މިއީ ދިވެހި ރާއްޖެއެވެ. އިންޑިއާ ކަނޑުގައިވާ ރަތްމުތްތަކެއްފަދަ ރީތި ހުދު، އަމަން އަމާންކަމާއި ސުލްހަ މަސަލަސްކަމުގެ ލާމަސީލު ޤައުމެވެ.
ރީތި އާދަކާދަ ތަކާއި ހިތްހެޔޮކަމުގެ ދެވަނަ އެއްނެތް ނަމޫނާއެކެވެ.
މި މަދު އިބާރާތްކޮޅުން ދިވެހިރާއްޖެ ސިފަވެއްޖެކަމަށް ހީކުރަމެވެ. ނަމަވެސް މިއީ މިހާރު މުޢާލާތްކެނޑިފައިވާ މަޢުލޫމާތުތަކެކެވެ.
އަހަރެން ރާއްޖެ ސިފަކޮށްދޭނީ މިހެންނެވެ. މިއީ އިންޑިއާ ކަނޑުގައިވާ ހުދު މުތްތަކެއްފަދަ ރީތި ކުޑަކުޑަ ޤައުމެކެވެ. ދެން ހުރި ބައިތަކެއް ނުހިމަނާނަމެވެ.
މިދެންނެވި ރީތި ހުދުމުތްތަކެއްފަދަ ރަށްތަކުގެ ތެރެއިން، ހަޑިވެ ކިލަނބުވެފައިވާ މާލޭގައި އަހަރެން އުޅުނު ދުވަސްތަކުން އެކި ދުވަސްކިޔާލަދޭނަމެވެ. ހަޤީޤަތްވީމައެވެ. އިބުރަތެއްވެސް ލިބޭނެކަމަށެވެ.
ފުރަތަމަ ދުވަސް
އަހަރެން ދިޔައީ މަންމަ ގޮވައިގެން ހޮސްޕިޓަލަށެވެ. ޑޮކްޓަރަށް ދައްކާށެވެ.
''މެމޯ ހަދާލަން..'' ހިނިތުންވުމާއި އެކު އަހަރެން އެހެންބުނީ ކައުންޓަރު ކައިރީ އިން ކުއްޖާކައިރީގައެވެ. އެއީ ފިރިހެންކުއްޖެކެވެ.
''މަ ކިރިޔާ ހީ ހީނ މަރުނުވީ....'' އޭނާ ވާހަކަދައްކަމުންދިޔައީ ޖެހިގެން ހުރި ގޮނޑިގައި އިން ކުއްޖާއާއެވެ.
''މަ ގޮސް ވަރަށް ވާހަކަދެއްކީމޭ....އެކަމަކު ވާނުވާގަ..'' އަނެއްކާވެސް އޭނާގެ އަޑެވެ.
އަހަރެން ދެއްކި ވާހަކައެއް އޭނާއަށް އަޑު އިވުނު ހެނެއް ހިޔެއް ނުވެއެވެ. އެކަމަކު އާންމު އުސޫލުން އަހަރެން އައިޑީކާޑާއި ނަންބަރު ދިނުމުން އެ ނެގިއެވެ. ދެން އޭނާ ކުރަން އިންކަމެއް ކުރަނީ އޭނާ ކުރިމަތީގައިވާ ކޮމްޕިޔުޓަރުގެ ސްކްރީނަށް ބަލަމުން، ޖެހިގެން އިން ކުއްޖާއާއި ވާހަކަ ދައްކަމުންނެވެ.
އެކެއް....ދޭއް...ތިނެއް...ހަތަރެއް....ފަހެއް.... ބަރާބަރު ފަސްމިނިޓްވެއްޖެއެވެ.
ކޮޅަށް ހުރުމަކީ އަހަންނަށް އުނދަގޫކަމެއް ނޫނެވެ. އުނދަގޫވީ އަހަރެންނަށް ޚިދުމަތްދިނުމުގައި ލަސްވަމުންދާތީއެވެ.
ހަޔެއް..ހަތެއް... އަހަރެން ދިޔައީ ހިތުން މިނިޓް ގުނަމުންނެވެ.
އަށެއް...ނުވައެއް...ދިހައެއް...އެގާރަ....
''ކޮން ޑޮކްޓަރަކަށް ހަދާފަ އިންނާނީ....'' އޭނާ ހުރިހާ ދަތެއް ފެންނަވަރަށް ހީނގަންނަމުން ބުންޏެވެ. އަސްލު އޭނާއަށް ހެވުނީ ޖެހިގެން އިން ކުއްޖާއާއި ދެއްކިވާހަކަތަކުގެ ތެރެއިންނެވެ.
އަހަރެން ޑޮކްޓަރުގެ ނަން ބުނީމެވެ.
އަނެއްކާވެސް އޭނާގެ މައުޟޫއުއާއިގެން ކުރިއަށް ދިޔައީއެވެ.
އެގާރައިން އަނެއްކާވެސް ފެށީމެވެ.
ބާރަ..ތޭރަ..ސާދަ...ފަނަރަ..ސޯޅަ...ސަތާރަ..އަށާރަ...ނަވާރަ..ވިހި...އެކާވީސް...
އަހަރެން މަންމައާއި ދިމާލަށް ބަލާލީމެވެ. މަންމަ އިނީ ގޮނޑީގައި އިށީންދެގެންނެވެ.
އަހަރެން ބަލާލުމުން މަންމަ ނިމުނީހޭ މަޑުމަޑުން އަހާލިއެވެ. އަހަރެން ބޮލުގެ އިޝާރާތުން ނޫނެކޭ ބުނެފީމެވެ.
