ނިމިގެން މިދިއައީ މީލާދީ ގޮތުން އަހަރެކެވެ. ކުރިމަތި މިލަނި 2013 ވަނަ އަހަރާއެވެ. މި ދަޑިވަޅުގައި ފާއިތުވި އަހަރާމެދު ފުންކުށް ވިސްނާލުން މުހިއްމެވެ. ގައުމުގެ ދުލުން ބުނާނަމަ ފާއިތުވި 2012 ވަނަ އަހަރަކީ ރާއްޖޭގައި ރިކޯޑް އަދަދަކަށް ގަތުލު ގިނަ އަހަރެކެވެ. އިންތިހާއަށް މާރާމާރީ އިތުރު އަހަރެކެވެ. ކުރިން ހީކުރެވުނު ގޮތާ ހިލާފަށް ފާއިތުވި އަހަރު ގަތުލު އޮތީ ދެ ގުރުއްޕު ދެމެދުގައި ހިގާ ހަމަނުޖެހުމެއްގެ ތެރޭގައި އެކަމްޏެއްނޫނެވެ. ގާނޫނީ ވަކީލަކު މަރާލާފައި ވާއިރު ގާނޫނު ހަދާ މަޖިލީހުގެ މެންބަރެއްގެ އިތުރުން ފުލުހެއްވެސް ވަނީ މަރާލާފައެވެ. އެއްވެސް ރަހުމެއް ނެތި މުސްކުޅިންނާއި ކުޑަކުދިންވެސް ގަތުލު ކޮށްފައެވެ. ވުމާއެކު ފާއިތުވި އަހަރު ހިންގި 09 ގަތުލުގެ ޖަރީމާއާ މެދު ނަޒަރު ހިންގަލަމާ ހެއްޔެވެ.
އަލީ ހަސަން (އައްޔުބޭ)
ދ. ކުޑަހުވަދޫ ސަމަންދަރު، 70 އަހަރުގެ އަލީ ހަސަން (އައްޔުބޭ) މަރާލައިފައި ވަނީ ވަރަށް އިހާނެތިކޮށް ޖެނުއަރީ މަހުގެ 7 ވަނަ ދުވަހުއެވެ. މެޔަށް ދަގަނޑު ހަރާ، ކަރުބުރިކޮށް މާރާލުމަށްފަހު ފަޅުގެއެއްގެ ތެރެއަށް އެއްލާލައިފައިވާ އައްޔުބޭ މަރާލުމުގައި ބައިވެރިވީ ޒުވާން ގުރޫޕެކެވެ.
އައްޔުބެ މަރާލައިފައިވާ އަނިޔާވެރި ގޮތް ސިފަކޮށްދެމުން މަންޒަރު ދުށްފަރާތަކުން ބުނެފައިވާ ގޮތުގައި އޭނާގެ ބަނޑު ފަޅާލާފައި ވާއިރު ގޮހޮރު ބޭރަށް ފެންނަން ހުރި ކަމަށާއި ބުރަކައްޓާ ދިމާލުން އަރިކަށި ކަފާލައިފައިވުމުން ކަށިތަކެއް ފެންނަން ހުރި އިރު ކަރުން އަށް އިއްޗިއަށް ކަފާލައިވުމުން ކަރުގެ ނާރުތައް ބުރިވެފައި އޮތުމުން ހަށިގަނޑުން ލޭވެސް ވަނީ ހުސްވެފައިވާކަމަށެވެ. އައްޔުބޭ ގާތިލުން އޭނާ މަރާލުމަށް ފަހު ހެކި ފޮރުވުމަށްޓަކައި މަރާލުމަށް ބޭނުންކުރި ބައެއް ވަޅި މޫދަށް އުކާލައި އިތުރު ވަޅިއެއް އެ ރަށު ތުނޑީގައި ވަޅުލާފައިވާ އިރު އައްޔުބޭ މަރާލުމަށް ބޭނުންކުރި އަންގިތަކާއި މާސްކްތަކާއި އަދި އެމީހުން ލައިގެން ތިބި އަންނައުނު ތުނޑީގައި އަލިފާން ގަނޑެއް ރޯކޮށް ވަނީ އަންދާލާފައެވެ. ނަމަވެސް ގާތިލުން ވަނީ ސަރީއަތުގެ ކުރިމަށްޗަށް ގެނެސްފައެވެ.
