ދިވެހިރާއްޖޭގައި އޮންލައިންކޮށް ނެރެމުންގެންދާ ”މިނިވަން ނިއުސް“ ގައި މީހަކު ކޮށްފައިވާ ކޮމެންޓެއްގައި ”މާތް ﷲ“ ގެ ނަމުގައި ލިޔެފައިވާތީ އަދި އެ ކޮމެންޓް އެޕްރޫވްކޮށް ޝާއިޢު ކޮށްފައިވާތީ އެކަމާ ދެކޮޅަށް އަދާލަތު ޕާޓީން ނޫސް ބަޔާނެއް ނެރެފިއެވެ.
މި ނޫސް ބަޔާނުގައި ބުނެފައިވަނީ މިއީ ވަރަށް ބޮޑު ގޯހެއް ކަމަށާއި ”ﷲ“ މި ލަފްޡަކީ ހަމައެކަނި މުސްލިމުން އަޅުކަންކުރާ ފަރާތް ކަމުގައިވާ، އަދި މުސްލިމުން ކަންކަމުގައި ވާތްގައެއް އެދި ދަންނަވާ، އެފަރާތަކަށް ހިތްތައް މަޑުމޮޅިވާ، އެފަރާތެއްގެ ޛިކްރު ކުރެވުމުން މީސްތަކުންގެ ހިތްތަކަށް ހަމަޖެހުން ލިއްބުވައިދޭ، ޚާލިޤްވަންތަ ﷲ އަށް ނިސްބަތްކޮށް ކިޔޭނެ ނަމެއް ކަމަށެވެ. އަދި އެއްވެސް އިންސާނަކަށް ތިމަންނާ އަކީ “މާތް ﷲ” އޭ ބުނެ ނުހެދޭނެ ކަމަށާއި އޭގެ ބަދަލުގައި ބުނަން ޖެހޭނީ ތިމަންނާ އަކީ ”ޢަބްދުﷲ“ ނުވަތަ ”ﷲ ގެ އަޅެކޭ“ މިފަދައިން ކަމަށްވެސް މިބަޔާނުގައި ހާމަކުރެއެވެ.
”ކޮމެންޓް ލިޔުނު ފަރާތުގެ މަގްޞަދަކީ އޭނާ އަކީ ﷲ ގެ ޚަލީފާ އެއް ކަމުގައި ޞިފަކުރުން ކަމަށްވަނީނަމަ، އެއީވެސް ބޮޑު ގޯހެކެވެ. ސަބަބަކީ ހުރިހާ ތަކެއްޗެއް އުފެއްދެވީ ﷲ އެވެ. އަދި އެހުރިހާ ތަކެތީގެ މިލްކުވެރި ފަރާތަކީވެސް އެއީ އެވެ. އެކަލާންގެ ޚިލްޤަތާއި މިލްކިއްޔާތުން އެއްވެސް ކަމެއް ބޭރެއް ނުވެއެވެ. ވީމާ، ބިމުގައި އެކަލާންގެ ޚަލީފާ އެއް ކަމުގައި ލައްވާނެ ފަރާތެއްވެސް ދެނެވޮޑިގެންވަނީ ﷲ އެވެ. އެމީހަކު އަމިއްލަ އަށް ތިމަންނާ އަކީ ﷲ ގެ ޚަލީފާ އޭ ބުނެ ނުހެދޭނެއެވެ.“
އަދި މިފަދަ ކޮމެންޓްތައް އެޕްރޫވް ކޮށް ޝާއިޢު ކުރުމަކީ ނޫސްވެރިކަމުގެ ޛިންމާ ފުރިހަމަ ގޮތުގައި އަދާ ނުކެރެވުން ކަމުގައި ދެކޭ ކަމަށާއި މިކޮމެންޓް ލިޔުނު ފަރާތުންނާއި، ޝާއިޢު ކުރި ފަރާތުން ތައުބާވެ އިޞްލާޙު ވުމަށް އަދާލަތު ޕާޓީން ގޮވާލައެވެ. އަދި މިފަދަ މައްސަލަތަކަކީ އިސްވެ ދެންނެވުނު ނޫހުގައި ތަކުރާރުވަމުން އަންނަ ކަމަކަށްވާތީ ކަމާބެހޭ ފަރާތްތަކުން މިކަން ތަޙްޤީޤުކޮށް ފިޔަވަޅު އެޅުމަށްވެސް އަދާލަތު ޕާޓީން އިލްތިމާސް ކުރެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...