ނޮވެމްބަރ 3 ދިވެހިން ފާހަގަ ކުރަމުންދަނީ ދިވެހި ރާއްޖޭގެ ނަޞްރު ދުވަހުގެ ގޮތުގައެވެ. އެއީ މީގެ 22 އަހަރު ކުރިން 1988 ވަނަ އަހަރު، ޝުރީލަންކާގެ ޓެރަރިސްޓް ޖަމާޢަތެއްކަމުގައިވާ ޕީޕަލްސް ލިބަރޭޝަން އޮގަނައިޒޭޝަން އޮފް ޓެމިލްއިލާމް (ޕްލޮޓް) ޖަމާޢަތުން ދިވެހިންގެ 3 ޙާއިނުންނާއި ގުޅިގެން ދިވެހި ރާއްޖެއަށްދިން ޢުދްވާނީ ޙަމަލާއިން އިސްލާމްދީނާއި ދިވެހި ރާއްޖެއަށް ނަޞްރު ލިބިގެންދިޔަ ދުވަހެވެ.
1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ވީ ބުރާސްފަތި ދުވަހުގެ ފަތިހު، ދިވެހި ސިފައިންގެ މަރުކަޒަށް ދެވުނު އޭކޭ ފޯޓީ ސެވަން އައި ޖީ 3 ގެ ބަޑީގެ އުންޑައިގެ ޙަމަލާގެ އަޑަށް، ހުށިއާރުވެ ސަމާލުވެގެން ހުރި ނޮވެމްބަރ 3 ގެ ބަޠަލް ލާންސުކޯޕްރަލް ޙުސައިން އާދަމް އިސްލާމްދީނާއި ދިވެހި ޤައުމުގެ ޙައްޤުގައި ވެވަޑައިގެންނެވި ޤުރުބާނީއަކީ އަގު ނުކުރެވޭފަދަ ޚިދުމަތެކެވެ. ދިވެހި ސިފައިންގެ މަރުކަޒައް، ހަނގުރާމަވެރި ލަޝްކަރެއް އަތުވެއްޖެކަމަށް، ސިގުނަލް ދެއްވި ހުށިޔާރު ޝަހުސިއްޔަތަކީ ސިފައިންގެ މައިގޭޓްގައި ފޯރިއަށް ހުރި ލާންސުކޯޕްރަލް ޙުސައިން އާދަމްއެވެ. އިސްލާމް ދީނާއި ދިވެހި ޤައުމުގެ ޙައްޤުގައި 19 ދިވެހިން ޝަޙީދުވެދިޔައިރު، އޭގެ 22 އަހަރު ފަހުން މިއަދު އިސްލާމްދީނާއި ދިވެހި ޤައުމުގެ ޙައްޤުގައި ޝަޙީދުވާނެ ޚަރުދަނާ ޒުވާނުންތަކެއް އުފެއްދިފައި ވޭތޯ މިއަދު ސުވާލުކުރަން އެބަޖެހެއެވެ.