އައްޔުބޭގެ މަރާގުޅިގެން އާއިލާއަށް ފުން ހިތާމައެއް ލިބިފައިވާއިރު އައްޔުބޭގެ 10 ވާރިސުންގެ ތެރެއިން ނުވަ ވާރިސުން ބުނެފައި ވަނީ ދައުވާ ސާބިތުވެއްޖެ ނަމަ މަރަށް މަރު ހިފަން ބޭނުންވާ ކަމަށެވެ. ބާލިޣުވެ ތަސައްރަފު ނުފުރޭތީ އައްޔުބޭގެ ވާރިސުންގެ ތެރެއިން އެކެއްގެ ބަޔާން ނުނަގާ ވާއިރު ބަޔާން ނުނަގައިވާ ފަރާތް ތަސައްރަފް ފުދި ބާލިޣުވެ ބޮޑުވަންދެން އައްޔުބޭގެ ގާތިލުން ޖަލުގައި ބޭތިއްބުމަށް ވަނީ ހުކުމް ކޮށްފައެވެ. އަދިވެސް ޝަރީއަތް ދަނީ ހިނގަމުންނެވެ.
ޢަބްދުލް މުހީތު (ބޮބީ)
ވަޅިން ހަމަލާދީ ޢަބްދުލް މުހީތު (ބޮބީ) މަރާލީފެބުރުވަރީ 19 ވަނަ ދުވަހުގެރޭގައެވެ. ފިނޭންސް މިނިސްޓްރީ ކުރިމަތީގައި، ކޮޅުބެދިފައި އޮތް ގޯޅިގަނޑުގެ ތެރޭގައި ދިން އެހަމަލާގައި މުހީތުގެ ހަށިގަނޑުގެ ނުވަ ތަނަކަށް ހަމަލަދީ ވަނީ ޒަޚަމްކޮށްލާފައެވެ. މުހީތު މަރުވެފައި ވަނީ އެ އަނިޔާތަކަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށް އެރޭ ފަތިހު 4:40 ހާއިރު އެވެ.
މުހީތުގެ މަރާ ދެކޮޅަށް މުޅި އާއިލާ އެކި ގޮތްގޮތުން އިހުތިޖާޖުކޮށް އިންސާފު ހޯދަން މަސައްކަތް ކޮށްފައި ވާއިރު މަރާލި ކަމަށް ތުހުމަތު ކުރެވޭ ތިން ކުދިންގެ މައްޗަށް ދައުވާ ސާބިތުވެއްޖެނަމަ ބޭނުން ވަނީ މަރަށް މަރު ކަމަށް އާއިލާގެ ހުރިހާ ވާރިސުން ވަނީ އެދިފައެވެ. އެހެން ނަމަވެސް، ޝަރީއަތުގައި އެ މައްސަލަ އޮތީ ހެކި ލިބުމުގައި މާ ބޮޑު އުންމީދެއް ނެތް ހާލަތެއްގައެވެ. އެމައްސަލާގެ ހުކުމް އަދި އިއްވާފައި ނުވާއިރު މުހީތުގެ ގާތިލުންގެ މައްޗަށް ދައުލަތުން ވަނީ ގަރީނާގެ ގޮތުގައި އެ މީހުންގެ ފޯންކޯލް ރެކޯޑިން އާއި ސީސީޓީވީ ފްޓޭޖްތަކެއް ހުށަހަޅާފަ އެވެ.
