ވާހަކަ ”އަހަރެން ބޭނުމީ ވަރަށް ރައްކާތެރި އަމާން އުފާވެރި ޙަޔާތެކެވެ."

”އަހަރެން ބޭނުމީ ވަރަށް ރައްކާތެރި އަމާން އުފާވެރި ޙަޔާތެކެވެ."

”އަހަރެން ބޭނުމީ ވަރަށް ރައްކާތެރި އަމާން އުފާވެރި ޙަޔާތެކެވެ."

ކިޔާލަން ހޭދަވާނީ 7 މިނިޓް

ފޮންޓް ސައިޒް

ދުނިޔޭގެ މަޝްހޫރު ބިލިޔަނަރެއް ކަމުގައިވާ އެރިސްޓޯ އޮނައްސިސްގެ އަންހެން ދަރިއެކެވެ. އޭނާއަކީ ދުނިޔޭގައިވާ އެންމެ މުއްސަނދި އެއް އަންހެނާއެވެ. އެހުރިހާ ފައިސާތަކުން އޭނާއަށް އެއްވެސް އުފާވެރިކަމެއް ހިތްހަމަޖެހުމެއް ނުގެނެސްދިނެވެ. ފަހެ އޭނާއަށް އެއުފާވެރިކަން ނުލިބެނީ ކީއްވެގެންހެއްޔެވެ؟ އޭނާ އެންމެ ފުރަތަމަ ކައިވެނި ކޮށްފައިވަނީ އެމެރިކާ މީހަކާއެވެ. ދުވަސްކޮޅެއް ފަހުން އެމީހާ އޭނާ ވަރިކޮށް ދޫކޮށްލިއެވެ. އެއަށް ފަހު އޭނާ ގްރީސް މީހަކާ ކައިވެނިކުރި އެވެ. އެމީހާވެސް ދުވަސް ކޮޅަކަށްފަހު އޭނާ ވަރިކުރިއެވެ. ދެން އޭގެފަހުން އޭނާ ކައިވެނި ކޮށްފައިވަނީ ފްރާންސް މީހަކާއެވެ. އެކައިވެނި ވެސް ނިމުނީ ހަމައެފަދައިންނެވެ. ދެން އޭނާ ރަށިޔާ މީހަކާ ކައިވެނި ކުރިއެވެ.

އިތުރަށް ކުރިއަށް ދިއުމުގެ ކުރިން އުފެދޭ ސުވާލެއް އެބައޮތެވެ. ކޮމިއުނިޒަމް އާއި ކެޕިޓަލިޒްމްގެ (އަހުލުވެރިންގެ) މައިގަނޑު އެއްމައްސަލައެއް ކަމުގައިވަނީ ކޮން މައްސަލައެއްހެއްޔެވެ؟ ”އަހަރެން ބޭނުމީ ވަރަށް ރައްކާތެރި އަމާން އުފާވެރި ޙަޔާތެކެވެ.“ މިއެވެ.

އާޚިރުގައި އޭނާ (އޮނައްސިސްގެ އަންހެން ދަރިފުޅު) ފެނިފައިވަނީ އާޖެންޓީނާގެ މަޝްހޫރު ރިސޯޓެއްގައި އޭނާ ޗުއްޓީ ހޭދަކޮށްލުމަށް ގޮސް ހުންނަ ގޭގެ ތެރޭގައި މަރުވެ ކުނިވާން ކައިރިވެފައި ވަނިކޮށެވެ.

”أَفَمَنْ شَرَحَ اللَّهُ صَدْرَهُ لِلإسْلامِ فَهُوَ عَلَى نُورٍ مِنْ رَبِّهِ فَوَيْلٌ لِلْقَاسِيَةِ قُلُوبُهُمْ مِنْ ذِكْرِ اللَّهِ أُولَئِكَ فِي ضَلالٍ مُبِينٍ“
”ފަހެ އިސްލާމްދީނަށް އެމީހާގެ ހިތް ތަނަވަސްކޮށްދެއްވައި އޭނާގެ ވެރިރަސްކަލާނގެ ޙަޟްރަތުން ނޫރެއް ލިބިފައިވާ މީހަކު (އެނޫން މީހަކާ އެއްފަދަ ހެއްޔެވެ؟) ފަހެ، ﷲ ހަދާން ކުރުން ފިޔަވައި، އެއުރެންގެ ހިތްތައް ހަރުކަށިވެފައިވާ މީހުންނަށް ހަލާކު ހުއްޓެވެ. އެއުރެންވަނީ، ފާޅުވެގެންވާ މަގުފުރެދުމެއްގައެވެ.“ [ސޫރަތުއް ޒުމަރު: 22]

އަހަރެން އެމެރިކާގެ ލޮސްއެންޖަލަސްގައި ދަރުހެއް ދިނުމަށް އިނީމެވެ. އެތަނަށް ސީރިޔާގެ ދެއަޚުން އައެވެ. އެމީހުންނާ އެކުގައި އެމެރިކާ މީހަކުވެސް ހުއްޓެވެ. އެތަނުން ސީރިޔާގެ އަޚަކު އަހަރެންނަށް ބުންޏެވެ. ”ޝޭޚުއެވެ. ޝޭޚުއަށް އުނދަގޫ ކަމަކަށް ނުވާނެނަމަ މި (އެމެރިކާ) މީހާއަށް ޝަހާދަތް ލާ ދިނުމުގައި އެހީތެރިވެ ދެއްވާށެވެ.“

އަހަރެން ބުނީމެވެ. ”މަރުޙަބާއެވެ. އަވަހަށް އަންނާށެވެ. މިތާ އިށީންނާށެވެ.“

ދެން އަހަރެން އެމީހާގެ ކައިރީގައި އިށީނނުމަށް ފަހު އެހީމެވެ. ”އަރުމެންނާ މެދު ތިބާ ގަޔާވީ ކޮންކަމަކާހުރެ ހެއްޔެވެ؟ އަހަރުމެންގެ ޙާލަތާމެދު އެއްވެސް ބަޔަކު ރުހިގެނެއް ނުވެއެވެ. ތިބާ އަހަރުމެން ގާތަށް ތިއައީ ކީއްވެގެން ހެއްޔެވެ؟ އަރުމެންނާ މެދު ތިބާ ގަޔާވީ ކޮންކަމަކާ ހުރެ ހެއްޔެވެ؟“

އެމިހާ އަހަރެން ގާތު ބުނިގޮތޮގައި އެމީހާއަކީ ވަރަށް ގިނަ ކުންފުނިތައްކާއި ވިޔަފާރިތައް އޭނާގެ މިލްކުގައިވާ ބިލިޔަނަރެކެވެ. އަދި އޭނާ ބުންޏެވެ. ”މިހުރިހާ ކަމެއް އަހަރެންނަށް ލިބިގެންވާ ހިނދުގައި ވެސް، އަހަރެންމިވަނީ މިޙަޔާތުގެ މަތިން މުޅިން ފޫހިވެ ވަރުބަލިވެފައެވެ.“

ސޯޅަ ފަހަރު މަތިން މީނާ ވަނީ އަމިއްލަ އަށް މަރުވާން މަސައްކަތް ކޮށްފައެވެ. ކޮންމެ ފަހަރުކު ވެސް ކޮންމެވެސް ބަޔަކު އެކަން ހުއްޓުވާފައިވެއެވެ. ކީއްވެގެން ތޯއެވެ؟ މިފަދަ މީހަކު މިފަދަގޮތަކަށް އަމިއްލައަށް މަރުވާން އުޅެންވީ ސަބަބަކީ ކޮބައި ހެއްޔެވެ؟

އޭނާ ކިޔާދީފައިވެއެވެ. ”އަހަރެން ދަތުރު ކޮށްފައި އެތަނަކަށް ނުދާ ތަނެއް މިދުނިޔޭގައި ނުހުންނާނެއެވެ. އަހަރެން ބޭނުންވެއްޖެ ނަމަ އަހަރެންނަށް ކާންނުލިބޭ އެއްވެސް ކެއުމެއް ދުނިޔޭގައި ނުވެއެވެ. އަހަރެން އެމީހަކު ދެކެ ލޯބިވާ އަންހެނަކު، ނުވަތަ އެމީހަކާއެކު އަހަރެން ކުރަން ބޭނުންވާ ކަމެއް ނުކުރެވިވާ އަންހެނަކު ނުވެއެވެ. ފައިސާއިން ވާން ހުރި ހުރިހާ ކަމެއް އަހަރެންނަށް ޙާޞިލް ކުރެވެއެވެ.“

