ރާއްޖޭގެ ޚަބަރު ތަޢުލީމީ ދާއިރާ ސިޔާސީ ކުރުމުގެ ނަތީޖާ ވަރަށް ހިތި

ތަޢުލީމީ ދާއިރާ ސިޔާސީ ކުރުމުގެ ނަތީޖާ ވަރަށް ހިތި

ކިޔާލަން ހޭދަވާނީ 5 މިނިޓް

ފޮންޓް ސައިޒް

"މިއަދުގެ ކުޑަކުދިންނަކީ މާދަމާގެ ޒުވާނުންނެވެ. އެއީ މާދަމާ ޤައުމު ހިންގަން ތިބި އާރުކާޓީންނެވެ." މިއީ އަޅުގަނޑުމެން ވަރަށް ގިނައިން ބުނެ އުޅޭ ބަހެކެވެ. އާންމުކޮށް ބޮޑެތި ޖަލްސާތަކުގައި ބަސްމަގު ރީތިކޮށްލުމަށްވެސް މިފަދައިން ބުނެއުޅެމެވެ. ނަމަވެސް މި ބުނެވެނީ ކީކޭ ކަމާއި މެދު ވިސްނައި އުޅޭނީ ކިތަށް މީހުންތޯއެވެ. މި ބުނެވެނީ ކިހައި އަގުހުރި ބަހެއްތޯ އަޅުގަނޑުމެން ވިސްނަމު ހެއްޔެވެ. އައްސުލްތާން ޣާޒީ މުޙައްމަދު ތަކުރުފާނުލް އައުޒަމް (މަޝްހޫރު ބޮޑު ތަކުރުފާނު) ވިދާޅުވިކަމަށް ފޮތްތަކުގައި ލިޔެފައި އޮންނަނީ މިފަދައިންނެވެ. "މީހުން މީހުންނަށް ވާނީ މީހުން މީހުންނަށް ހެދީމައެވެ." މިއީ ވަރަށް އަގުހުރި ބަސްފުޅެއް ދެއްތޯއެވެ. އަޅުގަނޑުމެން އެންމެން މިކިޔަނީ ކުޑަކުދިންނަކީ މާދަމާ ޤައުމު ހިންގާނެ މީހުން ކަމެވެ. ނަމަވެސް އެމީހުން އެތިބަ ޙާލުން އެމީހުންނަށް ޤައުމު ހިންގޭނެތޯއެވެ. އެ ކުދިން އެ ހިސާބަށް ގެންދިއުމަށް މަސައްކަތްކޮށްދޭން ތިބީވެސް އަޅުގަނޑުމެންނެވެ. ޚާއްސަކޮށް ތަޢުލީމީ ދާއިރާ އިންނެވެ. އެހެން ނަމަވެސް ތަޢުލީމީ ދާއިރާގެ ހާލަތު މިއަދު ހުރީ ރާއްޖޭގެ އެހެން ދާއިރާތަކުގެ ހާލަތުވެސް ހުރިގޮތަށެވެ. ކުރުކޮށް ދަންނަވާނަމަ ދާއިރާ މިހާރު ހުރީ "ހުމެއް" ޖެހިފައެވެ. އެއީ ސިޔާސީ ހުމެވެ.

މިއަދު ރާއްޖޭގެ ހުރިހާ ދާއިރާއަކަށްވެސް ޖެހިފައިވަނި މި ހުމެވެ. މިއީ "ގައިގަޔަށް އަރާ" ހުމަކަށްވާތީ މިހާރު މީގެ ހާލަތު ހުރި މިންވަރަކީ މުޅި ދާއިރާއަށް ފެތުރުމެވެ. ދަންނަވަން މިއުޅެނީ ފަހަރެއްގައިވެސް ސްކޫލްތައް ކެމްޕޭން ޖަގަހަތަކަށް ބަދަލުކުރި ވާހަކަތަކެއް ނޫނެވެ. ނަމަވެސް އެ ދާއިރާގައި ހަރަކާތްތެރި ވަމުންދާ ފަރާތްތަށް ސިޔާސީ ކަންކަމުގައި ފާޅުގައި ހަރަކާތްތެރިވަމުންދާ ވާހަކަ އެވެ. ސްކޫލްތަކުގެ ޕްރިންސިޕަލުން ފެށިގެން ގޮސް މަސައްކަތު މީހާ އާއި ހަމައަށްވެސް އެމީހަކު ތާއީދު  ކުރާ ކުލައެއް ޕްރޮމޯޓު ކުރުމުގައި ފޫގަޅާފައިވާ ވާހަކަ އެވެ. އެމީހަކަށް ކަމުދަނީ އެމީހެއްގެ ކުލައެވެ. އެހެންކަމުން ސްކޫލަށް ކިޔަވައިދޭން އަންނައިރުވެސް ބައެއް ޓީޗަރުން އަންނަނީ އެމީހެއްގެ ކުލައިގެ ހެދުމެއް ލައިގެންނެވެ.

