ދީނީ ލިޔުންދީން

ކުރިސްމަސް ފަދަ ކާފަރުންގެ ޢީދުތައް މުސްލިމުން ފާހަގަކުރުމުގެ ޙުކުމް.

عَنْ أَبِي سَعِيدٍ الْخُدْرِيِّ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏"‏ لَتَتْبَعُنَّ سَنَنَ مَنْ كَانَ قَبْلَكُمْ شِبْرًا شِبْرًا وَذِرَاعًا بِذِرَاعٍ، حَتَّى لَوْ دَخَلُوا جُحْرَ ضَبٍّ تَبِعْتُمُوهُمْ ‏"‏‏.‏ قُلْنَا يَا رَسُولَ اللَّهِ الْيَهُودُ وَالنَّصَارَى قَالَ ‏"‏ فَمَنْ ‏"‏‏.‏
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. : ތިޔަބައިމީހުންގެ ކުރީގެ މީހުންގެ ގޮތްތަކަށް ތިޔަބައިމީހުން ކާވަތުން ކާވަތުން ތަބާވާނެއެވެ. އެޔަށްފަހު މުށްމުށުން ތަބާވާނެއެވެ. އެއީ އެބައިމީހުން ސަޙަރާގެ އުޅޭ ބޮނޑެއްކަމަށްވާ ޟައްބުގެ ޙަރަށް ވަންކަމުގައިވިޔަސް އެމީޙުންގެ ފަހަތުން ގޮސްވަންނާނެއެވެ. ދެން ތިމަންބޭކަލުން(ޞަޙާބީ ބޭކަލުން) ދެންނެވީމެވެ. އޭ ރަސޫލުﷲއެވެ. އެއީ ޔަހޫދީންނާއި ނަޞާރާއިންހެއްޔެވެ؟ ނަބިއްޔާ ޙަދީޘްކުރެއްވިއެވެ. "ދެން ކޮންބައެއްހެއްޔެވެ؟"
ރިވާކުރެއްވީ ބުޚާރީ. އަދި މުސްލިމް.
ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމަގެ މިނަބަވީ އިރުޝާދުފުޅުތަކުން އެނގޭގޮތުގައި މިއުއްމަތުގެ ބަޔަކު ޔަހޫދީންނާއި ނަޞާރާއިންނަށް ތަބާވާނެއެވެ. އެއީ ޟައްބު ( ސަހަރާގައި އުޅޭ ބޮނޑެއް) އޭގެ ހޮރަށް ވަންނަ ފަދައިން، ނަޞާރާއިންނާއި ޔަހޫދީން ކަމެއްކޮށްފިނަމަ ފަހަތުން މުސްލިމުންނަށް ނިސްބަތްވާ ބަޔަކުވެސް ކުރާނެކަން އެބަ އެނގެއެވެ. މިއީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަޅުގަނޑުމެންގެ މައްޗަށް ނަހީކުރައްވާފައިވާ ކަމެކެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާގެ ވަޙީބަސްފުޅުގައިވެއެވެ.
{وَالَّذِينَ لاَ يَشْهَدُونَ الزُّورَ وَإِذَا مَرُّوا بِاللَّغْوِ مَرُّوا كِرَاماً} (الفرقان: 72)
މާނައިގެ ތަރުޖަމާއީ: "އަދި އެބައިމީހުންނަކީ ދޮގުހެކިނުދޭ މީހުންނެވެ. އަދި ބޭކާރު ކަމަކާއި(ޝައިތާނީ ޢަމަލެއް ނުވަތަ ޝައިތާނީ ބަސްތަކެއް) ދިމާވެއްޖެނަމަ އަބުރުރައްކާކުރާމީހުންގެ ގޮތުގައި އެކަމެއް ދޫކޮށް ދާމީހުންނެވެ."
އަދި މިއާޔަތުގެ ތަފުސީރުގައި މުޖާހިދު އަދި އިކުރިމާއި އަދި ރަބީޢު ބިން އަނަސް ވިދާޅުވަނީ އެއީ މުޝްރިކުންގެ ޢީދުތައްކަމުގައެވެ. (ތަފުސީރު އިބުނު ޖަރީރު އަދި އެނޫން ތަފުސީރުތައް ބައްލަވާ)ފަހެ މިއީ ވަރަށް ނުރައްކާތެރިވެގެންވާ ކަމެކެވެ. ގިނަ މުސްލިމުންތައް މިއަދުވަނީ މިފަދަ މަޅިތަކުގައި ޖެހިފައެވެ. ކުރިސްމަސް ފާހަގަކުރުމާއި ލޯބިވެރިންގެ ދުވަސް ފާހަގަކުރުމާއި އަދިވެސް އެނޫން ބާޠިލު ޢީދުތައް ފާހަގަކުރުމުގަޔާއި އަދިވެސް ދުނިޔަވީ އެތައްކަމެއްގައި ރޯލު މޮޑެލުންނަކީ ނަޞާރާއިންނާއި ޔަހޫދީންނަށް ކަމުގައި ބަލަންވަނީ ފަށާފައެވެ. ފޭސްބުކު ޓުވިޓަރ ފަދަ ސޯސަލް ނެޓުވޯރކުތަކުން މިމަންޒަރު ފެންނަލެއް ގިނައެވެ. އެއްބަޔަކު އަނެއްބަޔަކަށް ތަހުނިޔާކިޔާ އަދި އެބައިމީހުންގެ ޢީދުގައި ބޭނުންކުރާ ޝިޢާރުތައް ހިމެނޭ ފޮޓޯތައް އަދި މަންޒަރުތައް ޝެއަރ ކުރަމުންދަނީ ވިސްނާލުމެއްނެތިއެވެ. އަދި ރިސޯޓުތަކުގައި މަސައްކަތްކުރާ ޒުވާނުންވެސް ކުރިމަސްފަދަ ދުވަސްތައް ފާހަގަކުރަނީ އެބައިމީހުންގެ ޢީދެއްފަދައިންނެވެ. ﷲއަށް ބިރުވެތިވާ މީހުން މިފަދަކަންކަމުން ދުރުވުން ހުއްޓެވެ.ކާފަރުންގެ ޢީދެއް ނުވަތަ އެނޫންވެސް ދުވަހެއް ފާހަގަކުރުމާއި ބެހޭގޮތުން
އިބުނު ތައިމިއްޔާ ރަޙިމަޙުﷲ ދެއްވާފައިވާ ފަތުވާ