ލޮބުވެތި އަޚުންނެވެ. އަހަރެން، (މޫދާކައިރީގައި ހުންނަ) މިމީހާގެ ގަނޑުވަރެއް ފަދަ ގެއަށް ދިޔައީމެވެ. މިގެ ބިނާކުރެވިފައިވަނީ މުޅިންހެން ވެސް ބިއްލޫރިންނެވެ. އެގޭގައި އެހާމެ ރީތި ބަގީޗާއެއް ހުރެއެވެ. ގޭތެރެއަށް ވަދެގެން ދާއިރު ތިރީ ބުރިއަށް ދިއުމަށް ހަދާފައިވާ ސިޑިއެއްވެއެވެ. އެސިޑިން ތިރިއަށް ދިއުމުން ހީވަނީ މޫދުގައި ފައިއަޅާލާހެއްނެވެ. ނަމަވެސް ފައިގައި ފެނެއްނުޖެހެ އެވެ. މިހުރިހާ ކަމެއް ލިބިގެންވާ އިރުގައިވެސް އޭނާ ބުނިގޮތުގައި އޭނާ ވަނީ ޙަޔާތުގެ މަތިން ފޫހިވެ ވަރުބަލިވެފައެވެ. އޭނާއަށް މިޙަޔާތުގައި އުފާވެރިކަމެއް ނުވެއެވެ. ކީއްވެގެން ތޯއެވެ؟ އޭނާގެ ހަށިގަނޑަށް ބޭނުންވާނެ ހުރިހާ އެއްޗެއް އޭނާގެ ހަށިގަނޑަށް ލިބިދެއެވެ. އެހެނަސް ހަމައެކަނި ހަށިގަނޑެއް ލިބިފައިވުމަކުން ފުރިހަމައެއް ނުވާނެއެވެ. ހަމަ ހިލާ އެހެނެއް ނުވާނެއެވެ. ވަރަށް ވެސް މުހިންމު އެހެން އެއްޗެއް ވެއެވެ. އިންސާނާ ފުރިހަމަވަނީ ހަށިގަނޑަކާ ފުރާނައެއް އެކުވުމުންނެވެ.

އިމާމް އައްޝާފިޢީ އާ ސުވާލު ވެވުނެވެ. ”އެ އިމާމް ޝާފިޢީ އެވެ. އިންސާނާގެ ފުރާނަ އުފުލަނީ ހަށިގަނޑު ހެއްޔެވެ؟ ނުވަތަ ހަށިގަނޑު އުފުލާ އެއްޗަކީ ފުރާނަ ހެއްޔެވެ؟“

އިމާމް އައްޝާފިއީ ޖަވާބުގައި ވިދާޅުވިއެވެ. ”ނޫނެކެވެ. ހަށިގަނޑު އުފުލާ އެއްޗަކީ ފުރާނައެވެ. މިކަމުގެ ދަލީލަކީ އިންސާނާގެ ފުރާނަ ހަށިގަނޑާ ވަކިވެއްޖެ ނަމަ ހަށިގަނޑު ވަގުތުން ވެއްޓެއެވެ. ދެން އޭގައި އެއްވެސް ބާރެއް އަގެއް ނުހުރެއެވެ.“

އިންސާނާ މަރުވުމުން ވަޅު ނުލައިފިނަމަ ގިނަ އިރު ވާވަރަކަށް އެހަށިގަނޑު ކުނިވެ ފުޅައަޅައެވެ.

