މަޖިލިސް މެންބަރުންގެ އާއިލާ ތަކަށް އިންޝުއަރެންސް ދިނުމަށް ކަނޑައަޅައިފައިވާ ވަރަށް ވުރެ އިތުރަށް ހަތަރު މެންބަރަކަށް 50،000 ރުފިޔާ މަޖިލީހުގެ ބަޖެޓުން ހޭދަކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.
2011 ވަނަ އަހަރާ ހަމައަށް ރައްޔިތުންގެ މަޖިލިސް އޮޑިޓް ކުރުމަށް ފަހު އިއްޔެ ނެރުން ރިޕޯޓްގައި ހިމަނާފައިވާ ހިސާބުތަކުގައިވާ ގޮތުން މަޖިލީހުގެ މެންބަރުންގެ އަނބިން ނޫނީ ފިރިން އަދި 18 އަހަރު ނުވާ ދަރިންނަށްދޭ އިންޝުއަރެންސްގެ ލިސްޓްގައި 181 ފަރާތެއް ހިމަނާފައި ވެއެވެ. އޮޑިޓާ ޖެނެރަލް ވިދާޅުވެފައި ވަނީ އޭގެ ތެރެއިން 19 ފަރާތެއްގެ އުފަން ތާރީހު އެ ލިސްޓްގައި ފެންނަން ނެތް ކަމަށާއި ލިސްޓް ބެލި ބެލުމުން މެންބަރުންގެ ދަރިންގެ ތެރޭގައި 18 އަހަރު ފުރިފައިވާ ހަތަރު މީހަކު ހިމަނާފައިވާ ކަމަށެވެ. އަދި މި ހަތަރު ޑިޕެންޑެންޓުންނަށް ހެލްތު އިންޝުއަރެންސްގައި ބައިވެރިކުރުމަށް 50،000ރ. ޚަރަދުކޮށްފައިވާކަން ފާހަގަކުރެވުނު ކަމަށެވެ.
އެ މައްސަލާގައި ޢަމަލުކުރެއްވުމަށް އޮޑިޓާ ޖެނެރަލް ލަފާ އަރުއްވާފައި ވަނީ 18 އަހަރުވެފައިވާ ޑިޕެންޑެންޓުންނަށް ދިން ފައިސާ އެ ފަރާތްތަކުގެ އަތުން އަނބުރާ ހޯއްދުމަށެވެ. އަދި ޑިޕެންޑެންޓުން އިންޝުއާ ކުރެއްވުމުގައި އައިޑީ ކާޑްތައް ހޯދައި ރަނގަޅަށް ޗެކްކޮށް އެކަމަށް ކަނޑައަޅާފައިވާ ޤަވައިދު ހަރުދަނާ ކުރުމަށް އޮޑިޓާ ޖެނެރަލް ވަނީ ލަފާދެއްވައިފަ އެވެ.
އަދި ފޯނު ބިލް ދެއްކުމުގެ ހުއްދަ ނެތް މަޖިލީހުގެ މުވައްޒަފެއްގެ ފޯނު ބިލަށް މަޖިލީހުގެ ބެޖަޓުން 43،356ރ. ހަރަދުކޮށްފައިވާ ކަމަށް ވެސް އޮޑިޓާ ޖެނެރަލް ވަނީ ވިދާޅުވެފަ އެވެ. އަދި އެ މުވައްޒަފަށް ފޯނު ބިލްދައްކައި ދިނީ އެ މުވައްޒަފަކީ އާންމުކޮށް އޮފީހަށް ނުކުމެ ވަޑައިގެން މަސައްކަތް ކުރަން ޖެހޭ މުވައްޒަފަކަށް ވާތީ ކަމަށް މަޖިލީހުގެ އިދާރާ އިން މައުލޫމާތު ދީފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައިވެ އެވެ.
އޮޑިޓް ރިޕޯޓްގައި މަޖިލީހުން މާލިއްޔަތު ޤަވާއިދާ ޚިލާފަށް ކޮށްފައިވާ ގިނަ ކަންތައްތަކެއް ފާހަގަކޮށްފައިވެ އެވެ. އެގޮތުން މަޖިލީހުގެ ހިސާބުތައް ރަނގަޅަށް ތައްޔާރު ނުކުރުމާއި މާލިއްޔަތު ޤާނޫނާ ޚިލާފަށް ހަރުމުދާ ބެލެހެއްޓުމާއި އިއުލާން ކުރުމެއް ނެތި ބައެއް މަސައްކަތްތައް މީހުންނާއި ހަވާލުކުރުން ފަދަ ކަންތައްތަ ހިމެނެ އެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...