ރިޕޯޓް ޤައުމަށް އެންމެ ބޭނުންވެފައިވަނީ ވަކި ޤައުމަކަށް ކިޔަވަން ނުފޮނުވުންބާއެވެ!

ޤައުމަށް އެންމެ ބޭނުންވެފައިވަނީ ވަކި ޤައުމަކަށް ކިޔަވަން ނުފޮނުވުންބާއެވެ!

ކިޔާލަން ހޭދަވާނީ 4 މިނިޓް

ފޮންޓް ސައިޒް

ލިޔުއްވީ : ފަޟީލަތުއްޝައިޚް ޙުސައިން ރަޝީދު އަޙްމަދު

ރާއްޖެއިން ބޭރަށް ކިޔަވަންދާ ކުދިން ވަކި ޤައުމުތަކަށް ނުފޮނުވައި އަނެއްބައި ޤައުމުތަކަށް ފޮނުވުމުން، މިވެނި ގޮތަކަށް ކުދިން ބައްޓަން ކުރެވިދާނެ ކަމަށްބުނެ ބައެއް ބޭފުޅުން ދަޢުވާ ކުރަށްވަމުން، ސްޓޭޖްތަކުގައި ވާހަކަފުޅު ދައްކަވަމުން އެބަ ގެންދަވައެވެ.

ތަޢުލީމީ ނިޒާމަކީ ހަމައެކަނި ސިލަބަހަކުން ނިންމާލެވޭ އެއްޗެއް ކަމުގައި، ބަޔަކުމީހުން ދުށްކަމުގައި ވިއަސް ކޮންމެ ޤައުމެއްގައިވެސް އެކުލެވިފައި އޮންނަ ކަރިކިއުލަމް މިއޮންނަނީ އެއަށްވުރެން ފުޅާކޮށެވެ. އޭގެ އިތުރުން ޤައުމެއްގައި އޮންނަ ކަރިކިއުލަމަށް ވުރެން ފުޅާ އެހެން އެއްޗެއްވެސް އެބަ އޮވެއެވެ. އެއެއްޗެއް އެދަނީ މުޅި ޤައުމުގެ ތަޢުލީމާއި ކަރިކިއުލަމާ ކުޅެމުންނެވެ. އާދެ! އެއީ މުޖްތަމަޢެވެ. އެއިން އަފްރާދުން ހޯދަމުންދާ ޢިލްމާއި ލިބެމުންދާ މަޢުލާމާތާއި ބަދަލުވަމުންދާ އަޚްލާޤާއި ސުލޫކު ސިލަބަހުން ލިބޭ އެއްޗަކަށް ވުރެން މަދެއްނޫނެވެ. ޚާއްޞަކޮށް މިއަދުގެ އިންސާނާ ދިރިއުޅެމުން މިދާ އިންޓަރނެޓް ދުނިޔޭގެ ތެރެއިންނެވެ.

އަޅުގަނޑުމެންނަކީ މުސްލިމުންނެވެ. މިނޫން އެހެންގޮތަކަށް މިޤައުމު ފުރޮޅާލުމަކީ، އަޅުގަނޑު ދަންނަވާނީ ވަރަށް ދަތިކަމެއް ކަމަށެވެ. އެހެންކަމުން މިގޮތް ބަދަލުކޮށްލަން ވިސްނުމަކީ މޮޔަ ފަލްސަފާއެއްގެ މަތީ ތިމާމެންގެ ޙަޔާތް ވޭތުކުރުންކަން ދަންނަންޖެހެއެވެ. އެއީ މިޤައުމުގެ މަދު ފަރުދަކު ނޫނީ އެގޮތް ބޭނުންނުވާތީއެވެ. އެގޮތަށް ވިޔަދޭން ޤައުމު ނުރުހޭތީއެވެ.

