ޤައުމެއްގެ ތަރައްޤީއާއި ތަމައްދުނު އެންމެ ބޮޑަށް ބިނާވެފައިވަނީ އެ ޤައުމެއްގެ ދެވޭ ތަޢުލީމެއްގެ މައްޗަށެވެ. އެ ޤައުމެއްގައި ވަރުގަދަ ތަޢުލީމީ މަންހަޖެއްގެ ދަށުން ތަފާތު ދާއިރާތަކުން ތަޢުލީމު އުނގެނިގެން މުޖުތަމަޢަށް ނުކުންނަ އެ ޤައުމުގެ ދަރިންނަކީ އެ ޤައުމެއްގެ މުސްތަޤްބަލެވެ.
މިހެން މިކަން އޮތް ހިނދު، ރާއްޖެފަދަ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގައި ޢަރަބި ތަޢުލީމު މަންހަޖަށް ކިޔައިވައިދެވޭ މަދަރުސާތައް ހުރުމަކީ ކޮންމެހެން ލާޒިމުކަމެކެވެ. ދިވެހިރާއްޖެއަށް އިލާހީ ރަޙުމަތުން ލިބިފައިވާ އިސްލާމްދީނުގެ އަޚުލާޤާއި ރިވެތި އުސޫލުތައް ހިފަހައްޓައި ޤައުމުގެ މިސްރާބު ސީދާ ކުރުމުގެ ޒިންމާ ނަގަން ތިބޭނީ މިބުނެވުނު މަދަރުސާތަކުން ތަޚައްރުޖުވާ ދަރިންކަމާ މެދު ޝައްކެއްނެތެވެ.
ހިތާމައަކީ ޢަރަބި ތަޢުލީމު ދޭން ރާއްޖޭގައި ބިނާކުރެވިފައި ހުރީ ހަމަ އެންމެ ދެ މަރުކަޒެވެ. އެއީ ޢަރަބިއްޔާ ސްކޫލާއި މަޢުހަދެވެ. ނަމަވެސް ތާރީޚު ދެކެފައިވާ ޙަޤީޤަތަކީ މި ދެ މަރުކަޒުން ވަނީ މުޅި ޤައުމު ފަޚުރުވެރިވާ ފަދަ އަޚުލާޤު ރަނގަޅު ދަރިންތަކެއް މުޖުތަމަޢަށް ނެރެދީފައެވެ. ކޮންމެ ދާއިރާއަކަށް ބެލިނަމަވެސް މި ދެމަރުކަޒަށް ނިސްބަތްވާ އަގުހުރި ޚިދުމަތްތެރި ދަރިންތަކެއް ފެންނަން ހުރި ކަމީ ހަޤީޤަތެކެވެ.
ނަޝީދު ވެރިކަމަށް ވަޑައިގަތުމާއެކު މި ދެ މަރުކަޒަށް ތަފާތު " ޖެއްސުންތަކާއި ފުރައްސާރަ" ސަރުކާރުގެ ފަރާތުން ކުރިމަތިވީ އިންތިހާއަށެވެ. ނަޝީދުގެ ވެރިކަން ބަދަލުވެ ޑރ ވަޙީދުގެ ވެރިކަން ފެށުމާއެކު ޢަރަބިއްޔާއަށް ދިމާވެފައި ހުރި މައްސަލަތަކާމެދު ސަރުކާރުގެ ސަމާލުކަން ލިބޭނެ ކަމަށް ގިނަ ބެލެނިވެރިން ދެކެމުން އައެވެ. ނަމަވެސް ފެންނަ މަންޒަރުތަކުން ސަރުކާރުގެ މާބޮޑު ސަމާލުކަމެއް ޢަރަބިއްޔާ ސްކޫލަށް ދެވިފައި ނުވާކަމަށް ގިނަ ބަޔަކު ބުނަމުންދެއެވެ.
