އަރަބިދުނިޔެ

ފަލަސްޠީނަކީ މިނިވަން ދައުލަތެއްކަމަށް ބަލައިގަތުމަށް ޔޫރަޕްގެ އިއްތިހާދުންވެސް ތައްޔާރުވަނީ.

ލިޔުނީ: ހުސެއިން ސާލިމް

ފަލަސްޠީނަކީ މިނިވަން ދައުލަތެއްކަމަށް ބަލައިގަތުމަށް ތައްޔާރުވަމުން ދާކަމަށް ޔޫރަޕުގެ އިއްތިހާދުން ހާމަކޮށްފިއެވެ. ހޯމަ ދުވަހު އީޔޫގެ ފޮރެން އެފެއާޒް ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ" ރަނގަޅު ވަގުތު ޖެހުމުން ފަލަސްޠީނަކީ މިނިވަން ދައުލަތެއްކަމަށް ބަލައިގަންނާނަން" ކަމަށެވެ.

27 ޤައުމުގެ މަށްޗަށް އެކުލެވިގެންވާ އީޔޫއިން ފަލަސްތީނު ބަލައިގަތުން ވެގެންދާނީ ، މިނިވަން ދައުލަތެއް ގާއިމުކުރުމަށްޓަކައި ފެންބޮވައިގެންފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށްބޮޑު ހިތްހަމަޖެހުމަކަށެވެ. ދެކުނު އެމެރިކާގެ ދެ ޤައުމުކަމުގައިވާ ބްރެޒިލާއި، އާޖެންޓީނާ، ފަލަސްޠީނަކީ މިނިވަން ދައުލަތެއްކަމަށް ބަލައިގެންފައިވާއިރު، އުރުގުއޭއާއި، ފަރަންސޭސްވިލާތުންވެސް ވަނީ ފަލަސްޠީނުގެ މިނިވަންކަން ބަލައިގަންނާނެކަން ހާމަކޮށްފައެވެ.

ގިނަ ޤައުމުތަކަކުން ފަލަސްޠީނުގެ މިނިވަންކަން ބަލައިގަންނަމުން ދާ ނަމަވެސް، 1967 ވަނަ އަހަރުގެ ހަނގުރާމައަށްފަހު ހިފާފައިވާ ފަލަސްޠީނުގެ ބިންތަކުގައި މިހާރުވެސް އިޒްރޭލުން ދަނީ ޔަހޫދީން އާބާދުކުރަމުންނެވެ. އެމެރިކާ މެދުވެރިވެގެން މިދިޔަ އަހަރު ކުރިޔަށް ގެންދިޔަ ސުލްހައިގެ ވާހަކަތަށްވެސް ހުއްޓިފައިވަނީ އިޒްރޭލުން ކުރިޔަށްގެންދާ ޔަހޫދީން އާބާދުކުރުމުގެ މަޝްރޫޢު ހުއްޓާނުލުމުންނެވެ.

އާބާދުކުރުން ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރު ނުކުރުމުން އެތައް ޤައުމެއްގެ ފާޑުކިޔުން އިޒްރޭލަށް އަމާޒުވެފައިވާއިރު، ބްރަސުލްސްގައި ބޭއްވި އީޔޫގެ ހާރިޖީ ވަޒީރުންގެ ބައްދަލުވުމެއްގައި، އީޔޫގެ މެންބަރުންވެސް ވަނީ އިޒްރޭލަށް ފާޑު ވިދާޅުވެފައެވެ. އީޔޫގެ މިނިސްޓަރުން ނެރެފައިވާ ބަޔާނެއްގައި ހާމަކޮށްފައިވަނީ އެ ބިންތަކުގައި މީހުން އާބާދުކުރުމަކީ ބައިނަލް އަޤްވާމީ ޤާނޫނުތަކާ ހިލާފްކަމެއްކަމަށެވެ. އަދި އެއީ ސުލްހަޔަށް އެޅިފައިވާ ވަރަށް ބޮޑު ހުރަހެއް ކަމަށެވެ.



ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *