މަރާލެވިފައިވާ މީހުންގެ ޙައްޤުގައި ޚާއްސަ އެއްވުމެއް ބޭއްވުމަށް ދިވެހި ރައްޔިތުންގެ ޤައުމީ ހަރަކާތުން ނިންމައިފިއެވެ.
އަންނަ މަހުގެ 3 ވަނ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މިއެއްވުމާއި ބެހޭގޮތުން ނަލަހިޔާ ހޮޓެލްގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ޤައުމީ ހަރަކާތުގެ އިސް ބޭފުޅެއް ކަމަށްވާ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވީ ފާއިތުވި އަހަރުތަކުގައި އެތައް ބަޔަކު އަނިޔާވެރިގޮތަކަށް މާރާލެވިފައިވާ ކަމަށާއި އެ އެއްވުމުގެ ބޭނުމަކީ އެ މީހުންގެ އާއިލާ އަށް އިންސާފު ހޯދުމަށް މަސައްކަތް ކުރުން ކަމަށެވެ.
އަދި މިއެއްވުމުގެ މައިގަނޑު މަޤްސަދަކީ މީހުން މެރުން ފަދަ ލާއިންސާނީ އަމަލުތައް މުސްތަޤުބަލުގައި ތަކުރާރުވިޔަ ނުދިނުމަށް މަސައްކަތް ކުރުމަށް ކަމާ ބެހޭ ފަރާތްތަކަށް ބާރު އެޅުން ކަމަށް އިމްރާން ވިދާޅުވިއެވެ.
އިމްރާން އިތުރަށް ވިދާޅުވީ އެދުވަހުގެ އެއްވުމުގައި ޤައުމީ ހަރަކާތުން ފަސް ޑިމާންޑެއް ހުށަހަޅާނެ ކަމަށާ އެ ޑިމާންޑްތަކަކީ މަރާލާފައިވާ މީހުންގެ ޙައްޤުތައް ލިބުމުގެ އިތުރުން އަނިޔާވެރިކޮށް މީހުން މަރާލުން ހުއްޓުވޭ ޑިމާންޑްތަކަކަށް ވެސް ވާނެކަމަށެވެ.
މީގެ އިތުރުން އެދުވަހުގެ އެއްވުމަކީ ސިޔާސީ ޑްރާމާއެއް ނޫން ކަމަށާއި އެއީ ސީރިއަސް އެއްވުމެއް ކަމަށާ އެ އެއްވުން ހުއްޓާލާނީ އަނިޔާވެރިކޮށް މީހުންގެ މެރުމުގެ މައްސަލަ ކޮޅެއްގައި ޖެއްސުމަށް ފަހު ކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...