އެހީ! ފަޠުހީއަށް އެހީގެ އަތެއް

ފަޠުހީއަށް އެހީގެ އަތެއް

ފަޠުހީއަށް އެހީގެ އަތެއް

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

އެއީ ފަސް ދަރިންގެ ބައްޕައެކެވެ. ހިތްވަރާއިއެކު އެދަރިންނަށްޓަކައި ޤުރުބާންވަމުން ދިޔަ ބައްޕައެކެވެ. އިއްޔެ އުފާވެރިކަމާއިއެކު ސަމަސާކޮށް ވާހަކަ ދައްކާ ހެދިއެވެ. އުފާވެރި ދުވަސްތަކަކަށް ދަޢުވަތު ދިނެވެ. ޢާއިލާއަށް އިތުރު އުފާވެރިކަމެއް ގެނައި، އެބައްޕައެއް އެންމެ ދެކެން ބޭނުންވި ދުވަސްކަމުގައިވާ އެއްމާބަނޑު ދެ އަންހެން ކުދިން މިދުނިޔެއަށް އައިދުވަސް ދެކިލުމުގެ ފުރުޞަތު އަދި އެތުއްތު ތުއްތު ދެކުދިން އުރާލާ އެކުދިންނަށް ލޯބިކޮށްލާ ހަދާލުމަށް މަޙުރޫމްވެފައިވާ ބައްޕައެކެވެ. މިއަދު އެބައްޕަ އެވަނީ އަޅުގަނޑުމެންގެ އެހީތެރިކަމަށް ފެންބޮވައިގެންފައެވެ. އެ ބައްޕަގެ އުއްމީދު ހާސިލްކޮށްދިނުމަށްޓަކައި އަޅުގަނޑުމެން އެންމެން ތެދުވަމާއި ހިނގާށެވެ.

މަސްދަރު: ބީފަނަރަ.އެމްވީ ނޫސް

ހދ. ވައިކަރަދޫ/ ތެވެލި މުޙައްމަދު ފަޠުހީއަކީ ހދ. އަތޮޅުގައި ކަންނެލީގެ މަސްވެރިކަން ކުރަމުން ދަނިކޮށް ކުއްލިގޮތަކަށް އެއްފަޅި ވާގިނެތި ވަރަށް ބޮޑަށް ބަލިވެފއިވާ މީހެކެވެ. 2012 ވަނަ އަހަރުގެ ޑިސެމްބަރު 3 ވަނަ ދުވަހު ކުއްލި އަކަށް ދިމާވި މި ހިތާމަވެރި ހާދިސާ ހިނގާ ދިޔުމުން، ވަގުތުން ހދ. ކުޅުދުއްފުށީ ހޮސްޕިޓަލަށް ފަރުވާދިނުމަށް ގެންދެވުނެވެ. އަދި އެއަށްފަހު ޖެހިގެން އައިދުވަހު އިތުރަށް ފަރުވާ ދިނުމަށްޓަކައި މާލެ ގެނެސް އައި.ޖީ.އެމް.އެޗް ހޮސްޕިޓަލްގައި އެޑްމިޓްކުރެވުނެވެ. ނަމަވެސް ހާލު ރަނގަޅުވަމުން ނުދާތީ، 13 ޑިސެމްބަރ 2012 ވަނަ ދުވަހު އިތުރަށް ފަރުވާ ދިނުމަށްޓަކައި، ފަތުޙީގެ ބޭބެއަކާއެކު އިންޑިއާއަށް ފޮނުވުނެވެ.

އަވަސް ޝިފާއެއް ލިބޭނެ ކަމުގެ ފޮނި އުންމީދުގައި އިންޑިއާގެ ހޮސްޕިޓަލެއް ކަމުގައިވާ އަނަންތަޕޫރީ ހޮސްޕިޓަލްގެ އައި.ސީ.ޔޫގައި ބާއްވާ ފަރުވާދެވެން ފެށުނެވެ. ތަޤުދީރު ނިޔާ ކުރިގޮތުން އައި.ސީ.ޔޫގައި ފަރުވާދެމުންދަނިކޮށް ފަތުޙީގެ ސިކުނޑީގެ ނާރުތަކަށް ބާރުބޮޑުވެ ސިކުނޑިއަށް ލޭ ލީކުވާން ފެށުމާގުޅިގެން ސިކުނޑީގެ އޮޕަރޭޝަނެއް ކުރަންޖެހުނެވެ. ސިކުނޑީގެ އޮޕަރޭޝަން ކުރުމަށްފަހު، ދެ ހަފްތާއެއްހާ ދުވަސް ވަންދެން ހޭނާރާ އޮތުމަށްފަހު، ފަތުޙީއަށް ހޭއެރިކަމުގައިވިޔަސް އެއްވެސް ހަރަކާތެއްނުކުރެވި ވާރޑްގައި މަހެއްހާ ދުވަސް އޮތުމަށްފަހު ހާލުދެރަވެގެން އަނެއްކާވެސް އައި.ސީ.ޔޫގައި ބާއްވަންޖެހުނެވެ. އަދި މިއަދާ ހަމައަށްވެސް ޑޮކްޓަރުން ދަންނަވަނީ ފަތުޙީއަށް ހަރަކާތެއް ކޮއްލެވޭނީ ކޮން މުއްދަތެއްގެ ތެރޭގައި ކަމެއްވެސް އެބޭފުޅުންނަށް ބުނެދޭން ނޭނގޭކަމަށެވެ.

“އަޅުގަނޑުމެންގެ މި ޢާއިލާއަކީ، އަޅުގަނޑުމެން ދެމަފިރީންނާއި 5 ދަރިންގެ މައްޗަށް އެކުލެވިގެންވާ، ފިރިމީހާގެ މަސައްކަތުން، ދަރިންނަށް ކިޔަވައި ދިނުމަށް މާލޭގައި ކުއްޔަށް ދިރިއުޅެމުންއަންނަ އާއިލާއެއް. މާތްﷲގެ ހެޔޮ ރަޙްމަތްފުޅާއެކު 18 ޖެނުއަރި 2013 ވަނަ ދުވަހު އަޅުގަނޑުމެންނަށްވަނީ އެއްމާބަނޑު ދެ އަންހެން ކުދިން ލިބިފައި. ނަމަވެސް މި އުފާވެރި ދަނޑިވަޅުގައި، ފިރިމީހާ އަށް މިދިމާވި ކަންތަކުގެ ސަބަބުން އަޅުގަނޑުގެ މިޢާއިލާއަށް ވަނީ ވަރަށް ބޮޑު ނިކަމެތިކަމެއް ކުރިމަތިވެފައި” ފަތުޙީގެ އަންހެނުން، ހދ ވައިކަރަދޫ ، ތެވެލި ޢާއިޝަތު މޫނިސާ ކިޔާދިނެވެ.

އާއިލާއަށް އުފާވެރިކަމެއް ގެނައި އެއްމާބަނޑު ދެ އަންހެން ކުދިން އުފަންވި ފަހުން ނުފެނި އަދި އެކުދިން އުރާލާ، ލޯބި ކޮށްލާ ހެދުމުންވެސް މަޙުރޫމްވެފައިވާ ފަތުޙީގެ ޢާއިލާއަކީ، އަންބަކާއި 3 ފިރިހެން އަދި އެއްމާބަނޑު 2 އަންހެން ދަރިންގެ މައްޗަށް އެކުލެވިގެންވާ، ފަތުޙީގެ މަސައްކަތުން، ދަރިންނަށް ކިޔަވައި ދިނުމަށް މާލޭގައި ކުއްޔަށް ދިރިއުޅެމުންއަންނަ އާއިލާއެކެވެ. ފަތުޙީގެ އެންމެ ދޮއްޓަށް ތިބޭ ކުދިންނަކީވެސް ސްކޫލްގައި ކިޔަވަމުންދާ ކުދިންނެވެ. ޢާއިލާގެ ޚަރަދުތައް ބަލަހައްޓަމުން، ފަތުޙީއަށް ރާއްޖެއިން ބޭރުގައި ބޭސްކުރަމުން، ފަތުޙީއަށް އެހީތެރިވުމަށް އިންޑިޔާގައި ގޮސް ހުންނެވި އެހީތެރިޔާއަށް ހިނގާ ޚަރަދުތައް ހަމަޖައްސައިދޭންޖެހުމުގެ ސަބަބުން އެޢާއިލާގެ އަތްމަތި ވަނީ އެއްކޮށް ހުސްވެފައެވެ. މިއަދު، އެޢާއިލާ ވަނީ މާލިގޮތުން ނުކުޅެދިފައެވެ.

