ކޮލަމިސްޓް

ތުއްތު ކުދިން މިސްކިތުގެ ޖަމާޢަތަށް ނަމާދަށް ގެންދިއުމުގައި ސަމާލުވުން

 

ދަރިން ލިބިއްޖެނަމަ އެދަރިން ހެޔޮގޮތުގައި އިސްލާމްދީނުގެ މާތް ރިވެތި އަޚްލާޤުގެ މަތީގައި ތަރުބިއްޔަތުކޮށް ބޮޑެތި ކުރުމަކީ މުސްލިމު ކޮންމެ މަންމައަކާއި ބައްޕައެއްގެ ބޮލުގައި އެޅިފައިވާ ޒިންމާއެކެވެ. ދަރިން ގެންގުޅެން ޖެހޭނީ ތިމާއަށް ލިބިފައިވާ ޒީނަތްތެރި ކަމަކާއި ތަނަވަސް ކަމެއް ކަމުގައި ހަމައެކަނި ދެކިގެނެއް ނޫނެވެ. އެއަށްވުރެ ބޮޑަށް ދަރިންނަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ މައިންބަފައިންނާއި ހަވާލު ކުރައްވާފައިވާ އަމާނާތެއްގެ ގޮތުގައި ބަލައިގެން އެ އަމާނާތައް ރައްކާތެރިވާން ޖެހެއެވެ. އަދި ތިމާގެ ދަރިންނަކީ އަޚްލާޤް ރަނގަޅު އެކުދިންގެ ފަރާތުން މީސްތަކުންނަށް އުނދަގޫ ނުފޯރާ މާތް އަޚްލާޤެއްގެ ވެރިންނަށް ވުމަކީ ހަމަ ކޮންމެ މަންމައަކާއި ބައްޕައަކުވެސް އެދޭނެ އެދުމެއް ކަމާއިމެދު އަޅުގަނޑު ޝައްކެއް ނުކުރަމެވެ.

ދަރިން ތަރުބިއްޔަތު ކުރުމުގައި އެއްމެ ސަމާލުކަން ދޭންޖެހޭ އެއްކަމަކީ އެކުދިންނަށް ދީނީ އާދަކާދަތަކާއި ދީނުގެ ރިވެތި ގޮތްތައް ދަސްކޮށްދިނުމެވެ. އަދި ދީނަށް ލޯބި ޖެއްސުމެވެ. އެގޮތުން އެއްމެ ތުއްތު އިރުންފެށިގެންވެސް ނަމާދާއި ޤުރުއާނަށް ލޯބިޖެއްސުމަކީ އެކަމުގެ ފައިދާ އަބަދަށް ދެމިހުންނާނެ ކަމެއްކަން ޔަޤީނެވެ.

ކުޑަ ކުދިންނަނީ ވަރަށް މަދު ވަގުތު ކޮޅެއްގައި މެނުވީ އެއްކަމެއްގައި ޝައުޤުވެރި ކަމާއިއެކު މަޑު ނުކުރެވޭ ބައެކެވެ. ކުދިން ތަރުބިއްޔަތު ކުރުމުގައި ގޭތެރެއިން ފަށައިގެން އެކުދިން ކަންކަމަށް އާދަވުމުން ނުވަތަ ކަންކަން ދަސްވުމުން ބޭރުތެރޭގެ ޖަމާޢަތް ތަކުގައި ބައިވެރި ކުރުވުމަކީ އެއްމެ ރަނގަޅު ގޮތްކަމުގައި އަޅުގަނޑު ދެކެމެވެ. އެގޮތުން ނަމާދު ކުރަން ދަސްކޮށްދިނުމުގައިވެސް އެއްމެ ފުރަތަމަ ޖަމާއަތަށް ނަމާދަށް ގެންދިއުމުގެ ބަދަލުގައި ގޭތެރޭގައި އެކުއްޖާ ލައްވާ ނަމާދު ކުރަން ދަސްކޮށްދީ އެކަމަށް އާދަ ކުރެވިދާނެއެވެ. އަދި މިސްކިތައް ގެންދާވަރަށް ބޮޑުވުމުން މިސްކިތައް ގެންގޮސް އެކަމަށް ހޭނުވުމުން ރަނގަޅު ގޮތުގައި އެކަން އެކުއްޖާ އަށް ކުރެވޭނެ ކަމާއި މެދު ޔަޤީނެވެ. މިސްކިތައް ގެންދިއުމުގެ ކުރިން މިސްކިތުގައި ކަންކުރަން ޖެހޭނެ ގޮތާއި މިސްކިތުގެ އަޚްލާޤް ކުއްޖާއަށް ދަސްކޮށްދިނުމަކީ މުހިއްމު ކަމެވެ. އެނޫންނަމަ ތުއްތު ކުދިންގެ ފަރާތުން ނަމާދުގައި ތިބޭ އެހެންމީހުނަށް ބައެއްކަހަލަ އުނދަގޫތަށް ފޯރުމަކީ އެކަށީގެން ވާކަމެކެވެ.

