''ޕޮލިހުން ބުނީ ފޯނުތަކެއް ފެނިއްޖެޔޯ... ބަލަން އަންނާށޯ މިހާރު..'' ރާޖޫވެސް ހުރީ އަޖައިބުވެފައެވެ.
ﷲ އަށް ޙަމްދު ހުއްޓެވެ. ފޯނު ލިބެނީއެވެ.
ވީ އުފަލުން އަހަރެން ރާޖޫ ގައިގައި ބައްދާލީމެވެ.
ނަސީބަކުން ފޯނުވެސް ލިބިއްޖެއެވެ. އެކަމަކު އޭގެ ކަވަރެއް ނެތެވެ. އިތުރަށް ދެން ކަވަރެއް ގަންނާކަށްވެސް އަހަރެން ޚިޔާލެއް ނުކުރަމެވެ.
ގެއަށް އައިސް ހަމަޖެހިލައިގެން މަންމަމެންނަށް ގުޅީމެވެ. މިފަހަރު އެހެންފަހަރުތަކަށްވުރެ މަންމަގެ ނަސޭހަތްތައް ދެގުނަ ގިނަވިއެވެ.
މިހާރު އަހަރެން ރާއްޖޭގައި އުޅޭތާ ހަތްވަނަ މަސް ފުރުނީއެވެ. ތަފާތު ކަންތައްތައް އެނގި ދަސްވަމުންދިޔައިރު ރާޖޫ، ހުސްވަގުތުތަކުގައި ކުރަމުންދާ މަސައްކަތުގައި އަހަރެންވެސް ބައިވެރިވީމެވެ. އެއީ މަގުމަތީގަ ހުންނަ ކާރު ފޮހުމެވެ.
އެއީ ރާއްޖޭގައި މަނާކަމެއްނޫނެވެ. ކާރު ޕާކްކޮށްފައި އޭގެ ވެރިމީހާ އެއަށް ވާގޮތް ބަލާކަށްވެސް ނީނދެއެވެ. އެކަމަކު ގިނަ ފަހަރާ ގަޑިއެއްހާއިރުތެރޭ އެނބުރި އާދެއެވެ. މިއީ މިހާރު މިކުރާ ބުރަ މަސައްކަތަށްވުރެ ރަނގަޅު މަސައްތެއްކަމަށް އަހަންނަށް ލަފާކުރެވުނެވެ. ނަމަވެސް އަހަރެންނަކީ ރާނާމީހަކަށްވެފައި، ރޭނުމަކީ އަހަރެން ކުރާހިތްވާ ކަމަކަށްވާތީ އެކަން މުޅިން ހުއްޓާލާ ޚިޔާލެއް އޭރަކު ނުކުރަމެވެ.
ކޮންމެ ދުވަހަކުވެސް އަހަރެމެންގެ މަސައްކަތްނިމުމުން، ކޮންމެ މީހަކުވެސް އިތުރުވަގުތު މަސައްކަތްކުރަން އެކި ދިމަދިމާއަށް ދަނީއެވެ. އެކަކު ފިޔަވައެވެ. އެއީ ވިޔާނުދާކޮށް އުޅޭ އިންޑިޔާ މީހެކެވެ. އަހަރެމެންތެރޭ އޭނަ އުޅުނަސް، އޭނަގެ މިޒާޖާ އަހަރެމެންނަކާ ނުގުޅެއެވެ. އަހަރެމެންވެސް ކުޑަކޮށް ސިނގިރޭޓްބޮމެވެ. މިބުނީ ''ބިޑީ''ގެ ވާހަކައެވެ.
އެކަމަކު އޭނާ އެކިތަންތަނުން ރަލާއެއްޗެއްހި ގެނެސްގެން ބޮނީއެވެ. ގޭތެރޭގައި ބައެއް ދުވަސްދުވަހު ނޫޅެވޭ ވަރު އޭނާކޮށްލައެވެ. މިކަމާ ޝަކުވާކުރަން ކިތަންމެ ދުވަހަކު އަހަރެން އުޅެފީމެވެ. ރާޖޫ ހުއްޓުވަނީއެވެ. ބޮސް ރުޅިއައިސްދާނެތީއެވެ.
ފަހުން އެނގުނު ގޮތުގައި އޭނާއާއި އެކީ ބޮސްގެ ދަރިއެއްވެސް ރާބޯން އަހަރުން އުޅޭތަނަށް އާދެއެވެ. އަހަރެން ހީކުރީ ދުވަހަކުވެސް އަހަރެމެން އުޅޭތަނަށް ދިވެހިން ނުވަންނާނެކަމަށެވެ.
