ރާއްޖޭގެ ޚަބަރު

ޔަހޫދީންގެ ނުރައްކާތެރިކަން

އިސްވެދިޔަ އުއްމަތްތަކުގެ ޙާލަތާ އެބައިމީހުންގެ އުޅުމާއި ގުޅުން ހުރިގޮތާ ބެހޭގޮތުން ތާރީޚު ދިރާސާ ކޮށް ހޯދައި ބަލައިލި ކޮންމެ މީހަކަށްވެސް އެނގިގެންދާނެ އެންމެ ބޮޑު އެއް ޙަޤީޤަތަކީ، މާޒީވެ ދިޔަ އެންމެހައި އުއްމަތްތަކުގެ ތެރެއިން ވެސް އެބައެއްގެ އަޚުލާޤާ މުޢާމަލާތާ އަދިވެސް އެންމެހައި ކަމެއް އެންމެ ނުބައި އުއްމަތަކީ ޔަހޫދީންކަމެވެ. ޔަހޫދީންގެ އުއްމަތަކީ އެބައެއްގެ މައްޗަށް ﷲ ކޯފާ އާއި ލަޢްނަތް ލެއްވި އުއްމަތެވެ. އެއީ ދޮގުވެރިކަމާ، ފާސިޤު ކަމާ، އުރެދުމާއި، ކުފުރުގެ އުއްމަތެވެ. އެބައިމީހުން ހިތްނުބައި ކަމާ، ޙަސަދަވެރިކަމާއި، އަނިޔާވެރިކަމުގައި އެންމެންނަށް މަޝްހޫރު އުއްމަތެވެ. ވަޙުޝީކަމާއި ނޭއްގާނީ ކަމުގައި އެފަދަ ދެވަނައެއް ނުވާ އުއްމަތެވެ. އެބައިމީހުންނަށް ކުޅަދާނަވީ ވަރަކުން އެބައިމީހުން ނޫން އެހެން އެންމެންގެ މައްޗަށް ބާރުފޯރުވައި އަތްގަދަ ކުރާބައެކެވެ.  އެބައިމީހުންގެ ނުބައިކަން ނޫނީ ދަންނަބަޔަކު ނޫޅޭނެއެވެ. ޢަހުދު ފުއްދުމާއި، ވަފާތެރިކަމާއި، އިޙުސާންތެރިކަމުގައި އެއްވެސް ބަޔަކު ދަންނަ ބައެއް ނޫނެވެ. އަދި ކިއެއް! އެބައި މީހުންނަކީ އަޑިނުބައި ހަރުކަށި ހިލަ ހިތްތަކެއްގެ ވެރި ބައެކެވެ.

ﷲ ވަޙީ ކުރައްވާފައި ވެއެވެ. "ދެން އެއުރެންގެ ކަށަވަރުވެގެންވާ عهد އެއުރެން އުވައިލުމުގެ ސަބަބުން، ތިމަންރަސްކަލާނގެ އެއުރެންނަށް ލަޢުނަތްލެއްވީމެވެ. އަދި އެއުރެންގެ ހިތްތައް ހަރުކަށި ހިތްތަކެއްކަމުގައި ލެއްވީމެވެ. " (އަލްމާއިދާ 13)

އަދިވެސް އެކަލާނގެ ވަޙީ ކުރެއްވިއެވެ. "ދެން އެއަށްފަހުގައި ތިޔަބައިމީހުންގެ ހިތްތައް ގާވެ ހަރުކަށިވިއެވެ. ފަހެ، އެ ހިތްތައް ހިލައެކޭ އެއްފަދައެވެ. ނުވަތަ އެއަށްވުރެވެސް ހަރުކަން ގަދައެވެ." (އަލްބަޤަރާ 74)

އެބައިމީހުން ހިތްހަރުކަން ނިކަން ވިސްނާލައްވާށެވެ. އެބައިމީހުންނަކީ، ހިދާޔަތާއި އިސްލާޙާއި ކާމިޔާބާއި އުފާވެރިކަމާއިގެން އެބައިމީހުންގެ ގާތަށް ވަޑައިގެންނެވި ނަބީބޭކަލުން ޤަތުލު ކުރި ބައެކެވެ.

