ށ. ފޭދޫގައި ބަލިވެ އިނދެ ވިހެއި 15 އަހަރުގެ އަންހެންކުއްޖާގެ މައްޗަށް ކޮށްފައިވާ ޒިނޭގެ ދައުވާ އަނބުރާ ނުގެންދާން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމައިފި އެވެ.
މިކަމާ ގުޅިގެން ޕީޖީ އޮފީހުން ހާމަކޮށްފައިވާގޮތުގައި އެ ދައުވާ އަނބުރާ ނުގެންދާން ނިންމާފައި ވަނީ އަންހެން ކުއްޖާގެ މައްޗަށް ދައުވާ ކޮށްފައި ވަނީ އެހެން މީހަކާ އެކު ޒިނޭ ކުރިކަން ތަހުގީގުން އެނގޭން އޮތުމުން ކަމަށް ވާތީއެވެ.
މީގެ އިތުރުން އެ އަންހެން ކުއްޖާގެ މައްޗަށް ޒިނޭގެ ދައުވާ ކޮށްފައި ވަނީ އެކުއްޖާގެ ދޮންބައްޕަ އޭނާއާ ޖިންސީ ގުޅުން ހިންގި މައްސަލައާ ގުޅިގެން ކަމަށް ބައެއް މީޑިއާތަކުން ފަތުރަމުންދިއަ ޚަބަރު ޕީޖީ އޮފީހުން މީގެ ކުރިން ވަނީ ދޮގުކޮށްފައެވެ.
އެ އަންހެން ކުއްޖާގެ މައްޗަށް ޖުވެނައިލް ކޯޓުން ޝަރީއަތް ފަށާފައި ވާއިރު އެ އަންހެންކުއްޖާ ވިހެއި ދަރިފުޅު މަރާލި ކަމުގެ ތުހުމަތުގައި އެކުއްޖާގެ ދޮންބައްޕަ ށ. ފޭދޫ ބްލޫހެވަން އަބްދުލް ޣަފޫރު ގާސިމް، 44، އާއި އެކުއްޖާގެ މަންމަ ށ. ފޭދޫ ވައިމަތީގޭ އަޒީޒާ އިބްރާހީމް، 49، ގެ މައްޗަށް ދައުލަތުން ވަނީ “ގަސްތުގައި ކުއްޖަކު މަރާލުމުގެ ކުށުގެ ދައުވާ” އުފުލާފަ އެވެ.
އަދި ހަމަ މިއާއެކު އެ އަންހެން ކުއްޖާގެ ދޮންބައްޕަގެ މައްޗަށް އޮރިޔާން ކާޑް ގެންގުޅުމުގެ ކުށުގެ ދައުވާ އިތުރުން އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ ޖިންސީ ގުޅުން ހިންގި ކަމުގެ ދައުވާ ވެސް ވަނީ އުފުލާފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...