ރިޕޯޓް

ރަށު ސުކޫލުގައި ޢަރަބި ބަސް ތަޢާރަފްކުރުން

ޢަރަބި ބަހަކީ މުސްލިމެއްގެ ޙައިޞިއްޔަތުން އުނގެނުން ނުހަނު ބޭނުންތެރި ބަހެކޭ ބުނެވިދާނެއެވެ. މިކަމަށް ދަލީލުލިބޭ ބައިވަރު ހެކިތައް އަހަރެމެންގެ ކުރިމައްޗަށް ޖަމާކުރެވެން އެބަހުއްޓެވެ.

ޢަރަބި ބަހަކީ ކީރިތި ޤުރުޢާން ބާވާލެއްވިގެންވާ މާތް ބަހެވެ. އަހަރެމެންގެ ލޮބުވެތި ރަޞޫލު މުޙައްމަދު ޞައްލަﷲ އަލައިހި ވަސައްލަމްގެ މާދަރީ ބަހެވެ. އެހެންކަމުން އެކަލޭގެފާނު ވިދާޅުވެދެއްވި އެންމެހާ ޙަދީޘްތައްވަނީ ޢަރަބި ބަހުންނެވެ. އިސްލާމީ ޝަރީޢާގެ އެންމެހާ އަޞްލުތައް ބަޔާންވެގެން އައިސްފައިވަނީ ހަމަ ޢަރަބި ބަހުންނެވެ. ނަމާދުގައްޔާއި، ޞަލަވާތާއި ވާރިދުވެގެންވާ އެންމެހާ ދުޢާތައް ލިޔެވިގެންވަނީ ޢަރަބި ބަހުންނެވެ. އަދި ބަޔާންވެ އެނގިގެންވާ ގޮތުގައި ސުވަރުގޭގެ އަހްލުވެރިންގެ ބަހަކީ ޢަރަބި ބަހެވެ. ވީމާ ޢަރަބި ބަސް އުނގެނި ގަތުމަކީ މުސްލިމެއްގެ ޙައިޞިއްޔަތުން އަޅުގަނޑުމެންނަށް ނުހަނު މުޙިންމުކަމެއްކަން ހާމަވެގެން ހިނގައްޖެއެވެ.

އިނގިރޭސި ބަސް ފަދައިން ޢަރަބި ބަހަކީ ވެސް ބައިނަލްއަޤްވާމީ ބަހެކެވެ. ޙަޤީޤަތުގައި އިނގިރޭސިބަހުން ވާހަކަދައްކާ އުޅޭ އެ ބަހުގެ ނޭޓިވް ނުވަތަ އަސްލު އަހްލުވެރިންނަށް ވުރެ ޢަރަބި ބަހުން ވާހަކަދައްކާ އުޅޭ ޢަރަބި ބަހުގެ އަހްލުވެރިން މާބޮޑުތަނުން ގިނައެވެ. މިގޮތުން ބަލާއިރު އެފްރިކާގައި ޢަރަބި ބަހުން ވާހަކަ ދައްކާ ޤައުމުތަކުގެ ޢަދަދު 12 އަށް ވުރެ މައްޗަށް އަރައެވެ. އަދި މެދު އިރުމަތީގައި ޢަރަބި ބަހުން ވާހަކަ ދައްކާ ޤައުމުތަކުގެ ޢަދަދު 13 އަށް ވުރެ މައްޗަށް އަރައެވެ. މިގޮތުން ބަލާއިރު، އަލްޖީރިއާ، ބަހްރެއިން، ކެމަރުން، ޗާޑް، ޖިބޯޓި، މިޞްރު، އެރިޓްރިއާ، އިރާޤް، ޖޯޑަން، ކުވޭތް، ލެބަނަން، ލީބިޔާ، މޮރިޓޭނިއާ، މޮރޮކޯ، އޮމާން، ޤަތަރު، ސައުދީ ޢަރަބިއްޔާ، ސޯމާލިޔާ، ސޫދާން، ސީރިޔާ، ޓިއުނީޝިޔާ، ޔުނައިޓަޑް އެރެބް އެމިރޭޓްސް، ޔަމަން، ފަލަސްތީން އަދި ހުނޅަގު ސަހާރާގެ ރަސްމީ ބަހަކީ ޢަރަބި ބަހެވެ. މީގެ އިތުރުން އިސްރާޢިލްގެ ވެސް ރަސްމީ 2 ބަހުގެ ތެރެއިން އެއްބަހަކީ ޢަރަބި ބަހެވެ.

