ރިޕޯޓް "ކިތަންމެ ވަރުގަދަ ޤާނޫނެއް ފާސް ކުރިޔަސް އަހަރެމެންގެ ޕާޓީ އުވައެއް ނުލެވޭނެ، އިންޝާﷲ"

"ކިތަންމެ ވަރުގަދަ ޤާނޫނެއް ފާސް ކުރިޔަސް އަހަރެމެންގެ ޕާޓީ އުވައެއް ނުލެވޭނެ، އިންޝާﷲ"

"ކިތަންމެ ވަރުގަދަ ޤާނޫނެއް ފާސް ކުރިޔަސް އަހަރެމެންގެ ޕާޓީ އުވައެއް ނުލެވޭނެ، އިންޝާﷲ"

ކިޔާލަން ހޭދަވާނީ 4 މިނިޓް

ފޮންޓް ސައިޒް
ޢަދާލަތު ޕާޓީގެ އިސް ބައެއް ބޭފުޅުން | ދިއިސްލާމް ފޮޓޯ: އަޝްވާގު

ޢަދާލަތު ޕާޓީގެ އިސް ބައެއް ބޭފުޅުން | ދިއިސްލާމް ފޮޓޯ: އަޝްވާގު

ރައްޔިތުންގެ މަޖިލީހުން އެންމެ ފަހުން ފާސްކުރި ޤާނޫނު ތަކުގެ ތެރޭގައި ހިމެނޭ ސިޔާސީ ޕާޓީ ތަކުގެ ޤާނޫނުން އެންމެ ގިނަ ބަޔެއްގެ ލޮލުގައި އަޅައިގަތީ، ޕާޓީއެއްގައި އެންމެ މަދުން ތިބެން ޖެހޭ މެންބަރުންގެ ޢަދަދު ދިހަ ހާސް މެންބަރުން ކަމުގައި ކަނޑައެޅުމުން ނެވެ. މަޖިލީހުން މިގޮތަށް ފާސްކުރީ ކުދި ޕާޓީތައް ވުޖޫދުން ފޮހެލުމަށް ކަމަށް އެއްބަޔަކު ސިފަ ކުރާއިރު، މަޖިލީހުން މިގޮތަށް ފާސްކުރީ ވަކި ޕާޓީއެއް ނައްތާލުމަށް ކަމަށް އަނެއް ބަޔަކު ސިފަ ކުރެއެވެ. ބައެއް ފަރާތްތަކުން މަޖިލީހުގެ މި ނިންމުމަކީ ޑިމޮކްރަސީ އަށް ހުރަސް އެޅުމަށް ހިންގި ޖަރީމާ އެއް ކަމަށް ސިފަ ކުރާ އިރު، އަނެއް ބަޔަކު ދެކޭ ގޮތުން މި ކަމަކީ ތަފާތު ފިކުރުތައް ނައްތާލައި ޚިޔާލު ފާޅުކުރުމުގެ މިނިވަން ކަމަށް ހުރަސް އެޅޭ ގޮތަށް މަޖިލީހުން ނިންމި ނިންމުމެކެވެ.

މަޖިލީހުން ފާސްކުރި ސިޔާސީ ޕާޓީ ތަކާ ބެހޭ ޤާނޫނުގައި ޕާޓީއެއްގައި މަދުވެގެން ތިބެން ޖެހޭ ޢަދަދު ކަނޑައެޅުމާއި ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވީ ނަމަވެސް ބަޔަކު ޤަބޫލު ކުރިޔަސް ނުކުރިޔަސް މި ދިވެހި ޤައުމަކުން މާ ގިނަ ޕާޓީ ތަކަކަށް ދިވެހި ރައްޔިތުން ދުވަހަކު ވެސް ފުރުޞަތު ނުދޭނެ ކަމީ ދުވާލުގެ އިރު ފެންނަ ފަދައިން ކަށަވަރުވާ ކަމެކެވެ. އެހެނީ މި ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީ އާއި ދެކޮޅު ހަދައި މިހާތަނަށް ފާޅުގައި ނުކުތް މަދު ބަޔަކު އަމިއްލަ އަށް ފަލީޙަތްވެ ބަރަހަނާ ކަންމަތީ ޤައުމު ދޫކޮށް ދާންޖެހިފައި ވުމަކީ މީގެ އެންމެ އަލިގަދަ ދަލީލެވެ. އޭގެ އަލީގައި ހަމަ ދެންނެވެން އޮތީ ދިވެހި ރައްޔިތުންނަކީ މި ޤައުމުގައި އެންމެ ޕާޓީއެއް ފިޔަވާ އިތުރު ޕާޓީ އަކަށް ޖާގަ ދޭނެ ބަޔެއް ނޫން ކަމެވެ. ބަޔަކު މިކަމާ ކިތަންމެ ކަންބޮޑު ވިޔަސް އަދި ނުވިޔަސް މިކަން ތާ އަބަދަށްވެސް މި ޤައުމުގައި ދެމި އޮންނާނީ މި ގޮތުގައެވެ. ޙަޖަމު ނުވާ ބަޔަކު ތިބި ނަމަ އެ ބަޔަކު ޖެހޭނީ ޙަޖަމުގެ ނިޒާމަށް ފަރުވާ ކުރުމަށް ކޮންމެވެސް އެހެން ޤައުމެއް އިޚްތިޔާރު ކުރާށެވެ.