ޢަރަބިއްޔާ ސްކޫލުގެ ހާލަތު ގާތުން ބަލަމުން އަންނަ ރައްޓެއްސަކު އޭނާގެ ޝުޢޫރު ވަރަށް އަސަރާއެކު ކިޔާ ދިނެވެ. ލައިބްރަރީއަށް ވަދެ ބަލައިލި ކޮންމެ ދިމާލަކުންވެސް ޢަރަބިއްޔާ ކުރީގެ ދަރިވަރުންގެ ގިނަ މަސައްކަތްތަކެއް ފެންނާނެ ކަމަށް ބުންޏެވެ. މަޒުމޫނުތަކާއި، މަޖައްލާތަކާއި، އަދަބީ ލިޔުންތަކާއި، މިހެން ގޮސް ފެންވަރު ރަނގަޅު އެތައް ވިސްނުންތެރި ލިޔެކިޔުންތަކެއް ފެންނަ ހުންނާނެ ކަމަށް އޭނާ ކިޔައިދިނެވެ. އެކުދިންގެ އަޚުލާޤާއި ކިޔެވުމުގެ ފެންވަރާއި ޤައުމީ ލޯބީގެ ވާހަކަވެސް ފާހަގަކުރިއެވެ. ނަމަވެސް، މިހާރު ޢަރަބިއްޔާގެ ތަޢުލީމު ހީނަރުވެފައިވާ މިންވަރު ފެނުނީމައި ލޮލުން ކަރުނަ އަންނަކަމަށްވެސް އޭނާ ބުންޏެވެ.
ދިރާސީ އާ އަހަރު ފެށުނުއިރު، އެހެން މަދަރުސާތަކުގެ ކުދިން އުފާވެރިކަމާއެކު ކިޔެވުން ފަށައިގަތް އިރު، ޢަރަބިއްޔާ ބައެއް ދަރިވަރުންނަށް ލިބުނީ ކަރަންޓު ނެތް، އަލިކަމެއް ނެތް، އެހާމެ ހޫނު ގަދަ ކްލާސްރޫމްތަކެކެވެ. ބައެއް ކްލާސްތައް އަމީނިއްޔާ ސްކޫލަށް ބަދަލުކުރަން ޖެހުނެވެ. އެދުވަހު ރައީސް ޑރ ވަޙީދު ވަޑައިގެން ޢަރަބިއްޔާ ސްކޫލުގެ ހާލަތު ބައްލަވާލެއްވިއެވެ. އަދި ވީހާވެސް އަވަހަކަށް ޢަރަބިއްޔާ ސްކޫލުގެ ހާލަތު ރަނގަޅުކޮށްދެއްވާނެ ކަމަށް މީޑިއާގައި ވިދާޅުވިއެވެ.
ރައީސް އެހެން ވިދާޅުވިޔަސް އެކަމަށް މާބޮޑު ސަމާލުކަމެއް ދެވިފައި ނުވެޔޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. އެކަމުގެ ހެއްކަކީ މިއަދު ދީމަވި ހާދިސާއެވެ. މިއަދު ވެހުނު ވާރޭގައި ޢަރަބިއްޔާ ސްކޫލުގެ މަތީ ފަންގިފިލާއިން ބައެއް ވެއްޓި ސްކޫލުގެ އޮފީހަށާއި، ކްލާސް ރޫމުތަކާއި ނަމާދު ކުރާ މުޞައްލާއަށް ފެންފައިބާ ގިނަ ތަކެއްޗަށް ވަނީ ގެއްލުންވެފައެވެ. އެޑިޔުކޭޝަން މިނިސްޓްރީން ކަރުދާސް ފައިލުކުރާނެ އެއްޗެހި ނުދީ ހުރުމުގެ ސަބަބުން މުހިއްމު ލިޔެކިޔުންތަކެއް ރައްކާކޮށްފައިވާ ފޮށިތަކަށްވެސް ވަނީ ފެން ފައިބާ މުހިއްމު ލިޔެ ކިޔުންތަކެއް ހަލާކުވެފައި ކަމަށްވެސް ޚަބަރު ލިބެއެވެ.
މިއީ ހިތާމައިގެ ކޮޅުނެތް ކޮޅަށް ހިތާމަކުރަން ޖެހޭ ފަދަ ކަމެއް ނޫންތޯއެވެ؟ އިހުމާލުގެ މައްޗަށް އިހުމާލުވެފައިވާ ޢަރަބިއްޔާ ސްކޫލުގެ އާ ޢިމާރާތް ޢިމާރާތްކުރުމުގައިވެސް ބޮޑެތި އިހުމާލުތަކެއް ވެފައިވާކަން މިއަދު މިވަނީ ސާބިތުވެފައެވެ. ރައްޓެއްސަކު މިކަން ސިފަ ކުރަނީ " އަމާ ބުނީތީ ފަރަށް ދިއުން" ފަދައިން ކޮށްފައިވާ ކަމެއްގެ ގޮތުގައެވެ.