''ކަލޭމެން ހާދަ ކަންނެތޭ ދޯ....'' އަނގައިން ވަރުދޫވެފައިވާ ބޮސްގެ ދަރިފުޅުވާހަކަދައްކަމުން ދިޔައީ އަހަރެންނާއެވެ.
އަހަރެންނާއި އެކީ އިތުރު ބަޔަކު އެ ކޮޓަރީގައި ތިބީމައެވެ.
''ކަލޭމެން އެއްޗެހި ހުންނަނީވެސް ގުޅައަކަށްޖަހާފަ ދޯ...ބަލާލަ އެހެރަ ފޮއްޓެއް..އުހުނ..އޭގަ ކޯއްޗެއް ހުރީ...'' އޭނާ ތެދުވަން މަސައްކަތްކުރިއެވެ. ނަމަވެސް އެތަނަށް ވެއްޓުނީއެވެ.
''އޭ...އެއީ ޓޮރިކުލްބާއީގެ އެއްޗެއް...އެ ނުނަގައްޗޭ.....'' މަސްތުވެފައިވާ ހާލު ވަސަންދުރަވެސް ވާހަކަދެއްކިއެވެ.
އަހަރެން ވަރަށް ހިތްހަމަ ނުޖެހިފައި ފޮށިނަގާ، ފާރުގައި ހަރުކޮށްފައިވާ ކަބަޑުގެ މަތީގައި ބެހެއްޓީމެވެ. ކުދި ކިޔަމުންނެވެ. އަހަންނަށް ވެގެންވަންޏާ އެދެމީހުންވެސް އެތަނުން ނެރޭނަމެވެ. އެކަމަކު އެހާ ހިތްވަރެއް އަދި އެހާ ބާރެއްވެސް އަހަރެންގެ ނެތެވެ.
ރާ ބުއިމަކީ އެއްއިރެއްގައިވެސް އަހަރެންނަށް ކަމުދާ ކަމެއް ނޫނެވެ. އޭގެ ބަދަލުގައި އެއަށް އަހަރެން އިންތިހާއަށް ނަފްރަތުކުރަމެވެ.
ހަނދާނަށް އަންނަނީ އަހަރެންގެ އުމުރުން ދިހަވަރަކަށް އަހަރުގައި، އަހަރެންގެ ބޮޑުދައިތައަށް ދިމާވި ކަންތައްތަކެވެ. ރަލާހެދިއެވެ.
ބޮޑުދައިތަގެ ފިރިމީހާއަކީ ވަރަށް ގަދައަށް ރާބޯ މީހެކެވެ. ދުވާލުދާ ހަތަރުދަމު އޭނާގެ ކަމަކީ އެއީއެވެ. ރޭގަނޑުވުމުން އޭނާ އެދާތަނަކަށް ގޮސްފައި އައިސް ބޮޑުދައިތައަށްކުރާ އަނިޔާތައް، ހެނދުނު އެގެއަށް އެކި ކަންކަމުގައިދާއިރު އަހަންނަށް ފެނެއެވެ. މަންމަމެންނަށްވެސް އެކަން އެނގެއެވެ. އެކަމަކު އެކަމަށްކުރާނެ މާބޮޑުކަމެއް އަހަރެމެންގެ ފަޤީރުކަމުން ނެތެވެ.
ބޮޑުދައިތަ ފިރިމީހާއަކީ ކުރިން ވަރަށް މުއްސަދި ވިޔަފާރިވެރިއެކެވެ. އޭނައާއި ބޮޑުދައިތަގެ ކައިވެނި މަންމަމެން ހަމަޖެެއްސީ އެސަބަބަށްޓަކައެވެ.
މިއަދާއި ހަމައަށްވެސް ބޮޑުދައިތަ އުޅެމުންދަނީ ހަމަ އެހާލުގައެވެ. ދަރިން ނެތީ އޭނަ ނަސީބޭ އަހަރެންގެ ހިތައް އަރައެވެ.
އަހަރެން ސިއްސައިގެން ދިޔައީ ދޮރުގައި ޓަކިޖެހިއަޑަށެވެ. އޭރު ގޭތެރޭގައި މާބޮޑު އަލިކަމެއް ނެތެވެ. ރާބޮއިގެން ތިބި ދެމީހުން ތިބީ އަމަލުވެގެން ގޮސް ނިދިފައެވެ.
