ސިނާދު ހާޒިޗް، ނަމަކަށް ކިޔާ 47 އަހަރުގެ ބޮސްނިއާ މުސްލިމެއް މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްޓަކައި ބޮސްނިއާގެ ދެކުނު ސަރަޙައްދުން ފެށިގެން މައްކާއަށް ފައިމަގުގައި 6000 ކިލޯމީޓަރުގެ ދަތުރެއް ކޮށްފިއެވެ. ސިނާދު އޭނަގެ ދަތުރު ފެށީ މިދިޔަ އަހަރު ޑިސެމްބަރު މަހުއެވެ.
މާލީގޮތުން ޙައްޖު ޤުރޫޕަކަށް ފައިސާ ދައްކައިގެން ޙައްޖުގެ އަޅުކަން ކުރުމުގެ ކުޅަދާނަކަން ނެތުމުގެ ސަބަބުން ސިނާދު އޭނަގެ ދަތުރު ފެށީ އެންމެ 200 ޔޫރޯއާ އެކުއެވެ. މައްކާއަށް ވާސިލުވުމަށްޓަކައި ސިނާދު ވަނީ ދުވާލެއްގެ މައްޗަށް 20 އާއި 30 ކިލޯމީޓަރު ކަޑައްތުކޮށްފައެވެ.
ރޭގަނޑުގެ އަނދިރިކަމުގެ ތެރޭގައި އަނދިރި މަގުތަކުންނާއި ފަރުބަދަތައް އެއްވެސް ބިރެއްނެތި ކާމިޔާބުކަމާއެކު ހުރަސްކުރި ސިނާދު ބުނީ " މާތް ﷲ އޭނައާއެކުގައި ވޮޑިގެންވާކަން އެނގޭހާލު އެއްވެސް ކަމަކަށް ބިރު ނުގަންނަކަމަށެވެ." ސިނާދު އިތުރަށް ބުނިގޮތުގައި އޭނަގެ ދަތުރުގައި އާންމުކޮށް އޭނާ ނިދާފައިވަނީ މިސްކިތްތަކުގަޔާއި، ސްކޫލްތަކުގަޔާއި، އެހެނިހެން ތަންތަނާއި ބައެއްފަހަރު ހެޔޮލަފާ ރަނގަޅު މީހުންގެ ގޭގެގައި ކަމަށެވެ.
އޭނަގެ މިދަތުރުގައި މޫސުމުން ސަލާމަތްކުރުމަށްޓަކައި ޕްލާސްޓިކު އޮޅާފައިވާ ކީރިތި ޤުރުއާނުގެ މުޞްޙަފަކާއި، އޭނަ ހުރަސްކުރަން ޖެހޭ ޤައުމުތަކުގެ ޗާރޓާއި ދިދަވެސް އޭނަގެ ދަބަހުގައި ގެންދިޔައެވެ. ސަޢޫދީ ޢަރަބިޔާއަށް ވަނުމުގެ ކުރިން އޭނާ ހުރަސްކުރި ޤައުމުތަކުގެ ތެރޭގައި ތުރުކީ، އުރުދުން އަދި ސީރިޔާ ހިމެނެއެވެ.
ސިނާދުގެ މިދަތުރުގައި އޭނާ ވަނީ މައްކާއަށް ވާސިލުވުމަށްޓަކައި 6000 ކިލޯމީޓަރުގެ ރާސްތާއެއް ކަޑައްތުކޮށް، 6 ޤައުމު ހުރަސްކޮށްފައެވެ. އަދި އޭނާއަށް މައްކާއަށް ފޯރާފައިވަނީ މިއަދުގެ (22 އޮކްޓޯބަރ 2012) ވަޤުތެއްގައެވެ. މިއަހަރުގެ ހައްޖު ގެ މަތިވެރި އަޅުކަން ފެށެނީ މީލާދީ ގޮތުން 24 އޮކްޓޯބަރ 2012 ގައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...