ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފައްދައި، ދީނާއި ގައުމިއްޔަތުގެ ނަމުގައި އަޅުވެތިކުރާކަށް ދެނެއް ފުރުސަތެއް ނުދޭނެކަމަށް އެމްޑީޕީ އަލަށް ގުޅިވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު އެމްޑީޕީ އާއި ގުޅިވަޑައިގަތުމުން ”އާ ބާރެއް“ މިނަމުގައި ކާނިވަލުގައި ބޭއްވި އެޕާޓީގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ ރައްޔިތުން އަޅުވެތިކުރުމަށް އެންމެ ބޮޑު ހަތިޔާރަކީ ހިތްތަކުގައި ބިރުވެރިކަން އުފައްދާ، ނަފްސާނީ ގޮތުން މީހާ ބަލިކަށި ކޮށް، އެކަކު އަނެކަކަށް ކުރާ އިތުބާރު ނަގާލައި، ޝައްކާއި ވަހުމާއި ފަސާދައިގެ މާހައުލެއް އުފެއްދުން ކަމަށެވެ.
"ދިވެހިރާއްޖޭގެ މާތްވެގެންވާ އިސްލާމްދީނާއި މިނިވަންކަމާއި އިސްތިގްލާލް ނަގާލާކަމަށް ބުނެ ދައްކާ ވާހަކަތަކަކީ މިފަދަ މަސައްކަތްތަކެއް، ރާއްޖޭގެ ތާރީޙް ދުވަހަކުވެސް ނުދެކޭފަދަ ދީނީ އިލްމުވެރިން މިހާރު އެބަތިބި، އަދި ދިވެހި ދައުލަތް މިއަދު މިއޮތީ ތާރީޙްގައި ދުވަހަކުވެސް ނެތްފަދަ ވަރުގަދަ ބިންގަލެއްގައި" ޝާހިދު ވިދާޅުވިއެވެ.
އޭނާ ވާހަކައިގައި އިތުރަށް ވިދާޅުވީ ދިވެހިންގެ ހިތުގައި ބިރުވެރިކަން އުފެއްދުމުގެ ބަދަލުގައި ކުރަންވީ މަސައްކަތަކީ މާތް ވެގެންވާ އިސްލާމް ދީނުގެ މަތިވެރިކަމާއި އެދީނަކީ ސައިންސާއި، ތަހްޒީބާއި، ތަމައްދުންގެ ދީންކަން އޮޅުން ފިލުވާދީ ރައްޔިތުންނަށް ހެޔޮވެރިކަމެއް ފޯރުއްދިނުން ކަމަށެވެ. އަދި އިސްލާމީ އުސޫލަކީވެސް، ދިވެހިންގެ ގޮތަކީ ވެސް، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފިކުރަކީވެސް އެއީކަމަށެވެ.
ރާއްޖޭގެ އުދަރެހުން ފެންނަނީ ރަންރީނދޫ ދޯދިތައް ރުކުރުވާލާ ތަން ކަމަށާއި "މި އަހަރުގެ ރިޔާސީ އިންތިޚާބު އަޅުގަނޑުމެން ކާމިޔާބުކުރާނީ އެއް ބުރުން" ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވެވަޑައިގެންނެވި މިޖަލްސާގައި ވަރަށް ގިނަ އަދަދެއްގެ މީހުން ބައިވެރިވެފައިވެއެވެ.
ފޮޓޯ: ”އާ ބާރެއް“ މިނަމުގައި ކާނިވަލުގައި ބޭއްވި އެމްޑީޕީން ބޭއްވީ ޖަލްސާ
ކޮމެންޓް (0)
ލޯޑް ކުރަމުން...