އެމީހުންނާއި ހެދި ނިދާނެތަން ނުލިބިފައިތިބި މީހުންގެ ތެރެއިން އެކަކު އަހަރެންގެ ޖާގައިގައި އޮތުމުން އަހަރެންވެސް ނިދާނެގޮތެއް މިރޭވެސް ނެތެވެ. މިތާ ބިންމަތީ އިށީންދެގެން އިނދެވުނުކަން ނަސީބެކޭ ހިތައް އެރިއެވެ.
މިފަހަރު ކުރިއަށްވުރެ ބާރަށް ޓަކިޖެހިއަޑު އިވުނެވެ.
'' މަޑުކޮށްބަލަ މިދަނީއޭ...ކޮން ކަމަކާ ލަސްވެގެން ތިއުޅެނީ...'' އަހަރެން ވާހަކަދެއްކީ އަހަރެންގެ ޤައުމުގެ ބަހުންނެވެ. އަހަރެން ހީކުރީ ރާޖޫ ގޭގައި ނެތުމުން، އެއީ އޭނާ ކަމަށެވެ.
އުނދަގުލުން ގޮސް ދޮރުހުޅުވާލީމެވެ. ކުރިމަތީގައި ތިބީ ތިން ޕޮލިހުންނެވެ.
''ޖީ.....'' އަހަންނަށް ވާހަކަދެއްކުނީ އަނެއްކާވެސް ޤައުމުގެ ބަހުންނެވެ.
އެމީހުން ވާހަކަދެއްކީ ދިވެހި ބަހުންނެވެ. އެމީހުން އައީ މިގޭގައި މަސްތުވާތަކެތި ބޭނުންކުރާކަމުގެ މަޢުލޫމާތު ލިބިގެންނެވެ.
އެމީހުންގެ ވާހަކަ ނުނިމެނީސް އެމީހުންގެ ފަހަތުން ފަސްވަރަކަށް ފުލުހުން އަވަސްގޮތަކަށް ގޭތެރެއަށް ވަދެގަތެވެ. އަހަރެން ހުރީ ހަދާނެ ގޮތް ހުސްވެ ފެންކަޅި ވެފައެވެ.
ގޭތެރޭގައި ނިދާފައިވާ އެންމެން ޕޮލިސް ވެހިކަލްއަށް އެރުވިއެވެ. އަދި އަހަރެންކައިރީ ވެހިކަލްއަށް އަރަން އެމީހުން ބުންޏެވެ.
ރާޖޫ ގޭގައި ނެތުމުން އަދި ކުރިއަށްވުރެ ބޮޑަށް އަހަރެންގެ ހިތުގައި ބިރުވެރިކަން އުފެދި ރޮވެންފެށިއެވެ.
ވެހިކަލްގައި ތިބި މީހުންގެ ތެރެއިން ރާ ނުބޮއި ތިބި މީހުންގެ މޫނުމަތިންވެސް ފެންނަމުންދިޔައީ ކަންބޮޑުވުމުގެ އަސަރެވެ.
ރާޖޫއަށް ގެއަށް ދެވުނު އިރު ބާރަވެސް ޖަހައިފިއެވެ. އެހެންރޭތަކަށްވުރެ މިރޭ، ސާފްކުރަން ލިބުނު ކާރުތައް ގިނައީއެވެ. އެހާމެ ލާރިވެސް ލިބުނެވެ. ހިތްހަމަ ޖެހިފައި ހުރެ ގެއަށް ވަތް އިރު އެއްވެސްމީހަކު ގޭގައި ނޫޅެއެވެ.
އެގަޑީގައި ގޭގައި މީހަކު ނެތުންވެގެން ދިޔައީ ރާޖޫގެވެސް، ހިތް ނުތަނަވަސްވެގެން ދިޔަކަމަކަށެވެ.
''ކޮންތާކު ތި އުޅެނީ....އެކަކުވެސް ގޭގަނޫޅޭ...'' ރާޖޫ ގުޅީ އަހަންނަށެވެ.
''ޕޮލިސް ސްޓޭޝަންގަ..އަހަރެމެން ހައްޔަރުކޮށްފަ..'' އެހިސާބަށް ބުނެވުނުތަނާ ޕޮލިސްމީހަކު އައިސް އަހަރެންގެ ފޯނު ނެގިއެވެ.
ރާޖޫ އަހަރެމެން ހައްޔަރުކޮށްފައި ތިބި ތަނަށް އައި އިރު އަހަރެންގެ ޓެސްޓްތައް ނަގާ ނިމިއްޖެއެވެ. ނަމަވެސް އޭގެ ނަތީޖާ އެނގެންދެން ފުލުހުންގެ ބެލުމުގެ ދަށުގައި އަހަރެންވެސް އިންނަންޖެހުނެވެ.
