ރިޕޯޓް

ހެއިޓީއަށް އައި ބިންހެލުމުން ދިވެހިން ޢިބްރަތް ލިބިގަންނަންޖެހޭނެ

ހެއިޓީއަށް އައި ބިންހެލުމަކީ މި ފާއިތުވީ 150 އަހަރު ދުވަހުގެ ތެރޭގައި ކެރިބިޔަން ސަރަހައްދަށް އައި އެންމެ ބާރުގަދަ ބިންހެލުމެވެ. ރެކްޓަރ މިންގަޑުން 7.0ގެ ބާރުމިނުގައި އައި މި ބިންހެލުން އެ ޤައުމަށް އައިސްފައިވަނީ އެތަނުގެ ގަޑިން ހަވީރު 5 ޖަހަނިކޮންނެވެ. މި ބިންހެލުމުގެ މުގޫ ވަނީ ވެރިރަށް ޕޯޓައުޕްރިންސް އާއި އެންމެ 10 މޭލު (15 ކިލޯމީޓަރު) ދުރުމިނުގަ އެވެ. ހެއިޓީގެ އާބާދީގައި ހިމެނޭ 10 މިލިޔަން މީހުންގެ ތެރެއިން ގާތްގަނޑަކަށް 2 މިލިޔަން މީހުން ދިރިއުޅެމުން ދަނީ ވެރިރަށުގަ އެވެ. މި ބިންހެލުމުގެ ބާރު އޭގެ 200 މޭލު ދުރުގައިވާ ކިޔުބާ އާއި ހަމައަށް ފޯރާފައި ވެއެވެ.

އިނގިރޭސި ވިލާތުގެ ޑޯހަމް ޔުނިވަރސިޓީގެ ޖިއޯފިޒިކްސް ޕްރޮފެސަރެއް ކަމުގައިވާ ރޮޖަރ ސާރލް ބުނާގޮތުގައި ބިމުގެ ތިލަ ހިސާބަކަށް މިވަރުގެ ގުޑުމެއް އައިސްފައިވުމުގެ ނަތީޖާއަކަށް ވާނީ ލިބޭ ގެއްލުންތައް ބޮޑުވުމެވެ. މި ބިންހެލުމުގެ ސަބަބުން ލިބިފައިވާ ގެއްލުންތައް އަދިވެސް ގުނާ ކޮޅުންނުލަ އެވެ. މީހެއްގެ ހިތަށްގެންނަން ވެސް ދަތި މިންވަރަކަށް ލިބިފައިވާ ގެއްލުންތައް ބޮޑެވެ. ވެރިރަށުގައި އެއްވެސް އިމާރާތެއް ކޮޅަކަށް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. ރިޔާސީ ގަނޑުވަރު ވަނީ ސުންނާފަތިވެފަ އެވެ. ސަރުކާރުގެ އެއްވެސް އިމާރާތެއް ސަލާމަތެއްނުވެ އެވެ. ކެބިނެޓްގެ ތިން މިނިސްޓަރުން ވަނީ މަރުވެފަ އެވެ. ސްކޫލްތަކާއި ހޮސްޕިޓަލްތައް ވަނީ ބިމާހަމަވެފަ އެވެ. ވެއްޓިފައިވާ ސްކޫލްތަކުގެ ދަށުން އެތަކެއް ސަތޭކަ ކިޔަވާކުދީންގެ ހަށިތައް ފެނިފައި ވެއެވެ. ތިން މިލިޔަން މީހުން ހާލުގައިޖެހިފައި ވާކަމަށް ބުނަމުންއެބަދެ އެވެ. މިހާތަނަށް 50,000 (ފަންސާސްހާސް) މީހުން މަރުވެފައިވާކަމަށް ޔަޤީންކުރެވިފައި ވެއެވެ. ނަމަވެސް ދެލައްކަ މީހުން މަރުވެފައި ވާނެ ކަމުގައި ބެލެވެ އެވެ. ފަހަރެއްގައި 2004ވަނަ އަހަރު އިންޑިޔާ ކަނޑަށް އައި ސުނާމީގައި މަރުވެދިޔަ މީހުންނަށްވުރެ ގިނައިން މީހުން މަރުވެފައި ވެދާނެ ކަމުގައި ބުނަމުން ވެސް އެބަދެއެވެ. އެ ޤައުމުގައި ހުންނަ އ.ދ.ގެ އެންމެ ބޮޑު އިމާރާތް ވެސް ވަނީ ވެއްޓިފަ އެވެ. އެ ޤައުމުގައި އޮންނަ އ.ދ.ގެ ސުލްހަބަލަހައްޓާ ލަޝްކަރުގެ 16 ސިފައިން މަރުވެފައިވާއިރު 150 މީހުންނަށް ވީގޮތެއް ނޭނގި ވަނީ ގެއްލިފަ އެވެ. ވެއްޓިފައިވާ އ.ދ.ގެ އިމާރާތުގެ ދަށުން ސަލާމަތްކުރެވުނު ކަމުގައި ވަނީ އެންމެ 10 މީހުންނެވެ.

