އަރަބިއްޔާ މައްސަލާގައި މާލޭގެ މަގުތަކުގައި ބޭއްވި ހިނގާލުން ކާމިޔާބު ކަމާއި އެކު ނިންމާލައިފި
އަރަބިއްޔާ މައްސަލާގައި މާލޭގެ މަގުތަކުގައި ބޭއްވި ހިނގާލުން ކާމިޔާބު ކަމާއި އެކު ނިންމާލައިފިއެވެ.
މިއަދު ހަވީރު 4.30 ގައި ސޯސަލް ސެންޓަރު ކައިރިން ފެށި މިމުޒާހަރާ އަކީ ޢަދާލަތު ޕާޓީގެ އަންހެނުންގެ މަޖިލީހުން އިސްނަގައިގެން ޢަރަބިއްޔާގެ ބެލެނިވެރިންނާއި އަޚަވާތުންނާއި ގުޅިގެން ބޭއްވި ސުލްހަވެރި ހިނގާލުމެކެވެ. މިހިނގާލުމަކީ ޢަރަބިއްޔާގެ ބިން ޢަރަބިއްޔާ އަށް ދިނުމަށާއި، އެބިން ޤައުމީ ކަމަކަށް ބޭނުން ކުރެވޭ ނަމަ، އެއަށް ވުރެ ކުޑަ ނޫން ބިމެއް އެސްކޫލަށް ދީ، މިހާރުން މިހާރަށް މިކަން ޙައްލުކޮށްދެއްވުމަށް ސަރުކާރަށް ގޮވާލާމިކަން ރައްޔިތުންނާ ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ކުރިއަށްދިޔަ ހިނގާލުމެއްކަމަށް ހިނގާލުމުގެ އިސްކޮށް އުޅުއްވާ ބޭފުޅުން ހާމަކުރެއެވެ.
އެތައް ހާސް ބަޔަކު ބައިވެރިވި މިހިނގާލުމުގައި ބެލެނިވެރިންގެ އިތުރުން އާންމު ރައްޔިތުންވަނީ ގިނަ އަދަދަކަށް ބައިވެރިވެފައެވެ. މިހިނގާލުމުގައި ސިޔާސީ ޕާޓީތަކުގެ އިތުރުން ބައެއް ޖަމިއްޔާތަކުން ވަނީ ބައިވެރިވެފައެވެ. މަޖީދީމަގުން ބޮޑުތަކުރުފާނު މަގުން ކުރިއަށްދިޔަ މިހިނގާލުން ނިންމާލާފައިވަނީ ލޮނުޒިޔާރަތް ކޮޅުންނެވެ. ހިނގާލުން ނިންމާލުމުގެ ކުރިން އިއްޔެ އިސްތިއުފާ ދެއްވި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓާރ ވަނީ ވާހަކަ ދައްކަވާފައެވެ. ޝެއިހް ޝަހީމުގެ ވާހަކައިގައި ސަރުކާރުން އަރަބިއްޔާއާއި މެދު ގެންގުޅޭ ސިޔާސަތަށް ވަނީ ފާޑު ކިޔާފައެވެ. ޝެއިހް ޝަހީމުގެ އިތުރުން އަރަބިއްޔާގެ ބެލެނިވެރިއެއްކަމަށްވާ އަބްދުސަލާމް އާއި ޑީއާރުޕީގެ މަހްލޫފްގެ އިތުރުން ޑރ އަފްރާޝިމްވަނީ ހިނގާލުމުގެ ބައިވެރިނާއި މުހާތަބުކޮށް ވާހަކަ ދައްކަވާފައެވެ.
އިރުއޮއްސުމާއިއެކު ހިނގާލުން ނިންމާލާފައިވަނީ ސަރުކާރުން އަރަބިއްޔާގެ ބެލެނިވެރިންގެ އަޑު ނާހާނަމަ އިތުރު ހަރަކާތްތައް ހިންގާނެކަމަށް އިންޒާރުދެމުންނެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...