މިހާރަކަށް އައިސް ބައެއް ބައްޕައިން މިސްކިތައް ޖަމާޢަތަށް ދިއުމުގައި ވަރަށް ތުއްތު ފިރެހެން ކުދިން ގޮވައިގެން ދެއެވެ. ޚާއްޞަކޮށް ހުކުރު ދުވަސްތަކުގައި ހުކުރު ނަމާދަށް ގިނަ އަދަދެއްގެ ކުޑަކުދިން ގެންދެއެވެ. މިފަދަ ކުދިންގެ ފަރާތުން ބައެއްފަހަރު ނަމާދުގައި ތިބޭ ބޮޑެތި މީހުނަށް ބައެއްކަހަލަ އުނދަގޫތައް ފޯރާ އަދި ނަމާދަށް ދޭ ސަމާލުކަން ގެއްލޭގޮތްވެއެވެ. ފަހަރެއްގައިވެސް އެއީ އެކުދިންގެ މައްސަލައެއް ނޫނެވެ. އެހެނީ އެކުދިން ކުރާ ކަމެއް ކުރަނީ އެކުރެވެނީ ކީއްކަން ނޭންގިތިބެއެވެ. އެހެންނަމަވެސް މިކަމަކީ އެކުދިންގެ ބެލެނެވެރިން ސަމާލުކަން ދޭންޖެހޭ ކަމެކެވެ.

ބައެއްފަހަރު ބައެއް ބައްޕައިން ނުވަތަ ބެލެނެވެރިން ކުޑަކުދިން މިސްކިތައް ޖަމާޢަތަށް ނަމާދަށް ގެންދަނީ ތިމަންވެސް ނަމާދަށް ދަނީ ތިމަންގެ ދަރި ގޮވައިގެންނޭ ބުނުމުގެ ގޮތުން ނުވަތަ މޮޅުކަމެއް ކުރުމުގެ ގޮތުންނެވެ. ހަމައެކަނި ކުދިން ގޮވައިގެން ހުކުރަށް ދާއިރު ހަފުތާގެ އެހެން ދުވަސްތަކުގައި ނަމާދެއް ވާކަންވެސް ގިނަމީހުނަށް ނޭންގެއެވެ. މިހެން މިކަން ވާނަމަ، އަދި މިކަން މިކުރެވެނީ އެއްމެ ރަނގަޅަކަށް ނޫނެވެ. އަދި ﷲ ސުބުޙާނަހޫ ވަތަޢާލާ އެ ޢަމަލު ޤަބޫލު ކުރައްވާ ޝަރުތުތައްވެސް އެކަމުގައި ހަމަނުވެއެވެ. އެހެނީ އަޅުކަމެއް އެމީހެއްގެ ކިބައިން ޤަބޫލު ކުރެއްވިގެންވަނީ މައިގަނޑު ދެ ޝަރުތަކާއި ލައިގެނެވެ. އެއީ އެކުރާ އަޅުކަމެއް ﷲ އަށް ޚަލާސް ކުރުމާއި ރަސޫލުﷲ ޞަލަﷲ އަލަހި ވަޞައްލަމަ އެކަމެއް ކުރަން އަންގަވާފައިވާ ގޮތަށް އެކަމެއް ކުރުމުންނެވެ. މިހެން މިކަން އޮތް އިރު އެއްވެސް އިޚްލާސްތެރިކަމެއް ނެތި ހަމައެކަނި ދެއްކުން ތެރިކަމަކަށް އެކަން ކުރެވޭނަމަ އަދި އެކަމަކީ އަޅުކަމެއް ކަމުގައި ނުވެއެވެ. ވީމާ، ހަމަ އެކަނި ހުކުރު ދުވަހު ހުކުރު ނަމާދަށް ތުއްތު ކުދިން ގެންދިއުމުގެ ބަދަލުގައި، ދުވަހުގެ އެހެނިހެންވެސް ނަމާދުތައްވެސް ކުދިންލައްވާ ކުރުވުމަށް ސަމާލުކަން ދީ އެކަމަށް އާދަ ކުރުވަން ޖެހެއެވެ. ދަރިންނަށް ދޭނެޖެހޭ ރިވެތި އަޚްލާޤަށް ފަރުވާ ކުޑަކުރުމަކީ އޭގެ ހިތިނަތީޖާ ދެދުނިޔޭގައިވެސް ލިބިގެންދާނޭ ކަމެކެވެ.

އަޅުގަނޑުމެންނަކީ އިސްލާމްދީނުގެ މާތް އަޚްލާޤްގެ މަތީގައި ދަރިންތަރުބިއްޔަތު ކުރާބައެއްކަމުގައި ލައްވާ އެކަމުގެ ތަޢުފީޤް ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް ދެއްވުން އެދި ދުޢާކުރަމުން ނިންމާލަމެވެ.

....ވައްސަލާމް....

ގުޅުންހުރި

3 ޚިޔާލު

  1. މިލިއުމަށް ފުރިހަމައަށް ތާއީދު ކުރަން

  2. މިއީ އަލުގަނޑުމެންނަށް ވިސްނާނުލެވޭ ނުކުތާއެއް. ލިޔުންތެރިޔާ ތިޔަ ފާހަގަ ކުރިން ކަންތައް އަޅުގަނޑުމެން އެބަޖެހޭ ސަމާލުކަންދޭން. ނޫނީ އެކުދިން މިސްކިތްތަކާއި ދުރުވެ ލާދީނީ ވެދާނެ.

  3. އަޅުގަނޑުވެސް ކުރިން ވަރަށް ވިސްނާ ކަމެއް މިއީ. ލިޔުންތެރިޔާގެ އިރުޝާދަށް ތަބާވާނަން އަލުގަނޑު.

Your email address will not be published. Required fields are marked *