ވީމާ އިނގިރޭސި ބަހާއަޅަ ބަލާއިރު ޢަރަބި ބަހަކީ ވެސް ވަރަށް ގިނަ އަދަދެއްގެ ބަޔަކު ވާހަކަދައްކާ އުޅޭ ބަހެކެވެ. އިނގިރޭސިބަހުގެ އަސްލު އަހްލުވެރިން ކަމުގައިވާ އިނގިރޭސިންނަކީ ޢަދަދުގެ ގޮތުން ނުހަނު މަދު މީސްކޮޅެކެވެ. މިއަދުވެސް ޔުނައިޑަޓް ކިންޑަމުގައި ހިމެނެނިގެންވާ 4 ޤައުމުގެ ތެރެއިންވެސް ހަމައެކަނި އިނގިރޭސި ބަހުން ވާހަކަދައްކާ އުޅޭ ޤައުމަކީ އިންގުލޭންޑު އެވެ. ނަމަވެސް އިނގިރޭސިންގެ އިސްތިޢުމާރުގެ ސަބަބުން އިނގިރޭސިބަހުގެ ނުފޫޒުވަނީ ދުނިޔޭގެ ހަތަރު ބިތައް ފޯރާފައެވެ. އިސްތިއުމާރުގެ އަސަރު ޓެކްނޮލޮޖީއަށް ފޯރާފައިވާލެއް ބޮޑުކަމުން މިއަދު މިވަނީ ވަރަށް ވެސް ބޮޑަށް އިނގިރޭސި ބަސް ދުނިޔޭގެ ހަތަރު ބިތުގައި ވަކި ހިއްޕާލާފައެވެ. ޙަޤީޤަތުގައި އިނގިރޭސިންގެ އިސްތިއުމާރުގެ ކުރިން ދުނިޔޭގައި ޢަރަބި ބަހުގެ ނުފޫޒު މާގަދަވެމޫލައިފާވެއެވެ.

ވީމާ ސެކަންޑު ލޭންގުއޭޖްއެއްގެ ގޮތަށް ޢަރަބި މާއްދާ އިސްކޫލުތަކަށް ތަޢާރަފްކުރަންވެއްޖެއެވެ. ޙާއްޞަކޮށް ރަށު އިސްކޫލުގައި އަރަބި ބަސް ތަޢާރަފް ކުރެވިގެންދިއުމަކީ ވަރަށް ބޮޑު އުންމީދެކެވެ. ރަށުގެ ކައުންސިލު ޢިދާރާޔާއި، ރަށު ސުކޫލާއި، ކުލަބް ޖަމާޢަށްތަކާއި، ޖަމުއްޔާތަކާއި އަދި ސިޔާސި ޕާޓީތައްވެސް އެކުވެ އެމުނިގެންވާގޮތުގައި ސެކަންޑު ލޭންގުއެޖް އެއްގެ ގޮތުގައި ޢަރަބި ބަސް އިސްކޫލަށް ތަޢާރަފް ކުރެވޭނެ މަގެއް ހޯދުމުގެ މާތް މަތިވެރި މަސައްކަތް ފަށަންވީ ވަޤުތު މިއޮތީ އައިސްޖެހިފައެވެ. މިކަން ކުރުމަށް އަތޮޅު ކައުންސިލާއި އަދިވެސް މިނޫންވެސް ކަމާބެހޭ މުޢައްސަސާތަކާއި އަދި ހެޔޮއެދޭ ފަރާތްތަކާއި ވާހަކަދައްކާ މަޝްވަރާކުރަންވީ ހިނދުކޮޅު މިވަނީ އައިސްފައެވެ. ރައްޔިތުންނަށް ލިބިފައިވާ މިނިވަންކަމާ ޙައްޤުތަކުގެ ބާރު އިޖްތިމާޢީ ޢިލްމީ ކަންކަން ނަގާކޮޅަށް ޖަހުމަށް ބޭނުންކުރަން ފަށަންވީ ފުރުޞަތު މިވަނީ ތަނަވަސްވެފައެވެ.

ގުޅުންހުރި

4 ޚިޔާލު

  1. އަޙްމަދު ނިޔާޒު އަށް ޝުކުރިއްޔާއެވެ! މިފަދަ ބޭނުންތެރި ލިޔުންތައް ގިނަގިނައިން ފެންނާނެކަމަށް އުއްމީދު ކުރަމެވެ. އަޅުގަޑުމެން ބޭނުންވަނީ ނޫސް މަޖައްލާތަކުން މިފަދަ ބިނާކުރަނިވި މުޖުތަމަޢަށް ފައިދާހުރި ލިޔުންތައް ފެންނާށެވެ. މިފަދަ ލިޔުންތައް ލިޔުއްވާނެ ގިނަ ލިޔުންތެރިން ރާއްޖޭގައި ތިބިނަމަ ޤަޥްމު ފަސާދަ ވުމުގެ ބަދަލުގައި ވާނީ އިޞްލާޙެވެ. ރާއްޖޭގެ ލިޔުންތެރިންނަށާއި ނޫސްވެރިންނަށް ހެޔޮ ވިސްނުން ދެއްވާށިއެވެ. އާމީން.

  2. ވަރަށް ރަގަޅު ކަމެއްތީ

  3. އަޅުގަނޑު ގެ ނަޒަރުގަ އިސްލާމީ ގައުމެއްގާ އަރަބި މަޖުބޫރު މާއްދާއަކައް ވުމީ ވަރައް މުހިއްމު ކަމެއް.

  4. އާމީން

Your email address will not be published. Required fields are marked *

More in ރިޕޯޓް