އެކަލޭގެފާނުގެ ފޮތުގައި އިޤުތިޟާއުލް ސިރާތުލް މުސްތަގީމްގެ ފުރަތަމަ އަދަދުގެ ސަފުހާ 470 ގައި ލިޔުއްވާފައިވެއެވެ.
" (ކާފަރުންގެ) އީދުދުވަސްތަކާއި އަދި ބަންދު ދުވަސްތަކުގެ ވާހަކަ ދައްކާއިރު އެތައް ގޮތަކުން ބަލާ ވިސްނަން ޖެހެއެވެ. ފުރަތަމަ ޢީދުތަކާއި ބަންދު ދުވަސްތައް އަންނަނީ ފުޅާ ގޮތްތަކަކާއި އަދި ޤަވާއިދުތަކާއި އަދި ﷲ ސުބުޙާނަހޫ ވަތަޢާލާ ކީރިތިޤުރުއާނުގައި ބަޔާންކޮށްދެއްވާފައިވާ ފަދައިން ކޮންމެ ޤައުމަކަށް އެބަޔަކު ފާހަގަކުރާނެ ހާއްޞަ ކަންތައްތަކެއް ވެއެވެ. މިސާލަކަށް ޤިބުލައަށް ކުރިމަތިލުމާއި، ނަމާދު ކުރުމާއި އަދި ރޯދަހިފުމެވެ. އެބައިމީހުންގެ ބަންދު ދުވަސްތަކަށް އެއްބައިވުމަކީ އެބައިމީހުންގެ ކާފަރުކަމާއި އެއްބައިވުމެވެ. އަދި އެބައިމީހުންގެ ދީނުގެ ކުދިކަންކަމަށް އެއްބަސްވުމެވެ. (ނުވަތަ ރުހުން އޮތްކަން ހާމަކުރުމެވެ. ) އެއީ ކާފަރުކަމުގެ ވަކި މިންވަރަކަށް ތަބާވެވެނީއެވެ. ހަޤީޤަތުގައި އެބައިމީހުންގެ ޢީދުތަކާއި އަދި ބަންދު ދުވަސްތަކަކީ އެބައިމީހުން މުސްލިމުންނާއި އެންމެ ބޮޑަށް ފާހަގަކޮށްދޭ ދުވަސްތަކެވެ. ޙާއްޞަކޮށް އެބައިމީހުންގެ އީދުދުވަސްތަކެވެ. ( މިސާލަކަށް ވެލެންޓައިންސް ދުވަސް ކުރިމަސް ފަދަ ދުވަސްތަކެވެ) މިބަޔަށް އެއްބަސްވުމަކީ ކާފަރުކަމުގެ އެންމެބޮޑަށް ފަރަޤުކޮށްދޭ ކަންކަމަށް އިއުތިރާފުވުމެވެ. އެހެންކަމުން އެކަމަށް އެއްބަސްވެ ވަކިބަޔަކަށް އިއުތިރާފު ވުމަކީ ދީނުން ތިމާ ނަފީކުރަމުން ގެންދާނެ ކަންކަމެވެ. އެންމެ ފަހުން އޭނާ ދީނުން ބޭރުވެފައިވާ ހާލަށް މިފަދަ އަމަލުތައް ވައްޓާލައެވެ."

