މިއަދު މެންދުރުފަސް އެއީ ދުވަހަކުވެސް އަހަރެެންގެ ހަނދާންނުން ފުހެވޭނެ ވަގުތެއްނޫނެވެ. ގަޑިން އެއްގަޑި ސާޅީސް ފަހެކެވެ. އަހަރެންގެ މަސައްކަތުން އަހަރެން ވަކި މުއްދަތެއްނެތި ވީއްލީ ކީއްވެތޯ ސުވާލުއުފެދެއެވެ. 65 އަހަރު ވީކީނޫނިއްޔާއެވެ. ހިސާބުގަނޑު މީހުންނަށް ކުޑައިކޮށް ބޮލަށް ތުރާވާވަރަށް ހަޅެއްލަވާލާ ޖެހިގެންހުރި ގޮވައްޗަށް ކުޑަކުޑައިކޮށް ގެދަބުޅިކޮޅެއް ބުރުވާލިޔެއްކަމަކު އަހަރެންގެ ވަޒިފާބަޔާނުގައި އޮންނަ އަސްލު މަސައްކަތައްކުޑަކޮށްވެސް ފަރުވާކުޑަކޮށްފައެއް ނޯންނާނެއެވެ. ނުވިތާކަށް އަހަރެންގެ މަސައްކަތުން އަހަރެން ނުވީއްލުމަށް އަމުރުކޮށް ކޯޓަކުން ލިޔުމެއްނެރުންވާހަކަވެސް އަޑުއިވެއެވެ.
އަހަރެންނަށް މިވެގެން އުޅޭގޮތެއް ސާފުވީ އެހެން ޖަނަރޭޓަރުތަކުގެ ހަޅޭކުގެ އަޑުމަޑުވެ މުޅިތަން ކާބަން ނިއުޓުރަލް ވިހިސާބުންނެވެ. ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ. އަހަރެން ބަނޑަށް ޖެހުނީޔޯލައެވެ. އަރުތެރެއަށް ލާނެ ތެޔޮފޮދެއްހާ ހިސާބުވެސް ނެތުނީޔޯލައެވެ. އަހަރެންކުރާ މަސައްކަތުން އަހަރެންނަށް އެއްޗެއްދޭހާ ނުވަނީޔޯލައެވެ. މިހެންދިމާވި ކީއްވެބާއެވެ…
ބަންދުކޮށްފައިވާ ކުޑަ ގެއެއްގެ ތެރޭގައި އަހަރެން މިރަށު މިހުންނަށް ޚިދުމަތްކުރާތާ ހާދަހާ ދުވަހެއް ވެއްޖެއެވެ. ކުރީކޮޅުގައި ލޮލުފިޔަޖަހާލަން ދަންފަޅި ދަންފަޅި ލިބުނަކަށް މިހާރު އެންމެ ލޮލުފިޔައެއްޖަހާނުލާ މިރަށު މީހުންނަށް ޚިދުމަތްކުރާތާ ލައްކަދުވަސްވެއްޖެއެވެ.
މިއަދު އަހަރެން ޚިތާމަކުރަނީ އަހަރެންގެ ސަބަބުން ރަށުގެ މީހުންނަށް ލިބެމުންދިޔަ ލުއިފަސޭހަތަކުން އެމީހުން މަހުރޫމްވެފައިވާތިއެވެ. ކުދަކުދިންނަށް ނުނިދިގެން އުޅޭވާހަކަ އަޑުއިވުމުން ލޮލުންކަރުނައައެވެ. އޮފީސްތަކުގެ މަސައްކަތްތައް ހުއްޓިފައިވާ ވާހަކަ އަޑު އިވުމުން ހައިރާންވިއެވެ. ފާޚާނާ ނުކުރެވިފައިތިބި ވާހަކަ އަޑުއިވުމުން ހިނިވެސްއައެވެ.
ކޮންމެ އަކަސް އަހަރެންވެސް މިއަދު ކުޑަކޮށްނަމަވެސް އުފާވިއެވެ. އަމިއްލަ ނަފްސައްޓަކައެވެ. އެއީ އަހަރެންގެ މުޙިންމުކަމާއި ބޭނުންތެރިކަން ބޮޑުކަމުންނެވެ. އަހަރެން އުންމީދުކުރަނީ ވީއެންމެ އަވަހަކަށް ރަށުމީހުންނަށް ޚިދުމަތްކުރުމުގެ ފުރުޞަތަކަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...