ގ، ވޭރު އަބްދުލް މުހީތު(ބޮބީ) މަރާލި މައްސަލައިގައި ތުހުމަތު ކުރެވޭ ތިން މީހުންގެ މައްޗަށް ދައުވާ ސާބިތުވެއްޖެ ނަމަ ބޭނުންވަނީ މަރަށް މަރު ހިފާން ކަމަށް މުހީތުގެ މަންމަ އާއި ބައްޕަ ބުނެފި އެވެ.
ފާއިތުވި ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހުގެ ރޭ ބޮޑު ގުރޫޕަކުން ފިނޭންސް މިނިސްޓްރީ ކުރިމަތިން އޮންނަ ހަނި ގޯޅިގަނޑު ތެރެއަށް ވަދެ ރަހުމުކުޑަ ގޮތަކަށް ވަޅިން ހަމަލާދީ މަރާލާފައިވާ މުހީތުގެ މަންމަ އާއި ބައްޕަގެ ބަޔާން ކްރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ނަގައިފައި ވަނީ ބ. ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓާ އޯޑިއޯ ކޮންފަރެންސް ކޮށްގެނެވެ.
މުހީތުގެ މަރުގެ މައްސަލައާ ގުޅިގެން ދައުލަތުން ދައުވާ އުފުއްލާފައިވާ ތިން މީހުންނަކީ ގދ. ގައްދޫ އަބްލަޢީގޭ މުހުޖަތު އަހުމަދު ނާސިހު، 19، އާއި ސ. މަރަދޫ ސަލްޓަންވިލާ އަލީ މުޝައްފައު، 19، ގެ އިތުރުން ޅ. ނައިފަރު ޒައިތޫނިގޭ، މުހައްމަދު މައިމޫން، 19، ނެވެ.
މުހީތު މަރާލި ކަމަށް ތުހުމަތު ކުރެވޭ ތިން ކުދިންގެ މައްޗަށް ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަސް ނަގާފައިވާއިރު އެ މީހުންގެ ފޯންކޯލް ރިކޯޑިންވެސް ޝަރީއަތުގައި މީގެ ކުރިން ވަނީ އިއްވާފަ އެވެ. އަދި ދައުލަތުން ހުށަހެޅި ވީޑިއޯ ފުޓޭޖްތައް ވެސް ވަނީ ދައްކައިފަ އެވެ. އެހެން ނަމަވެސް އެތިންކުދިން ވެސް ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...