ދިވެހި ފުލުހުންނަށް އަރަބި ބަސް ދަސްކޮށްދޭ ކޯސްތައް ފުލުހުންގެ ތެރޭގައި ވަރަށް އަވަހަށް ފައްޓަވާނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިޔާޒް މިއަދު ވިދާޅުވެއްޖެ އެވެ.
އިންޓަނޭޝަނަލް ޕޮލިސް އެކަޑެމީ އެސޯސިއޭޝަން (އިންޓަޕާ) ގެ މެމްބަރު ޤައުމަކަށް ރާއްޖެ ހަމަޖެހުމާ ގުޅިގެން އެޖަމާޢަތުގެ ދެވަނަ އަހަރީ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ފަހު އެދަތުރާ ގުޅޭ ގޮތުން ފުލުހުންގެ މީޑިއާއަށް ދެއްވި ވީޑިއޯ އިންޓަވިއުއެއްގައި ޕޮލިސް ކޮމިޝަނަރު ވިދާޅުވީ "އިންޓަޕާ" ގެ މެމްބަރު ގައުމަކަށް ރާއްޖެ ހަމަޖެހުމާ ގުޅިގެން ޢަރަބި ޤައުމުތަކުން ގިނަ ފުރުޞަތުތަކެއް ދިވެހި ފުލުހުންނަށް ފަހިވެފައިވާ ކަމަށެވެ. އެހެންކަމުން ޢަރަބި ޤައުމުތަކަށް ތަމްރީނު ހޯދަން ދިވެހި ފުލުހުން ފޮނުވާއިރު ޢަރަބި ބަހުގެ މައްސަލަ ނުކުންނާނެތީވެ ދިވެހި ފުލުހުންނަށް ޢަރަބި ބަސް ދަސްކޮށްދޭ ކޯސްތައް ފުލުހުންގެ ތެރޭގައި ވަރަށް އަވަހަށް ފައްޓަވާނެ ކަމަށް ވިދާޅުވިއެވެ.
މިހާރު ޓްރެއިނިންގ އިންސްޓިޓިއުޓުން އެ މަސައްކަތް ޕްލޭން ކުރަމުން އެ ދާކަމަށާއި ޢަރަބި ހިސާބުގެ އެއްވެސް ޤައުމަކަށް ފޮނުވުމުގެ ކުރިން އެ މީހުންނަށް ޢަރަބި ބަހުން ވާހަކަ ދައްކައި މުޢާމަލާތް ކުރެވޭވަރު ކޮއްލެވިއްޖިއްޔާ އެކަހަލަ ޓްރެއިނިންގ ޕްރޮގްރާމްސްތަކުގެ އެންމެ ފުރިހަމަ ބޭނުންތެރިކަން ހޯދިގެން ދާނެކަމަށް ޕޮލިސް ކޮމިޝަނަރު ވިދާޅުވިއެވެ.
ކިންގް ފަހުދު ޔުނިވަސިޓީ ކޮލެޖާއި ތުރުކީ އާއި ކުވެއިތާއި ބަހުރެއިން އަދި ޤަތަރުން ވެސް ދިވެހި ފުލުހުންނަށް ތަމްރީނުގެ ފުރުޞަތު ދޭނެ ކަމަށް ބުނެފައިވާ ކަމަށާއި އަދި ސަޢޫދީގެ އިންޓީރިއާރ މިނިސްޓަރާއި ޕްރިންސްއާ ބައްދަލު ކުރެއްވުމުގައި ދިވެހި ފުލުހުންނަށް ތަމްރީނުގެ ފުރުޞަތުތައް ފަހިކޮށްދެއްވާނެ ކަމުގެ ޔަޤީންކަންދެއްވާފައިވާ ކަމަށް ރިޔާޒް ވިދާޅުވި އެވެ.
(އިންޓަޕާ) ގެ މެމްބަރު ޤައުމަކަށް ރާއްޖެ ހަމަޖެހިފައިވަނީ އެޖަމާޢަތުގެ ދެވަނަ އަހަރީ ކޮންފަރެންސްގެ ޖެނެރެލް އެސެމްބްލީގައި ބައިވެރިވި އިންޓަޕާގެ 34 މެމްބަރުންގެ އިއްތިފާޤުން ނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...