ﷲ ވަޙީ ކުރެއްވިއެވެ. " ހަމަކަށަވަރުން، އިސްރާއީލުގެދަރިންގެ ކަށަވަރުވެގެންވާ عهد ތިމަންރަސްކަލާނގެ ހިއްޕެވީމެވެ. އަދި އެއުރެންގެ ގާތަށް ރަސޫލުންތަކެއް ފޮނުއްވީމެވެ. އެއުރެންގެ ހިތް ނޭދޭގޮތަކާއިގެން، އެއުރެންގެ ގާތަށް ރަސޫލަކު ވަޑައިގެންފި ކޮންމެ ހިނދެއްގައި، އެއުރެން އޭގެތެރެއިން ބައެއް ރަސޫލުންގެ ބަސްފުޅު ދޮގުކުރެތެވެ. އަދި އެއުރެން އަނެއްބައި ރަސޫލުން ޤަތުލު ކުރެތެވެ." (އަލްމާއިދާ 80)

އަދިވެސް އެކަލާނގެ ވަޙީ ކުރެއްވިއެވެ. " ފަހެ، އެއުރެންގެ عهد އުވާލައި، އަދި އެއުރެން ﷲ ގެ އާޔަތްތަކަށް ކާފިރުވެ، އަދި ޙައްޤަކާނުލައި ނަބީބޭކަލުން ޤަތުލުކޮށް، އަދި ތިމަންމެންގެ ހިތްތަކަކީ ބަންދުވެފައިވާ ހިތްތަކެކޭ ބުނެ އުޅުމުގެ ސަބަބުން، (ތިމަންރަސްކަލާނގެ އެއުރެންނަށް ލަޢުނަތް ލެއްވީމެވެ.) އަދި ކިއެއްތަ! އެއުރެން ކާފިރުވުމުގެ ސަބަބުން އެ ހިތްތަކުގައި ﷲ ސިއްކަޖައްސަވާފައިވެއެވެ. ފަހެ، އެއުރެންކުރެ މަދުބަޔަކު މެނުވީ އީމާނެއް ނުވާނެތެވެ." (އައްނިސާއު 155)

އަދިވެސް ވަޙީ ކުރެއްވިއެވެ. " ހަމަކަށަވަރުން، ﷲ ގެ އާޔަތްތަކަށް ކާފިރުވެ، ޙައްޤަކާނުލައި، ނަބިއްޔުން ޤަތުލުކޮށް، މީސްތަކުންގެ ތެރެއިން ޢަދުލަށް އަމުރުކުރާ މީހުން ޤަތުލުކޮށް އުޅޭމީހުން (ދަންނާށެވެ!) ފަހެ، އެއުރެންނަށް ވޭންދެނިވި ޢަޛާބުހުރިކަމުގެ ޚަބަރު، ކަލޭގެފާނު ދެއްވާށެވެ!" (އާލުޢިމްރާން 21)

މިއީ ޤުރްއާނުގައި އެބައިމީހުންގެ ހިތްތަކުގެ ޙާލު ބަޔާންކުރައްވާފައިވާ ގޮތެވެ. އެބައިމީހުންގެ ނުބައިކަން ސިފަކުރައްވާފައިވާ ގޮތެވެ. އެހާރުން ފެށިގެން މިހާރަށްވެސް އެބައިމީހުންތިބީ ހަމަ އެޙާލުގައެވެ. އެ ނުބައިކަމުގައެވެ.

