މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން އިސްލާމީ މަރުކަޒު ޖަލްސާ ކުރާ މާލަމްގައި، ޚާއްޞަ ޖަލްސާއެއް ބާއްވައިފިއެވެ.
މިޖަލްސާގައި އިސްލާމިކް މިނިސްޓްރީއިންވަނީ، ޒަކާތާއި ބެހޭގޮތުން އެމިނިސްޓްރީއިން ތަރުޖަމާކޮށް ޗާޕްކޮށްފައިވާ ހަތަރު ފޮތެއް ނެރެދެއްވާފައެވެ. މި ހަތަރު ފޮތް ނެރެދެއްވީ ޒަކާތާއި ބެހޭގޮތުން މުޖުތަމަޢު ހޭލުން ތެރިކުރުމަށްޓަކައި، ގިނަ ދުވަސް ތަކެއްވަންދެން ބުރަ މަސައްކަތްތަކެއް ކޮށްދެއްވާފައި އައްޝައިޚް އުޘްމާން އަބުދުﷲއެވެ.
މި ހަތަރު ފޮތަކީ ގަތަރުގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްގެ ޒަކާތާއި ބެހޭ ކޮމިޓީއިން ޗާޕްކޮށްފައިވާ ހަތަރު ފޮތެއްގެ ތަރުޖަމާއެވެ. މިހަތަރު ފޮތަކީ "ޒަކާތުގެ ހުކުމްތަކުގެ ހުލާސާ" އާއި "ޒަކާތާއި ސަދަގާތް ދިނުމުގެ އަދަބުތައް" އަދި "ޒަކާތާއި އަގީދާ" އާއި "ޒަކާތާއި ސަދަގާތް ދިނުމަށް ބާރުލެވިފައިވާ މިންވަރ" މިހަތަރު ފޮތެވެ. މިހަތަރު ފޮތް ތަރުޖަމާ ކޮށްދެއްވާފައިވަނީ ކުރީގެ އިސްލާމީ ކަންތައްތަކާއި ބެހޭ މަތީ މަޖިލީހުގެ ނައިބު ރައިސް އައްޝައިޚް އަޙްމަދު ފާރޫޤް މުޙައްމަދެވެ.
މިޖަލްސާގައިވަނީ ދީނީ ކަންކަމުގައި ޢާއްމުންގެ މެދުގައި އުފެދޭ ސުވާލުތަކަށް ޖަވާބު ދިނުމަށްޓަކައި، ހިލޭ ގުޅޭ ނަންބަރެއް ތައާރަފުކޮށްފައެވެ. މިނަންބަރު ތައާރަފުކޮށްދެއްވަމުން އިސްލާމިކް މިނިސްތްރީގެ ސްޓޭޓް މިނިސްޓަރ އައްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ ދީނީ ކަންކަމުގައި ރައްޔިތުންގެ ހިތުގައި ދީނީ ގޮތުން އޮޅުން އަރާފައިވާ ސުވާލްތަކަށް މިނަންބަރުން އިސްލާމިކް މިނިސްޓްރީގެ ޢިލްމުވެރިން ޖަވާބު ދެއްވާނެ ކަމަށެވެ. މިނަންބަރަކީ 1098003008 އެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...