ފާއިތުވި ހޮނިހިރު ދުވަހު ތުޅާދޫ އިން ފުލުހުން ހައްޔަރުކުރި 11 މީހަންގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށުގައި ތިބި 9 މީހުން ދޫކޮށްލުމަށް އެމްޑީޕީން ގޮވާލައިފިއެވެ.
މިކަމާ ގުޅުގެން އެމްޑީޕީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ތުޅާދޫއިން 11 މީހަކު ފުލުހުން ހައްޔަރުކުރީ އަދާލާތު ޕާޓީގެ ރައީސް ތުޅާދު އަށް ދިއުމުން އެ ރަށުގެ ރައްޔިތުން އެއްވެ އޭނާއާ ދެކޮޅަށް ޝުޢޫރު ފާޅުކުރުމުން ކަމަށެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނެފައި ވަނީ އެމީހުން ހައްޔަރު ކުރީ އުމުރުން 15 އަހަރުގެ ކުޑަކުއްޖަކާ ގަދަކަމުން ބަދުއަޚްލާގީ އަމަލު ހިންގި ކަމަށް ބުނެ ހުށަހެޅި މައްސަލައެއްގެ ތަހުގީގަށް ތުޅާދު އަށް ދިޔަ ފުލުހުންނަށް ހުރަސް އެޅުމުން ކަމަށެވެ.
ކުޑަކުއްޖަކާ ބަދުއަޚްލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި ތުޅާދޫއިން އުމުރުން 21 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފައި ވާއިރު ކޯޓުން ވަނީ އޭނާގެ ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރު ކޮށްދީފަ އެވެ.
ތުޅާދޫން ހައްޔަރު ކުރި މީހުންގެ ތެރޭ ހިމެނޭ ދެ ކައުންސިލަރުން ދޫކޮށްލައި އެހެން މީހުންގެ މުއްދަތު ފަސް ދުވަހަށް ކޯޓުން އިއްޔެ ޖަހާދީފައި ވާއިރު އެމްޑީޕީން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ބައެއް މީހުން ހައްޔަރުކޮށްފައި ވަނީ ފުލުހުންނާ ދިމާލަށް "ބާޣީ" އޭ ގޮވާފައިވާތީ ކަމަށެވެ.
ތުޅާދޫއިން ހައްޔަރުކުރި މީހުން ދޫކޮށްލުމަށް އެމްޑީޕީން ގޮވާލައިފި

ކޮމެންޓް (0)
ލޯޑް ކުރަމުން...