އިންސާނީ ޙައްޤުތަކަށް އަރައިގަތުމާއި ކޮރަޕްޝަނުގެ ކުށުގައި އުފުލިފައިވާ ދަޢުވާގެ އަޑުއެހުމަށް ހެއިޓީގެ ކުރީގެ ރައީސް ޖިން-ކުލޫޑް-ޑުވަލިއޭ ފުރަތަމަ ފަހަރަށް ކޯޓަށް ވަޑައިގަންނަވައިފިއެވެ. ޑުވަލިއޭ ނުވަތަ މަސްޙޫރު ނަމުންނަމަ “ބޭބީ ޑޮކް” ގެ ޚުދުމުހުތާރު ވެރިކަމާދެކޮޅަށް އެ ޤައުމުގައި ކުރެވުނު މުޒާހަރާތަކުގެ ސަބަބުން އޭނާގެ 15 އަހަރުވީ ދިގު ވެރިކަން ވެއްޓުނު ފަހުން ޑުވަލިއޭ ދިރިއުޅުއްވަމުން ގެންދެވީ އަމިއްލަފުޅަށް އަރުވާލެވިގެން ފުރާންސުގައެވެ. 25 އަހަރު ޤައުމުން ބޭރުގައި އުޅުއްވުމަށްފަހު އޭނާ އެނބުރި ޤައުމަށް ވަޑައިގަތީ 2011ވަނަ އަހަރުއެވެ.
އޭނާގެ މައްޗަށް އުފުލާފައިވާ ދަޢުވާގައި ބުނާގޮތުން ޑުވައިލޭވަނީ އޭނާގެ ވެރިކަމުގައި އެޤައުމުގެ ރައްޔިތުންގެ އިންސާނީ ޙައްޤުތަކަށް އަރައިގަނެ އަދި ކޮރަޕްޝަނުގެ ޢަމަލުތައް ހިންގުމުގެ އިތުރުން ގިނަ ޢަދަދެއްގެ ކުށެއްނެތް ރައްޔިތުން ޖަލައްލާ ނުވަތަ މަރާހަދާފައެވެ. ނަމަވެސް އެ ދަޢުވާއަށް ޝަރީޢަތުގައި އޭނާވަނީ އިންކާރުކުރައްވާފައެވެ.
ވެރިކަމުގައި ހުންނެވިދުވަސްވަރު ދަޢުލަތާއި ސަރުކާރުގެވެސް އެންމެ އިސްވެރިޔާގެ ޙައިޞިއްޔަތުން އޭނާގެ ދަޢުރަކީ ކޮބައިތޯ ޑުވަލިއޭ ކުރެން ކޯޓުގައި ސުވާލުކުރެވުމުން އެއަށް ޖަވާބުދާރީވަމުން އޭނާ ވިދާޅުވީ އޭނާގެ ވެރިކަމުގައި ސަރުކާރުގެ ކޮންމެ އޮފިޝަލަކަށްވެސް ވާނީ ވަކިވަކި ބާރުތައް ދީފާކަމުގައެވެ. އަދި އޭނާގެ ބާރުގެ ދަށުގައިވާ ކަންކަމަށް ބަލާއިރު ކުދިންނަށް ސުކޫލަށްވެސް ދެވޭނެކަމަށާއި އެއްވެސް ބިރުވެރިކަމެއް ނުވާނެކަމަށް ވިދާޅުވިއެވެ.
ޝަރީޢަތް އަޑުއެހުމަށްޓަކައި ވަދެތިބި ގިނަ ޢަދެއްގެ މީހުންނާއި ރިޕޯޓަރުން ފުރިބާރުވެފައިވާ ކޯޓުގައި 4 ގަޑިއިރަށް ދިގުދެމިގެންދިޔަ ޝަރީޢަތުގެ އަޑުއެހުމުގައި ތިން ޖަހުން ހިމެނޭ ޕެނަލުން އޭނާއާއި ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވާފައިވަނީ ސުވާލުތަކުން ރެކިވަޑައިގަންނަވަން އުޅޭ މިޒާޖެއްގައި އަދި ރުންކުރު ރާގެއްގައިކަމަށް ޝަރީޢަތް އަޑުއެހުމަށް ގޮސްތިބި ރިޕޯޓަރުންނާ ޙަވާލާދީ ނޫސްތަކުން ބުނެއެވެ.
މީގެ ކުރިން ކޯޓަށް ޙާޟިރުވުމަށް ކޮށްފައިވާ އަމުރާ އެއްގޮތަށް ޑުވަލިއޭ ކޯޓަށް ޙާޟިރުވެވަޑައިގެންފައި ނުވާތީ ކޯޓުގެ ފަނޑިޔާރު ޖީން-ޖޯސެފް ވަނީ ޑުވައިލޭ ހައްޔަރުކޮށްގެން ކޯޓަށް ޙާޟިރުކުރުމުގެ އަމުރެއްވެސް ފުލުހުންގެ މައްޗަށްކޮށްފައެވެ. އަދި ބޭނުންވެއްޖެނަމަ ފުލުހުންގެ ބެލުމުގެދަށުގައި ބަހައްޓައިގެންވެސް އޭނާ ޝަރީޢަތަށް ހާޟިރުކުރާނެކަމަށްވެސް ކޯޓުންވަނީ ބުނެފައެވެ.
އިއްޔެގެ ޝަރީޢަތް ކުރިޔަށްދިޔަ ވަގުތު އޭނާގެ ސަޕޯޓަރުންވަނީ ކޯޓުގެ ބޭރުގައި އެއްވެ އޭނާއަށް ސަޕޯޓުކުރާކަން ހާމަކުރުމުގެ ގޮތުން އަޑު އުފުލާފައެވެ. މި ޝަރީތައުގެ ދެވަނަ އަޑުއެހުމެއް އޮންނާނީ އަންނަ ބުރާސްފަތި ދުވަހުކަމަށްވެސް ކޯޓުން ވަނީ އިޢުލާންކޮށްފައެވެ.
ޖިން-ކުލޫޑް-ޑުވަލިއޭ އަކީ 1957ން ފެށިގެން ހެއިޓީގައި ކުރަމުންގެންދިޔަަ ޚުދުމުހުތާރު ވެރިކަމުގެ އެންމެ ފަހު ލީޑަރެވެ. އޭނާއަށް ވެރިކަން ލިބިވަޑައިގަތީ 1957ގައި ވެރިކަމަށް އަރައިވަޑައިގެންނެވި ބައްޕާފުޅު ފުރާންސްވާ-ޑުވައިލޭ ނުވަތަ މަސްޙޫރު ނަމުންނަމަ ”ޕާޕާ ޑޮކް” 1971ގައި އަވަހާރުވުމާގުޅިގެންނެވެ. އޭގެ ފަހުން 1986ވަނަ އަހަރު އެޤައުމުގައި ކުރެވުނު މުޒާހަރާތަކުގެ ސަބަބުން އޭނާގެ ވެރިކަން ވެއްޓުމާއިހަމައަށް ވެރިކަމުގައި ހުންނެވީ އޭނާއެވެ.
ޚަބަރު:(ނޫސްއެޖެންސީތައް)

















ހަމަ މައުމޫނު. ތަފާތަކީ މައުމޫނުގެ އެއްވެސް ކުށެއް ކޯޓަކަށ ނުފެނޭ އަދި ހާޒިރެއް ނުކުރެވޭ