ރާއްޖެ އަށް މަސްތުވާތަކެތި އެތެރެ ކުރާ މީހުންނަށް މަރުގެ އަދަބު ދިނުމަށް ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ޗެއާޕާސަން ލުބުނާ ޒާހިރު ހުސައިން ގޮވާލައްވައިފި އެވެ.
ލުބުނާ މިހެން ވިދާޅުވެފައިވަނީ މިދިޔަ ބުރާސްފައި ދުވަހުގެ ރޭ ޓީވީއެމް އިން ގެނެސްދިން "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިކަމާ ގުޅިގެން ލުބުނާ އިތުރަށް ވިދާޅުވެފައި ވަނީ ރާއްޖެ އަށް މަސްތުވާތަކެތި އެތެރެ ކުރާ މީހުންނާއި މީހުން މަރާ ކުށްވެރިންނަކީ އެއްފަންތިއެއްގެ ކުށްތަކެއް ކުރާ ބައެއް ކަމަށާ އެ ދެ ބާވަތުގެ ކުށް ކުރާ މީހުންގެ އަދަބަކީ މަރަށް މަރު ހިފުން ކަމުގައި ހަދަންޖެހޭ ކަމަށެވެ.
މީގެ އިތުރުން ރާއްޖެ އަށް މަސްތުވާތަކެތި އެތެރެ ކުރާ މީހުންނަށް މަރުގެ އަދަބު ތަންފީޒު ކުރުމަށް ގާނޫނުތަކަށް އިސްލާހު ގެންނަން ޖެހޭ ކަމަށް އިޝާރާތް ކުރައްވައި ލުބުނާ ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ގާނޫނުތައް ފާސްވެގެންދާ އިރު މަސްތުވާތަކެތި އެތެރެ ކުރާ މީހުންނަށް ދެވޭ އެންމެ ބޮޑު އަދަބުގެ ގޮތުގައި މަރުގެ އަދަބު ހިމެނުމަށް އެދޭ ކަށެވެ.
އަދި ހަމަ މިއާއެކު ރާއްޖެ އަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވެން އޮތް ހަމައެކަނި މަގަކީ މަސްތުވާތެކެތި އެތެރެ ކުރާ މީހުން މެރުން ކަމުގައި ލުބުނާ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...