މުހީތަށް ހަމަލާދީ މަރާލި ރޭ މާލޭ ހިޔާ ސަރަހައްދުންސައިކަލެއްގައި ދިޔަ ބަޔަކު ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައި ވާއިރު ހަމަ އެރޭ މާލޭ ދަނާލުކައިރިން 43 އަހަރުގެ ފިރިހެނެއްގެ އިތުރުން އުމުރުން 17 އަހަރުގެ ކުއްޖަކަށް ވެސް ވަނީ ހަމަލާދިފައެވެ.
އަލީ ޝިފާން (ތޮޅި ޕެލޭ)
މ. ފެއަރީކޯނާ، އަލީ ޝިފާން 33، މަރާލީ އެޕޮރީލް މަހުގެ 1 ވަނަ ދުވަހުގައެވެ. ވެސްޓް ޕާކް ކައިރިން ވަޅިން ހަމަލަދީ ޒަހަމްކޮށް ލުމަށްފަހު ބިންމައްޗަށް ވައްޓާލާފައި އޮއްވާ ފެނިގެން ފަރުވާދޭން އައިޖީއެމްއެޗަށް ގެންދިޔައިރު އޭނާ ވަނީ މަރުވެފައެވެ. އޭނާ ގަޔަށް ވަޅި ހެރީ ޖީއެން ސައިކަލެއް ގައި ދިޔަ ދެ މީހަކު ކަމަށް މަންޒަރު ދުށް މީހަންނަ ހަވާލާދީ ފުލުހުން ބުނެފައިވާއިރު ޝިފާންގެ ބައިމަތިން ތިން ތަނަކަށާއި އަތުގެ ބައެއް ތަންތަނަށް ވަޅި ހަރާ ޒަހަމްކޮށްލާފައިވެއެވެ.
ޝިފާނަށް ހަމަލާ ދިނީ އޭނާ ވެސްޓްޕާކުގައި ކޮފީއެއް ބޯން އިނދެފައި، ރައްޓެއްސަކު އަންނާތީ ބޭރަށް ނުކުތް ވަގުތު ކަމަށް ވާއިރު މި މައްސަލައިގައި ބަޔަކު ހައްޔަރުކުރި ނަމަވެސް، ސަރީއަތް އަދިވެސް ނުނިމެ އެވެ.
މުޙައްމަދު އަރުހަމް
ދަރުމަންތަ ސްކޫލްގެ ގްރޭޑް ނުވައެއްގައި ކިޔަވަމުން ދިޔަ ހއ. ހޯރަފުށީ ނޫރާނީގޭ މުހަންމަދު އަރުހަމް 16، މަރާލާފައި ވަނީ މެއި މަހުގެ 30 ވަނަ ދުވަހުއެވެ. ކުއްލިއްޔާގެ އިރަށް އޮންނަ ލޮރެންޒޯ ޕާކްތެރޭގައި ވަރަށް އިހާނެތި ގޮތަކަށް އަރުހަމް މަރާލާފައި އޮއްވައި ފެނިފައި ވަނީ އެދުވަހު ހެނދުނު 6:00 ޖަހާކަންހާއިރު މާލެ ތެރެ ޕެޓްރޯލު ކުރަމުންދިޔަ ފުލުހުންނަށެވެ. އޭރު އަރުހަމް އޮތީ ލޭތަކާއި އެކު ޕާކްގެ ކަނަކަށް ވާގޮތަށް އުއްޑުން ވެއްޓިފައެވެ.
އަރުހަމަށް ހަމަލަދީފައި ވަނީ ދެ ގުރޫޕެއްގެ ދެމެދުގައި ހިނގާފައިވާ ޒުވާބެއް ޒާތީވެ، އެއްބަޔަކު އަނެއް ބަޔެއްގެ ކިބައިން ބަދަލު ހިފުމުގެ ރޫހުގައި ކަމަށް ވާއިރު އޭނާގެ މަރުގެ ޝަރީއަތް އަދިވެސް ދަނީ ކުރިއަށެވެ.
ހަސަން އަބޫބަކުރު
ނ. މާފަރު ހިތްފަސޭހަގޭ، ހަސަން އަބޫބަކުރު، 65، މަރާލީ މިއަހަރު ތެރޭގައި މެރި އެހެން މީހުންނާ ތަފާތު ގޮތަލަށެވެ. ތޫނު އެއްޗަކުން ހަމަލާ ދީގެން ނެތް ނޫނެވެ.