މަރުވި މީހުންގެ ތެރޭގައި ހެއިޓީގެ ޕޯޓައުޕްރިންސްގައި ހުންނަ ރޯމަންކެތަލިކް މަޛުހަބްގެ އެންމެ ބޮޑު ފާދިރީ ކަލޭގެ ހިމެނެ އެވެ. ވެޓިކަންގެ ރަސްމީ ނޫހެއް ބުނާގޮތުގައި ޖޯސެފް ސާޖް މައޮޓް އާއި އެކު އިތުރު 100 ފާދިރީން ވަނީ ދިރިތިއްބާ ވަޅުލެވިފަ އެވެ. އެބައިމީހުން ހެއިޓީއަށް ގޮސްތިބީ ނަޞްރާނީ ދީނުގެ ކޮންފަރެންސެއްގައި ބައިވެރިވުމަށްކަމުގައި ބުނެ އެވެ. ބޮޑަތި ފައްޅިތައް ވެސް ވަނީ ބިމާހަމަވެފަ އެވެ. ޖަލުތައް ފުނޑުފުނޑު ވުމުގެ ސަބަބުން 4000 ކުއްވެރިން ވަނީ ފިލާފަ އެވެ. މުޅި ގައުމުން ކަރަންޓާއި ފޯނުގެ ޚިދުމަތްވަނީ ކަނޑައިގެން ގޮސްފަ އެވެ. ކާބޯތަކެއްޗެއް ބޯފެނެއް ނެތެވެ. ޤައުމުގެ ޖަންގަލިތަކުގެ 70 އިންސައްތަ ވަނީ ހަލާކުވެފަ އެވެ. މަރުވެފައިވާ މީހުންތައް މަގުތަކުގެ ދެފަރާތުގަ އާއި އިމާރާތްތަކުގެ ތެރޭގައި ކުނިވަމުންދަނީ އެވެ. ކޮންމެ ދުވަހަކުހެން ލޮރީތައް ފުރެންދެން އިންސާނުންގެ ހަށިތައް ވަޅުލުމަށްޓަކައި ސަހަރާއަށް ގެނެވެމުންދެ އެވެ. ނަމަވެސް ހަށިތައް ވަޅުލެވޭނެފަދައެއް ނެތިގެން ފުނިފުނިޏަށް ޖަހާފައި އަންދަމުންދަނީ އެވެ. މުޅި ޤައުމުގައި ބަލިމަޑުކަމެއް ފެތުރިދާނެކަމުގެ ބިރު އެބަ އޮތެވެ. ފަރުވާއެއް ނުލިބިގެން ކުޑަކުދީންތައް ރޯތަން ފެނިފައި މީހަކު ހިތް ފަޅައިގެންދާވަރު ވެއެވެ. ލަފާކުރެވޭގޮތުން މި ކާރިޘާގައި އެއް މިލިޔަން ކުޑަކުދީން ޔަތީމުވެފައި ވާނެ އެވެ. އެހީ ފޯރުކޮށްދިނުމަށްޓަކައި ދުނިޔޭގެ އެތަންމިތަނުން ހެއިޓީއަށް ޓީމްތައް، ތަކެއްޗާއެކު އަންނަމުންދާއިރު އަދިވެސް އެހީގެ ތަކެތި ފޯރުކޮށްދިނުމަށް ވަނީ އެތަކެއް ހުރަސްތައް ކުރިމަތިވެފަ އެވެ. މަގުތައް ހަލާކުވެފައިވުމުގެ ސަބަބުން ދުރު ހިސާބުތަކަށް ވާސިލުވެވޭނެ ގޮތް ވަނީ ބަންދުވެފަ އެވެ.