އަޅުގަނޑުމެން މުސްލިމުންނަށް ވީތީ އަޅުގަނޑުމެންގެ ތަޢުލީމީ ފަލްސަފާގެ ތެރެއިން ދަރިވަރުންނަށް، ޚާއްޞަކޮށް ޑިގްރީއަކަށް ފަށައިގަތުމުގެ ކުރިން އަޅުގަނޑުމެން ބައްޓަންކުރަން ބޭނުންވާ ސުލޫކެއްގެ މަތީ ތިބުމަށް ޤައުމުގެ ދަރިވަރުން ބައްޓަން ކުރަންޖެހޭނެއެވެ. މިވާހަކަ އަޅުގަނޑުމެން މިދަނީ ޒަމާނުއްސުރެން ދައްކަމުން، އެކަމުގެ ޝުޢޫރު ފާޅުކުރަމުންނެވެ. މިގޮތަށް ޤައުމުގެ ޘާނަވީ ތައުލީމު ނިންމާ ކުދިން ބައްޓަން ކުރުމަށްފަހު، އެކުދިން މަތީ ތަޢުލީމު ހޯދުމަށް ފޮނުވަނީ ޤައުމުން ބޭރުގެ ކޮންމެ ޤައުމަކަށް ކަމުގައިވިއަސް އެކުދިން ތިބޭނީ އަޅުގަނޑުމެން އެކުދިންގެ ބިންގާ އަޅާފައި އޮތް ގޮތުގެ މަތީގައެވެ. މިނޫންގޮތަކަށް އެކުދިން ބަދަލުވެގެނެއް ނުދާނެއެވެ. އަދި ބަދަލުވެގެން ދިޔަޔަސް ދާނީ ނާރިގޮތަކަށެވެ. ޤައުމަށް އެފަދަ މީހެއްގެ ކިބައިން ލިބޭނެ މާބޮޑު ގެއްލުމެއް ނޯންނާނެއެވެ.

އަޅުގަނޑުމެންގެ ތަޢުލީމީ ފަލްސަފާ ބިނާވެފައި އޮންނަންޖެހޭނީ އަޅުގަނޑުމެންގެ އުޞޫލުތަކުގެ މައްޗަށެވެ. ބޭރުގެ އެއްވެސް ބައެއްގެ ފަލްސަފާއަކަށް ބަރޯސާވެފައި އޮންނާން ނުޖެހެއެވެ. އެއީ އިސްލާމީ ޤައުމެއް ކަމުގައިވިއަސް، އަދި އެނޫން ކެޕިޓަލިސްޓް ނުވަތަ ސޯޝަލިސްޓް ޤައުމަކަށް ވިއަސް ވެހެވެ. ޤައުމެއް ޤައުމަކަށް ވެވޭނީ، ނުވަތަ މިނިވަން ދައުލަތަކަށް ވެވޭނީ އަމިއްލަ ބިމަކާއި އަމިއްލަ މީސްތަކަކާއި އަމިއްލަ ވެރިކަމަކާއި އަމިއްލަ އުޞޫލުތަކެއް އެޤައުމެއްގައި މިލްކިއްޔަތުގައި އޮވެގެންނެވެ. މިއިން ކަމެއް މަދުވާނަމަ އެމަދުވަނީ މިނިވަންކަމެވެ. މުސްތަޤިއްލު ކަމެވެ. އޭގެއިތުރުން އެތަނަކަށް ވަދެގެން އެދަނީ އަޅުވެތި ކަމެވެ. ތިމާމެންގެ މިނިވަންކަން ގެއްލިގެން ދިއުމެވެ.

ބޭރު ޤައުމުތަކުގެ އެހީގައި ތިމާމެންނަށް ކާންލިބިފައި، އެފަދަ ދައުލަތްތަކުން ތިމާމެންގެ ދަރިންނަށް ތަޢުލީމުދީ އެމީހުންގެ އަތްމަތިން އެކުދިން ބައްޓަންވެ، އަދި ބޭރު ޤައުމުގެ ބެލުމުގެ ދަށުން ތިމާމެންނަށް ޙިމާޔަތާއި ރައްކައުތެރިކަން ލިބޭނަމަ، ދެން ތިމާމެންގެ އަތުގައި އޮތީ ކޮން މިނިވަންކަމެއްތޯއެވެ؟ ތިމާމެންނަކީ މިނިވަން ދައުލަތެކޭ ބުނުމަށް އޮތީ ކޮން ޙައްޤެއްތޯއެވެ؟ ރާއްޖޭގެ ކުރީގެ ބައެއް ރަސްރަސްކަލުން އެބޭފުޅުންގެ ރަސްކަން ދަމަހައްޓަވަންވެގެން އިހުގެ ކަންނަންނޫރު ޢަލީރާޖާއިންގެ ސިޔާސީ ޙިމާޔަތުގެ ދަށުގައި ޤައުމު ހިންގަވަމުން ވަޑައިގަތް ގޮތަށް މިއަދުވެސް އެފަދަ ރާޖާއިންގެ ޙިމާޔަތް ހޯއްދަވަން އިސްކަން ދެއްވާ ބޭފުޅުން މިޤައުމުގައި ނެތެކޭ އަޅުގަނޑު ނުދަންނަވާނަމެވެ.

