ކޮލަމިސްޓް އެއީ ކުރަންޖެހޭ ކަމެއް!

އެއީ ކުރަންޖެހޭ ކަމެއް!

އެއީ ކުރަންޖެހޭ ކަމެއް!

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

ދިވެހިރާއްޖޭގެ ސަރަޙައްދުގެ، އެއްގަމާއި، ވަޔާއި، ކަނޑުގައި އަދި ދިވެހިރާއްޖެއިން ބޭރުގައި ދިވެހިން ކުރާ ޖިނާޢީ ކުށުގެ ޢަމަލުތައް ހުއްޓުވައި، އެ ޢަމަލުތަކާއި ދެކޮޅަށް ޙަރަކާތްތެރި ވުމަކީ ފުލުހުންގެ ޤާނޫނުގެ 2 ވަނަ މާއްދާގެ (ރ) ގެ ދަށުން ދިވެހި ފުލުހުންގެ މައްޗަށް ލާޒިމު ކަމެކެވެ. އަދި ހަމަ އެހެންމެ އެފަދަ ކުށްތައް ހޯދައި ދެނެގަނެ ތަޙްޤީޤު ކުރުމަކީ އެ ޤާނޫނުގެ 2 ވަނަ މާއްދާގެ (ބ) ދަށުން ފުލުހުން ގެ މައްޗަށް އޮތް ޤާނޫނީ ވާޖިބެކެވެ. ދިވެހިރާއްޖޭގެ ޤާނޫނާއި ގަވާއިދު ތަންފީޒުކުރުމަށްޓަކައި ފުލުހުންގެ ދައުރާއި ގުޅިގެން ކުރަންޖެހޭ ކަންތައްތައް ކުރުމަކީ ވެސް މިދެންނެވި ޤާނޫނުގެ ދަށުން ފުލުހުން ކުރަންޖެހޭ ކަމަކަށްވީއިރު، ދިވެހިރާއްޖޭގެ ޤާނޫނާއި ގަވާއިދާ ޚިލާފަށް ހިންގާ ޤަމަލުތައް ހޯދައި، ދެނެގަތުމަކީ ވެސް ފުލުހުންގެ ޤާނޫނުގެ ދަށުން ފުލުހުން ކުރަންޖެހޭ ކަމެކެވެ.

ފުލުހުންގެ ޤާނޫނީ ޒިންމާ އަދާކުރުމުގައި ކުރަންޖެހޭ ކޮންމެކަމެއް ދިވެހި ފުލުހުންދަނީ ކުރަމުންނެވެ. ތަނެއްގައި ބަޔަކު ކުށެއްކުރާ ކަމުގެ މަޢްލޫމާތު ފުލުހުންނަށް ލިބުމުން އެތަނަކަށް ދިއުމަކީ ފުލުހުން ކުރަންޖެހޭ ކަމެކެވެ. އެއީ މީހުންދިރިއުޅޭ ރަށަކަށްވިއަސް ނުވަތަ ފަޅުރަށަކަށް ވިއަސް ތަފާތެއް ނެތެވެ. މި އުޞޫލުންބަލާއިރު ހދ.ހޮނޑައިދޫގައި ބަޔަކުމީހުން ބަނގުރާބޯން ތިބި ކަމުގެ މަޢްލޫމާތު ލިބުމުން ފުލުހުން އެތަނަށް ދާންޖެހެއެވެ. އެކަމަށްޓަކައި ކުރަންޖެހޭ ޚަރަދެއް ނުކޮށްވާނެ އެއްވެސް ހަމައެއް ނުއޮތްނާނެއެވެ. އަދި އެއީ ދައުލަތުގެ ބަޖެޓުން ކުރަންޖެހޭނެކަމެކެވެ. ދިވެހިރާއްޖޭގެ ޤާނޫނާއި ގަވާއިދުތައް ދެމެހެއްޓުމަށްޓަކައެވެ. އިސްލާމްދީނުގައި ހަރާމް ކުރައްވާފައިވާ ބޮޑުފާފައަކަށް ބަޔަކު އަރައިގަންނަމުން ދަނިކޮށް އެކަން ހުއްޓުވުމަށް ކުރާ ޚަރަދަށްވުރެން ވަކިން ބޮޑަށް ޒިންމާދާރުކޮށް ދައުލަތުގެ ބަޖެޓުން ކުރެވޭނެ ޚަރަދެއް އޮވެގެންނުވާނެއެވެ. އަދި ޤާނޫނާއި ގަވާއިދުތައް ތަންފީޒު ކުރުމަށް ކުރާ ޚަރަދަކީ ކޮރަޕްޝަންގެ ޢަމަލެއްކަމަށް ސިފަކުރާ މީހެއްގެ ބުއްދިއާއިމެދު އަޅުގަނޑުގެ ހިތުގައި ސުއާލު އުފެދެއެވެ.