އަބޫބަކުރުގެ އަމިއްލަގޭގައި އޭނާމަރާލާފައި އޮށްވައި ފެނުނުއިރު އޮތީ އޭނާގެ ދެފައި ބެޑްޝީޓަކުން ބަނދެ މޫނުމަތީގައި ބާލީހެއް އަޅާފައެވެ. ހަށިގަނޑުގެ ބޭރުފުށުން އެއްވެސް ޒަހަމެއް ފެންނަން ނެތް ނަމަވެސް އޭނާގެ އަނގައިން ނާއި ނޭފަތުން ހުރީ ލޭއައިސްފައެވެ. އަބޫބަކުރަކީ އެކަނިމާ އެކަނި އޭނާގެ ގޭގައި ދިރިއުޅޭ މީހަކަށް ވީއިރު ގިނަބަޔަކު ތުހުމަތުކުރާ ގޮތުގައި އަބޫބަކުރު މަރާލައިފައިވަނީ އުމުރުން ދުވަސްވީ މީހުންނަށް ލިބޭ ފައިސާއިން އޭނާއަށް ގަނޑުކޮށް ލިބުނު ފައިސާގެ ދަހިވެތި ކަމުގައެވެ. މި މަރުގެ ޝަރީއަތް އަދިވެސް ދަނީކުރިއަށެވެ.
ފާތިމަތު ޒަކަރިއްޔާ (ފާތުމަ)
ނޭކުރަންދޫ ރަންވިލް، ފާތިމަތު ޒަކަރިއްޔާ،65، (ފާތުމަ)، އޭނާ ދިރިއުޅުނު ގޭގެތެރޭ މަރުވެފައި އޮއްވައި ފެނިފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 15 ވަނަދުވަހުގެ ރޭގައެވެ. ފާތިމަ މަރުވީ ގުދުރަތީ ގޮތުން ކަމަށް ފުރަތަމަ ބެލުނުނަމަވެސް އެކަން ހިނގިތާ ހަފުތާތަކެއް ފަހުން، ފުލުހުން އެމަރުގެ ހާދިސާ ތަހުގީގުކުރަން ފެށީ ޝައްކުތަކެއް ވެގެންނެވެ. އަދިބަޔަކު ފާތުމަ ގަސްތުގައި މަރާލީކަމަށް ފުލުހުން ތުހުމަތު ކުރިއެވެ.
ފާތިމަ މަރާލިކަމަށް ތުހުމަތުކުރެވޭ ކ. ގުރައިދޫ ގުލްހަޒާރުގޭ، އަލީ ޝަހީމްގެ މައްޗަށް ފާތިމަ މަރާލުމުގެ ދައުވާގެ އިތުރުން ވައްކަމުގެ ދައުވާވެސް ކޮށްފައިވެއެވެ. އެދައުވާގައި ބުނަނީ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުގެ މަޣުރިބު ނަމާދު ބަންގީގެ ފަހުގެ ވަގުތެއްގައި ފާތުމަ މަރާލުމަށް ފަހު އޭނާގެ ކަރުގައި އޮތް ދެރަން ފަށާއި، ދެކަންފަތުގައި އޮތް ދެރަންބޮޅާއި، އޭނާގެ ރަންކެވެލިކޮޅާއި، ކަނާއަތު ދެއިނގިއްޔެއްގައި އަޅާފައި އޮތްދެރަން އަނގޮޓި އާއި ނޮކިއާބައްތި ފޯނެއް ޝަހީމް ވަގަށްނަގާފައި ވާކަމަށެވެ. ނަމަވެސް ޝަހީމް ވަނީ އެދައުވާއަށް އިންކާރުކޮށްފައެވެ.