އަދި ހަމަ އެއާއެކު އެބައިމީހުންގެ ހީލަތްތެރި ކަމާއި މަކަރުވެރިކަމަކީ އެއްވެސް ބަޔަކަށް އޮޅިފައިވާނެ ކަމެއްނޫނެވެ. އިސްލާމްދީނުގެ ކުރީކޮޅު މިބައިމީހުން މި ނުބައި މަކަރުވެރިކަމުގެ ސަބަބުން މުސްލިމުންނަށް ނުހަނު ގިނަ ވޭނާ އުދާސްތައް ތަޙައްމަލް ކުރަންޖެހުނެވެ. އަދި ހަމަ މިއަދާހަމައަށްވެސް އެބައިމީހުންގެ މަކަރުވެރިކަން ފިލައިނުދެއެވެ. ﷲ ވަޙީކުރައްވާފައި ވެއެވެ. " ތިޔަބައިމީހުންނަށް ހެޔޮގޮތެއް ދިމާވެއްޖެނަމަ، އެކަން އެއުރެންނަށް ހިތާމައަކަށްވެއެވެ. އަދި، ތިޔަބައިމީހުންނަށް ދެރަކަމެއް އައިސް ޖެހިއްޖެނަމަ އެކަމަށް އެއުރެން އުފާކުރެތެވެ. އަދި، ތިޔަބައިމީހުން ކެތްކޮށް ތަޤްވާވެރިވާނަމަ، (އެބަހީ: ބިރުވެތިވެ ރައްކާތެރިވާނަމަ) އެއުރެންގެ މަކަރުވެރިކަމަކުން ތިޔަބައިމީހުންނަކަށް އެއްވެސް ގެއްލުމެއް ނުދެވޭނެއެވެ. ހަމަކަށަވަރުން، ﷲ އީ، އެއުރެންކުރާ ޢަމަލުތައް ފުރިހަމަޔަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." (އާލުޢިމްރާން 120)

އިސްލާމްދީނާމެދު ޔަހޫދީންގެ އޮންނަ ޢަދާވާތްތެރި ކަމަކީ، އިސްލާމްދީން ދުނިޔެއަށް ފާޅުވީއްސުރެ އޮންނަ ޢަދާވާތްތެރި ކަމެކެވެ. އެހެނީ އިސްލާމްދީން އެބައިމީހުންގެ ނުބައި ކަން ބަޔާންކުރިއެވެ. އެބައިމީހުންގެ އަނިޔާވެރިކަން ފަޟީޙަތްކުރިއެވެ. އެބައިމީހުން ސިއްރުކޮށްގެން އުޅޭ ކަންތައްތައް ވަންހަނާ ކުރިއެވެ. އަދި ޤިޔާމަތާ ހަމައަށް ދެމިގެންދާނެގޮތުގައި ކީރިތި ޤުރުއާނުގައި އެބައިމީހުންގެ މަކަރުވެރިކަމާ ނުބައިކަމުގެ ވާހަކަ ބަޔާންވެފައި ވެއެވެ. ﷲ ވަޙީ ކުރައްވާފައި ވެއެވެ. " ތިމަންރަސްކަލާނގެ آية ތައް بيان ކުރައްވަނީ އެފަދައިންނެވެ. އެއީ ކުށްވެރިންގެ މަގު ބަޔާންވެ އޮތުމަށްޓަކައެވެ." (އަލްއަންޢާމް 55) މުސްލިމުންނާމެދު އެބައިމީހުންގެ ހިތުގައި ޢަދާވާތްތެރިކަން އޮތުމަކީ ހައިރާންވާން ޖެހޭނެ ކަމެއް ނޫނެވެ. އެހެނީ އިސްލާމްދީން އައިސް އެބައިމީހުންގެ ބާތިލް ޢަޤީދާތައް ފުނޑުފުނޑުކުރިއެވެ. އެބައިމީހުންގެ ދޮގުތަކާއި ބުހުތާނުތަކަށް ރައްދުދިނެވެ. އެބައިމީހުންގެ މަގުފުރެދުން ބަޔާންކުރިއެވެ. އަދި އެބައިމީހުންގެ ހުރިހާ ނުބައިކަމަކާ ދެކޮޅުވެރިވިއެވެ.