[pullquote]އިސްލާމް ދީނާއި ދިވެހި ޤައުމުގެ ޙައްޤުގައި 19 ދިވެހިން ޝަޙީދުވެދިޔައިރު، އޭގެ 22 އަހަރު ފަހުން މިއަދު އިސްލާމްދީނާއި ދިވެހި ޤައުމުގެ ޙައްޤުގައި ޝަޙީދުވާނެ ޚަރުދަނާ ޒުވާނުންތަކެއް އުފެއްދިފައި ވޭތޯ މިއަދު ސުވާލުކުރެވޭ![/pullquote]
ނަޞްރުގެ ދުވަސް ފާހަގަކުރަމުންދާއިރު އިސްލާމް ދީނަށްޓަކައި ނަޞްރުވެރިވާނެ ޒުވާނުންތަކެއް ތަރުބިއްޔަތު ކުރުމަށް މަސައްކަތްކުރަންޖެހެއެވެ. މިއަދު އަޅުގަނޑުމެންގެ ޙާލަތު ހުރީ އަޅުގަނޑުމެންގެ ޒުވާނުންގެ ހިތްތަކުގައި ނުގުޑާފަދަ އަޒުމެއް އަށަގަންނެވުމުގެ ބަދަލުގައި، މަސައްކަތްކުރަމުންގެންދަނީ އިސްލާމް ދީނުގެ ޙައްޤުގައި އެފަދަ ޤުރުބާނީއަކާއި ކުރިމަތިލާން ޖެހިއްޖެނަމަ ފިނޑިވެ ފަހަތައްޖެހޭ ދަރިންތަކެއް އުފެއްދުމެވެ. ނެވެމްބަރު 3 ގެ ޢުދްވާނީ ޙަމަލާ ފަދަ ޙަމަލާއެއް މިއަދު ކުރެއްވިއްޖެނަމަ އަޅުގަނޑުމެންގެ ދީނާއި ޤައުމުގެ ޙައްޤުގައި ޝަހީދުވާނެ ދަރިންތަކެއް އުފެއްދުމަށް މަސައްކަތްކުރަމުންދާ ގޮތާއިމެދު ވިސްނާ ފިކުރުކުރަންޖެހެއެވެ.
ދިނާއި ޤައުމަށް ކުރިމަތިވެދާނެ ޙަމަލާޔަކުން ޤައުމު ސަލާމަތްކޮށްދޭނެ ދަރިންތަކެއް އުފެއްދުމުގެ އެންމެ ބޮޑު ދަޢުރެއް އަދާކުރެވޭނެ އެއްމުއްސަސާޔަކީ ޤައުމުގެ ތަޢުލީމީ ވުޒާރާއެވެ. ނަމަވެސް އެވުޒާރާއިން ރާވަމުންދާ ތަޢުލީމީ ސިޔާސަތުގެ މިސްރާބުހުރީ ތަޢުލީމީ ހަޔާތް ނިންމުމަށްފަހު، ނިކުންނަ ދަރިންގެ ހިތްތަކުގައި އިސްލާމްދީނާއި މެދު ޝައްކު އުފައްދުމާއި، އެއްބަޔަކު ޤުރުއާން ޤަބޫލުކުރުމަށްފަހު، ޙަދީޘް ޤަބޫލުނުކުރާކަމަށް ފާޅުގައި އިޢުލާންކުރުމާއި، ދިން ޤަބޫލު ނުކުރާ ކަމަށް ޒުވާނުން ތަފާތު ވެބުސައިޓްތަކުގައި އިޢުލާންކުރުމާއި އެއްބަޔަކު ރާއްޖޭގައި އެއްޖިންސުން ކައިވެނި ކުރެވެންޖެހޭނެކަމަށް ފާޅުގައި އިޢުލާންކުރުމެވެ.
މިއަދު ޤައުމުގައި ތަރުބިއްޔަތު ވެފައިވި ޒުވާނުންނަކީ އެމީހުންގެ ފުށުން ޤައުމަށް ބޭނުމެއް ނުހިފޭ ދަރިންތަކެކެވެ. މަސްތުވާތަކެތީގެ ޝިކާރައިގައި ޖެހިފައިވާ މީހުންގެ ތެރެއިން 33 އިންސައްތަޔަކީ ޒުވާނުންނެވެ. އެޒުވާނުންގެ އާއިލާތަކުން މިއަދު ކުރަން ޖެހިފައިވާ ހިތާމަޔަކީ ވަކިކުޑަ ހިތާމައެއް ތޯއެވެ. ޒުވާނުންގެ އަތްތަކުން އެއްވެސް ޖެހިލުމެއްނެތި ޢާމުންގެ މުދަލާއި ފުރާނަޔަށް ގެއްލުންދިނުމާއި ޙައްޤަކާއި ނުލައި އަނިވެރި ޢަމަލުތައް ހިންގާ ޤަޠުލްކުރަމުން ގެންދިޔުމުގެ ނަތީޖާޔަކީ، މިއަދު އެބައިމީހުންގެ ފުށުން އިސްލާމްދީނާއި ޤައުމަށް ބޭނުމެއް ނުހިފޭތާންގައި، ދަޢުލަތުގެ ބަޖެޓުން ބޮޑެތި ޚަރަދުކޮށްގެން ކުށްވެރިންގެ ގޮތުގައި އެޒުވާނުން ވަޒަންވެރިވެ ތިބެތަނެއް ކަމުގައިވަނީ ޖަލުތަކާއި ހުރަގެއާއި ތަޙްޤީޤީ މުއައްސަސާތަކެވެ.
މުޅި ޖީލު ފަސާދައިގެ ފުންކަނޑަކަށް ޤަރަޤުވެފައިވާއިރު، މިޤައުމުގެ ޒުވާން ޖީލަށް އިސްލާމްދީނުގެ ތަޢުލީމާއި އަޙްލާޤު ދަސްކޮށްދިނުމުގެ ނަމުގައި ތަޢުލީމީ ވުޒާރާގެ އިސްސަފުގައި ތިއްބެވި ފަރާތްތަކުން 'ޤައުމައިގެން އަމާން ބަނދަރަކަށް" މިޝިޔާރު ބޭނުކުރައްވައި ޢަމަލުކުރަމުންދަނީ ދިވެހި ރާއްޖޭގެ އިސްލާމީ ތަޢުލީމުދޭ މުއައްސަސާތަކުގެ ގޭޓްތަކުގައި ބޮޑުތަޅު އަޅުވާ ބަންދުކޮށް މުޅިން އެހެން 'ޝިޢުބަ'ކަށް އެމުޢައްސަސާތަކުގެ ކިޔެވުން ބަދަލުކޮށް އެމުއައްސަސާތަކުގެ ދަރިވަރުންނަށް ފުރިހަމަ ތަޢުލީމަކާއި، ރިވެތި އަޚްލާގުން ޒިޏަތްތެރި ކުރުމުގެ ބަދަލުގައި އަންހެން ދަރިވަރުންނާއި، ފިރިހެން ދަރިވަރުން 'މަސްހުނިވާނެހެން' ސިޔާސަތުތައް ރާވަމުން ގެންދިޔުމެވެ.
މިއަދު މިއިސްލާމީ މުޖުޠަމަޢުގައި 'ޤައުމެއް، ރައީސެއް، ރައްބެއް، ރަސޫލެއް' ނުދަންނަ ޖީލެއް ތުރުބިއްޔަތުވަމުންދާއިރު ނަޞްރުގެ ދުވަހުގެ އުފާ ހާސިލްކުރަން ތިބެވޭ ކަށެއް ނެތެވެ. ޤައުމު ޤަރަޤުވެފައިވާ ފުން ކަނޑުން އަމާންކަމާއި ބާއްޖަވެރި ކަމުގެ އައްސޭރިއަކަށް ގެންދިޔުމަށްޓަކައި އިސްލާމް ދީނާއި ސުންނަތައް ލޯބިކުރާ ފަރާތްތަކުން ކުރަން ޖެހިފައިވާ މަސައްކަތް 'ފަސްވަނަ ގިޔަރު'ގައި ވަނީ ކުރަން ޖެހިފައެވެ. ނަޞްރުގެ ދުވަހުގެ އުފާ އޭގެ އެންމެ ފުރިހަމަ ހާސިލްވާނީ އިސްލާމް ދީނަށް ނަޞްރުވެރިވާނެ ޒުވާނުންތަކެއް ޤައުމުގައި އަށަގަނެވުނު ދުވަހަކުންނެވެ. މިކަމުގެ 'ފޮނިމީރު'ކަން ހާސިލް ވާން އޮތީ އިސްލާމީ އުސޫލުތަކަށް ލޯބިކުރާ ވެރިކަމުގެ ޒަޢާމަތެއް މިދަޢުލަތުގައި އަށަގަނެވުނު ދުވަހަކުންނެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...