އަހުމަދު ނަޖީބު
މަޝްހޫރު ލޯޔަރު މ. ކެރެޓްއަހުމަދުނަޖީބުމަރާލާފައި ވަނީޖޫން މަހުގެ 30 ވަނަ ދުވަހުގެ ރޭގައެވެ.މި މަރާއެކު ޝަރުއީ ދާއިރާ އަށް ވަރަށް ބޮޑު ސިހުމެއް ލިބިގެން ދިޔައެވެ. ނަޖީބުގެ ގާތިލުން ކަމަށްވާ މ. މަސްރޫރާ އަހުމަދު މުއްރަތު 29، ށ. ގޮއިދޫ ރިހާބް، ފާތިމަތު ހަނާ 18، ވަގުތުން ހައްޔަރުކޮށް ޖެހިގެން އައި ދުވަހު ޝަރީއަތް ފަށައިމަދު ދުވަސް ކޮޅެއްގެ ތެރޭގައި، އެމީހުންގެ މައްޗަށް މަރުގެ ހުކުމް އިއްވިއެވެ.
ކްރިމިނަލް ކޯޓުން އެ ދެ މީހުންގެ މައްޗަށް ކުރި ހުކުމްގައި ބުނަނީ މަސްރޫރާ ގޭގައި ހަނާއާއި މުއްރަތު ދިރިއުޅޭ ކޮޓަރިއަށް ޖޫން 30 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ނަޖީބު ވެއްދުމަށް ފަހު އެ ކޮޓަރީގެ ގޮނޑިއެއްގައި އޭނާ ބޭންދުމަށް ފަހު ނަޖީބުގެ ދެ މޯބައިލް ފޯނު އަތުލައި އޭނާގެ ވޮލެޓުގައި ހުރި ފައިސާއާއި ކޭޝްކާޑް ނަގައި އޭގެ ޕިން ނަންބަރު ނަޖީބުގެ އަތުން އެ ދެ މީހުން ހޯދާފައިވާކަމަށެވެ.
އަދި އޭގެ ފަހުން ނަޖީބުގެ އަނގަޔަށް ފޮތިގަނޑެއް ލައި އޭނާއަށް އެއްވެސް ތަނެއް ނުފެންނާނެ ހެން މުޅި މޫނުމަތީގައި ޓޭޕްއަޅައި ކޮޓަރީގައި ނަޖީބު ބޭންދުމަށްފަހު އޭނާގެ ކޭޝްކާޑް ބޭނުންކޮށްގެން ފައިސާ ނެގުމަށް ފަހު އެފައިސާއަށް މުއްރަތު މަސްތުވާތަކެތި ގަނެފައިވާކަމަށް ވެސް ހުކުމްގައި ވެއެވެ.
މަސްތުވާތަކެތި ގަނެގެން އެނބުރި އެގެއަށް ގޮސް ބަނގުރަލާއި ހިކި މަސްތުވާތަކެތި ބޭނުންކުރުމަށް ފަހު ހަނާއާއި މުއްރަތު ވަޅިން ނަޖީބަށް ހަމަލާދީ މަރާލާފައިވާކަން މުއްރަތު ޝަރީއަތުގެ މަޖިލީހުގައި ވެފައިވާ އިއުތިރާފުންނާއި ނަޖީބު ބަނުމުގައި އެހީތެރިވެފައި ވާނެކަމަށް ޝަރީއަތުގައި ހަނާ ވެފައިވާ އިއުތިރާފަށް ބަލާއިރު އެ ދެ މީހުން ގަސްތުގައި ނަޖީބު މަރާލާފައިވާކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާކަމަށްވެސް ކްރިމިނަލް ކޯޓުގެހުކުމުގައިވެ އެވެ. ބޭނުންވަނީ މަރަށް މަރު ކަމަށް ނަޖީބުގެ ވާރިސުން ބުނެފައި ވާއިރުމުއްރަތާއި ހަނާ ވަނީ އެމީހުންގެ މައްޗައް އިއްވާފައިވާ މަރުގެ ހުކުމް އިސްތިއުނާފުކުރުމަށް ދާދި ފަހުން ހުށަހަޅާފައެވެ.