ދުނިޔޭގެ ފޯރާ ޤައުމުތަކުން ހެއިޓީ އަލުން ކޮޅަށްޖެހުމަށް ބޭނުންވާ އެންމެހައި އެހީއެއް ދޭނެ ކަމުގައި ބުނަމުންދާކަން އެއީ ރަނގަޅު ޚަބަރެކެވެ. ނަމަވެސް ބުނާގޮތަށް އެ ޤައުމުތަކުން އަމަލުކުރާނެތޯ މިއީ ސުވާލެކެވެ. ދޭނެކަމަށް ބުނާ އެތަކެއް ސަތޭކަ މިލިޔަން ޑޮލަރުގެ ތެރެއިން ލިބޭނީ ކިހާވަރެއްކަމެއް ނޭނގެ އެވެ. މިވަގުތު ހެއިޓީގެ ރައްޔިތުންނަށް އެންމެ ބޭނުންވާނީ ކާބޯތަކެއްޗާއި ބޭސްފަރުވާ އެވެ. ދެން މަގުމަތީގައި މިހާރު ނިދަންޖެހިފައިފާ މީހުންނަށް ފޭލިގެ ފަދަ ތަކެއްޗާއި އަންނައުނެވެ. މިހާއަވަހަށް އެ ޤައުމު އަލުން ބިނާކޮށްދޭނެ ވާހަކަދައްކައި ފޮނިބައިސާ ކެނޑުމަކީ ހުޅަނގުގެ ޤައުމުތަކުން އަބަދުވެސް ގެންގުޅޭ އުކުޅެކެވެ. މިހާރު އަބަދުވެސް މި އިވެނީ، މިވެނި ޤައުމަކުން މިތައް މިލިޔަން ޑޮލަރު، އެވެނި ޤައުމަކުން އެވެނި ވަރަށް ޑޮލަރު ދޭނެކަމަށް ގޮވާ ގޮވެލިފައްޗެވެ. އެހެނީ ބަޔަކު ހާލުގައިޖެހުމުން އަޅާނުލާކަމުގައި ވާނަމަ ދުނިޔޭގެ މަލާމާތް ލިބޭނެތީ އަމަލަށްވުރެ ބޮޑަށް އަނގަފުޅާކުރުމަކީ އަބަދުވެސް ކޮށްއުޅޭ ކަމަކަށް ވަނީ ވެފަ އެވެ. މިކަހަލަ އެތައް މިސާލުތައް ސުނާމީ އާއި ގުޅިގެން ވަނީ ފެނިގެން ގޮސްފަ އެވެ. އެމެރިކާގެ ރައީސް ބަރަކް އޮބާމާ ބުނާގޮތުން އެމެރިކާގެ ތާރީޚްގައި ވެސް މިހާތަނަށް ބަޔަކަށް ފޯރުކޮށްދޭ އެންމެ ބޮޑު އެހީ މިވަނީ ހެއިޓީ އާއި ދިމާއަށް މިސްރާބުޖަހާފަ އެވެ.

ހެއިޓީއަށް ބިންހެލުން މި އައީ އެ ޤައުމަށް މީގެ އަހަރެއް ކުރިން ވެސް ބޮޑު ތޫފާނެއް އައިސް އެތަކެއް ބަޔަކު މަރުވެ، އަނެއް ބަޔަކު ހާލުގައިޖެހިފައި އޮތް އޮތުމުން މުޅިން މިންޖުނުވެ އުޅެނިކޮންނެވެ. މިހެންކަމުން ބިންހެލުމުގެ ކުރިން އައި ތޫފާން އެއީ 'އިންޒާރެއް' ކަމުގައި ބުނާ ބަޔަކު އެބަ ތިއްބެވެ. ހެއިޓީގެ ރައްޔިތުން އުޅެމުން އައި ގޮތްތަކާއި އެއްގޮތް ކިތަންމެ ކަންތައްތަކެއް މިއަދު ދިވެހިރާއްޖެއިން ފެންނަން އެބަހުއްޓެވެ. ފުރަތަމައިނުން ވެރިކަމާހުރެ އެއްބަޔަކު އަނެއްބަޔާކާ ކޯޅި އެކަމާއިގެން މަރުދަންޖެހުމެވެ. ދެވަނައަށް ޤައުމުގައި ބޮޑަތި މުންކަރާތްތައް އާންމުވެފައި ވުމެވެ. މީގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކުރުމާއި، މީހުންމެރުމާއި، ޒިނޭކުރުމާއި، މަގުފޭރުމާއި، ހަށިވިއްކުން ނުވަތަ ކަސްބީ ވިޔަފާރިކުރުމާއި، އެއްޖިންސުން  ޖިންސީގުޅުންހިންގުމާއި، ކުޑަކުދީންނަށް ޖިންސީގޯނާކުރުމާއި، ކަލަކުވޮޑިގެން ނުވާކަމަށް ފާޅުގައި ބުނާ ނުވަތަ އެ ގޮތަށް އިޢުތިޤާދުކުރާ މީހުން ގިނަވުމާއި މިފަދަ އެތައްކަމެކެވެ.

