަކީވެސް މުސްލިމް އަޚުންނާއި އުޚުތުންކަން ހަނދާންނައްތާލައިގެން ނުވާނެކަމަށާއި ސިޔާސީ ސަބަބުތަކަށްޓަކައި ޢާއިލާގެ ތެރޭގައި، އެއްބަޔަކު އަނެއް ބަޔަކަށް ވާހަކަ ނުދެއްކޭ ހިސާބަށް ކަންތައްތައް ގޮސްގެން ނުވާނެކަމަށެވެ. އަދި އިސްލާމީ އުޞޫލުގެ ތެރޭގައި ކަންކަން ކުރަމުން ގެންދާ ކަމަށްވާނަމަ، ﷲ އިރާދަކުރެއްވިއްޔާ، ދިވެހިރާއްޖޭގެ މުސްތަޤްބަލާ ދޭތެރޭގައި ފިކުރުބޮޑުވާން ނުޖެހި، ޞުލްޙަވެރިކަމާއެކު ޤައުމަށް ކުރިއަށް ދެވޭނެކަމަށްވެސް ރައީސް ވަޙީދު ވިދާޅުވިއެވެ.

މުލީ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، އިންތިޚާބުގެ ދުވަސްވަރު ވާދަވެރި ވާހަކަތައް އިވި، ތަފާތު ކުލަކުލަ ފެނި، ތަފާތު އަޑުތައް އުފުލަމުންދާނެ ކަމަށާއި، އެހެން ނަމަވެސް، ރަށްރަށުގައި ހަމަނުޖެހުން އުފެދި، ރައްޔިތުންނަށް އާދައިގެ ދިރިއުޅުމެއް ނޫޅެވޭވަރަށް ކަންތައްތައް ގެންގޮސްގެން ނުވާނެ ކަމަށެވެ.

ސިޔާސީގޮތުންނާއި، އިޤްތިޞާދީ ގޮތުންނާއި، އިޖްތިމާޢީ ގޮތުން ޤައުމު މިހާރު މިވަނީ ވަރަށް ނާޒުކު ފައްތަރެއްގެ މަތީގައިކަން ބަޔާންކުރައްވަމުން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ވޭތުވެގެންދިޔައީ އަޑިގުޑަން ދުވަސްތަކެއް ކަމަށްވިޔަސް، ވަރަށް ހިތްވަރާއެކު މަސައްކަތް ކޮށްގެން، ކޮންމެވެސްވަރެއްގެ އަމާންކަމެއް މިހާރު ލިބިފައިވާ ކަމަށާއި، އެހެން ނަމަވެސް، ޤައުމުގެ ސިޔާސީ މަސްރަޙު އޮތްގޮތުން، އަނެއްކާވެސް އަޑިގުޑަން ދުވަސްތަކަކާ ކުރިމަތިލާން ޖެހުމަކީ ހަމަ ވެދާނެ ކަމެއް ކަމަށް ވިދާޅުވެ، އެކަމަށް ސަމާލުވެ ތިބުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރެއްވިއެވެ.

މުލީ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ މިރޭ ދެއްކެވި ވާހަކަފުޅުގައި، މުލި ބޮޑުކުރުމަށްޓަކައި ރަށް ހިއްކުމުގެ މަސައްކަތް، މިއަހަރުގެ ތެރޭގައި ފެށޭނެ ކަމަށް އުންމީދު ކުރައްވާ ކަމާއި، އެކަމަށްޓަކައި ކުރަންޖެހޭ އިދާރީ މަސައްކަތްތައް މިހާރު ކުރެވެމުންދާކަމަށާއި މުލީގެ އިރު އުތުރުގެ ސަރަޙައްދުން ބަޔަކާ މުލީގެ އުތުރުން އޮންނަ ރަށާ އެކީގައި ފަތުރުވެރިކަމުގެ މަސައްކަތްކުރާ ސަރަޙައްދެއް ކަމަށް ކަނޑައެޅުއްވުމަށް ޤަޞްދުކުރައްވާކަންވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.