ބާވީސް...ތޭވީސް...ސައުވީސް...
''...... އެދެން ބޮޑުވަރުދޯ.... މަބުނީމޭ އަދި އެހެންވެސް................... އަނ.. ކޮން ޑޮކްޓަރެކޭ....''
މަގޭ ގާތަށް އައިރުޅީގައި ތަންކޮޅެއް ބާރަށް ޑޮކްޓަރުގެ ނަން ބުނީމެވެ.
ނަސީބަކުން ފަންސަވީހާ ހަމައިން ފެށުމުގެ ކުރިން އެހިސާބުން އެކަންތައް ހައްލުވެ، ޑޮކްޓަރަށް ދައްކަން ދެވޭ ގޮތް ވެއްޖެއެވެ.
މަންމަ ޑޮކްޓަރަށް ދައްކާ ނިންމާފައި، އަހަރެންނަށް ލިބިފައިވާ ނަންބަރު ޖެހުމުން ޑޮކްޓަރުގެ ކޮޓަރިއަށް ވަނީމެވެ.
އަހަރެން ވާގޮތް އޮޅުންފިލުވާދީފައި މަޑުން އިނީމެވެ.
''ހަލޯ...އާދެ...އާދެ....'' ޑޮކްޓަރަށް އައީ ކޯލެކެވެ. މޯބައިލް ފޯނަށެވެ.
އެހިސާބުން އަހަރެން ދެއްކިއެއްވެސް ވާހަކައެއް ޑޮކްޓަރަށް އިވުނުކަމަށްނުވިއެވެ. އަނެއްކާ އެންމެ ފުރަތަމަ ކިޔާދިން ވާހަކަތައް ކެތްތެރިކަމާއި އެކު ކިޔާދިނީމެވެ.
މިއީ އެއްވެސް ހާލެއްގައި ޑޮކްޓަރަކު ފަޟީހަތްކުރަން ދައްކާ ވާހަކައެއްނޫނެވެ. ހަމަ ދިމާވެފައި ހުރި ކަމަކަށްވާތީ ލިޔެލަނީއެވެ.
''އެ އެއްވެސްކަމެއްނޫން...އެހެން ދިމާވެދާނެ...'' އެއީ ޑޮކްޓަރެވެ.
އަހަރެން އިތުރަށް އޮޅުން ފިލުވަން ހުރި ކިތަންމެ ވާހަކައެއް ހުއްޓެވެ. މަޑުން ކެތްތެރިކަމާއި އެކީ އިނދެ މިކަންތައް އޮޅުން ފިލުވޭތޯ މަސައްކަތްކުރީމެވެ.
ދެތިން ފަހަރަކު އެއް ސުވާލެއް ކުރުމުންވެސް ޖަވާބެއް ނައެވެ. އެހިނދު ޑޮކްޓަރަކު ބުނި ޖުމްލައެއް ހިތައް އެރިއެވެ.
''ޕޭޝެންޓް ހޭސްޓުބީ ޕޭޝެންޓް'' އަހަރެން ޑޮކްޓަރެއްގެ ކޮޓަރީގައި އިންދާ އެހެންމީހަކު ވަދެ، ހިތްހަމަ ނުޖެހިގެން ނުކުތުމުން އެ ޑޮކްޓަރު ބުނީ މިހެންނެވެ. ވަރަށް މާނަ ފުން އިބާރާތެކެވެ.
...
ޑޮކްޓަރު އިނީ އައި ފޯނަށް ޖަވާބު ދިނުމަށްފަހު ކޮންމެވެސްކަމަކާ ހާސްވެފައެވެ. ހީވަނީ ކޮންމެވެސްމީހަކު އަންނަނީހެންނެވެ. އިރު އިރުކޮޅާ ޑޮކްޓަރު އަމިއްލައަށް ދޮރު ހުޅުވާލުމަށްފަހު ބޭރުބަލާލައެވެ.
ފަންސަވީހަކަށް މިނިޓުވަންދެން ޑޮކްޓަރުގެ ކޮޓަރީގައި އިނުމަށްފަހު އަހަރެން ނުކުތީ އަހަންނަށް ވާގޮތް ހަޤީޤަތުގައިވެސް ނޭންގިއެވެ.
ވީ ފޫހިން މަންމަ ގޮވައިގެން ގެއަށްދާން ހޮސްޕިޓަލުން ނުކުތީމެވެ.
ދެވަނަ ދުވަސް
ޖެހިގެން އައި ހަފްތާގައިވެސް ހަމަ އެ ހޮސްޕިޓަލަށް ދާން ޖެހުނެވެ. މަންމަގޮވައިގެންނެވެ. ދިމާވީ ކުރިން ފަހަރުވެސް ދިމާވި ފިރިހެންކުއްޖާއާއެވެ.
މިފަހަރު އޭނާ ކައިރީ މީހަކު ނެތުމުން އަހަރެން އިނީ ވަރަށް ހިތްހަމަޖެހިފައެވެ.
ނަންބަރު ޖެހުމުން ގޮސް އައިޑީކާޑާއި ނަންބަރުދީފީމެވެ. އަދި ޑޮކްޓަރުގެ ނަންވެސް މިފަހަރު ބުނެލީމެވެ.
''އެ ޑޮކްޓަރު އިނީ މާދަމާ...'' ރުންކުރުގޮތަކަށް އޭނާ ބުނެލިއެވެ.
