މިޞްރުގައި ރޭލަކާއި ސްކޫލު ބަހަކާއި ޖެހި ހޮނިހިރު ދުވަހު ހިނގި އެކްސިޑެންޓެއްގައި މަދުވެގެން 49 ކުދިން މަރުވެއްޖެއެވެ.
މިހާދިސާގައި މަދުވެގެން 50 މީހުން މަރުވެފައިވެއެވެ. މީގެ ތެރޭގައި ގިނައީ ނާސަރީ ސްކޫލުގެ ދަރިވަރުންނެވެ. މި ހާދިސާ ހިނގައިފައިވަނީ ބަހެއް ރޭލު ދުއްވާ މަގުން ހުރަސްކުރި ވަގުތު ރޭލު ބަހުގައި ޖެހިގެންނެވެ. އައްސިޔޫތުގެ ހާދިސާ ހިނގި ސަރަހައްދުކައިރީ ހަރަކާތްތެރިވި ސީނިއަރ ސެކިއުރިޓީ އޮފިޝަލަކު ވިދާޅުވި ގޮތުގައި މަރުވި މީހުންގެ ތެރެއިން ދެ މީހުން ފިޔަވާ ދެންތިބި އެންމެންނަކީ 4 އަހަރާއި 8 އަހަރާއި ދެމެދުގެ ކުޑަކުދިންނެވެ. އަދި މީގެ އިތުރުން އަންހެނަކާއި ބަސް ދުއަވަން އިން މީހާވެސް މަރުވެފައިވާކަމަށް އެ އޮފިޝަލު ވިދާޅުވިއެވެ. ބަހުގައި ރޭލު ޖެހުނުލެއް ބާރުކަމުން ބަސް ވަނީ ދެބުރިއަށް ބުރިވެފައެވެ.މަންޒަރުދުށް ފަރާތްތަކުން ދީފައިވާ މައުލޫމާތުގެ އަލީގައި ބަހާއި ރޭލު ޖެހުނު ވަގުތުގައި ރޭލުގެ މަގު ހުރަސްކުރުމަށް އޮތްމަގު ހުޅުވާފައިވާކަން ވަނީ ހާމަވެފައެވެ.
މިހާދިސާއާއި ގުޅިގެން ޓްރާންސްޕޯޓް މިނިސްޓަރ މުޙަންމަދު ރަޝާދު އަދި ރެއިލްވޭ އޮތޯރިޓީގެ އިސް ބޭފުޅާ ވަނީ މަޤާމުން އިސްތިއުފާދީފައެވެ. މިހާދިސާގައި މަރުވިކުދިންގެ މައިންބަފައިން ވަނީ އެ ހާދިސާ ހިނގި ސަރަހައްދު ކައިރީގައި މުޒާހަރާކޮށްފައެވެ. އަދި މުޒާހަރާގައި މިކަމަށް ޒިންމާވާ ފަރާތްތަކަށް މަރުގެއަދަބު ދިނުމަށްވެސް ވަނީ ގޮވާލާފައެވެ.
މިމަހުގެ ކުރީކޮޅުގައިވެސް ފައްޔޫމްގައި ދެ ރޭލު ޖެހި ހިނގި އެކްސިޑެންޓުގައިވެސް ވަނީ 5 މީހުން މަރުވެ އެތައް ބަޔަކަށް އަނިޔާވެފައެވެ. އަދި މަހެއްހާދުވަސް ކުރިން ސިނާއީގައިވެސް ބަހުގެ ފޮރޮޅު ކަނޓްރޯލުން ނެއްޓުމުގެ ސަބަބުން 28 ފުލުހަކުވެސް މަރުވެފައިވާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...