ލާންސްކޯޕްރަލް އާދަމް ހަލީމް
ޕޮލިސް ލާންސްކޯޕްރަލް ކާށިދޫ ކެތި، އާދަމް ހަލީމް މަރާލާފައި ވަނީ ޖުލައި މަހުގެ 22 ވަނަ ދުވަހުގެ ރޭ 12:00 ކަންހާއިރުއެވެ. ހަށިގަނޑުގެ ހަތަރުތަނަކަށް ވަޅިހަރައި ޒަހަމްކޮށްލާފައި ވަނިކޮށް ކާށިދޫސިއްހީ މަރުކަޒުގައި ފަރުވާ ދެމުންދަނިކޮށް ހަލީމް މަރުވެފައި ވާއިރު އޭނާގެ މަރާ ގުޅިގެން ހައްޔަރުކޮށް ޝަރީއަތް ކުރިއަށް ގެންގޮސްފައި ވަނީ ކާށިދޫ ސުވާސާގޭ މުހައްމަދު ސަމާހުގެ މައްޗަށެވެ.
ދައުލަތުން ސަމާހުގެ މައްޗަށް ކުރި ދައުވާގައި ބުނަނީ ސަމާހު ގޭ ބަންދުކޮށްފައި ހުއްޓާ ގެއިން ނުކުމެފައި ވާތީ ހަލީމް އޭނާ ކާށިދޫ ޕޮލިސް ސްޓޭޝަނަށް ގެންދަން އުޅުމުން އެކަމާހިތް ހަމަ ނުޖެހި ހިންގިހަމަނުޖެހުމުގެ ތެރޭގައި ވަޅިއަކުން ހަލީމްގެ ވާތްފަރާތު ކޮނޑު ހުޅުކައިރިއަށް ހަމަލާދީފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ލިބުނު ޒަޚަމް ތަކަށް ބޭސް ފަރުވާކުރަމުން ދަނިކޮށް ހަމައެރޭ 12:10 ގައި ހަލީމް މަރުވެފައި ވާތީއޭނާގެ މައްޗަށް ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ ކުރާކަމަށެވެ.
ހަލީމް މަރުވި އިރު އޭނާގެ އަންބަކާއި ތިންމަހުގެ ދަރިއަކުހުރިއިރު ހަލީމްގެ ހަތަރު ވާރިސުންގެ ތެރެއިން ތިން ވާރިސަކު ކާށިދޫ މެޖިސްޓްރޭޓް ކޯޓަށްދިން ބަޔާނުގައި ސަމާހުގެ މައްޗަށް ކުށް ސާބިތު ވެއްޖެނަމަ ބޭނުން ވަނީ މަރަށް މަރުހިފުމަށް ކަމަށް ބުނެފައި ވެއެވެ. އާދަމް ހަލީމްގެ ހަތަރު ވަނަ ވާރިސަކީ އޭނާގެ ތުއްތުދަރިފުޅެވެ.
ޑރ. އަފްރާޝީމް އަލީ
ދީނީ އިލްމުވެރިޔާ އަދި އުގޫފާރު ދާއިރާގެ އިއްޒަތްތެރި މެންބަރު ޑރ. އަފްރާޝީމް އަލީ މަރާލީ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހުގެ ރޭދަންވަރުގެ ވަގުތެއްގައެވެ. ހ. ފުންވިލުގޭގެ ސިޑި ކައިރީގައި އަނިޔާވެރިގޮތަކަށް އަފްރާޝިމް މަރާލާފައި ވަނިކޮށް ފެނުމުން މުޅި ގައުމަށް ލިބުނީ ކުއްލި ޝޮކެކެވެ. ކޮންމެ މީހަކުވެސް އެ ޖަރީމާ ވަކިވަކިން ކުށްވެރިކުރައްވަމުން ގެންދިއަ އިރު އެމަރާމެދު ތަފާތު ގޮތްގޮތަށް ވާހަކަ ދެވެވެމުން ދިއައެވެ.