ހަމަކަށަވަރުން އިސްލާމްދީން ގޮވާލަނީ، ﷲ އަށް އީމާންވުމަށާއި، އެކަލާނގެ އެއްކައުވަންތަ ކުރުމަށާއި، އެކަލާނގެއަށް އިޚްލާޞްތެރި ވުމަށެވެ. ނަމަވެސް ޔަހޫދީން ގޮވާލަނީ ޝަރީކު ކުރުމަށާއި، ކަލަކު ޤަބޫލު ނުކުރުމަށާއި، ދެކޮޅުވެރިކަމާއެކު ﷲގެ ދީނުން މޫނުއަނބުރާލުމަށެވެ.

ހަމަކަށަވަރުން އިސްލާމްދީން ގޮވާލަނީ، ރިވެތި ނަމޫނާ ދެއްކުމަށާއި މަތިވެރި ސިފަތަކުން ސިފަލިބިގަތުމަށާއި، ރަޙުމާއި އޯގާވެރިކަމަށާއި އިޙުސާންތެރިކަމަށެވެ. ނަމަވެސް ޔަހޫދީން ގޮވާލަނީ ފާޙިޝްކަންކަމަށާއި، ޢަދާވާތްތެރިކަމަށާއި، އަނިޔާވެރިކަމަށާއި، ހިތްހަރުކަމަށެވެ.

ހަމަކަށަވަރުން އިސްލާމްދީން ގޮވާލަނީ، މާފުކުރުމަށާއި، ލަދުވެތި ވުމަށާއި، ޢިތްފަތްތެރި ވުމަށެވެ. ނަމަވެސް ޔަހޫދީން ގޮވާލަނީ ރުޅިވެރިކަމަށާއި، މުންކަރާތްތަކަށާއި، ފަސާދައަށެވެ.

ހަމަކަށަވަރުން އިސްލާމްދީން މީސްތަކުންގެ ޙައްޤުތައް ރައްކާތެރި ކުރިއެވެ. އަދި ގުޅުންތައް ޤާއިމު ކުރިއެވެ. އަދި ވަޢުދުތަކާއި ޢަހުދުތަކަށް އިޙުތިރާމު ކުރިއެވެ. އަދި އަނިޔާވެރިކަން ޙަރާމް ކުރިއެވެ. ނަމަވެސް ޔަހޫދީން ޙައްޤުތަކެއްވާކަމެއް ނުދަތެވެ. ޢަހުދަކަށް ވަޢުދަކަށް ރައްކާތެރިއެއް ނުވެތެވެ. އަދި އަނިޔާވެރި ކަމާއި އަދާވާތްތެރިކަމެއް ދޫކޮށެއް ނުލިއެވެ.

ހަމަކަށަވަރުން އިސްލާމްދީން ޙައްޤަކާނުލާ ނަފްސެއް ޤަތުލުކުރުން ޙަރާމްކުރިއެވެ. އަދި ވައްކަން ކުރުމާއި ޒިނޭކުރުން ޙަރާމްކުރިއެވެ. ނަމަވެސް ޔަހޫދީން އެބައިމީހުން ނޫން އެހެން އެންމެންގެ ލޭ އޮހޮރުވާލުމަކަށް ފަހެއް ނުޖެހެއެވެ. އެބައިމީހުން ފިޔަވައި އެހެން އެންމެންގެ މުދާތަށް ފޭރުމަކަށް ޖެހިލުމެއް ނުވެއެވެ. އަދި އެބައިމީހުން ފިޔަވައި އެހެންމީހުންގެ އަބުރަކަށާއި އިއްފަތަކަށް ބަލައިނުމެލައެވެ.