މިވަރުން ނިމުނީއެއް ނޫނެވެ. ޕާރޓީގެ ޖަލްސާއެއް ބާއްވާނަމަ ހުރިހާ ކަމެއް ދޫކޮށްފައި އެތަނަށް ދާނެއެވެ. އެތަނުގައި ކިތަންމެ ހަޑިހުތުރު އަދި އަޚްލާޤީ ގޮތުން ދަށު ފެންވަރުގެ ލަވަ ކިޔައި ބަސްތައް ބުނަމުން ދިޔަ ނަމަވެސް "ހެވި ދިއްލިފައި" އަތްޖަހަން ތިބުމަކީވެސް ބައެއް ޓީޗަރުންގެ މިއަދުގެ ހައްޤެކެވެ. އަދި މުޒާހަރާ ކުރާނަވެސް ކޮންމެވެސް އެއް ސިފައެއްގައި އެކަމުގައި ބައިވެރިވާނެއެވެ. އެކްސްޓްރާ ކްލާސްތައް ނެގުމާއި، ރިމީޑިއަލް، އެކްސްޓްރާ ކަރިކިއުލާ އަދި ކޯ ކައިރިކިއުލާ ހަރަކާތްތައް ހިންގުމަށްވުރެންވެސް އެމީހެއްގެ ޕާރޓީގެ ހަރަކާތްތައް މާ މުހިއްމެވެ. މި ހުރިހާ ކަމެއް ކުރުމަށްފަހުވެސް ޖެހިގެން އަންނަ ދުވަހު ކްލާހުގައި ދަރިވަރުންނަށް އަންގަނީ އަޚްލާޤް ރަގަޅު ކުރުމަށާއި ގޯސް ކަންތައް ނުކުރުމަށެވެ.

މިފަހަކަށް އައިސް ރާއްޖޭގައި ހިންގާފައިވާ ބޮޑެތި ހަމަނުޖެހުންތަކުގައިވެސް ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތައް ޝާމިލް ވެފައިވެއެވެ. ޕާރޓީގެ އެންގުމެއްކަމުގައިވާނަމަ ތަނެއް ހަލާކުކޮށްލުންވެސް އެއީ ބައެއް މީހުންނަށް މާބޮޑު މައްސަލައެއް ނޫނެވެ. ތަނެއްގައި ހުޅު ޖަހާލުމަކީވެސް މައްސަލައެއް ނޫނެވެ. އަދި ހަމަނުޖެހުން ހިންގުމާއި މުޒާހަރާ ކުރުމާއި، އަމާން އަމާންކަން ޤާއިމް ކުރުމުގެ ޒިންމާ އަދާ ކުރާ ސަލާމަތީ ބާރުތަކާއި ދެކޮޅަށް ނުކުތުމަކީވެސް މިފަދަ މީހުންގެ ނަޒަރުގައި އެއްވެސް މައްސަލައެއް ނޫނެވެ. "އެއީ އެމީހުންގެ ހައްޤެކޯލަ އެވެ." ސްކޫލްގެ ރަސްމީ ގަޑި ނިންމުމަށްފަހު މިފަދަ ހަރަކާތްތަކުގައި ބައިވެރިވެ ދަންވަންދެން "ކުލަ ދިރުވުމަށް މަސައްކަތް ކުރުމަށްފަހު"  އަނެއްދުވަހު ހެނދުނު ހޭލައިގެން ކްލާހަށްގޮސް ދަރިވަރުންނަށް ކިޔަވައިދޭނީ ކޮން އެއްޗެއްތޯއެވެ.

ތައުލީމީ ދާއިރާގެ ތެރެއިން ފެންނަ އަނެއް ހިތާމަ ވެރި މަންޒަރަކީ ހަރުގެ ތަކުގައި މުދައްރިސުން އަދާ ކުރާ ރޯލެވެ. ސްކޫލްގައި ހިނގާ ކަންތައްތައް "ޝެއަރ" ކުރާ މަޖިލީހަކީ ހަރުގެއެވެ. ޚާއްސަކޮށް ސިޔާސީ ގޮތުން ކުލަ ދިމާނުވާ މުދައްރިސުންގެ ވާހަކަ ދައްކާ ސިޔާސީ ލީޑަރުންނަށްނާއި ހިއްސާކުރާ ތަނަކީ ހަރުގެއެވެ. އަދި ސްކޫލްގެ އިސްވެރިންގެ ތެރޭގައި މިފަދަ މީހަކު ހުރިނަމަ އެމީހެއްގެ ވާހަކައަކީ އެންމެ އިސް ވާހަކައަށް ވާނެއެވެ. އަދި އެންމެފަހުން ސްކޫލްގައި ހިނގާފައިވާ ކަންތައްތަކާއި ހާމަކުރަންނުޖެހޭ ބޮޑެތި ސިއްރުތައްވެސް ސިޔާސީ ފަރާތްތަކަށް ހާމަ ކުރަމުން ގެންދެއެވެ. މީގެ ތެރޭގައި ސެޝަން މީޓިންގ ތަކާއި ކޯޑިނޭޝަން މީޓިން ތަކާއި މުވައްޒަފުންނާއި ބާއްވާ ބައްދަލުވުމުގައި ވެރިމީހާ ނުވަތަ "ސިޔާސީ ގޮތުން ޗެނަލް ދިމާނުވާ ވެރިޔާ" ދައްކާ ވާހަކަތައް ސިޔާސީ ހަރުގެތަކުގައި އާންމުކޮށް ދެކެވެއެވެ. މިފަދަ ދައްކަން ނުޖެހޭ ވާހަކަތައް ދެއްކުމުގެ ނަތީޖާއެއްގެ ގޮތުން ދެން ކަންތައް ކުރަންޖެހޭ ގޮތްވެސް ކިޔައިދޭނީ ލީޑަރުންނެވެ. އަދި އެމީހުން ބުނާގޮތަށް ސްކޫލުގައި އަމަލު ކުރުމަށް އަންގާ ބާރުއަޅައެވެ.

އެންމެ އަޖައިބުވާންޖެހޭ ކަމަކީ މުދައްރިސުންނަކީ ދިވެހި ސިވިލް ސާރވިސްގެ މުވައްޒަފުންނަށްވެފައި އެމީހުންގެ މައްޗަށް ލާޒިމްކުރާ ޤާނޫންތަކާއި ޤަވާޢިދުތައް މުގުރާލުމަށްފަހުވެސް ސިޔާސީ ފަރާތްތަކުގެ ނަސޭހަތް އަޑުއަހައިގެން ސްކޫލްތަކުގައި އެއާއި އެއްގޮތަށް އަމަލު ކުރަމުން ގެންދާކަމެވެ. ބައެއް ފަހަރު ސްކޫލުގެ ވެރިންގެ ކަރަމާތާއި އިއްޒަތް ދަރިވަރުންގެ ކުރިމަތީގައި ނަގާލަންވެސް ފަސްނުޖެހެއެވެ. އަދި މިކަހަލަ އަމަލުތައް ކުރުމުން ސްކޫލުން އަޅާ އިސްލާހީ ފިޔަވަޅުތަކުގެ މައުލޫމާތުވެސް އެންމެ ފުރަތަމަ ހިއްސާ ކުރެވޭ މީހުންނަކީ ސިޔާސީ ލީޑަރުންނެވެ. މިފަދަ ލީޑަރުން އެމީހުންގެ "އެކްޓިވިސްޓް" ސަލާމަތް ކުރުމަށް މައްސަލަ ސިޔާސީ ކުރުމަށްފަހު ސްކޫލުން އެ ފިޔަވަޅު އެޅި ވެރިޔާގެ އަބުރު ނަގާލުމަށް ބޮޑެތި މަސައްކަތް ކުރެއެވެ. އަދި މައްސަލައިގެ ހަޤީގަތް އޮޅުވާލާ ރަށުތެރޭގައި ގޯސްކޮށް ފަތުރާލުމުގެ ނަތީޖާއެއްގެ ގޮތުން ވެރިންނާއި ބެލެނިވެރިން ޖެހި އަދި އެ ދެމެދަށް ދަރިވަރުން ވައްދައި މުޅި ސްކޫލް މާހައުލު ގޯސްކޮށްލުމެވެ. މިފަހުގެ ތާރީޚުގައި ރާއްޖޭގައި މިފަދަ ހާދިސާތައް ވަރަށް ގިނައިން ހިނގާފައި އެބަހުއްޓެވެ. މިއީ ހަމަހުރެފައި އަޅުގަނޑު ދައްކާވާހަކަ އެއް ނޫނެވެ. ހަޤީގަތެވެ.

މިއީ ހިތާމަވެރި ކަމެކެވެ. ހަޤީގަތުގައިވެސް ހިތާމަވެރިކަމެކެވެ. ދަރިވަރުންގެ ކުރިމަތީގައި އެ ކުދިންގެ ޓީޗަރުން މިފަދަ ޢަމަލުތައް ކުރުމުގެ ނަތީޖާއެއްގެ ގޮތުން ދަރިވަރުންވެސް އަންނަނީ މިފަދަ ހަރަކާތްތަކުގައި ބައިވެރިވަމުންނެވެ. ޚާއްސަކޮށް ތަޢުލީމީ ދާއިރާގެ މަތީ މަޤާމްތައް އަދާކޮށްފައިވާ ފަރާތްތަށް ސިޔާސީ މަޤްސަދުތައް ހާސިލްކުރުމަށްޓަކައި ސްކޫލްތަށް ސިޔާސީ ކުރަމުންދެއެވެ. ދާދިފަހުން މާލޭގައި ބޭއްވުނު ސިޔާސި ޖަލްސާއެއްގައި މަތީ ސާނަވީއަށް ކިޔަވާ ސްކޫލެއްގެ ދަރިވަރަކު ޕޯޑިއަމަށް އަރައި ހުތުރުބަހުން ވާހަކަ ދެއްކި އިރު އެތަނުގައި ތަޢުލީމީ ދާއިރާގެ ބޮޑެތި މަޤާމްތައް އަދާކޮށްފައިވާ ފަރާތްތައް ތިއްބެވެ. ނަމަވެސް އެ ގަޑީގައި އެއީ މައްސަލައެއް ކަމުގައި ނުވެއެވެ. މިފަދަ ފަރާތްތަކުން މަދަމާވެސް އިންތިޚާބަކުން ކާމިޔާބުވެ މަޤާމް ލިބުމުން ބުނާނީ ސްކޫލް މަދަރުސާތަކުގައި ކިޔަވާ އެއްވެސް ކުއްޖަކު ސިޔާސީ ނުވައްޗެވެ. އެއީ ސްކޫލް ކުދިންގެ އަޚްލާޤީ މިންގަނޑާއިވެސް ޚިލާފު ކަމެކެވެ. މިހެންނެވެ.

ބައެއް ސްކޫލްތަކުގެ ވެރިންގެ ހާލަތަކީވެސް މިއީއެވެ. ޤަވާއިދުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާ ޕްރިންސިޕަލުންނާއި ލީޑިންގ ޓީޗަރުންވެސް ސްކޫލްތަކުގައި އުޅެއެވެ. މިފަދަ ވެރިން ސްކޫލް މާހައުލުގައި އެމީހުންނާއި ސިޔާސީ ގޮތުން "ޗެނަލް ދިމާނުވާ" ޓީޗަރުންނާއި ޒާތީ ގޮތުން ޖައްސާލައިގެންވެސް އުޅެއެވެ. އަދި މަޤާމުގެ ނާޖާއިޒް ފައިދާ ނަގައިގެން އެފަދަ ބައެއް މުވައްޒަފުންނާއި މެދު އިސްލާހީ ފިޔަވަޅުވެސް އަޅާފައި އެބަހުއްޓެވެ. އަދި "ސިޔާސީ ގޮތުން ތިމާގެ" ބެލެނިވެރިންނަކީ ސްކޫލްގެ ނިންމުންތައް ނިންމާއިރު ވަރަށް މުހިއްމު ބައެއް ކަމުގައިވެސް ވެއެވެ.

އެންމެހައި ބޭފުޅުންނޭވެ. ސްކޫލް މާހައުލުތައް ސިޔާސީ ނުކުރައްވާށެވެ. ދަރިވަރުންނަކީ މާދަމާ ޤައުމު ހިންގާ މީހުންކަމަށް އަޅުގަނޑުމެން ބުނާއިރު މިއަދު އެކުދިންނަށް އަޅުގަނޑުމެން އެންމެން ނަމޫނާ ދައްކަން އެބަޖެހެއެވެ. ސިޔާސީ ނުފޫޒްތަކުން އެއްކިބާވެ އެ ޅަކުދީންގެ މުސްތަޤްބަލަށްޓަކައި އެކުދިން ރަގަޅު ގޮތުގައި ތަރުބިއްޔަތު ކޮށްދެއްވާށެވެ. މިއަދު އަޅުގަނޑުމެންނަށް ދެއްކޭ ނަމޫނާއަކުން މާދަމާ އެކުދިން އަޅުގަނޑުމެންނާއި ދިމާލަށް ބަދުނާމުގެ އިނގިލި ދިއްކުރާ މަންޒަރު ބަލާކަށް އަޅުގަނޑުމެން އެކަކުވެސްބޭނުމެއް ނުވާނެއެވެ. ސިޔާސީ ވާނީ ސިޔާސީ މީހުންނެވެ. މުޒާހަރާ ކުރާނީ އެމީހުންނެވެ. ތައުލީމީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ޒިންމާއަކީ ކިޔަވާކުދިން ތަރުބިއްޔަތު ކުރުމެވެ. އެކުދިންނަށް އިޚްލާސްތެރިކަމާއި އެކު ތަޢުލީމު ފޯރުކޮށްދިނުމެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.