އަލްމަދަރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާއާއި މެދު އެމް. ޑީ.ޕީގެ ސަރުކާރުން ޢަމަލުކުރަމުންދާ ސިޔާސަތު ތަކާއިމެދު ހިތްހަމަ ނުޖެހިގެން އެމަދަރުސާގެ ބެލެނިވެރިން ރައިސްލުޖުމުހޫރިއްޔާއާއި ބައްދަލުކުރުމަށް ރައިސް އޮފީސް ދޮށަށް ވަޑައިގަތުމުން ފުލުހުން އެބެލެނިވެރިންނާއި ކުރިމަތިލައި ބެލެނިވެރިންގެ ތެރެއިން 10 މީހުން ހައްޔަރުކޮށްފިއެވެ.
މިއަދު 9 ޖެހިއިރު އަރަބިއްޔާގެ ބެލެނިވެރިންގެ ތެރެއިން 150 ހާ ބެލެނިވެރިންވަނީ ރައިސްލުޖުމުހޫރިއްޔާއާއި ބައްދަލުކުރުމަށް ރައީސް އޮފީސްދަށަށް ގޮސްފައެވެ. ނަމަވެސް އެމަދަރުސާގެ ބެލެނިވެރިންނާ ރައިސް ނަޝީދު ބައްދަލުކުރައްވާފައެއް ނުވެއެވެ. އަރަބިއްޔާގެ ބެލެނިވެރިންގެ ތެރެއިން ބޭފުޅުންކޮޅެއް ނެންގެވުމަށްފަހު މީޑީޔާގެ ބޭފުޅުންނާއެކު، ވަނީ ރައިސްޖުމުހޫރިއްޔާގެ ސިޔާސީ މުޝީރު މުޙައްމަދު ޝިހާބާއި ބައްދަލުކުރައްވާފައެވެ. ނަމަވެސް ބެލެނިވެރިން ޝިހާބު ކުރައްވައި ދެންނެވީ ބައްދަލުކުރައްވަން ބޭނުންވަނީ ރައީސް ނަޝީދުއާއި ކަމަށެވެ. އަރަބިއްޔާ ބެލެނިވެރިންނާއެކު ބޭއްވި ބައްދަލުވުމުގައި ޕްރެސް ސެކެޓްރީ މުޙައްމަދު ޒުހޭރު ވިދާޅުވީ ރައީސްއަކީ ހަފުތާޔަކު ވަކި ޝެޑިއުލެއްގެ ދަށުން މަސައްކަތްކުރައްވާ ބޭފުޅެއް ކަމަށެވެ. ޕްރެސް ސެކެޓްރީ މިހެންވިދާޅުވިނަމަވެސް ރައީސް ނަޝީދުވަނީ މީގެ ކުރިން ހުޅުމާލޭގައި ރޭސްކާރު މުބާރާތް ބޭއްވުމަށް މަސައްކަތްތްކުރިބަޔަކާއި މާލޭގައި ބައިބަލާ މުބާރާތް ބޭއްވުމަށް އިސްކޮށް އުޅުނު ބަޔަކާ ބައްދަލުކުރައްވާފައެވެ.
މިއަދު ގާތްގަނޑަކަށް 11:15 ގައި ފުލުހުންގެ ސްޓަރފޯސް ހަތިޔާރާއިއެކު ރައިސްޖުމުހޫރިއްޔާ އޮފިސްދޮށަށް އައިސް ވަނީ، އެތަނަށް ގޮސްތިބި އަރަބިއްޔާ ބެލެނިވެރިން އެތަނުން ދިޔުމަށް ތަކުރާރުކޮށް އަނގާފައެވެ. ނަމަވެސް އަރަބިއްޔާގެ ބެލެނިވެރިން ޝަކުވާއަކީ މީގެ ކުރިން ރައިސް ނަޝީދު ކުޅިވަރު ކުޅޭ ފަރާތްތަކާއި ބައްދަލު ކުރެއްވިކަމަށާއި ނަމަވެސް އަރަބިއްޔާ ބެލެނިވެރިންނާ ބައްދަލު ނުކުރަންވީ އެއްވެސް ސަބަބެއް ނެއްކަމަށެވެ.
ފަހުން ފުލުހުންވަނީ ޕެޕަރ ސުޕްރޭއާއި މުގުރުން ބޭނުންކޮށްގެން އަރަބިއްޔާ ބެލެނިވެރިންނާއި ކުރިމަތިލާފައެވެ. މިކުރިމަތި ލުމުގައި ބެލެނިވެރިންގެ ތެރެއިން 10 މީހުން ވަނީ ހައްޔަރު ކޮށްފައެވެ. އަދި ބެލެނިވެރިންނަށްވަނީ އެކިވަރުގެ އަނިޔާތައް ވެފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...