މިހުރިހައި އަނިޔާވެރިކަމަކާއި މަގުފުރެދުމަކާ އެކުވެސް އެބައިމީހުން ދަޢުވާކުރަނީ އެބައިމީހުންނަކީ ﷲ ޚިޔާރުކުރައްވާފައިވާ ބައިގަނޑުކަމަށެވެ. އަދި އެބައިމީހުންނަކީ ﷲ ލޯބިވެވޮޑިގަންނަވާ އެކަލާނގެ ދަރިފަސްކޮޅުކަމަށެވެ. އަދި އެބައިމީހުންގެ ރޫޙު ތަކަކީ އެހެން ހުރިހާ ރޫޙުތަކަށް ވުރެ މަތިވެރިވެގެންވާ އެއްޗެއްކަމުގައެވެ. އަދި އެބައިމީހުން މި ދުނިޔޭގައި ނުލެއްވި ނަމަ މި ދުނިޔޭގައި އެއްވެސް ހެޔޮކަމެއް، ބަރަކާތެއް ނުވާނެކަމުގައެވެ. އަދި އެބައިމީހުން ނޫން އެހެން އެންމެންނަކީ ޙިމާރުން ފަދަ ބައެއްކަމުގައެވެ. ﷲ އެބައިމީހުން އިންސާނުންގެ ސޫރައިގައި ހައްދަވާފައިވަނީ ޔަހޫދީންނަށް ޚިދުމަތްކުރުމަށްޓަކައި ކަމުގައެވެ. އެބައިމީހުން އެ ދަޢުވާ ކުރާކަންތަކުގެ ނުބައި ކަމާއެވެ.

އެހެންކަމުން، ފަލަސްތީނުގައި ޔަހޫދީން ކުރަމުން ގެންދާ ޢުދުވާނަކީ ހަމަ އެކަނި އެބިމުގެ ބޭނުމުގައި ކުރާކަމެއް ނޫންކަން ދަނެގަތުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުކަމެކެވެ. އަދި އެއީ ހަމައެކަނި އެބިމުގެ އަހުލުވެރިންނާ ދެމެދު އޮތް މައްސަލައެއްވެސް ނޫނެވެ. އެހެނެއްކަމަކު އެއީ މުސްލިމުންނާ ދެމެދު އޮތް މައްސަލައެކެވެ. އެހެނީ ފަލަސްތީނަކީ ނަބީބޭކަލުންގެ ރަށެވެ. އެންމެ މަތިވެރި ތިން މިސްކިތުގެތެރެއިން އެއް މިސްކިތް ހުރި ރަށެވެ. އަދި އެއީ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމް އިސްރާ ކުރެއްވި ބިމެވެ. އަދި މުސްލިމުންގެ ފުރަތަމަ ޤިބްލައެވެ. އެބިމުގެ އެއްވެސް ޙައްޤެއް މުސްލިމުންނަށް މެނުވީ ލިބިގެން ނުވެއެވެ. ހަމަކަށަވަރުން ބިން މިލްކު ވެގެންވަނީ ﷲ އަށެވެ. އެކަލާނގެ އަޅުތަކުންގެ ތެރެއިން އެކަލާނގެ އިރާދަ ކުރައްވާ އަޅަކަށް އެބިން ވާރުތަކޮށްދެއްވައެވެ. އަދި ހެޔޮ ނިމުންވަނީ ތަޤުވާވެރިންނަށެވެ.

މިއަދު މުސްލިމުންނަށް މި ނިކަމެތިކަމާ ބަލިކަށިކަމުގެ މުޞީބާތް ކުރިމަތިވުމުގެ އަސްލު ސަބަބު މުސްލިމުން ދެނެގަތުން ހުއްޓެވެ. އެއީ ފާފައާއި މުންކަރާތްތަކަށް އަރައިގަތުމުގެ ސަބަބުންނެވެ. އަދި ﷲ ގެ ދީނުން އެއްކިބާވެ ދުނިޔޭގެ އުފަލާއި މަޖަލުގައި ޣާފިލުވުމެވެ. މިއަދު ގިނަ މުސްލިމުންގެ ޙާލަކީ މިއީއެވެ. ﷲ ވަޙީ ކުރައްވާފައި ވެއެވެ. " ތިޔަބައިމީހުންނަށް ޖެހޭހާ މުޞީބާތެއް ޖެހެނީ، ތިޔަބައިމީހުންގެ އަތްތަކުން ހޯދިކަންތަކުގެ ސަބަބުންނެވެ. އަދި އެކަލާނގެ ގިނަފާފަތައް ޢަފޫކުރައްވަތެވެ." (އައްޝޫރާ 30) އެހެން ކަމުން މުސްލިމުންގެ މައްޗަށް ވާޖިބުވެގެންވަނީ ﷲ ދީނަށް، ތެދުވެރިގޮތުގައި އެނބުރި ރުޖޫޢަވެ، އީމާންކަން ވަރުގަދަކޮށް، ﷲ ދެމެދު އޮންނަ ގުޅުން ބަދަހިކޮށް، އަދި އެކަލާނގެ އަމުރުފުޅުތަކަށް ރައްކާތެރިވުމެވެ. އަދި އެކަލާނގެ ނަހީ ކުރައްވާފައިވާ ފާސިޤު ޢަމަލުތަކުން ދުރުހެލިވެ އެއްމެހައި ފާފަތަކުން ރައްކާތެރިވުމެވެ. މުސްލިމުންނަށް ޢިއްޒަތާއި ނަޞްރުލިބޭހުށީ އޭރުންނެވެ. އެއީ ﷲ ވަޢްދު ކުރައްވާފައިވާ ނަޞްރެވެ.

