އިންޓަރނޭޝަނަލް އިސްލަމިކް ކޮންފަރެންސް އޮފް ބައިތުލް މަޤްދިސްގެ 4 ވަނަ ބައްދަލުވުން ޝަރަފުވެރިކޮށްދެއްވުމަށް، ރައީސް ޑރ.ވަޙީދަށް ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސް ދަޢުވަތު އަރުވައިފިއެވެ.
ރައީސް އޮފީހުގައި މިއަދު މެންދުރުކުރީގައި ބޭއްވި ބައްދަލުވުމެއްގައި ރައީސް ވަހީދަށް ދަޢުވަތު އަރުވައި، ފަލަސްޠީނުގެ ރައީސް ފޮނުއްވި ސިޓީފުޅު ރައީސްއަށް އެރުވީ، ފަލަސްޠީނު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. އަންވަރު އަލް-އަޣާ އެވެ.
މިބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއަކީ ވަރަށް ގާތް އަޚުވަންތަ ޤައުމެއްކަމަށް ފަލަސްޠީނުގެ ރައްޔިތުން އަބަދުވެސް ދެކޭ ކަމުގައި އެޤައުމުގެ ސަފީރު ވިދާޅުވިއެވެ. އަދި ދިވެހިރާއްޖެއާއި ފަލަސްޠީނާ ދެޤައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ފަލަސްޠީނު ސަރުކާރުން އަބަދުވެސް ޚާއްޞަ ސަމާލުކަމެއް ދެއްވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ރާއްޖޭގައި އިސްލާމީ ޘަޤާފަތް ދެމެހެއްޓުމަށްޓަކައި ރައީސް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ.
މީގެ އިތުރުން ފަލަސްޠީނު ސަފީރުގެ ވާހަކަފުޅުގައި، ފަލަސްޠީނުގެ ފުރިހަމަ އެއްބާރުލުމާއި ތާއީދު ދިވެހި ސަރުކާރަށް އަބަދުވެސް އޮންނާނެ ކަމުގައި ވިދާޅުވެ، އަރަބި ޤައުމުތަކާއި ރާއްޖެއާ އޮންނަ ގުޅުންތައް ރަނގަޅުކުރެއްވުމަށް ރައީސް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ ސަބަބުން، ޢަރަބި ދުނިޔޭގައި އެމަނިކުފާނަށް ޚާއްޞަ ޤަދަރަކާއި އިޙްތިރާމެއް ލިބިވަޑައިގެންފައިވާކަން ސަފީރު ފާހަގަކުރެއްވިއެވެ.
"މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިޝަރަފުވެރި ދަޢުވަތު ދެއްވި ކަމަށްޓަކައި ފަލަސްޠީނުގެ ރައީސަށް ޝުކުރުއަދާކުރެއްވިއެވެ. އަދި ދިވެހިރާއްޖެއިން އަބަދުވެސް ފަލަސްޠީނަށް އިތުރު ކުރިއެރުމާއި ކާމިޔާބީއަށް އެދޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ." ރައީސް އޮފީހުން ބުންޏެވެ.
އިންޓަރނޭޝަނަލް އިސްލާމިކް ކޮންފަރެންސް އޮފް ބައިތުލް މަޤްދިސްގެ 4 ވަނަ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޖޫން މަހުގެ ކުރީކޮޅުއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...