''އެކަމަކު އެޕޮއިންޓްމަންޓް ހެއްދިއިރު ބުނީ މިއަދުއޭ...'' އަހަރެން ހައިރާންވެފައި ބުނީމެވެ.
''އަނ.... ޑޮކްޓަރު މިއަދު ސަލާމުގަ..'' ހަމަ އެރާގުގައެވެ. ކުޑަމިނުން ހިނިތުންވެލާކަށްވެސް އޭނާއަކަށް ނޭންގުނެވެ.
ނަންބަރު ނަގައިގެން އެތާ އެހާ ގިނައިރު އިންނަންޖެހުމުން ވީފޫހިން ކުރާނެކަމެއްވެސް ނޭންގުނެވެ.
ތިންވަނަ ދުވަސް
އަނެއްކާވެސް ޖެހިގެން އައި ދުވަހު ހޮސްޕިޓަލަށް ދިޔައީމެވެ.
މިފަހަރު ވަރަށް ހިތްހަމަ ޖެހިގެން ކައުންޓަރުން ލިބެންހުރި ޚިދުމަތާއިއެކީ އަހަރެން ޑޮކްޓަރު އިން ކޮޓަރިއަށްދިޔައީމެވެ.
އެ ޑޮކްޓަރު ބަލަންފަށަނީ ބާރަގަޑި ބައިގައިކަމަށް މަޢުލޫމާތުދޭ ކުއްޖާ ބުނެފައިވާތީ ގަޑި ޖެހުމުގެ ކުރިން އަހަރެމެންތިބީ ޑޮކްޓަރު އިންނަ ކޮޓަރި ކުރިމަތީގައިވާ ގޮނޑިތަކުން ގޮނޑިއެއްގައެވެ.
ބާރަގަޑި ސާޅިސްފަހެއްވީއިރުވެސް ޑޮކްޓަރެއްނާދެއެވެ. ކެތްކޮށްލައިގެންތިބީ ފަނަރަ މިނިޓަށް ޑޮކްޓަރު ލަސްވެދާނެކަމަށް ބަލައިގެންނެވެ.
ކުއްލިއަކަށް ލޮލުގައި އަޅައިގަތީ ޑޮކްޓަރު އިންނަ ކޮޓަރީގެ ދޮރުގައި ތަތްކޮށްފައިވާ ލިޔުމެވެ.
''މިއަދު ޑޮކްޓަރު ބައްލަވާނީ 1.30ގަ'' މީގެ ހަފްތާއެއްގެ ކުރީގެ ތާރީޚެއް ޖަހާފައިވާ އެ ނޯޓު ފެނުމުން އަހަރެންނަށް ހީނގަނެވުނެވެ.
މިފަދަ ޕްރޮފެޝަނަލް ހޮސްޕިޓަލަކުން އެފަދަ ދޯދިޔާކަމެއް ހަމަލޮލަށް ފެނުނީމެވެ.
މަޑުން ނީދެވިގެން ގޮސް އެތާކައިރީ ޖެހިގެން ހުރި ކައުންޓަރުގައި އިން ކުއްޖާކައިރީ މިވާހަކަ ބުނެފީމެވެ.
''އެއީ މިއަދުގެ ވާހަކަ...'' އެކުއްޖާ ހަމަޖެހިލާފައިބުނެލިއެވެ.
''މިއަދޭ....މިއަދު ޑޮކްޓަރު ބަލަން ފަށަނީ އެއްގަޑި ބައިގަ؟؟؟؟ އެކަމު އެކޮޅުން ބުނި ބާރަގަޑިބައިގައޭ...'' އަހަރެން ދައްކަން ދިޔަވާހަކަވެސް ހަނދާންނެތުނެވެ.
''އެ ދޮރުގައި އެހެރީ ނޫންތޯ ތަތްކޮށްފަ...'' މިފަހަރު އައީ ތޫނު ހަތިޔާރެއްފަދަ ޖުމްލަ އެކެވެ. ކަޅިއަލާލުމާއިއެކީގައެވެ.
''އެ ދޮރުގަ އެހެރީ މިދިޔަމަހުގެ ފަހުކޮޅު ތަތްކުރިއެއްޗެއްނު... އެހެރީ ޑޭޓްވެސް...'' އަހަރެންގެ އަނގަ ތަތްމިނަށްހުޅުވުނެވެ.
އެމީހުންގެ ދިފާޢުގައި އެމީހުން ވާހަކަދެއްކިއެވެ. އަހަރެން ޝުކުރިއްޔާއޭ ބުނެފައި ގޮނޑީގައި އިށީނީ އިތުރަށް އެއްވެސް އެއްޗެއް ބުނަން ބޭނުން ނުވާތީއެވެ.
ބަލިމީހަކު ގޮވައިގެން އައިސް އެހާ ގިނައިރު އިންނަންޖެހުމުން، އެ ބަލިމީހާއަށް އަޅާނެ ވޭން އިހުސާސްކުރެވޭނީ އެފަދަ ހާލެއް ޖެހިފައިވާ ބަޔަކަށެވެ.
ފަހުން މަންމަވެސް ޝަކުވާކުރިއެވެ. އަހަރެން އެކަމަށްކުރާނީ ކީއްހެއްޔެވެ.
މިއީ އަހަންނަށް ރާއްޖޭގެ މަޝްހޫރު ހޮސްޕިޓަލަކުން ދިމާވި ދެތިންކަމެކެވެ. ހަނދާންހުރި ދެތިން ކަމެކެވެ.
ހަތަރުވަނަ ދުވަސް
އެ ދުވަސްވަރު އަހަރެން ދިރިއުޅުނީ މާލެއިން ބޭރުގައި ކަމަށްވާތީ، އަވަހަށް ގެއަށްދެވުމަކީ ނާދިރުކަމެކެވެ.