އަފްރާޝީމް މަރަކީ ދީނީ ބަޔަކު ކުރި ކަމެއް ކަމުގައި ބުނެ ވާހަކަތަކެއް ދެކެވުނު ނަމަވެސް އެފަދަ ބަޔަކާއި އެއްވެސް ގުޅުމެއް ނެތްކަން ފުލުހުންގެ ތަހުގީގް ތަކުން އިނގިގެން ދިއައެވެ. އަދި އެމަރަކީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ސިޔާސީ ބޭނުމެއްގައި ކުރިކަމެއް ކަމަން ހާމަވިއެވެ. މާލޭގެ ގޭންގު ގްރޫޕަކަށް ހަތަރު މިލިއަން ރުފިޔާ ހުށަހަޅައިގެން އަފްރާޝިމް މަރާލާފައިވާއިރު އެކަމަށް ފައިސާ ޚަރަދުކުރި ދެ މީހަކު ވެސްވަނީ ހައްޔަރު ކޮށްފައެވެ.
މިމަރުގެ ތަހްގީގު އަދިވެސް ކުރިއަށް ދާއިރު އަފްރާޝީމް މަރާލުމުގައި އަމަލީ ގޮތުން ބައިރިވި ކަމަށް ތުހުމަތު ކުރެވޭ ހ. ލޮބީ ހުސެއިން ހުމާމް އަހުމަދާއި ހ. ހިކޯސްޓް އަލީ ޝާންގެ އިތުރުން އަފްރާޝީމްގެ މަރާލި ވަގުތު އެގޭ ކައިރީ ފާރައަށް ހުރި 18 އަހަރުން ދަށުގެ ކުއްޖެއްގެ މައްޗަށް ދައުވާ ކުރުމަށް މިހާރު ވަނީ ޕީޖީ އޮފީހަށް ފޮނުވާފަ އެވެ.
ހައްތަހާވެސް ދިވެހި ދަރިންނެވެ. ދިވެހި ބައްޕައަކާ ދިވެހި މަންމައަކަށް އުފަން ދިވެހި ފަންނުވެރިން ތަކެކެވެ. ހިދުމަތްތެރި އަތްތަކަކެވެ. މިއިން ކޮންމެ މަރަކަށް ފަހު އަޅުގަނޑުމެންނަށް ހަމައެކަނި ކުރެވޭ ކަމަކީ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްލުމެވެ. ހަރުކަށި އިބާރާތަކުން ކުށްވެރި ކޮށްގެން މީހުން ނުމަރާނަމަ މި ރާއްޖެއަކު މީހުންނެއް ނުމަރާނެއެވެ. މަޤްތޫލުގެ ވާރިސުން އެދޭފަދައިން މަރަށް މަރު ހިފުމަށް މިހާތަނަށް ވެސް ކޯޓުތަކުން ހުކުމްތައް ކޮށްފައިވާއިރު އެކަން ތަންފީޒު ނުކުރެވެންވީ ކީއްވެ ހެއްޔެވެ؟ ރާއްޖޭގައި އޮންނަ ކަމަށް ވަނީ އިސްލާމީ ޝަރީއަތެކެވެ. ފެށުނީއްސުރެ ކަރަށް ބާރުލާފައި ގޮވަމުން މިދަނީ އަޅުގަނޑުމެންނީ ސައްތައިން ސައްތަ މުސްލިމް ގައުމެއްގެ ވެރި ބަޔަކީމެވެ. ޤިޞާސް ހިފުމުގައި ދިވެހިން ފަސްޖެހެންވީ ކޮން ސަބަބަކާ ހުރެ ހެއްޔެވެ؟ އަޅުގަނޑުގެ ހިތުން މިހާރު ތިބޭފުޅާގެ ހިތަށްވެސް އަރާނީ އަޅުގަނޑެކޭ އެއްފަދައިން "ޤިޞާސް ހިފުމުގައި ދިރުމެއް ވެއެވެ".
ކޮމެންޓް (0)
ލޯޑް ކުރަމުން...