ދެކުނު ހަތަރު އަތޮޅުތަކަށް އަމާޒުކޮށް ކޫއްޑޫ ފިޝަރީޒް މޯލްޑިވްސްއިން ހައްޖާއި ތައުލީމުގެ ސްކީމެއް އިއްޔެ ތައާރަފުކޮށްފި އެވެ.
އިއްޔެ ވެލާނާގޭ ޕްރެސް ރޫމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޫއްޑޫ ފިޝަރީޒް މޯލްޑިސްގެ މެނޭޖިން ޑިރެކްޓަރު މުހަންމަދު މުއްތޮލިބު ވިދާޅުވީ އެ ކުންފުނިން ތައާރަފުކުރި މި ސްކީމުގައި ދެކުނު ހަތަރު އަތޮޅު ، ގއ، ގދ އާއި ޏ އަދި ސ އަތޮޅުގައި މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ކޮންމެވެސް އެއްފަރާތެއް ކޮންމެ އަހަރަކުވެސް އެކުންފުނީގެ ހަރަދުގައި ހައްޖުގެ އަޅުކަން އަދާކުރަން ފޮނުވައިދޭނެ ކަމަށެވެ.
މި ސްކީމްގައި ހައްޖުގެ އިތުރުން، އެ ހަތަރު އަތޮޅުގެ ސްކޫލުތަކުގެ ތެރެއިން ކޮންމެ އަހަރެއްގެ އޯލެވެލް ގައި އެންމެ މަތީ ނަތީޖާ ހޯދާ ދަރިވަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ހަތް ދަރިވަރަކަށް އެކުންފުނީގެ ހަރަދުގައި ދެ އަހަރު ދުވަސް ވަންދެން ކިޔަވައިދިނުމަށް 3000ރ. ކޮންމެ ދަރިވަރަކަށް ކޮންމެ މަހަކު ވެސް ދޭނެ ކަމަށްވެސް ފިޝަރީޒް މޯލްޑިވްސްއިން ހާމަކުރެއެވެ.
މި ސްކީމުގައި ދެކުނު ހަތަރު އަތޮޅުން ބައިވެރިވުމުގެ ފޯމު ކޫއްޑޫ ފިޝަރީޒް ކުންފުނި މާލޭ އޮފީހުންނާއި، އެކުންފުނީގެ ވެބުސައިޓުން ލިބޭނެކަމަށް އެފަރާތުން ހާމަކުރެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...