ރާއްޖޭގެ ޚަބަރު

ޝައިޚް ބަކުރުބެ އަވަހާރަވެއްޖެ

އައްޝައިޚް އަބޫބަކުރު އިބްރާހީމް ޢަލީ (ޝައިޚް ބަކުރުބެ) | ދިއިސްލާމް ފޮޓޯ: މުހައްމަދު ވަސީމް
އައްޝައިޚް އަބޫބަކުރު އިބްރާހީމް ޢަލީ (ޝައިޚް ބަކުރުބެ) | ދިއިސްލާމް ފޮޓޯ: މުހައްމަދު ވަސީމް

އައްޝައިޚް އަބޫބަކުރު އިބްރާހީމް ޢަލީ (ޝައިޚް ބަކުރުބެ) | ދިއިސްލާމް ފޮޓޯ: މުހައްމަދު ވަސީމް

ޅ. ހިންނަވަރު، އަޖްޔާދު, އައްޝައިޚް އަބޫބަކުރު އިބްރާހީމް ޢަލީ (ޝައިޚް ބަކުރުބެ) އަވަހާރަވެއްޖެއެވެ.

ދީނީ ގޮތުން މީހުން ހޭލުންތެރިކުރުމުގެ ރޮނގުން ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ ޝައިޚް ބަކުރުބެ، ނިޔާވީ އައިޖީއެމް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުން އަންނަނިކޮށް ރޭ ފަތިހުގެ ވަގުތެއްގައެވެ.  ބަކުރުބޭ ނިޔާވިއިރު ޢުމުރަކީ 72 އަހަރެވެ.

ޝައިޚް ބަކުރުބެ މިހާރު އޮންނެވީ އާސަހަރައިގައި ކަމަށާއި މޫނު ދެއްކުން ހެނދުނު 10.00 ން 11.30 އަށް ކުރިޔަށް ދާނެކަމަށް ޢާއިލާގެ ފަރާތުން މަޢުލޫމާތު ދެއެވެ.

ޝައިޚް ބަކުރުބެ ގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިއަދު މެންދުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒު ގައެވެ. ވީހާވެސް ގިނަ ފަރާތްތަކުން ކަށު ނަމާދުގައި ބައިވެރިވެވަޑައިގަތުމަށް އަޢިލާގެ ފަރާތުން އެދިލައްވައެވެ.

 ގުޅުންހުރި ލިޔުން: ޝައިޚް ބަކުރުބެ: ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާކޮށްފައިވާ މަދު ބޭފުޅުންގެ ތެރޭގައި

ޝައިޚް ބަކުރުބެ އަކީ، އެންމެ ފުރަތަމަ މަދީނާ ޔުނިވާރސިޓީން ތަޢުލީމް ހާސިލްކުރި ދަރިވަރުންގެ ތެރޭގައި ހިމެނޭނޭ ބޭފުޅެކެވެ. އަދި ޝައިޚް އަކީ ޝައިޚް ބިންބާޒް ރަޙިމަހުﷲގެ ދަރިވަރެއްވެސް މެއެވެ. ދީނީ ގޮތުން މީހުން ހޭލުންތެރިކުރުމުގެ ގިނަ މަސައްކަތްތަކެއް ކުރައްވައި، ހާއްސަކޮށް ޒުވާނުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. މީގެ އިތުރުން ޝައިޚް ބަކުރުބެ އަކީ، އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވްސް (އައިއެފްއެމް)ގެ އިލްވެރިންގެ ގޮފީގެ ރައީސް އެވެ. “ޞަޙީޙް މުސްލިމް” ޙަދީޘް ފޮތް ދިވެހި ބަހަށް ތަރުޖަމާ ކުރެއްވުމުގެ މަސައްކަތް ޝައިޚް އަބޫބަކުރު އިބްރާހީމް (ބަކުރުބެ) ވަނީ 15 ނޮވެމްބަރު 2012 ފައްޓަވައިފައެވެ.

ޝައިޚް ބަކުރުބެ ގެ ފުރާނައަށް މާތްﷲ ރަޙުމަތްލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ދުޢާކުރަމެވެ. އަދި ދިއިސްލާމްގެ ޓީމުން ޝައިޚް ބަކުރުބޭގެ ޢާއިލާގެ މެމްބަރުންނަށް އިޚްލާޞްތެރިކަމާއެކު ތައުޒިޔާ ރައްދުކުރަމެވެ.

 

ގުޅުންހުރި

4 ޚިޔާލު

  1. މަރުހޫމުގެ ފުރާނަޔަށް ހެޔޮރަހުމަތްލައްވާ، ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާށި.! އާމީން.!

  2. އިންނާ ލިއްﷲ ވައިންނާ އިލައިހި ރާޖިޢޫން، ﷲ ތަޢާލާ، ޝެއިޚްގެ ފުރާނައަށް ރަޙުމަތްލައްވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކުރައްވާށި! އާމީން!

  3. މަރުޙޫމް ގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި އާމީން.

  4. އިންނާ ލިއްﷲ ވައިންނާ އިލައިހި ރާޖިޢޫން،. މަރުހޫމުގެ ފުރާނަޔަށް ހެޔޮރަހުމަތްލައްވާ، ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާށި.! އާމީން.!

Your email address will not be published. Required fields are marked *