މިއަދު 5 ދަރިންނާއި ފަތުޙީގެ އަންހެނުން މޫނިސާ އެދިއެދި އެތިބީ ތިޔަ ފަރާތްތަކުގެ ދީލަތި އެހީއަށެވެ. ދަރިންގެ ބައްޕަގެ ބައްޔަށް އަވަސް ޝިފާއެއް ހޯދުމަށް އިންޑިއާގައި ބާއްވައިގެން ފަރުވާ ހޯދުމަކީ އެއާއިލާގެ އުންމީދެވެ. އެކުދިންގެ ލޯބިވާ ބައްޕަ ހޮޔޮހާލުގައި އެނބުރި އެކުދިންގެ ގާތަށް އައިސް އަތުގައި ފިރުމާލާނެ ދުވަހެއްގެ ފޮނިއުންމީދު އެކުދިންވެސް ދެކޭކަން ކަށަވަރެވެ. އެޢާއިލާ ކުރިމަތިވެފައިވާ މިދަތި ދުވަސްތަކުން އަވަހަށް އަރައިގަނެވެން އޮތީވެސް ފަތުޙީއަށް އަވަސް ފަރުވާއެއް ދެވި ރަނގަޅުވެގެންނެވެ.

މިއަދު އެ ޢާއިލާ އެތިބީ ތިޔަބޭފުޅުންގެ ދީލަތި އެހީއަށް ނިހާޔަތަށް ބޭނުންވެފައެވެ. ފަތުޙީއާއި، އެ އާއިލާއަށްޓަކައި ހަމަ ކޮންމެ ބޭފުޅަކުވެސް ކުޑަ ކުޑަ ޤުރުބާނީއެއް ނަމަވެސް ވެލައްވާށެވެ. ފަރުވާއަށްޓަކައި ތިބާގެ އަތުން ދިއްކޮށްލާ އެންމެ ރުފިޔާއަކީ ވެސް މިއަދު އެ ޢާއިލާއަށް ރަނަށްވުރެވެސް އަގު ބޮޑު އެއްޗެކެވެ. ލަސް ނުކުރައްވާށެވެ. ﷲ ގެ މަގުގައި ހޭދަ ކޮށްލެވޭ އެންމެ ބައިރުފިޔާއަކީ ވެސް ގެއްލިގެން ދާނެ އެއްޗެއް ނޫނެވެ. މާތް ﷲ ތިބާގެ މުދަލުގައި ބަރަކާތް ލައްވާނެ އެވެ. އަދި މާތް ﷲ ޙަޟްތަރުގައި ފަތުޙީއަށް އަވަސް ޝިފާއަކަށް އެދި އެއާއިލާ އާއި އެކު ތިޔަ ބޭފުޅުންވެސް ދުޢާކޮށްދެއްވާށެވެ.

އިތުރު މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ ފަތުޙީގެ އަންހެނުން، ހދ ވައިކަރަދޫ ، ތެވެލި ޢާއިޝަތު މޫނިސާގެ ނަންބަރު 7731025 ގުޅުއްވާށެވެ. އަދި ފައިސާގެ އެހީ ދެއްވަން ބޭނުންފުޅުވާނަމަ، ތިރީގައިވާ ބޭންކު އެކައުންޓަށް ޖަމާކޮށްދެއްވުން އެދެމެވެ.

އެކައުންޓް ނަންބަރު :101 503913 7703
އެކައުންޓްގެ ވެރިފަރާތް : އިބްރާހިމް އުވައިޝް (ފަތުޙީގެ ދޮށީ ފިރިހެން ދަރި)

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.