އެކަލާނގެ ވަޙީ ކުރައްވާފައި ވެއެވެ. " ތިޔަބައިމީހުންގެ ތެރެއިން އީމާންވެ، ޞާލިޙް ޢަމްލުތައްކޮށް އުޅުނުމީހުންނަށް، އެއުރެންގެ ކުރިން އުޅުނު މީހުން ޚަލީފާވެރިކުރެއްވިފަދައިން، ހަމަކަށަވަރުން، އެއުރެން ބިމުގައި ޚަލީފާވެރިކުރައްވާނެ ކަމަށާއި، އެއުރެންނަށްޓަކައި އެކަލާނގެ ރުއްސެވި އެއުރެންގެ ދީން، ހަމަކަށަވަރުން، އެބައިމީހުންނަށްޓަކައި ތަމްކީން ކުރައްވާނެ ކަމަށާއި، އެއުރެންގެ ބިރުވެރިކަމަށްފަހު، ހަމަކަށަވަރުން، އަމާންކަމަކަށް އެއުރެން ބަދަލުކުރައްވާނެކަމަށް، ﷲ ވަޢުދު ކުރައްވާފައިވެއެވެ. އެއުރެން ތިމަންރަސްކަލާނގެއަށް އެއްވެސް އެއްޗެއް ޝަރީކުނުކޮށް، ތިމަންރަސްކަލާނގެއަށް އަޅުކަން ކުރެތެވެ. އެއަށްފަހު ކާފިރުވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ، ހަމަ ފާސިޤުންނެވެ. ތިޔަބައިމީހުން ނަމާދު ޤާއިމު ކުރާށެވެ! އަދި ޒަކާތް ދޭށެވެ! އަދި ރަސޫލާއަށް ކިޔަމަންވާށެވެ! (އެއީ) ތިޔަބައިމީހުންނަށް ރަޙްމަތް ލެއްވުމަށްޓަކައެވެ." (އައްނޫރު 55-56)

ގުޅުންހުރި

2 ޚިޔާލު

  1. ހަމަތިޔަގޮތައް ޔަހޫދީން ވެސް މުސްލިމުންގެ ނުބައިކަމާއި ނުރައްކާތެރި ކަމުގެ ވާހަކަ ދައްކާ އަދި ލިޔެހަދައެވެ ވިސްނަވާށެވެ! މިކުޑަކުޑަ ރާއްޖެގައި މުސްލިމުންގެ ނަމުގައި ތިބި މީހުން މުޖުތަމަޢުގައި ފިތުނަ އުފައްދާ، މީހުންމަރާ ޒިނޭކޮށް ވަށްކަންކޮށް ލިވާޠުކޮށް ދުނިޔެ ފަސާދަ ކުރަމުން އެބަދެއެވެ މިމީހުންގެ އަޙްލާގަތު ވަކި ޔަހޫދީންނަށް ވުރެ، ދެރަހެއްޔެވެ؟

  2. ފުރިހަމަ ލިޔުމެއް! :)

Your email address will not be published. Required fields are marked *