މިވާހަކަ މިގޮތަށް ދައްކާއިރު، ގިނަ ބަޔަކު ބުނަމުން ދަނީ، އޮލިމްޕަހުގެ ވާހަކައެވެ. ތެދެކެވެ. އޮލިމްޕަސް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ހުޅުވިތާ އަދި މާ ގިނަ ދުވަހެއް ނުވެއެވެ. އެހެންކަމުން އެކަމުގެ ހަދާންވުމަކީ ނުވެ ނުދާނެ ކަމެކެވެ.
އެދުވަހުގެ ރަތް ދޫލައާއި، އެ ދޫލަމަތީގައި ހިނގާފައި ދިޔަ އޮރިޔާން ނިވާ ނުވާ އަންހެނުންގެ ވާހަކަ މިއަދުވެސް ދަނީ ދެކެވެމުންނެވެ. އޮލިމްޕަސް ވަނީ ސަރުކާރުގެ އެންމެ މަތީ ސަމާލުކަން ލިބި، އެންމެ ޒަމާނީ ފެންވަރަށް ތަރައްޤީކުރެވިފައި ކަމަށް ޑރ ވަޙީދާއި، މިނިސްޓަރު އަދީބާއި މިނިސްޓަރު ނާޒިމު ފަޚުރުވެރިވެލައްވާފައި އެވާހަކަ ދެއްކެވިއިރު، މުޅި ޤައުމު ދިޔައީ އެމަންޒަރުތައް ބަލަމުންނެވެ. އެއަށްފަހު، ތަފާތު ނެށުމާއި، މުސްލިމް ދިވެހި އަންހެން ކުދިންތަކެއް އެކުދިންގެ ބަރަހަނާ ގައިގޯޅި މަންޒަރުތަކެއް ސަރުކާރުގެ މަތީ ވެރިންނަށާއި، ހާޒިރީންނަށް ދެއްކަމުން ދިޔައިރު، އެއީ ސަރުކާރު އެންމެ ޝައުޤުވެރިވާ ކަންތައްތޯ މިއަދު ސުވާލުކުރަން އެބަ ޖެހެއެވެ.
އޮލިމްޕަހަށް ސަރުކާރުން ދެއްވި މަތީ ދަރަޖައިގެ ސަމާލުކަމާއި، ތަޢުލީމީ އިސްލާމީ ރިވެތި އަޚުލާޤީ ޖީލެއް ބިނާކުރަން މަސައްކަތް ކުރަމުންދާ މަދަރުސާއަކަށް ސަރުކާރުން ވެފައިވާ އިހުމާލާމެދު ޤައުމުގެ ހެޔޮ ވިސްނޭ މީހުން ޤައުމީ ފެންވަރެއްގައި ވިސްނާ ފިކުރުކޮށް ޝުޢޫރުފާޅުކުރަން ނުވޭތޯއޭ އަޅުގަނޑުގެ ހިތް ބުނަމުންދެއެވެ. ޤައުމެއްގެ ތަރައްޤީއާއި ތަމައްދުނު ބިނާވެފައިވަނީ މުނިފޫހި ފިލުވުމާއި ކުޅިވަރަށްތޯ ނުވަތަ ތަޢުލީމީ ޖީލަކަށްތޯ ވިސްނާ ފިކުރުކުރަންވީ ވަޤުތު ނުޖެހޭތޯއެވެ؟
ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގައި ހިނގަމުންދާ ހަމައެކަނި ޢަރަބި ތަޢުލީމީ މަދަރުސާ މަޑުމަޑުން ހަލާކުވެ ފަނާވާން ދޫކޮށްލަންވީތޯއެވެ؟ ހީނަރުވެ ނިކަމެތި ވަމުންދާ އިސްލާމީ ތަޢުލީމާއި އަޚުލާޤު އިތުރަށް ނިކަމެތިކޮށް މުޖުމަތަޢުން ފޮހެވިގެން ދަންދެން ދެއަތް އުރާލައިގެން ތިބެންވީތޯއެވެ؟ ޒިންމާ ނަގަންޖެހޭ ފަރާތްތައް ޒިންމާދާރު ކުރުވަން އަޑުއުފުލާކަށް ނުވޭތޯއެވެ؟
ކޮމެންޓް (0)
ލޯޑް ކުރަމުން...