އެންމެ ކުޑަމިނުން ކާފަރުންގެ ޢީދުތަކުގައި ތަހުނިޔާ ފޮނުވުންވެސް ހުއްދައެއްނޫނެވެ.
އިމާމް އިބުނު ޤައްޔިމުގެ ފަތުވާ

މިކަމާއި ބެހޭގޮތުން އިބުނު ތައިމިއްޔާގެ އެންމެ މަޝްހޫރު އެއްދަރިވަރުކަމަށްވާ އިމާމު އިބުނު ޤައްޔިމު އެކަލޭގެފާނުގެ ފޮތްކަމުގައިވާ އަޙުކާމުލް ޛިއްމާ މިފޮތުގެ ފުރަތަމަ އަދަދުގެ 205 ވަނަ ސަފުހާގައި ބަޔާން ކުރައްވައެވެ.
"މުސްލިމުނޫން މީހުންގެ ޙާއްޞަ ހަފުލާތަކާއި ޢީދުގައި ތަހުނިޔާކިޔާ މަރުހަބާކިޔުން، މިސާލަކަށް އެމީހުންގެ ޢީދެއްގައި އެމީހުންނަށް "ބަރަކާތްތެރި އީދެއް ތިބާއަށް އެދެން " (މިޒަމާނުގެ ބަހުން ބުނާނަމަ ކޮންގުރާ ކިޔުން) ނުވަތަ އެނޫންވެސް އިބާރާތަކުން ތަހުނިޔާ ކިޔުމަކީ ޢިލްމުވެރިން އެއްބަސްވެފައިވާ ގޮތުގައި ޙަރާމްކަމެކެވެ. އެއިބާރާތް ގެންނަ މީހަކީ މުރުތައްދުވުން ނުން ޝިރުކުގެ އަމަލަކާއި ގާތްވެފައިނުވާ މީހެއްކަމުގައި ވިޔަސް އެކަން ވަނީ ޙަރާމްވެގެންނެވެ. އަދި އެބައިމީހުންގެ ޢީދުތަކާއި ނުވަތަ އެނޫންވެސް ހަފުލާތަކުގައި އެބައިމީހުންނަށް ތަހުނިޔާކިޔާ (މަރުޙަބާ ކިޔުމަކީ) އެބައިމީހުން ޞަލީބަށް ސަޖިދަ ކުރުމުން ތަހުނިޔާކިޔުން ކަހަލަ ކަމެކެވެ. މިއީ އެބައިމީހުން ރާ ބުއިމުންނާއި، ޒިނޭ ކުރުމުން ތަހުނިޔާ ކިޔުމަށްވުރެ މާ ބޮޑުވެގެންވާ ފާފައެކެވެ.