އަހަރެމެންގެ ޕާޓީ އަކީ ބަޔަކު ޤަބޫލު ކުރިޔަސް ނުކުރިޔަސް މި ޤައުމުގައި މިއަދު އޮތް އެންމެ ބޮޑު ޕާޓީ އެވެ. މިކަން ހަޖަމު ނުވާ ޕާޓީ ތަކުން ކިތަންމެ ޝަކުވާ އެއް ކުރި ނަމަވެސް ފަރުވާލެއް ނެތެވެ. އެކަމާ ކަން ބޮޑެއްވެސް ނުވާ ނަމެވެ. އަހަރެމެންގެ ޕާޓީ އަކީ މިއަދު މި ޤައުމުގައި އޮތް އެންމެ ވަރުގަދަ ޕާޓީ އަށް ހަދައި ދިނީވެސް ހަމަ ލޮބުވެތި ދިވެހި މި ދީބުގެ ރައްޔިތުންނެވެ. އެހެން ކަމުން އަހަރެމެންގެ ޕާޓީ ބައިބައި ކޮށެއްވެސް ނުލެވޭނެ އެވެ. އަދި ކިތަންމެ ވަރުގަދަ ޤާނޫނެއް ފާސް ކުރި ނަމަވެސް ޤާނޫނު އަސާސީއަށް އިސްލާޙު ނުގެނެސް އަހަރެމެންގެ ޕާޓީ މި ޤައުމުގައި އުވައެއް ވެސް ނުލެވޭނެ އެވެ. އަހަރެމެންގެ ޕާޓީ އުވާލުމުގެ ނިޔަތުގައި ޤާނޫނު އަސާސީގައި ބަޔަކު އަތްލާ ދުވަހަކީ އެ ބަޔެއްގެ އަމިއްލަ އަތުން އެބަޔެއްގެ އަމިއްލަ ނަފްސުގައި ހުޅުޖަހާ ދުވަހެވެ. އެހެން ކަމުން މި ޤައުމުން އަހަރެމެންގެ ޕާޓީ އުވާލަން ނުވަތަ ވުޖޫދުން ފޮހެލަން ހިތު އެޅި މީހަކީވެސް އެމީހެއްގެ އަމިއްލަ ނަފްސުގެ ވެސް ދުޝްމަނެކެވެ.

އެހެން ނަމަވެސް މިއަދު އަހަރެމެންގެ ޕާޓީ އިތުރަށް ވަރުގަދަ ކުރަން މިވަނީ ޖެހިފަ އެވެ. އެއީ އަހަރެމެންގެ މި ބިޔަ ވަރުގަދަ ޕާޓީ ބައިބައި ކޮށް ރޫޅާލުމަށް ބަޔަކު ކުރަމުން ގެންދާ ވިޔާނުދާ މަސައްކަތުގެ ބައިވެރިންނަށް އަހަރެމެންގެ ޕާޓީގެ ތެރޭގައި ތިބި މަދު ޚާއިނުން ތަކެއް ޖެހިފައި ވުމެވެ. ކުރިން ތިބީ ފާޅުގައި އަހަރެމެންގެ ޕާޓީ ފުނޑާލުމަށް މަސައްކަތް ކުރާ ދުޝްމަނުންނެވެ. އެމީހުންނާ އަހަރެމެން ކުރިމަތިލީ ހިތްވަރާ ޖޯޝާއި އެކުގައެވެ. އަދި އެކަން ކާމިޔާބު ކޮށް އަހަރެމެންގެ ޕާޓީ އަކީ މުޅި ދުނިޔޭގައިވާ އެންމެ ބޮޑު ޕާޓީ އަށް ހެދީ މުޅި ދުނިޔެ ސިއްސުވާލުމަށް ފަހުގަ އެވެ. އެހެން ނަމަވެސް މިއަދު ވެސް މި ޕާޓީގެ ތެރޭގައި ވެސް ޚާއިނުން އެބަ އުޅެ އެވެ. މިކަމާ އިތުރަށް ސަމާލުވާން މިވަނީ ޖެހިފަ އެވެ.