އަހަރެން އަނެއްކާ ވެސް އެމީހާ ގާތު އެހީމެވެ. ”ދެން މިއަދު ތިބާ މިތަނަށް ތިއައީ ކީއްވެގެން ހެއްޔެވެ؟“
އެމީހާ ކިޔާދިނެވެ. ”އަހަރެން މިއަދު މި ސީރިޔާ މީހާގެ އޮފީހަށް ދިޔައީމެވެ. އޮފީހަށް ވަންތަނުން އަހަރެންނަށް ފެނުނީ އަހަރެން ވެސް މޫނުދޮންނަށް ބޭނުން ކުރާ އަތްދޮންނަ ތައްޓަށް މީނާ ފައިލައިގެން ހުއްޓައެވެ.“

ސިރިޔާގެ އެއަޚާ ހުރީ ވުޟޫ ކުރާށެވެ. އެހެނަސް އެ އެމެރިކާ މީހާއަކަށް އެކަމެއް ނޭގެއެވެ. އެހެންކަމުން އެމެރިކާ މީހާ އޭނާއަށް ބުންޏެވެ. ”ކަލޭގެ އެއްވެސް ގޮތެއް ފޮތެއް އަދަބު އަޚްލާޤެއް ނުހުރޭ ހެއްޔެވެ؟ ކަލޭ އަތްދޮންނަ ތައްޓައް ފައި ތިލަނީ ކީއްވެގެން ހެއްޔެވެ؟“

ސީރިޔާގެ އަޚާ ބުންޏެވެ. ”އަހަރެން ވުޟޫ ކުރަނީ އެވެ.“

އޭނާ ވަރަށް ހައިރާންވެފައި އެހިއެވެ. ”ވުޟޫ ކުރުމަކީ ކޮން ކަމެއް ހެއްޔެވެ؟“

އެހެންކަމުން ސީރިޔާގެ އަޚާ އޭނާއަށް ވުޟޫއަކީ ކޮބައިކަން ބުނެދިނެވެ. އަދި ވުޟޫ މިކުރަނީ ނަމާދުކުރުމަށް ދާން ކަމުގައި ބުންޏެވެ.

އަނެއްކާވެސް އޭނާއަށް ހައިރާންކަމެއް ލިބުނެވެ. އަދި ސުވާލުކުރިއެވެ. ”ނަމާދަކީ ކޯންޗެއް ހެއްޔެވެ؟“

ސިރިޔާގެ އަޚާ އޭނާއަށް ނަމާދަކީ ކޯންޗެއްކަން ބުނެދިނެވެ.

ދެން އޭނާ ސުވާލު ކުރިއެވެ. ”ކަލޭ ނަމާދު ކުރަނީ ކާކަށް ހެއްޔެވެ؟“

ސީރިޔާ އަޚާ ބުންޏެވެ. ”ﷲ އަށެވެ.“

އޭނާއަށް ލިބިފައިވާ ހައިރާންކަން އިތުރުވެގެން ދިޔައެވެ. އަދި ބުންޏެވެ. ”ﷲ! ﷲ އަކީ ކާކު ހެއްޔެވެ؟“

އޭނާއަކަށް އެއްވެސް އެއްޗެއް ނޭނގެއެވެ.

އެމެރިކާ މީހާ ސީރިޔާގެ އަޚާއަށް ބުންޏެވެ. ”މައްސަލައެއް ނެތެވެ. އަހަރެން ދުވަހަކު ވެސް ކަލޭ ކަމަކާމެދު ހާސްވެ ކަންބޮޑުވެފައިވަނިކޮށެއް ނުދެކެވެ. އަދި އަބަދުވެސް ކަލޭގެ މޫނުމަތިން އުފާވެރިކަމާއި ހިތްހަމަޖެހުން ފާޅުވާން ހުރެއެވެ. އެއީ ކިހިނެއް ހެއްޔެވެ؟“