ދީންނުދަންނަ ނުވަތަ ދީންވެރިނޫން އެތައްބަޔަކު މިފަދަ ޢަމަލުތައް ކުރާ އިރު އެބައިމީހުންނަށް ކުރެވޭ ޢަމަލުގެ ނުބައިކަމާއި ޝައިތާނީކަން އެބައިމީހުންނަށް ހަޤީޤަތުގައި ނޭންގެއެވެ.
އެއްވެސް ފާފައެއް ކުރުމުން ނުވަތަ ޝިރުކުގެ ޢަމަލެއް ކުރުމުން އެ އަމަލަކަށް ތަހުނިޔާ ކިޔުމަކީ ﷲ ތަބާރަކަ ވަތަޢާލާގެ ނުރުއްސެވުމާއި އަދި ބޮޑުވެގެންވާ އަޒާބަށް ހުށައެޅިފައިވާ މީހެކެވެ. ޞަލަފުންގެ ބޭކަލުން މިފަދަ ފާފަކުރާ ނުވަތަ ޖާހިލު މީހުންތައް ބޮޑެތި މަޤާމުތައް ލިބުމުން އެބައިމީހުންނާއި ތަހުނިޔާ ކިޔުމުން ދުރުވެފައިވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ އަޒާބުން ސަލާމަތްވުމަށާއި އަދި އެއިލާހުގެ ރަޙުމަތުން ބޭރުނުވުމަށްޓަކައެވެ. އަދި ފާފައެއް ކުރާ މީހެއް މުންކަރާތަކުން ސަލާމަތް ކުރުމަށްޓަކައި އޭނާގެ ގާތަށްގޮސް ރީތިބަހުން ވާހަކަދެއްކުމަކުން އެކަމުގައި ގޯހެއްނެތެވެ. "
އަދިވެސް އިމާމް އިބުނު ޤައްޔިމު އެފޮތުގެ ދެވަނަ އަދަދުގެ 277 ވަނަ ޞަފުހާގައި ބަޔާން ކުރައްވައެވެ.

"އަދި މުސްލިމުންނަށް އެބައިމީހުންގެ ޢީދުތައް ފާހަގަކުރުމަށް އެހީތެރިވުމާއި އަދި އެބައިމީހުންގެ ޢިދުތައް ފާހަގަކުރަން ދިޔުމަށް އެހީތެރިވުންވެސް ހުއްދަވެގެން ނުވާ ކަމަށް އިލްމުގެ އަހުލުވެރިން އިއްތިފާޤުވެލައްވައެވެ. ހަތަރު މަޒްހަބުގެ އިމާމުންވަނީ މިކަމަށް އެއްބަސްވެލައްވާފައެވެ. އަބޫ ޤާސިމުއްތަބަރީ ލިޔުއްވައެވެ. " މުސްލިމަކަށް މުސްލިމުނޫން މީހުންގެ ޢީދުތަކަށް ދިޔުން ހުއްދަވެގެން ނުވެއެވެ. ސަބަބަކީ އެއީ ބާތިލުވެގެންވާ ގޮތެއް ކަމުގައިވާތީއެވެ. ރަނގަޅު ބަޔަކު ނުބައިބަޔަކާ އެއްވެއްޖެނަމަ ޝައިތާނާ ނުބައިމީހުންގެ ކޮޅަށް ރަނގަޅު މީހުންތައް ލަންބުވާލުމަށް މަގުފަހި ކުރެއެވެ. އަދި ޝައިތާނާގެ މަގަށް އެބައިމީހުންނަށް ރުހެވި އެމަގަށް ލޯބިކުރެވެއެވެ. މިކަމުގެ ސަބަބުން ﷲ ތަބާރަކަ ވަތަޢާލާގެ ނުރުއްސެވުން އެބަޔަކަށް ޙައްޤުވެއްޖެއެވެ."

