
2011 ވަނަ އަހަރު ބޭއްވި ޢަރަބި ބަހާއި އިސްލާމީ ޘަޤާފަތު ދައުރާގެ ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން | ދިއިސްލާމް ފައިލް ފޮޓޯ
ޢަރަބި ބަހާއި އިސްލާމީ ޘަޤާފަތުގެ ދައުރާގެ އޮރިއަންޓޭޝަން އިއްޔެ ބާއްވައިފިއެވެ.
ދައުރާ ފެށުމުގެ ގޮތުން އިއްޔެ ބޭއްވި އޮރިއަންޓޭޝަން ގައި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރ އައްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވީ ކޮންމެ އަހަރަކުވެސް ދައުރާ ބޭއްވޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި މިއަހަރު ދައުރާ ހިންގުމަށް ހަމަޖެހިފައިވަނީ ކުއްލިޔަތުއް ދިރާސަތުލް އިސްލާމިއްޔާގައި ކަމުން ދެވަނަ ދައުރާ އެއްވެސް އެތަނުގައި ބޭއްވުމުގެ އިޚްތިޔާރު އޮތީ ހަމަ އެބޭފުޅުންގެ އަތްމަތީގައި ކަމަށެވެ.
ޢަރަބި ބަހާއި އިސްލާމީ ޘަޤާފަތް ކިޔަވައިދޭ މިފަހަރުގެ ދައުރާއަށް 700 އެއްހާ މީހުން އެޕްލައި ކޮށްފައިވާއިރު ހޮވުނީ 300 މީހުންނެވެ. ދައުރާއަށް ކުދިން ހޮވީ ޝެއިޚުންނާއި ކުއްލިއްޔާގެ ބޭފުޅުން ހިމެނޭ ކޮމިޓީ އަކުންނެވެ. އަދި މިފަހަރުގެ ސެޝަންތަކުގެ ކްލާސްތަށް ބަހާލެވިފައި ވަނީ އަންހެން ބޭފުޅުންނާއި ފިރިހެން ބޭފުޅުން ވަކިން ކޮންމެ ބަޔަކުންވެސް ޢަރަބި ދަންނަ ބޭފުޅުންނާއި ނުދަންނަ ބޭފުޅުން ވަކިކޮށް 2 ގްރޫޕަކަށް ބަހާލައިގެންނެވެ.
ދައުރާ ފެށުމުގެ ރަސްމިއްޔާތުގައި ކުއްލިއްޔާގެ ރެކްޓަރ ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ ވެސް ވާހަކަ ދެއްކެވިއެވެ. ޑރ. ޒަކަރިއްޔާ ވިދާޅުވި ގޮތުގައި ދައުރާ ބޭއްވުމަށް ކުއްލިއްޔާ ހަމަޖައްސަވައިދެއްވި ކަމަށްޓަކައި އިސްލާމިކް މިނިސްޓްރީ އަށް ޝުކުރު ދެންނެވިއެވެ. އަދި އިސްލާމިކް މިނިސްޓަރ ކުއްލިއްޔާ އާމެދު ބަހައްޓަވާ ގާތްކަން ފާހަގަ ކުރައްވައި ދަރިވަރުންގެ އެއްބާރުލުން މިކަމުގައި ދެއްވުމަށް އެދިލެއްވިއެވެ. އަދި ހިނިތުން މޫނަކާއެކީ އަބަދުވެސް މުޢާމަލާތް ކުރުމަށާއި ދައުރާ ފެށޭއިރު ހުންނަ ފޯރި ނިމޭއިރު އެއަށްވުރެ ބޮޑުވާން ވާނެ ކަމަށާއި ކްލާސްތަކަށް ބަރާބަރަށް އައުމަށް ބައިވެރިންނަށް ނަޞޭޙަތްތެރި ވިއެވެ.
ސައުދީން އިއްޔެ ރާއްޖެ ވަޑައިގެންނެވި ޝެއިޚުންނަށް މި އޮރިއަންޓޭޝަންގައި ބައިވެރި ވަޑައި ނުގެންނެވުނީ އެއާޕޯޓުގައި ދިމާވި ކަމަކާގުޅިގެން އެތާގައި މަޑުކުރަން ޖެހިގެން ލަސްވުމާ ގުޅިގެން ކަމަށްވެސް ވިދާޅުވިއެވެ.
ޢަރަބި ބަހާއި އިސްލާމީ ޘަޤާފަތު ދައުރާ އަކީ މަދީނާ އިސްލާމިކް ޔުނިވަރސިޓީ އިން ކޮންމެ އަހަރެއްގެ ހޫނު މޫސުމްގެ ޗުއްޓީގައި ދުނިޔޭގެ އެކި ޤައުމުތަކުގައި އިސްލާމީ ނޫރު ފެތުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ ކޯހެކެވެ. އެ ޔުނިވަރސިޓީގައި މިހާރު ދުނިޔޭގެ 200 އަށް ވުރެ ގިނަ ޤައުމުތަކުގެ ދަރިވަރުން ދަނީ ތަޢުލީމް ޙާޞިލް ކުރަމުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...