މުޅި ދުނިޔެއަށް ބެލި ނަމަވެސް އަހަރެމެންގެ ޕާޓީގެ ބިޔަ ކަމާއި ވަރުގަދަ ކަމާއި ޑިމޮކްރަސީގެ ހަރުދަނާ ކަމުން އެކަމާ ހަޞަދަވެރިވާ އެތައް ބަޔަކު ސިއްރާއި ފާޅުގައި އުޅެމުން އެބަ ދެއެވެ. އަހަރެމެންގެ ޕާޓީ ބައިބައި ކޮށްލުމަށް އެތައް ބަޔަކު ރެޔާއި ދުވާލު ކެނޑި ނޭޅި ދަނީ މަސައްކަތް ކުރަމުން ނެވެ. މި މަސައްކަތުގެ ނަތީޖާ އެއްގެ ގޮތުން އަހަރެމެންގެ ތެރޭގައި ތިބި އީމާންތެރިކަން ބަލިކަށި މަދު ބަޔަކު ރިޝްވަތުގެ ހުތުރު ފައިސާއާއި އެނޫން ވެސް ކާރާއި ޕާކާއި، މުދަލާއި ވެރިކަމާއި އާރާއި ބާރާއި ޖާހުގެ ދަހިވެތި ކަމުގައި މިއަދު ޕާޓީ ބަދަލު ކުރަމުން ދިޔުމަކީ އަހަރެމެން ހައިރާން ވާނެ ކަމެއް ނޫނެވެ. އެމީހުންނަކީ މި ޤައުމުގެ ޚާއިނުން ނެވެ. ތާ އަބަދަށް އިތުބާރު ގެއްލި ރައްޔިތުންގެ ކުރިމަތީގައި ފަލީޙަތްވެ ބޭޒާރު ވެފައިވާ ޤައުމުގެ ދުޝްމަނުން ނެވެ.

މިއަދު އަހަރެމެން އެންމެން ވެސް އަހަރެމެންގެ ޕާޓީގައި ހެޔޮ ގޮތުގައި ހިފަހައްޓައިފި ނަމަ މި ޕާޓީ އާއި ވާދަ ކުރެވޭނެ އިތުރު ޕާޓީއެއް ދުނިޔޭގެ ހަތަރު ބިތުގެ އެތެރެއިން ވުޖޫދަށް ނާންނާނެ ކަން ކަށަވަރު ވެއެވެ. އަހަރެމެން އެންމެން ނަކީ މި ޕާޓީގެ މެންބަރުން ނެވެ. މި ޕާޓީ ދެކެ އިންތިހާ އަށް ލޯބިވާ ބައެކެވެ. މި ޕާޓީގެ ހުރިހާ ގުނަވަނަކުން ނިންމާ ނިންމުން ތަކަށް ފުރިހަމަ އަށް ބޯލަނބާނެ ބަޔެކެވެ. އަހަރެމެންގެ ޕާޓީ އަށް މިހާރު ހަމައެކަނި ބޭނުން ވަނީ މީގެ ކުރިން މި ޕާޓީގެ ވެރިކަމުން ފެނުނު ފަދަ ހިތްވަރާއި ފަންވަރު ހުރި އަބްޠާލުން ތަކެކެވެ. އަބޫބަކުރުއް ޞިއްދީޤާއި ޢުމަރު ބުނުލް ޚައްޠާބާއި، ޢުޘްމާން ބިން ޢައްފާނާއި ޢަލީބިން އަބީ ޠާލިބު ފަދަ ހިތްވަރު ގަދަ ކެރޭ އަހަރެމެންގެ ޤާނޫނު އަސާސީ ތަންފީޒު ކުރުމުގައި ފަސް ނުޖެހޭނެ ލީޑަރުން ނެވެ. އޭރުން އަހަރެމެންގެ ޕާޓީ އަކީ އެންމެ ބޮޑު އެންމެ ވަރުގަދަ ޕާޓީ އެވެ. މި ޕާޓީ އާއި ވާދަ ކުރެވޭނެ އިތުރު ޕާޓީއެއް ވުޖޫދަކަށް ނާންނާނެ އެވެ. ކިތަންމެ ވަރުގަދަ ޤާނޫނެއް ފާސްކުރި ނަމަވެސް މި ޕާޓީ ވުޖޫދުން ފޮހެ އެއްވެސް ނުލެވޭނެ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.