ހެއިޓީއަށް ބިންހެލުން އައިސްގެން ދުނިޔޭގެ ޓީވީޗެނަލްތަކުން އެމަންޒަރުތައް ދައްކަމުންދާއިރު އެ ޤައުމުގެ އަންހެނުން ހެދުންއަޅާފައި ތިބޭގޮތާމެދު އެންމެފަހަރަކު ނަމަވެސް ވިސްނާލައިފިނަމަ ބޮޑު އެއްޗެއް އެނގިގެންދާނެ އެވެ. ކުރީޒަމާނުގައި ޔަހޫދީންނާއި ނަޞާރާއިން ވެސް ފޭރާންލައި އުޅުނީ ހަށިގަނޑުގެ ލަދުވެތި ގުނަވަންތައް ނިވާވާނެގޮތް ބަލައިގެންނެވެ. ނަމަވެސް މިހާރު އެބައިމީހުންގެ ބަހަކީ ދީން އޮންނަންވާނީ ފައްޅީގެ ހަތަރުފާރުން އެތެރޭގައޭ ތިމަންމެން އުޅޭ ގޮތަކާއި ދީނަކާ ނުބެހެވޭނެ އެވެ. މިއަދު މުސްލިމުން ކަމުގައި ދައުވާކުރާ އެތައް ބަޔެއްގެ ބަހަކީ ވެސް ހަމަ މިއެވެ. ދީން އޮންނަންވާނީ މިސްކިތުގެ ހަތަރުފާރުން އެތެރޭގަ އެވެ. ދީނުގެ ނަމުގައި ވާހަކަދައްކާ ބަޔަކު އަހުރެމެން އުޅޭ ގޮތާއި ބެހިގެން ނުވާނެ އެވެ.

ޕްލޭޓް ޓެކްޓޯނިކްސް ޢިލްމުގެ އަހުލުވެރިން ބުނާގޮތުން ހެއިޓީއަށް ބިންހެލުން މިއައީ ކެރިބިއަން ޕްލޭޓް ގޮސް ނޯތް އެމެރިކަން ޕްލޭޓްގައި ޖެހި މިގޮތުން ހިނގި ފުށުއެރުމެއްގެ ސަބަބުންނެވެ. ހެއިޓީ އޮންނަނީ މި ދެ ޕްލޭޓް ބައްދަލުވާ ހިސާބުގައި ކަމަށް ވީތީ ބިންހެލުމުގެ އަސަރު އެންމެބޮޑަށް އެ ޤައުމަށްކުރީ އެވެ. ހަމަ އެގޮތަށް ދިވެހިރާއްޖެ މި އޮންނަނީ އިންޑިޔަން ޕްލޭޓާއި އެފްރިކަން ޕްލޭޓް ބައްދަލުވާ ހިސާބުގަ އެވެ. ހޯދުންތައް ދައްކާގޮތުން މިތަނުން ބޮޑީ އެފްރިކަން ޕްލޭޓެވެ. އެފްރިކަން ޕްލޭޓް ޖެހި ފުށުއެރުން ބޮޑަށް ގާތީ އިންޑިޔަން ޕްލޭޓާ އެވެ. މިގޮތުން ގޮސް ޖެހޭނަމަ އެ ޖެހޭ ބާރުމިނުގެ އަސަރު އެންމެ ބޮޑަށްކުރާނީ ދިވެހިރާއްޖެއަށެވެ. މިހެންކަމުން މި ދެ ޕްލޭޓް ފުށުއެރިޔަނުދީ ހިފަހައްޓަވާ ޤާދިރުވަންތަ ﷲ އަޅަމެން އަބަދުވެސް ހިމާޔަތުގައި ލައްވާށި އެވެ. އެއްވެސް ކަމެއް ހިނގުމަށް އެކަލާނގެ އަމުރުފުޅު އަތުވެއްޖެނަމަ އެކަމަކަށް ހުރަސްއެޅޭނެ ފަރާތެއް ނެތެވެ.

 

ލިޔުނީ އިބްރާހީމް ނާޒިމް

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ރިޕޯޓް