ގިނަފަހަރާ ފެރީކަޓައިގެން، ނުދެވެނީއެވެ. ބައެއްފަހަރު ފެރީއަށް މާގިނަ މީހުން އެރުމުން، އަރަން ނުކެރިފައިވެސް އިންނަމެވެ.
ވަރަށް ގިނަ ރޭ ރޭ ދަންވަރު ބާރައިގެ ފަހުންވެސް ގެއަށްދެވޭ ފަހަރު އާދެއެވެ. ބާރައިގެ ފެރީ ކަޓައިފިއްޔާ ދެން ހަތަރެސްކަން ހަމަވީއެވެ.
އެތައް އިރެއްވަންދެން ފެރީޓާރމިނަލްގައި އިންނަންޖެހެއެވެ.
އެއްރެއަކު ބާރަގަޑި ވިހީގައި ފެރީޓާރމިނަލަށްދެވުނެވެ. ޓާރމިނަލްގައި އެކަކުވެސްނެތެވެ. ޓިކެޓްކަނޑަން އިން މީހާ ފިޔަވައެވެ.
ކުޑަކޮށް ޖެހިލުންވެ ހުރެ ޓިކެޓް ގަންނަން ލާރި ނަގަމުން ޓިކެޓް ވިއްކާ ދޮރާއި ދިމާލަށް ޖެހީލީމެވެ.
އަހަރެން ހީކުރީ އެތަނުގައި ޚިދުމަތްދޭން އިން ކުއްޖާ އިނީ މޭޒުދަށުގައިވާ އެއްޗެއް ނަގަންކަމަށެވެ. އިރުކޮޅަކު މިހެން ހުރެލުމަށްފަހު ޚަބަރެއް ނުވުމުން ކަރުކެހިލީމެވެ. ބަޚަބަރެވެ.
''އެކްސްކިއުޒް..'' އަހަރެން ބުނެލީމެވެ. މީހުން ބުނާތީ އަޑުއަހަމެވެ. ނިދުމަކީ މަރުވުން ކަހަލަ ކަމެކެވެ.
ކައުންޓަރުމަތީ ތަޅައިގަންނާކަށްވެސް އަހަންނަކަށް ނުކެރުނެވެ.
އެހެން ހުއްޓާ ފެރީއެއް އަތުވެއްޖެއެވެ. އަޖައިބެކެވެ. އަދިވެސް މީނާ ހޭލާކަށްނޫޅެއެވެ.
ފެރީ ކައިރިކުރުމާއި އެކު ޓިކެޓް ކަނޑަން އިންކުއްޖާތެދުވެގެން އެދިމާލަށް ހިނގައިގަތެވެ. ހިތައް އެރިއެވެ. އެކުއްޖާ ކައިރީ ބުނެލެވުނު ނަމައެވެ.
އޭނާވެސް ތަންކޮޅެއް ދުރުގައި، އަދި މޫދާވީ ދިމާލަށް ގޮނޑި އަބުރާލައިގެން އިނުމުން އަހަރެން ނުފެނުނީއެވެ.
''އޭނނނނ..ކަލޭމެން މިތަނަށް އަންނަނީ ނިދަންތަ......'' ޚިޔާލުތަކަށް ގެނބެމުންދަނިކޮށް ސިއްސައިގެންދިޔައީ ''މިޒަމާނުގެ'' ފިރިހެންކުއްޖަކު އައިސް ކައުންޓަރުގައި ތަޅައިގަތުމުނެވެ.
ފަސްވަނަ ދުވަސް
ހަފްތާ ބަންދުގައި އަހަރެން މާލެއަށް އަންނަނީ ގަންނަން ބޭނުންވާ ބައެއް އެއްޗެހި ގަތުމަށެވެ.
ޚާއްސަކޮށް ރީތިވާ ސާމާނު މާލެ ނޫން އެހެން ތަނަކުން ގަތުމަކީ ފަސޭހަކަމަށްވެސް ނުވާތީއެވެ.
އާންމުކޮށް އަހަރެން، ނަންމަޝްހޫރު ފިހާރަތަކަށް ވަދެ ނޫޅެމެވެ. ނަމާއި އެއްވަރަށް އަގުވެސް މަޝްހޫރުވީމައެވެ.
ނަމަވެސް ގަންނަން ކޮންމެހެން މަޖުބޫރު އެއްޗެއް އެހެންތަނަކުން ނުލިބިގެން އެރޭ، ނަންމަޝްހޫރުތަނަކަށް ވަނީމެވެ.
އޭރު ދިހަގަޑި ފަންސާސްވަނީއެވެ. އެގާރަޖަހަން ވަގުތުކޮޅެއް އޮތުމުން ހަމަޖެހިލައިގެން ގަންނަ އެތި ފެނޭތޯ ބަލަމުން، ބައެއް އެއްޗެތި ޗެކްކުރަމުން ދިޔައީމެވެ. ކުއްލިއަކަށް އަހަރެންނާއި ވަރަށް ގާތަށް، ވާހަކަދައްކަމުން އައިކުއްޖަކު މަޑުކޮށްލައިފިއެވެ. ވާހަކަހުރިގޮތުން އެއީ ކަސްޓަމަރެއް ހެނެއް ހިޔެއް ނުވެއެވެ.