އެމިހާ ކިޔާދިނެވެ. ”އަހަރުމެންގެ ނަބިއްޔާ (صلى الله عليه وسلم) ޙަދީޘް ކުރައްވަފައިވެއެވެ. ’މުއުމިނެއްގެ ކިބައިގައި ވާ ކަންތައްތަކަކީ ޢަޖައިބު ކުރުވަނިވި ކަންތައްތައް ތަކެކެވެ. އެހެނީ އޭނާގެ ހުރިހާ ކަމެއްގައި ވެސް ވަނީ ހެޔޮކަމެވެ. އަދި މިއީ މުއުމިނަކަށް ފިޔަވާ މިކަން ވާނެ ގޮތެއް ނޫނެވެ. މުއުމިނު މީހާއަށް އުފާވެރިކަމެއް ކުރިމަތި ވެއްޖެނަމަ އޭނާ ﷲ އަށް ޙަމްދު ކުރެއެވެ. އެކަމުން އޭނާއަށް ވަނީ ހެޔޮކަމެވެ. އަދި އޭނާއަށް ދަތި އުނދަގޫ ކަމެއް ކުރިމަތި ވެއްޖެނަމަ އޭނާ ﷲ އަށް ރުޖޫޢަ ވެއެވެ. (އަދި ކެއްތެރިކަމާއެކުގައި އެކަން ތަޙައްމަލު ކުރެއެވެ.) މިކަމުގައިވެސް އޭނާއަށް ވަނީ ހެޔޮކަމެވެ.‘“ [މުސްލިމް]

އެމެރިކާ މީހާ މިވާހަކަތައް (މިހަދީޘް) އަޑުއަހަން އިނދެފައި ބުންޏެވެ. ”އެހެން ވެއްޖެޔާ އަހަރެން ވެސް ބޭނުންވަނީ (ތިޔަފަދަ) ކަލޭ ފަދަ މީހަކަށް ވާށެވެ. އަދި އަހަރެން ދުވަހަކު ވެސް ކަލޭ ރާބޮއެ މަސްތުވެފައި ވަނިކޮށެއް ނުދެކެމެވެ.“

ސީރިޔާގެ އަޚާ ބުންޏެވެ. ”ނޫނެކެވެ. ﷲ އަހަރެން ތިކަމުން ރައްކާތެރި ކުރައްވާށިއެވެ. މަސްތުވާ ޒާތުގެ ރާފަދަ އެއްޗެހި ބުއިމަކީ އަހަރުމެންގެ ދީން ނަހީކުރާ ކަމެކެވެ.“

ދެން އެމެރިކާ މީހާ ބުންޏެވެ. ”އަހަރެން އެދޭ ކަމަކީ ކަލޭ ފަދައިން އުފާވެރިކަމުގައިވާ މީހަކަށް ވުމެވެ. އަހަރެން އެކަމަށްޓަކައި ހަދަންވީ ކިހިނެއް ހެއްޔެވެ؟“

ސިރިޔާގެ އަޚާ ބުންޏެވެ. ”ތިބާ ޖެހޭނީ އިސްލާމް ވާށެވެ.“

އޭނާ އަވަސް އަރުވާލާފައި ބުންޏެވެ. ”އަހަރެން މިހުރީ ހަމަ ތައްޔާރަށެވެ. އެކަމަކު ބުނެބަލާށެވެ. އަހަރެން ތިބުނާ އިސްލާމްދީނަށް ވަދެއްޖެ ނަމަ ކަލޭ ތިވޭތުކުރާ އުފާވެރި ޙަޔާތް އަހަންނަށް ވެސް ލިބޭނެ ހެއްޔެވެ؟ އަހަރެންނަށް ސަލާމަތްތެރިކަމާއި ރައްކަތެރިކަން އިހުސާސް ކުރެވޭނެ ހެއްޔެވެ. އުފާވެރި އަމާން ދިރިއުޅުމެއް ލިބޭނެ ހެއްޔެވެ؟“

ސިރިޔާގެ އަޚާ ޖަވާބުގައި ބުންޏެވެ. ”އާނއެކެވެ. ޝައްކެއް ވެސް ނެތެވެ. އެކަމަކު އެއީ ކަލޭގެ ދަޢުވާގައި ކަލޭ އިޚްލާޞްތެރި ކަމުގައިވާނައެވެ.“

އެމެރިކާ މީހާ ބުންޏެވެ. ”އަހަރެން މިބުނަނީ ވަރަށް އިޚުލާޞްތެރިކަމާ އެކީގައެވެ. އަހަރެން ބޭނުމީ ސަލާމަތްތެރި އުފާވެރި ދިރިއުޅުމެއް އުޅޭށެވެ. އެކަމަށްޓަކައި ހަދަންވީ ގޮތް އަހަރެންނަށް ބުނެދޭށެވެ.“

