
ފައުޒް އާއި މާޖިދުގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދިޔަ ނަމަވެސް ވަސީމްގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންގޮސްފައެއް ނުވޭ
މިދިޔަ އަހަރު ޖެނުއަރީ މަހުގެ 7ވަނ ދުވަހުގެ ރޭ ވަރަށް އިހާނެތިކޮށް ދ. ކުޑަހުވަދޫ ސަމަންދަރުގޭ އަލީ ހަސަން (އައްޔުބޭ) މަރާލިކަމަށް ތުހުމަތު ކުރެވޭ ދެ މީހެއްގެ މައްޗަށް ދައުލަތުން ކުރި، ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އަނބުރާ ގެންގޮސްފި އެވެ.
އައްޔުބޭ މަރާ ގުޅިގެން ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާކޮށްފައި ވަނީ ކުޑަހުވަދޫ ފަނަސް ފައުޒާން މުހައްމަދާއި އެ ރަށު ރަނަކުރި އިބްރާހިމް މާޖިދުގެ އިތުރުން އެ ރަށު މާވެލި އިބްރާހިމް ވަސީމްގެ މައްޗަށެވެ.
މިއަދު ކްރިމިނަލް ކޯޓުގައި އޮތް ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ވަކީލު ވިދާޅުވެފައި ވަނީ ފައުޒާން އާއި މާޖިދުގެ މައްޗަށް ދައުވާ އުފުލިފައި އޮތް ނަމަވެސް އެ މައްސަލައިގެ ތަހުގީގު ދިޔައީ ކުރެވެމުން ކަމަށާ ތައިލޭންޑަށް ފޮނުވައިގެން އެ މައްސަލައާ ގުޅޭ ޑީއެންއޭ ތަހުލީލުތައް ހަދާފައިވާ ކަމަށާއި އަލުން މުރާޖާ ކުރުމަށް ދައުވާ އަނބުރާ ގެންދިއުމަށް ޕްރޮސެކިއުޓާ ޖެނެރަލް ބޭނުންފުޅުވާކަމަށެވެ.
ދައުލަތުން އެގޮތަށް އެދިވަޑައިގަތުމުން ގާޒީ ވަނީ އެ ފުރުސަތު ދައުލަތަށް ދެއްވައިފަ އެވެ. އަދި ހަމަ މިއާއެކު ދައުވާ އަލުން މުރާޖާ ކުރުމަށް ފަހު ވީހާ ވެސް އަވަހަކަށް ކޯޓަށް ހުށަހެޅުމަށް ގާޒީ ވަނީ އެދިވަޑައިގަންފައެވެ.
ދައުލަތުން ފައުޒާނާއި މާޖިދުގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދިޔަ ނަމަވެސް ވަސީމްގެ މައްޗަށް ކުރި، ގަސްތުގައި މީހަކު މަރާލުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ދައުލަތުން އަނބުރާ ގެންގޮސްފައެއް ނުވެ އެވެ. މީގެ ކުރިން އޭނާ ވަނީ ޝަރީއަތުގެ މަޖިލީހުގައި ދައުވާ އަށް އިއުތިރާފުވެފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...