2012 ނޮވެމްބަރ 15 ވަނަ ދުވަހުގެ ވަގުތެއްގައި "ހދ.ހޮނޑައިދޫ" ގައި ގިނަ އަދަދެއްގެ ބަޔަކު މަސްތުވާތަކެތި ބޭނުންކޮށް، އެތަކެތި ގެންގުޅެ، ބަނގުރާ ބޮއި، ބަނގުރާ ގެންގުޅޭކަމަށް ލިބުނު މަޢްލޫމާތަކާއި ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނަކީ އިސްރާފެއްކަމަށް ވިދާޅުވެ ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުން އަޅުގަނޑަށް ދޭހަވީ ދިވެހިރާއްޖޭގެ ޤާނޫނު ތަކާއި ގަވާއިދުތަކަށް އެމަނިކުފާނު އަހުލުވެރިވެފައި މިންވަރު ކުޑަކަމެވެ. އަދި އެ މަނިކުފާނުގެ ވާހަކަ ފުޅަށް ބަލާއިރު، ފުލުހުން ހިންގި އެ އޮޕަރޭޝަނުގެ މަޢްލޫމާތު އެމަނިކުފާނަށް އެނގިވަޑައިގެންފައި ނުވާކަން ވެސް ފާހަގަ ކުރެވުނެވެ. ސަބަބަކީ ފުލުހުން އެރަށަށްއެރީ ހަމައެކަނި ރާފުޅިއެއް ތަނެއްގައި ބަހައްޓާފައި ހުރެގެންނެއްނޫނެވެ. ބަޔަކު މީހުން އެތަނެއްގައި ބަނގުރާ ބޯންތިބި ކަމުގެ މަޢްލޫމާތު ލިބިގެންނެވެ. "ހޮނޑައިދޫ" ގައި ފުލުހުން ހިންގި އޮޕަރޭޝަނަށް ފުލުސްއޮފީހުގެ މުޅި ބަޖެޓްގެ ދެބައިކުޅަ އެއްބައި ޚަރަދުވިކަމަށް ވިދާޅުވެ އެމަނިކުފާނު ވަނީ ބޮޑުވެގެންވާ އިތުރުފުޅެއްހައްދަވައި އެމަނިކުފާނަށް ތާއީދު ކުރާ ފަރާތްތައް ހިތްހަމަޖައްސާ ދެއްވާފައެވެ.

އެންމެން އަބަދު ހަމާގައި ތިބެން ބޭނުންނުވާނެ ކަމަށާއި އަބަދުވެސް އެއްބަޔަކު ހަމަބުއްދިން ނެއްޓޭ ގަޑިގަޑި އަންނާނެކަމަށް ކަމަށާއި، މަސްތުވުމަށްޓަކައި ހަކުރުނޫން އެހެން އެއްޗެއް ބޭނުންކުރަން ޖެހޭކަމަށް ވިދާޅުވެ ރައީސް ނަޝީދު ދައްކަވާފައިވާ ވާހަކަފުޅުތަކަށް ބަލާއިރު ބަޔަކު މީހުން ތަނެއްގައި ބަނގުރާ ބޯން ތިބުން އެއީ އެ މަނިކުފާނުގެ ނަޒަރުގައި ޤާނޫނީ ކުށަކަށް ނުވަނީ ކަމަށްވެސް ވެދާނެއެވެ. ބޯންތިބީ އެމަނިކުފާނު އެވިދާޅުވާ ހަކުރު ނޫންކަމަށް ވީތީއެވެ. އަދި ރައީސް ނަޝީދު ކުށެއްކަމަށް ދެކެވަޑައި ނުގަންނަވާ ކަމަކަށް ކުރާ ޚަރަދަކީ އިސްރާފެއްކަމަށް އެ މަނިކުފާނަށް ހީފުޅުވުމަކީވެސް އެކަށީގެންވާ ކަމެކެވެ. ބަނގުރާ ބުއިމަކީ އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށަކަށްވީ ނަމަވެސް ރައީސް ނަޝީދުގެ ނަޒަރުގައި ބަނގުރާ ބުއިން ކުށަކަށް ނުވަނީ ކަމަށްވުން ވެސް އެކަށީގެންވެއެވެ. ރައީސް ނަޝީދު ވެރިކަމުގައި ހޭދަކުރެއްވި 1182 ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ މީހުންދިރި އުޅޭރަށްރަށުގައި ފަޅުރަށް ހަދައިގެން އެތަންތަނުގައި ބަނގުރާ އާއްމުކުރުމަށް އެކުލަވާލެއްވި ސިޔާސަތަށް ބަލާއިރު ފަޅުރަށެއްގައި ވިއްޔާ ބަނގުރާ ބޮވެންޖެހޭނެކަމަށް ރައީސް ނަޝީދު ދެކެވަޑައިގަންނަވަނީކަމަށް، "ހޮނޑައިދޫ" މައްސަލާގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުން ދޭހަވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.