ޕޮލިހެއްގެ އެންގުމަކަށް ރާޖޫ އެތަނުން ކެބިން އަކަށް ވަނެވެ. ހީވާގޮތުން އޭނާ ދިޔައީ އަހަރެން ސަލާމަތްކުރާށެވެ.
އިރުކޮޅެއް ނުވެ އަހަރެންވެސް ރާޖޫ ވަތްތަނަށް ގެންދިޔައެވެ.
''އަހަރެމެން ދެމީހުންވެސް އުޅެނީ އެއްސައިޓެއްގަ...އެ މީހާއަކީ ބޮޑުމީހާގެ ދަރިފުޅު..'' އަހަރެން ވަތް އިރު ރާޖޫ ކިޔާދެމުން ދިޔައެވެ.
ދޭއް ޖެހިތަނާ އަހަރެމެންގެ ބޮޑުމީހާ އެތަނަށް އައެވެ.
ފޮލިހުންނާއި ވަރަށްގިނަ ވާހަކަ އޭނާ ދެއްކިއެވެ.
އިރުކޮޅެއްފަހުން ގޭގައި އުޅޭ ހުރިހާ އެންމެން ދޫކޮށްލައިފިއެވެ. ވަސަންދުރަ ފިޔަވައެވެ.
''އަހަރެން މާފަށް އެދެން އަހަރެންގެ ދަރިއަކާއި ހެދި ކަލޭމެންނަށް ތަކުލީފް އުފުލަން ޖެހުނީމަ...'' އެއީ މާތް މީހެކެވެ. ރާއްޖޭގައި މިފަދަ އެކަކުވެސް ހުރެދާނެކަމަށް މިރެއާއި ހަމައަށް އަހަރެންގެ ޤަބޫލެއް ނުކުރަމެވެ.
އަހަންނަށް ނުރޮވުނީ ހަމަ ކިރިއާއެވެ.
''އެއީ ބޮސް މާފަށް އެދެންޖެހޭ ކަމެއްނޫނެއްނު...އަހަރެމެންގެ ވަރަށް ބޮޑު އެދުމެއް އެބައޮތް..މިއީ އަހަރެމެންގެ ޤައުމެއްނޫން.. ކަމެއްދަމެއް ބޮޑުވެއްޖިއްޔާ މިތާކުނެތް އަހަރެމެންނަށް އަޅާލާނެ އެކަކުވެސް.. މިތަނަށް އަހަރެމެން އައިސް މިތިބީ ވަރަށް ބޮޑު ޤުރުބާނީތަކެއް ވެގެން.. އަދި އެހާބޮޑު ޤުރުބާނީތަކެއް މިހާރުވެސް ވަމުން މިދަނީ... މިތަނުން މިލިބޭ ލާރިކޮޅުން އަހަރެމެންގެ ޒަރޫރީ ބޭނުންތައް މި ފުއްދަނީ.. ޤައުމުގަ ތިބި އަނބިދަރިންނާއި މައިންބަފައިން ބަލަހައްޓަނީ... އަހަރެމެންނަށް ތަންކޮޅެއް އަމާން މާހައުލެއް ހޯދަދީ...'' ރާޖޫގެ އެބަސްތަކަކީ އަހަރެންގެ ހިތުން ދުވަހަކުވެސް ފިލާނެ ބަސްތަކެއް ނޫނެވެ. އޭނާ އަކީވެސް އަހަރެން ދެކޭ ގޮތުގައި އެފަދަ ދެވަނަ އެއްނެތް އިންސާނެކެވެ.
''އަހަރެން މަސައްކަތްކުރާނަން... މީގެ ފަހުން ކަލޭމެން ތަޅުލައިގެން ގޭތެރޭގައި ތިބޭނީ.. މީހަކު އައިސް ދޮރުގަ ޓަކިޖެހިޔަސް ނުހުޅުވާތި ކާކުތޯ ނުބަލާ... އަނެކަކު ދެން ނާންނާނެތާ.. އޭނަ ދޫކޮށްލައިފިއްޔާ މަ އޭނަ ފޮނުވާލާނަން އޭނަގެ ޤައުމަށް..'' ބޮޑުމީހާވެސް ހުރީ ކަންބޮޑުވެފައެވެ.
ނުނިމޭ















ވާހަކަ ކެޓަގަރީ ތިރިން ފެންނަ ގޮތަށް ބޭންދުން މުހިއްމު. މިހާރަކު ނުފެނޭ