ހަމަ ޓަސްލާފައި، ބޮޑީ ސްޕްރޭފުޅިތަކުން ފުޅިއެއް ނަގާ ގަޔަށް ބުރުވާލިއެވެ. ބެލުމެއް ނެތިއެވެ. އަހަރެން ބަލާލިއިރު އެތަނުގައި ޓެސްޓްކުރަން ފުޅި ބަހައްޓާފައެއް ނުހުރެއެވެ.
އަދިވެސް އޭނާ ދިޔައީ ތަންކޮޅެއް ދުރުގައިވާ ކުދިންނާއި ވާހަކަދައްކަމުންނެވެ. ހަމަ އެއާއި އެކު ބޮޑީ ސްޕްރޭވެސް ޖަހަމުންނެވެ.
އަހަރެން ވަރަށް ނޫންކަމަށް ހަދާފައި ފިހާރައިގައި ބަންދުބޯޑު އެޅުވިތޯ ބަލަލީމެވެ. ނޫނެކެވެ. އަދި ހުރީ ހަމަ ''ހުޅުވާފަ'' އެވެ.
އެހެންވީއިރު މީނާ މިކުރީ ކީއްހެއްޔޭ މަގޭ ހިތައް އެރިއެވެ.
އެކަންތަކާ ވިސްނަމުން އަހަރެން ނަގަން ބޭނުންވި ފުޅި ނަގާ ނުނިމެނީސް ފިހާރައިގެ ބޮކިތައް ނިއްވަން ފަށައިފިއެވެ.
މިފަހަރު ހަމަ ހަޤީޤަތުގައިވެސް އަހަރެން ހުރިކަން ނޭންގުނީއޭ ހިތައް އަރާ އެމީހުންނަށް ފެންނަހެން އެއްކައިރިއަށް ޖެހިލީމެވެ.
'' އޭ....'' އެތަނުން އެކަކު ބުނެލިއެވެ. ވަރަށް ހައިރަންވެފައިވާ ގޮތަކަށެވެ. އަހަރެން ހިތްހަމަ ޖެހުނެވެ. ދޮރާ ދިމާލަށް އަހަރެން ހުރުމައި އެކު ކައުންޓަރުކައިރީގައިވާ ކުދިންނަށް އަހަރެން ފެނުނީމައެވެ.
''ސާބަހޭ.. އެހެރީ ބަންދު ނާޅުވައެއްނު...'''
އަދި މިވީ މަހީކުރިގޮތަކަށްނޫނެވެ. އެމީހުން ދައްކަމުންދިޔަ އޮލަވާހަކަތަކާއި އެކު، އެކަކު އައިސް ދޮރުގައިވާ ބޯޑު ''ބަންދު'' އަށް ބަދަލުކޮށްލިއެވެ.
އެނބުރިލިއިރު އޭނާއަށް ފެނުނީ އަހަރެންނެވެ.
ރަކި ފާޑަކަށް ތުއިވަމުން، ހެމުން ހެމުން ގޮސް ސިއްރު ސިއްރުން އެންމެން ކައިރީ ކޮންމެވެސް އެއްޗެއް ބުނެފިއެވެ.
އެންމެން އެއްފަހަރާ އަހަންނާއި ދިމާލަށް ބަލާލިއެވެ. ވީފޫހިން ނެގި ފުޅިވެސް އެތަނުގައި ބަހައްޓާފައި އަހަރެން ނުކުތީއެވެ.
އެފިހާރައަށް ދެން ދުވަހަކުވެސް ނުވަންނަން ހިތަށް އަރުވައިގެންނެވެ. ނަމަވެސް ޖެހިގެން އައި ހަފްތާގައިވެސް ހަމަ އެފިހާރައަށް ރައްޓެއްސަކާއި އެކު ދާންޖެހުނެވެ.
ހަވަނަ ދުވަސް
އޭނައަށް މިވާހަކަ އަހަރެން ކިޔާނުދެމެވެ. އެކަމަކުވެސް ފޫހިވެފައި ހުރެވަނީ ދެންވެސް ވާނީ ފޫހިކަންތަކެއްކަން ހިތުގެ އަޑިން ގަބޫލުކޮށްގެންނެވެ.
އެކި އެއްޗިއްސަށް ބަލަމުން، އޭނާ ދިޔައީ ކައުންޓަރުގެ އެއްފަރާތުގައިވާ ދިމާއަށެވެ. އަހަރެންދިޔައީ ޖެހިގެން ހުރި ބަޔަށެވެ.
އެއްޗެއްނަގަން އަތްދިއްކޮށްލިތަނާ، އެކަކުފަހަތުން އައިސް އަހަރެންނާއި ވަރަށް ކައިރީގައި ފުރަގަހަށް އެނބުރި ހުރެއްޖެއެވެ. އޭނަކައިރިއަށް އެހެން އަންހެންކުއްޖަކު އައިސްފިއެވެ.
''އަނ..ދެން މަ ބުނިން މަށަކަށް ނުދެވޭނެއޭ...'' ވަރަށް ދެރަވެފައި އެ އަންހެންކުއްޖާ ވާހަކަދައްކަމުންދިޔައެވެ.
އަހަރެން ނެގި އެއްޗެއްގައި އަގެއް ޖަހާފައިނެތެވެ. އެހެންކަމުން ފިހާރައިގައި މަސައްކަތްކުރާކުއްޖަކަށް އެންމެ ކައިރީގައިވަނީ އެ ދެކުދިންނަށް ވާތީ އެމީހުން ކުރެ އޭގެ އަގު އަހަން ދެފަހަރަކު އަނގަ ހުޅުވާލީމެވެ.
އެމީހުންގެ ވާހަކައިގެ އޮލަކަމާއި، އެކަމަށް އެމީހުން މަސްޢޫލުވެފައިވާލެއް ބޮޑުކަމުން ނަގަން އުޅުނު އެތި ނުނަގާ، އެތަނުން އަހަރެން ދިޔައީއެވެ.
ހަމަ އެދުވަހު ދެން އަހަރެމެން ދިޔައީ ފައިވާން ފިހާރައަކަށެވެ.
އެކި ފައިވާން ބަލަމުން، ޗެކްކުރަމުން ދަނިކޮށް ނިކަންރީތި ފައިވާނެއް ފެނިގެން ބަލާލިއިރު މީގައިވެސް އަގެއް ޖަހާފައިނެތެވެ.
ތަންކޮޅެއް ދުރުގައި ހުރެފައި އަހަރެން އޭގެ އަގު އަހާލީމެވެ.
ތަށަށްކިޔަނީ މަރިޔަނބުތޯވެސް އަހާނުލައެވެ.
އަނެއްކާވެސް ތަންކޮޅެއް ބާރަށް ބުނެލީމެވެ. އޭނާ އިނީ ފޯނުކަންފަތުގައި ޖަހައިގެންނެވެ. ''ލޯބި'' ވެފައެވެ.
ކޮންމެއަކަސް ފައިވަން ރީތިވެގެން ގަންނަންގޮސް ކައުންޓަރުމަތީ ބާއްވާފައި ލާރިނެގީމެވެ.
އޭރުވެސް އޭނާހުރީ އެކޯލްގައެވެ.
ލޯބިވެފައެވެ. މިދެން ބޮޑުވަރެއް ނޫންހެއްޔެވެ. ރަހުމަތްތެރިޔާކައިރީ ކުދިކިޔަމުން އަހަރެން ނުކުތީމެވެ. ދިމާލަށް ބުނަން ނުކެރިގެންނެވެ.
ޝޮޕިންގ ނިންމާލާފައި ސައުވީސް ގަޑި އިރު ހުޅުވާފައިވާ ފިހާރައަކަށް ވަނީމެވެ.
''ޖަބުލާނީ އެބަހުރި؟..'' އަހަރެން އެހީމެވެ. ވަގުތަކީ މީހުން ވަރަށްވެސް މަދު ވަގުތެކެވެ. އެހެންކަމުން އަހަންނަށް ހަމަޖެހިލައިގެން އެކައުންޓަރު ކައިރީ ހުރެވުނެވެ.
''ސާޅިސް..ފަންސާސް...ހަތްދިހަފަހެއް....'' ކައުންޓަރުގައި އިނީ ރުންކުރުވެފައިވާ އަންހެނެކެވެ. އޭނާ ދިޔައީ ވަތްގަނޑުގައިވާ ލާރިތައް ގުނަމުންނެވެ. އަހަރެން ވަށައިގެން ހޯދާލިއިރު އާންމުކޮށް އެތާހުންނަ ބޭރުމީހާވެސް ނެތެވެ.
އަނެއްކާވެސް އަހަރެން އަހާލީމެވެ.
''ބަލާބަލަ ތިތަން...''
ސުބުހާނައްﷲއެވެ. އޭނާ ކައިރީ އަހަންނަށް އެހުނީ ކީކޭކަމެއް ވިސްނަން ވަގުތުކޮޅެއް ނެގިއެވެ. އެފިހާރައިގައި މުދާހުރީ ތަރުތީބުންނެވެ. އެކަމަކު ޖަބުލާނީކަހަލަ އެއްޗެއް އަޅާފައިވާ ފުޅިއެއް ނޫނީ ކޮތަޅެއްވެސް އަހަންނަކަށް ނުފެނެއެވެ. އެހެން ނޫންނަމަ އަހަރެން އެހެން ނޭހީމުސްއެވެ.
އޭނާގެ ރުޅިގަދަކަމާއި އަދަބެއްނެތް އެ މިޒާޖުން އަހަރެން މުޅިން ފޫހިކޮށްލައިފިއެވެ.
''މިތާ އެއްޗެއް ހުއްޓަސް އެހެން ނޭންގޭނެއްނު...'' އަހަރެން އޭނައާއި ދިމާލަށް ބަލަން އިނދެބުނީމެވެ.
އަދިވެސް އޭނަ އިނީ ތުންދަމާފައެވެ. ލާރި ގުނަނީއެވެ. އެއީ އޭނާ މަ، ބުނެގެން ކުރާކަމަކީހެއްޔެވެ. މަށަށް ރުޅިބާލަން ޖެހޭ ސަބަބަކަށް އެކަންވުމަކީ އަޖައިބެކެވެ.
ކަންތައް މާ ގޯސްނުވަނީސް ރަހްމަތްތެރިޔާ އަހަރެން ގޮވައިގެން ނުކުތެވެ.
އަޅެ މިމީހުން މިތިބެނީ އަހަރެމެން ބުނެގެން ހެއްޔެވެ. ނޫނީ އަހަރެމެން ހިލޭ އެމީހުންގެ އަތުން އެއްޗެއް ނަގަނީހެއްޔެވެ.
ހަތްވަނަ ދުވަސް
ސްކޫލު ބަންދާއި ދިމާކޮށް އާންމުކޮށް ބިޒީވާ ތަނަކަށް ދިޔއީމެވެ. ޚިދުމަތްހޯދާށެވެ. ނޭންގެނީ އެތާނގައި ކަންތައްތައް ވާގޮތެވެ. އެހެންކަމުން އެތާ ރިސެޕްޝަނުގައި އިންމީހާ ކުރެން އަހާ އޮޅުން ފިލުވަން މަސައްކަތްކުރީމެވެ.
''ފޯމެއް ނަގައިގެން ފުރާފަ ލާ...'' ކޮންޕިޔުޓަރަށް ބަލަން އިދެ ރުންކުރު ޖަވާބުދިނެވެ.
ނަގަންޖެހެނީ ކޮން ފޯމެއްކަމެއް، އެބުނާ ފޯމު ހުރީ ކޮންތާކުކަމެއް އަހަންނަކަށް ނޭންގުނެވެ. އެއީ އެތަނަށް އަލަށް ދިޔައީމައެވެ.
އޮޅުން ނުފިލާ ސުވާލުތައް ކުރީމެވެ.
''ތިބޭފުޅާ ބަލާލެއްވިއްޔާ ފެންނާނެ މިދިމާޔަށް އެކޮޅަށް ދާއިރު، އެހެރަ ކަނުގަ ހުރި ފޯމުތައް.. އެތަނުން ތިބޭނުންވާ ޚިދުމަތާއި ގުޅޭ ފޯމު ނަގާނީ...'' ކުޑަކޮށް އެއްފަރާތަކަށް ޖެހިލާފައި އަތުގައި އޮތް ގަލަމުން އެއް ދިމާލަކަށް އިޝާރަތްކުރަމުން އޭނާ ބުނެލިއިރު، އެ ދޮންމީހާގެ މޫނުހުރީ ކަޅު ރަތްކުލައަކަށް ބަދަލުވެފައޭ ބުންޏަސް ދޮގަކަށްނުވާއެވެ.
އެބުނާ ފޯމެއްގައި ފުރަން އަހަންނަށް ނޭންގުނު ތަނެއް އޭނަ ކައިރީ އަހަން ނާހަން ހުރެފައިވެސް، ލަސްވާތީ ގޮސް އެހީމެވެ.
އޭނާ ހަމަ އެ ބާރުމިނުގައި އެ ރާގުގައި ބުނެލިއެވެ.
ގަލަން ލިބިދާނެތޯ އެހިސާބުން އަހަރެން އެހީމެވެ.
މާތްކަލާކޯއެވެ. މިހެން އެހުނު މޮޔަ އަހަރެން ހުރީ ހީވެފައެވެ. ހީވީ އެނާގެ ގެއިން ގެނައި އެއްޗެއް މަ ''ކަޓުވާލަން'' އުޅޭތީ ރުޅިއައީހެންނެވެ.
މިވަރުން މިތަނުން މިމީހުން ތިބެންވީ ކީއްވެކަމެއް އަހަންނަކަށް ނޭންގުނެވެ.
އެމީހުންވެސް ވަޒީފާތަކަށް އަންނަނީ އެހެންމީހުންނަށް ޚިދުމަތްދޭށެވެ. ހިނިތުންވުމާއި އެކީ އެމީހާގެ މަސައްކަތްކުރުމަކީ އަނެކާއަށް ތިމާގެ ފަރާތުން ދެވޭ ވަރަށް ބޮޑު ހިތްހަމަ ޖެހުމެކެވެ. ހިނިތުންވުމަކީ ޞަދަޤާތަކަށްވާއިރު މިކަން މިފަދަ އިސްލާމީ ޤައުމެއްގައި ނެތުން މިއީ ހިތާމަ ކުރަންޖެހޭވަރުގެ ކަމެކެވެ.
މިވަގުތު އަޅުގަނޑަށް ޝެއިޚެއްގެ ފަރާތުން ލިބިފައިވާ މަޢުލޫމާތުކޮޅެއް ޙިއްސާކޮށްލާނަމެވެ.
ﷲ ރުއްސުންލެއްވި އަބޫޛައްރުގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނުވިދާޅުވިއެވެ. " ތިމަންނާއަށް ސަލާމާ ޞަލަވާތްލެއްވި ނަބިއްޔާ ޙަދީޘް ކުރެއްވިއެވެ." ހެޔޮކަމުގެ ތެރެއިން އެއްވެސް މިންވަރެއް އެއީ ކުޑަމިންވަރެއްކަމުގައި ނުދެކޭށެވެ. ( ކިތަންމެ ކުޑަކަމެއްވެސް އެއީ އަގުނެތް ކަމެއްކަމުގައި ނުދެކޭށެވެ) އެކަމަކީ ކަލޭގެ އަޚާއާ އުފާވެރި މޫނަކާއިގެން ބައްދަލުވުން ކަމުގައި ވިއަސް މެއެވެ.
ޖަރީރު ބިން ޢަބްދިﷲ ވިދާޅުވިއެވެ. ތިމަންނާ އިސްލާމްްވީއްސުރެ ބައްދަލުވާ ދުވަހަކުވިއްޔާ ސަލާމާ ޞަލަވާތްލެއްވި ނަބިއްޔާ ހިނިތުންވެ ހުންނަވައިގެން ބައްދަލުވެފައިވާތަން ނޫނީ ނުދެކެމެވެ.
