މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ކާނަލް (ރިޓަޔަރޑް) މުޙައްމަދު ނާޒިމް ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް މިއަދު ފުރާވަޑައިގަންނަވައިފިއެވެ.
މިކަމާ ގުޅިގެން އެމްއެންޑީއެފްއިން ހާމަކޮށްފައިވާ ގޮތުގައި ޑިފެންސް މިނިސްޓަރ ޗައިނާއަށް ކުރައްވާ މިދަތުރުފުޅަކީ ޗައިނާގެ މިނިސްޓަރ އޮފް ނޭޝަނަލް ޑިފެންސްގެ ދަޢުވަތަކަށް މިމަހުގެ 10 އިން 15 އަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް ކަމަށާއި މިދަތުރުފުޅުގައި ޗައިނާގެ މިނިސްޓަރ އޮފް ނެޝަނަލް ޑިފެންސް އަދި ސްޓޭޓް ކައުންސެލަރ ޖެނަރަލް ލިއޭންގ ގުއަންގްލީ އާއެކު ރަސްމީ ވާހަކަފުޅު ބާއްވާގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.
މީގެ އިތުރުން ޑިފެންސް މިނިސްޓަރގެ މި ދަތުރުފުޅުގައި ތަޢުލީމާއި އުނގެނުމުގެ އިތުރު ފުރުޞަތުތައް ޗައިނާ އިން ހޯއްދެވުމަށް މަސައްކަތްޕުޅު ކުރެއްވުމުގެގޮތުން ޗައިނާގެ ނެޝަނަލް ޑިފެންސް ޔުނިވަރސިޓީ، މިލިޓަރީ މެޑިކަލް ޔުނިވަރސިޓީ އަދި ޝަންގހާއީ އިންސްޓިޓިޔުޓް ފޮރ އިންޓަރނޭޝަނަލް ސްޓަޑީޒް އާއިއެކު ބައްދަލުވުންތައް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފްއިން މައުލޫމާތުދެ އެވެ.
އަދި ހަމަ މިއާއެކު ޗައިނާއަށް މިނިސްޓަރ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިޔުރިޓީ ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމް މިކުރައްވާ ދަތުރުފުޅުގެ ސަބަބުން ޗައިނާ އާއި ދިވެހިރާއްޖެއާއި ދެމެދު އޮންނަ ދިފާޢީ އަދި އަސްކަރީ ގުޅުން އިތުރަށް ބަދަހިވެ، ދިވެހިރާއްޖޭގެ އަސްކަރިއްޔާ ތަރައްޤީ ކުރުމުގައި ޗައިނާ ސަރުކާރުގެ އެހީތެރިކަން އެކި ދާއިރާތަކުން ލިބުމުގެ ފުރުޞަތު ތަނަވަސްވެގެންދާނެ ކަމަށް އެމްއެންޑީއެފްއިން ހާމަކުރެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...