ސީރިޔާގެ އަޚާ ބުންޏެވެ. ”އެހެންވެއްޖެޔާ އެންމެފުރަތަމަ ކަލޭ ފެންވަރައި ޠާހިރުވެގެން އަންނާށެވެ.“

އެމެރިކާ މީހާ ފެންވަރައިގެން އައެވެ. އަދި މިމަތިވެރި ނިޢްމަތް ލިބުމަށް ﷲ މެދުވެރި ކުރެއްވީ އަހަންނަށެވެ. ސީރިޔާގެ އަޚާ އެމެރިކާ މީހާ ގޮވައިގެން އައީ އަހަރެން ދަރުސް ދޭން އިން މި ތަނަށެވެ. އަހަރެން އެމެރިކާ މިހާ އަހަރެން ގާތަށް ގެނެސް ބުނީމެވެ. އަހަރެންގެ ފަހަތުން ކިޔާށެވެ.

”أشهد ان لاإله إلاالله, وأشهد انًّ محمد الرسول الله“ ”ﷲ ފިޔަވާ (ޙައްޤުވެގެން އަޅުކަން ވެވޭ) އެހެން އިލާހަކު ނުވާކަމަށް އަޅު ހެކިވަމެވެ. އަދި މުޙަންމަދުގެފާނީ ﷲ ގެ ރަސޫލާކަމަށް ވެސް އަޅު ހެކިވަމެވެ.“

ﷲ ގެ މަތިވެރިވަންތަ ކަމާއެވެ. މި ރިވެތިވެގެންވާ ދެކަލިމައެވެ. ތައުޙީދަށް ހެކިވުމެވެ. ހައްޤަށް ހެކި ވުމެވެ. އެކަލިމައަކަށްޓަކައި ﷲ ތަޢާލާ އުޑުތަކާ ބިން ހެއްދެވި ކަލިމައެވެ. އަދި އެއަށްޓަކައި ޖަންނަތާއި ޖަހަންނަމަ ޚަލްޤު ކުރެވުނު ދެ ކަލިމައެވެ. މިދެ ކަލިމައަށްޓަކައި ﷲ ތަޢާލާ ހުރިހާ ފޮތެއް ބާވާލެއްވި ދެ ކަލިމައެވެ. ހުރިހާ ނަބިއްޔުންނާއި ރަސޫލުން ފޮނުއްވުނު ސަބަބެވެ. އަދި އެއަށްޓަކައި މީސްތަކުން އުފާވެރިކަން ލިގެންވާ ބައިގަނޑަކާއި ހިތާމަވެރިކަން ލިބިގެންވާ ބައިގަނޑަކަށް ދެބައި ކުރެއްވި ދެ ކަލިމައެވެ. ﷲ ތަޢާލާ، ޖަންނަތުގައި ވާނޭ ތައުޙީދުގެ ބައިގަނޑަކާއި ޖަހަންނަމައިގައި ވާނޭ ކުފުރާއި ޝިރުކުގެ ބައިގަނޑެއް ލެއްވިއެވެ.

އެމެރިކާ މިހާ އަހަރެންގެ ފަހަތުން ޝަހާދަތުގެ ދެކަލިމަ ކިއެވެ.