އަދިވެސް އިބުނުލް ޤައްޔިމު ބަޔާން ކުރައްވައެވެ.
" އަލްބައިހަޤީ ސައްޙަ މަގުން ވާރިދާވެފައިވާ ރިވާޔަތެއްގައި މާތްﷲ ރުއްސުންލެއްވި އުމަރު ބިން ޚައްތާބު ވިދާޅުވިކަމަށް ރިވާ ކުރައްވައެވެ. " ބޭރުމީހުންގެ ބަސްތައް ދަސްނުކުރާށެވެ އަދި މުޝްރިކުންގެ ޢީދު ދުވަސްތަކުގައި އެބައިމީހުންގެ ފައްޅިތަކަށް ނުވަންނާށެވެ. ސަބަބަކީ އެބައިމީހުންގެ ޢީދު ދުވަސްތަކުގައި ﷲ ނުރުއްސެވުން އެބައިމީހުންނަށް ލައްވައެވެ. " އަދި ޞައްހަ ސަނަދުން އައިސްފައިވާ ރިވާޔަތެއްގައި ﷲ ރުއްސުންލެއްވި އަބްދުﷲ ބިން ޢުމަރު ރިވާކުރައްވައެވެ. " ބޭރުބައެއްގެ ( މުސްލިމުނޫން މީހުން) ގެ ތެރޭގައި ހުރެފައި އަދި އެބައިމީހުންގެ އާ އަހަރު ފާހަގަކުރުމަށްފަހު އަދި މަރުވަންދެން އެގޮތުގައި ދެމިހުރެއްޖެމީހާ، މަޙުޝަރު ކުރެއްވޭ ހުށީ އެބައިމީހުންނާއި އެކުގައެވެ. "

އަދިވެސް އިބުނު ޤައްޔިމު ބަޔާން ކުރައްވައެވެ.

" އިބުނުލް ޤާސިމް އެކަލޭގެފާނު ނަޞާރާއިންގެ ޢީދުތަކުގައި އެބައިމީހުންނަށް ހަދިޔާ ދިނުމަށް ނުރުއްސަވައެވެ. އެކަލޭގެފާނު ދެކިވަޑައިގަތީ އެއީ އެބައިމީހުންނަށް އެހީތެރިވެ އެބައިމީހުންގެ ކާފަރުކަމަށް އެހީތެރިވުން ކަމުގައެވެ. ނަޞާރާއިންގެ ޢީދުތައް ފާހަގަކުރުމަށްޓަކައި އެބައިމީހުންނަށް މަހާއި، ހެދުން ފަދަ ތަކެތި ވިއްކުންވެސް ހުއްދަވެގެން ނުވެއެވެ. އަދި އެބައިމީހުންނަށް ޖަނަވާރުފަދަ ތަކެތި ކުއްޔަށް ދިނުމާއި އަދި ޢީދު ފާހަގަކުރުމަށް އެއްވެސް މާނައެއްގައި އެހީތެރިވުން ހުއްދަވެގެން ނުވެއެވެ. ސަބަބަކީ އެއީ އެބައިމީހުންގެ ޝިރުކުތަކަށް އެއްބައިވެވި އަދި ކާފަރުކަމަށް އެހީތެރިވެވޭ ކަންކަމަށް ވާތީއެވެ. " އެޔަށްފަހު އަބޫ ހަނީފާ ވިދާޅުވިކަމަށް އެކަލޭގެފާނު ބަޔާން ކުރައްވައެވެ. " އެބައިމީހުންގެ އީދުތަކާއި އަދި ދީނީ ބަންދު ދުވަސްތަކުގައި ހަދިޔާއެއްގެ ގޮތުގައި ކަރައެއް، އެބަހީ އެބައިމީހުންގެ ޢީދުގައި ހަދިޔާއެއް ދީފިނަމަ އެ ކުރެވުނީ ޝިރުކުގެ އަމަލެކެވެ."

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *