މޯލްޑިވްސް އިސްލާމިކް ބޭންކް އިން "ހޯމް ފައިނޭންސިން ފެސިލިޓީ"ގެ ހިދުމަތް ދޭންފަށައިފި އެވެ.
މިއަދު އިސްލާމިކް ބޭންކުގެ އޮފީހުގައި ނޫސްވެރީންނަށް މައުލޫމާތު ދެއްވަމުން އެ ބޭންކުގެ ސީނިއާ އޮފިސާ ފައިނޭންސިން ނާހިދު އިދުރީސް ވިދާޅުވެފައިވަނީ އަލަށް ތައާރަފްކުރި ސްކީމްގެ ދަށުން މާލެ އާއި ހުޅުމާލޭގައި އިމާރާތްކުރާ ހަ ތަނަކުން ފްލެޓް ގަތުމަށް ފައިނޭންސް ކޮށްދޭން ނިންމާފައިވާ ކަމަށެވެ. މިގޮތުން ހުޅުމާލޭގައި ހަދާ ޕްލެޓިނަމް ރެސިޑެންސްގެ ފްލެޓްތަކަށާއި ރެއިން ލޭންޑްގެ ފްލެޓްތަކާއި ޕުރުކްސާ އެޗްޑީސީން ހަދާ ކޮރަލްވިލް އަދި އެޗްޑީސީގެ ރޯ ހައުސް، އެފްޑަބްލިއުއިން މާލޭގައި ހަދާ ރެހެންދި 2،1 އަދި ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ދޫކުރާ ފްލެޓް ފައިނޭންސް ކޮށްދިނުމަށް އިސްލާމިކް ބޭންކުން ވަނީ ނިންމާފައެވެ.
އިސްލާމިކް ޕްރިންސިޕްލް އޮފް ޑިމިނިޝިން މުޝާރަކާގެ ދަށުން ކުރިއަށް ގެންދާ މި ހިދުމަތް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ބޭންކަށް މިލްކިއްޔާތެއް ގަތުމަށްފަހު، ހަމަޖެހިފައިވާ އުސޫލެއްގެ ދަށުން އެމިލްކިއްޔާތު ގަންނަން ބޭނުންވާ މީހާއަށް ދިގުމުއްދަތަކަށް ކުއްޔަށްދީގެން އެ ދޭ މުއްދަތުގެ ތެރޭގައި ކަނޑައެޅިފައިވާ އަދަދަށް ފައިސާ ދެއްކުމުން ކުއްޔަށް ހިފާ މީހާއަށް އެ މުދަލެއް އެއްކޮށް މިލްކުވާ ގޮތަށެވެ.
އިސްލާމިކް ބޭންކުން އިތުރަށް ހާމަކުރައްވާ ގޮތުގައި މި ސްކީމްގައި ބައިވެރި ވެވޭނީ ސްކީމަށް އެދުމުގެ ކުރިން މެދު ނުކެނޑި ތިން އަހަރު ދުވަހު ވަޒީފާ އަދާކޮށްފައިވާ އަދި ވަޒީފާ އަދާކުރަމުން ގެންދާ ފަރާތްތަކަށް ކަމަށާއި އެފަރާތަކީ ފްލެޓްގެ އަގު ހަމަވަންދެން މަހެއްގެ މައްޗަށް ލިބޭ އާމްދަނީގެ 40 އިންސައްތަ ބޭންކަށް ދެއްކޭނޭ ފަރާތަކަށް ވާންޖެހޭނޭ ކަމަށެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...