ޑރ. އަފްރާޝީމް އަލީ ގެ ގާތިލުން ތަހްގީގު ނިންމުމަށް ރައްޔިތުންގެ ގައުމީ ހަރަކާތުން ސަރުކާރަށް ދީފައިވާ 3 ހަފްތާގެ މުހުލަތުގެ ތެރޭގައި އެކަން ނުކޮށްފި ނަމަ އަންނަ މޭ މަހުގެ 3 ވަނަ ދުވަހު އިންސާފުގެ ހުކުރެއް ގެންނާނެ ކަމަށް ގައުމީ ހަރަކާތުން އިއުލާނުކޮށްފިއެވެ.
މުޒާހަރާ ކުރަން ނިންމެވިކަން އިއުލާނު ކުރައްވަމުން ރޭ އާޓިފިޝަލް ބީޗުގައި ވާހަކަދައްކަމުން ޝެއިޚް އިމްރާނު އަބުދުﷲ ވިދާޅުވީ "މާތް ﷲ އިރާދަކުރެއްވިއްޔާ މިކަމާއި މެދު ރަނގަޅު ނަތީޖާއެއް އަޅުގަނޑުމެންނަށް ނާންނަ ކަމަށްވާނަމަ 3 މެއި ވާ ހުކުރު ދުވަހަކީ އަޅުގަނޑުމެން އިންސާފުގެ ހުކުރުގެ ނަމުގައި ނިކުމެ ރަނގަޅު ދެއްކުމެއް ދައްކާލަން ޖެހޭ ދުވަހެއް ކަމަށް މިތާ އިއުލާންކުރާ"ކަމަށެވެ.
އިމްރާން ވިދާޅުވީ '4 މަސް ދުވަހުގެ ތެރޭގައި ޑރ.އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގައި ވާހަކަދައްކާނެ މީހަކު ވެސް ނުވަތަ އެކަމާއި ކަންބޮޑުވާ މީހަކު ވެސް މިހާރު ނެތް ކަމަށާއި އެކަން އެހާލަތަށް ގޮސްފައި އޮއްވާ ދެން އިއުލާންކުރެވިގެން ދިޔައީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ރާއްޖެ އަށް ބަޔަކު ގެނައި ވާހަކަ' ކަމަށެވެ.
މީހުން މެރުން އާއްމުވަމުންދާ އިރު އެކަންތައްތައް ހަނދާން ނައްތާލައިގެން ތިބެވެން ނެތް ކަމަށާއި އެހެން ކަމުން ރައީސް ނަޝީދުގެ އަނިޔާވެރިވެރިކަމާއި ޖީއެމްއާރު ބޭރުކޮށްލި ފަދައިން ޑރ.އަފްރާޝީމުގެ މަރުގެ ތަހުގީގު ނިމި އަންނަން ޖެހޭ ހުކުމެއްކަމަށް ޝެއިޚް އިމްރާން ވިދާޅުވިއެވެ. އަދި "އަންނަންދެން މަގުމަތީގައި ތިބެން ޖެހުނު ނަމަވެސް އެކަން ކުރަން ނިންމާފައިވާ" ކަމަށެވެ.
އަފްރާޝީމް އަނިޔާވެރިގޮތަކަށް މަރާލުމާއި އެކު ސިޔާސީ މީހުން ވަނީ އެކަން ދީނަށް ލޯބިކުރާ މީހުންގެ ބޮލުގައި އަޅުވަން މަސައްކަތް ކޮށްފައެވެ. އެހެނަސް ފުލުހުން ހާމަކޮށްފައިވަނީ ޑރ. އަފްރާޝީމް އާ ދީނީ ގޮތުން ޚިޔާލު ތަފާތުވާ ދީނީ ބަޔަކު ކުރި ކަމެއް ކަމަށް އަޑު ފެތުރިފައި ވިޔަސް އެކަމަށް ބާރު ލިބޭ އެއްވެސް ހެއްކެއް ލިބިފައި ނުވާކަމަށެވެ. އަދި ފުލުހުން ހާމަކޮށްފައިވަނީ އެއީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ސިޔާސީ ބޭނުމެއްގައި ސިޔާސީ ވިސްނުމެއްގައި ހިންގާފައިވާ ޖަރީމާއެއްކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...