ދަންނަވަންތޯއެވެ؟ އަޅުގަނޑުމެންގެ ކުދިން ތަރުބިޔަތު ކުރުމުގެ ޒިއްމާ އުފުލަންޖެހޭނީ ޚުދު އަޅުގަނޑުމެންނެވެ. ބޭރުބައެއް އެކަމުގައި ޒިއްމާދާރު ކުރުވާކަށް ނުޖެހެއެވެ. އެއިން މީހެއްގެ އިރުޝާދު ހޯދައިގަނެ އޭގެ ތެރެއިން ތިމާމެންނަށް ރަނގަޅުކަމަށް ހީވާ، ތިމާމެންގެ އުޞޫލާއި ޢަޤީދާއާ ފުށުނާރާ ކަންކަމަށް މަރުޙަބާ ކިއުމަކީ މިބުނެވުނު ޒިއްމާއާ ފުށުއަރާ ކަމެއްނޫނެވެ.

އަޅުގަނޑުމެން އަޅުގަނޑުމެންގެ ދަރިން މިޞްރަށާއި ޕާކިސްތާނަށާއި ސަޢޫދީ ޢަރަބިޔާއަށާއި އެނޫންވެސް މިފަދަ ތަންތަނަށް ކިޔަވަން ނުފޮނުވުމަށް ތަރުޙީބުދީ ވާހަކަ ދައްކާއިރު، ނުވަތަ އެނަމުގައި އެހެން ޤައުމުތަކުގެ އެހީއަށް އެދޭއިރު، މިބުނެވުނު ފަދަ ޤައުމަކުން ކިޔަވައިގެން އައިސްފައި ހުރި މީހަކު ޤައުމަށް ގެއްލުން ހުރި ގޮތަކަށް އުޅެފައިވާނަމަ، އެއީ އެފަދަ ޤައުމެއްގެ ޒިއްމާއަކަށް ހެދުމުގެ ކުރިން އަޅުގަނޑުމެންގެ މަސްއޫލިއްޔަތު އަޅުގަނޑުމެންނަށް ފުރިހަމައަށް އަދާކުރެވިފައި ނެތްކަމުގެ ޒިއްމާ އިޙްސާސްކޮށްލުން ކީއްތޯއެވެ؟ ހަމައެއާއެކު އަޅުގަނޑުމެން ފަޚުރުވެރިވަމުންދާ އިނގިރޭސިވިލާތާއި އެމެރިކާއާއި އޮސްޓްރޮލިޔާއާއި ހުޅަނގުގެ އެހެން ޤައުމުތަކުން ކިޔަވާފައިތިބި ދިވެހިންގެ ތެރެއިން ޤައުމަށް ގެއްލުންދެމުންދާ މީހުންގެ ލިސްޓު ހޯއްދެވިނަމަ، މިފަދަ ވާހަކަފުޅު ދައްކަވާ ބޭފުޅުންނަށް ވަކި ޤައުމަކަށްޓަކައި ޤުރުބާންވެ، އަނެއް ޤައުމަކަށް ނަފްރަތު ކުރުމުގެ ފުރުޞަތު ކުޑަވީސްކަން ކަށަވަރެވެ. މިބުނެވުނު ހުޅަގުގެ ޤައުމުތަކުން ތަޢުލީމު ލިބިގެންފައިވާ ޤައުމުގެ ޒުވާނުންގެ ތެރޭގައި، ޑްރަގަށް ގެއްލި ހަލާކުވެ، ޤައުމަށް ފައިދާ ލިބުމުގެ ބަދަލުގައި، އެބައިމީހުންގެ ބުރަ އުފުލަން ޤައުމު ނުކުޅެދިފައިތިބި ކިތައް ދަރިން އެބަތިބި ކަން އަޅުގަނޑުމެންނަށް އިޙްސާސްވިތޯއެވެ؟ މިފަދަ ބަޔަކު އިސްލާމީ ޤައުމަކުން ކިޔަވައިގެން އައިސް ރާއްޖޭގައި ނުކުޅެދިފައި އެބަތިބިތޯއެވެ؟ ހަމަ އެއާއެކު މިޞްރުން ނުވަތަ ޕާކިސްތާނުން ތަޢުލީމު ޙާޞިލުކުރުމުން ހައްދުފަހަޅާފައި ތިބި މީހުން އުފެދޭކަމަށް އަޅުގަނޑުމެންނަށް ހީވާއިރު، އިނގިރޭސި ވިލާތުން ނުވަތަ އެމެރިކާއިން ކިޔަވައިގެން ދީނީގޮތުންނާއި ލާދީގޮތުން ހައްދުފަހަޅާފައިތިބި ކިތައް މީހުން ރާއްޖޭގައި އެބަތިބިތޯ ބައްލަވާލެއްވިނަމަ ކިހާ ރަނގަޅުވީސްތޯއެވެ؟ ދަންނަވަންތޯއެވެ؟ މިއަދު ދީނީގޮތުން ހައްދުފަހަނަޅާއިތިބި މީހުންގެ ވާހަކަ އަޅުގަނޑުމެން ދައްކަމުންދާއިރު، އަދި އެމީހުންގެ ޒިއްމާ އިސްލާމީ ޤައުމުތަކުގެ ބޮލުގައި އަޅުވަމުންދާއިރު، އަޅުގަނޑުމެންގެ ތެރެއަށް މަޝްހޫރު ޑޮޓުންނާއި އެސްއެސް ގްރޫޕުތަކުގެ ލީޑަރުން ދިރިއުޅެމުންދަނީ ހުޅަނގުގެ ޤައުމުތަކުގެ އެހީގައި އެޤައުމުތަކުގެ ސިޔާސީ ޙިމާޔަތް ލިބިގެންކަން އިންސާފަށް ލޯބިވާ ކޮންމެ މީހަކު ދަނެގަންނަންޖެހެއެވެ.