ﷲ ގަންދީ ބުނަމެވެ. ލޮބުވެތި އަޚުންނާ އުޚްތުންނޭވެ! އަހަރެން މިބުނާ ފަދައިން ވަރަށް ގިނައިން ބުނެފައިވާނެއެވެ. ޝަހާދަތުގެ ދެކަލިމައިގެ މުހިންމުކަން، މި އެމެރިކާ މީހާ ޝަހާދަތުގެ ދެކަލިމަ ކީ ހިނދު އަހަރެންނަށް އިހުސާސް ކުރެވުނު ފަދައިން މީގެކުރިން ދުވަހަކުވެސް އިހުސާސް ކުރެވިފައެއް ނުވެއެވެ. އެމެރިކާ މީހާ ޝަހާދަތުގެ ދެކަލިމަ ކީ، ބަރު ހިލައެއް އޭނާގެ ދުލުން އުފުލައިގެން އެއް ފަރުބަދައިން އަނެއް ފަރުބަދައިގެ މައްޗަށް އުފުލާ ފަދައިންނެވެ. ޝަހާދަތުގެ ދެކަލިމަ ކިޔުމާއެކު އޭނާގެ ހަށިގަނޑު ތުރުތުރުއަޅަން ފެށިއެވެ. އެއާއެކު އޭނާ ގިސްލާ ރޯންފެށިއެވެ. އެތަނުގައި ތިބި އަޚުންތައް ތެދުވެ އޭނާ ހަމަޖެއްސޭތޯ މަސައްކަތް ކުރަން ފެށިއެވެ. އޭނާ އެގޮތައް (ރުއިމަށް) ދޫކޮށްލުމަށް އަހަރެން އެއަޚުންނަށް ބުނީމެވެ.

ދެން އޭނާ ރުއިން ހުއްޓާލާ ހަމަހިމޭން ވުމުން އަހަރެން އެހީމެވެ. ”ތިބާ ރުއީ ކީއްވެގެން ހެއްޔެވެ؟“

އެމީހާ ބުންޏެވެ. ”ނޫނެކެވެ. ނޫނެކެވެ. ފުރަތަމަ ޝޭޚު ބުނެބަލާށެވެ.“

އަހަރެން ބުނީމެވެ. ”އަވަހަށް ސުވާލު ކުރާށެވެ. އަހަރެން ބުނެދޭންވީ ކޯންޗެއް ހެއްޔެވެ؟“

އޭނާ ބުންޏެވެ. ”ޝޭޚް ދެންމެ އަހަރެން ލައްވާ ތި ކިޔުއްވި ބަސްތަކުގައި ޝޭޚު ފޮރުވާފައިވަނީ ކޮންފަދަ ސިއްރެއް ހެއްޔެވެ؟“

”ކޮންސިރެއް ހެއްޔެވެ؟“ އަހަރެން ސުވާލު ކުރީމެވެ.

އޭނާ ބުންޏެވެ. ”އެކަލިމަ ކިއުމާއެކު އަހަރެންގެ ޖިސްމާއި ހިތުގެ އެންމެ އަޑިން ހިތްހަމަޖެހުމެއް އިހުސާސް ކުރެވެން ފަށައިފިއެވެ. އެއީ މިދެކަލިމަ ކިޔުމުގެ ކުރިން އަހަރެންނަށް ދުވަހަކު ވެސް އިޙުސާސް ކުރެވިފައި ނުވާ ހިތްހަމަ ޖެހުމެކެވެ.“

އަހަރެން އޭނާއަށް ބުނީމެވެ. ”އެއީ އިސްލާމްކަމުން ތިބާގެ ޖިސްމަށާއި ހިތަށް ގެނުވާދޭ ހިތްހަމަ ޖެހުމެކެވެ.“

ތިމާއަކީ ކުއްވެރިއެއްކަން ޤަބޫލު ކުރާޙާލު އަމިއްލަޔަށް އިސްނަގައިގެން، އެކަމަށް ލޯބިކުރުމާއެކު، އަވަސް އަރުވާލުމެއް މަޖްބޫރު ކުރެވުމެއް ނެތި އިސްލާމްވާ މީހަކަށް މެނުވީ މިހިތްހަމަ ޖެހުމެއް އިޙުސާސެއް ނުކުރެވޭނެއެވެ.

”أَلَمْ نَشْرَحْ لَكَ صَدْرَكَ“
”ތިމަން ރަސްކަލާނގެ، ކަލޭގެފާނުގެ ހިތްޕުޅު ކަލޭގެފާނަށްޓަކައި ތަނަވަސްކޮށް ނުދެއްވަން ހެއްޔެވެ؟“ [ސޫރަތުއް ޝަރްޙް: 1]

މަޞްދަރު: ޝައިޚް މުޙަންމަދު ޙައްސާން

މިއީ ކްލިކް4އިސްލާމް އިން ނަގާފައިވާ ލިޔުމެކެވެ.

ޓެގް

ވާހަކަ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.