ކޮންމެއަކަސް އަޅުގަނޑުމެންގެ ޤައުމުގެ މުސްތަޤްބަލް އުޖާލާ ކުރުމަށް އަޅުގަނޑުމެން ޙަޤީޤަތުގައިވެސް ބޭނުންވާ ކަމުގައި ވަނީނަމަ، އަޅުގަނޑުމެންގެ ތަޢުލީމީ އޮނިގަނޑު އިޞްލާޙުކުރަން އެބަޖެހެއެވެ. ތަޢުލީމީ ފަލްސަފާ ހަރުދަނާ ކުރަން އެބަޖެހެއެވެ. އެންމެ ކުޑަމިނުން ޑިގްރީ ތަޢުލީމަށް ފަށައިގަތުމުގެ ކުރިން، އަމިއްލަ މިނިވަން ފަލްސަފާއެއްގެ މައްޗަށް ބިނާކޮށް އަޅުގަނޑުމެންގެ ދަރިން ތަރުބިޔަތުކޮށް އެކަށައަޅަން އެބަޖެހެއެވެ. އަމިއްލަ ފައިމައްޗަށް ތަޢުލީމުގެންދަން އެބަޖެހެއެވެ. ތިމާމެންގެ ޢަޤީދާއާއި އެއްގޮތަށް އެއަށް ގެންލުންނުވާ އުޞޫލަކުން ދުނިޔޭގެ ކުރިއެރުމާއި ތަރައްޤީއާއެކު ފައިހަމަކުރެވޭ ފަލްސަފާއެއްގެ ދަށުންނެވެ.

އަޅުގަނޑުމެންގެ ދަރިން މިވެނި ޤައުމެއްގައި ނުކިޔެވުމަށާއި މިވެނި ޤައުމެއްގައި ކިޔެވުމަށް ތަރުޙީބުދީ، އެކަމަށް ގޮވާލަމުން، އެކަމުގެ އެހީއަށް އެދެމުންދާއިރު، އަނެއްކޮޅުން އަޅުގަނޑުމެންގެ ޤައުމު ކުރިއަށް މިދާ މިސްރާބަށް ނުރުހިގެން، ޤައުމުގެ ތަޢުލީމީ މާޙައުލު ގޯސްވެގެން، ޤައުމު ދޫކޮށް އަވައްޓެރި އެކިއެކި ޤައުމުގައި ތަފާތު ދީންތަކާއި ޘަޤާފަތްތަކުން ކިޔަވައިދޭ ސްކޫލްތަކާއި މުއައްސަސާތަކުގައި ތިމާމެންގެ ދަރިން ބައިވެރިކޮށް އެތަންތަނަށް ހިޖުރަކޮށްގެން ދިރިއުޅެމުންދާ ދިވެހިންގެ ގިނަކަން އަންދާޒާ ކޮށްލެއްވުން ކީއްތޯއެވެ؟ އެކަމުގެ ޚުޠޫރަތްތެރިކަމާމެދު ކުޑަހިނދުކޮޅަކު ނަމަވެސް ވިސްނާލެއްވުން ކީއްތޯއެވެ؟

ނޯޓް: މިއީ ފަޟީލަތުއްޝައިޚް ހުސައިން ރަޝީދް އަޙްމަދު ގެ ވެބްސައިޓު hussainrasheedahmed.com އިން ނަގާފައިވާ ލިޔުމެކެވެ. މި ސައިޓުގައިވާ ލިޔުންތައް ބޭނުންކުރުމުގެ ޙައްޤު ނޫރުލްއިސްލާމަށް ވަނީ ލިބިގެންނެވެ.

ޓެގް

ލާދީނީ ސަރުކާރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.