ހަމައެހެންމެ، އިސްތިޤްބާލުކުރާ މީހާއަށް ހަދިޔާއެއް ދެވޭން އޮތްނަމަ ދިނުމާއި، ތަނާއި މީހާގެ ސާފުތާހިރު ކަމަކީ އިސްތިޤްބާލްކުރާމީހާޔަށް ޤަދަރު ކުރުމުގެ ތެރެއިންވާ ރިވެތި ޞިފައެކެވެ. އަދި މެހްމާން އަންނަ ގަޑިތަކަށް ސަމާލުވުމާއި،
ހުރިހާ މުޢާމަލާތެއްގައިވެސް އޯގާތެރިވުމަކީ އަޅުގަނޑުމެންގެ ގައިގައި އަށަގަންނުވަންޖެހޭ މާތް ސިފަތަކެވެ. ޙަދީޘެއްގެ މާނައީ އޯގާތެރި ޞިފައިން މަޙްރޫމްވެފައިވާ މީހާއީ ހުރިހާ ހެވަކުންވެސް މަޙްރޫމްވެފައިވާ މީހާއެވެ.
- عَنِ النَّبِىِّ -صلى الله عليه وسلم- قَالَ « إِنَّ الرِّفْقَ لاَ يَكُونُ فِى شَىْءٍ إِلاَّ زَانَهُ وَلاَ يُنْزَعُ مِنْ شَىْءٍ إِلاَّ شَانَهُ ». أخرجه مسلم
"ކަމެއްކައި އޯގާތެރިކަން ހިމެނޭނަމަ އެކަމެއް ރީތިވެ ޒީނަތްތެރިވާހުއްޓެވެ. އަދި އޯގާތެރިކަން ނެތިގެންހިގައްޖެނަމަ އެކަމެއް ނުބައިވެ ހަޑިވެގެން ދާހުއްޓެވެ.''
- ނިމުނީ -















މީހަމަ ވަރަށްބޮޑު ތެދެއް، މިއީހަމަ އާންމު ދިރިއުޅުމުގައި ކޮންމެ ދުވަކުހެންވެސް ދިމާވާ ކަންތަށް، ވ ވ ވ ވ ޢިބްރަތްތެރި ލިޔުމެއް،، “ނަމަވެސް ވިސްނާ ބޔަކަށް”
ވަރަށް ފުރިހަމަ ލިޔުމެއް. ޚިދުމަތްދޭން ކައުންޓަރުތަކުގައި ތިއްބަވާ ބޭފުޅުން ވިސްނާލުން ރަގަޅު ނުކުތާތަކެއް
ޑރ. ލިޔެދީފައި އޮތް ކަރުދާސްކޮޅު ކައުޓަރުގައި އިން ކުއްޖާއަށް ދިއްކޮށްލީމެވެ. މިއީ ކޮން އެއްޗެއްތޯ ސުވާލުކުރިއެވެ. އަހަންނަށް އެނގޭނީ ކިހިނެއްހެއްޔެވެ. އެކަމަކު އޭނާއަށް އެއީ ކޯންޗެއްކަން ނޭނގުނީމަ ހީވާ ގޮތަކަށް ބުނީމެވެ. ސްކޭނެއްކަންނޭނގެއެވެ. ވަގުތުން ފައިސާ ނަގާފައި ސްކޭން ހައްދާ ކޮޓަރިއަށް ފޮނުވިއެވެ. މީހަކު އުޅޭތީ ބައިގަޑިއެއްހާއިރު މަޑުކޮށްލަން ޖެހުނެވެ. ދެން ވަނުމުން ޑރ. އެއަށް ބައްލަވާފައި ވިދާޅުވީ އެއީ ސްކޭނެއް ނޫންކަމަށެވެ. އެ ޓެސްޓް ހަދާނީ ވަކި ބާވަތެއްގެ ޚާއްޞަ ޑރ އެކެވެ. ކައުންޓަރަށް ގޮސް އެވާހަަކ ބުނުމުން އެކި ވަތްގަނޑުތަކުން ފައިސާ އެއްކޮށްގެން އައިސް އަނބުރާ ފައިސާ ދީފިއެވެ. އެބުނާ ވައްތަރުގެ ޑރ އަކަށް މިއަދު ނުދެއްކެވޭނެތޯ އެހުމުން ބުނީ އެކަން އެނގޭނީ މަތިންކަމުގައެވެ. މައްޗަށް އަރައިފީމެވެ. ނަންބަރެއް ނަގައިގެން މާގިނަ އިރެއް ނުނަގައެވެ. ވިއްސަކަށް މިނެޓެވެ. ބުނީ މިއަދު ހުރިހާ ޑޮކްޓަރުންގެ ނަންބަރު ހުސްވެއްޖެއެވެ. އެއީ އެދުވަހު ހަދަންޖެހޭ ޓެސްޓެކެވެ. އެހޮސްޕިޓަލުން ނުކުމެގެން އަވަހަށް ދިޔައީ ޢާންމުން ގިނައިންދާ އަނެއް ހޮސްޕިޓަލަށެވެ. ނަންބަރު ހުސްވެއްޖެއެވެ. ފަހަރެއްގައި ކްލިނިކަކުން ހެދިދާނެއެވެ. ދެވަނަ ކްލިނިކުން ބުނީ އެޓެސްޓް ހެއްދޭނެ ކަމަށެވެ. އެކަމަކު ހަވީރެވެ. ހަވީރު ކްލިނިކަށް ހިނގައްޖައީމެވެ. ސާޅީހަކަށް މިނެޓުފަހުން ޑރ ގާތަށް ދެވިއްޖެއެވެ. ވިދާޅުވީ އެޓެސްޓު ހެދޭނީ ހަމައެކަނި ބޮޑު ދެހޮސްޕިޓަލުންކަމުގައެވެ. އެޓެސްޓް ހަދަން ބުނި ޑޮކްޓަރު ބަލާ ކްލިނިކަށް ހިނގައްޖައީމެވެ. ދެން ހަދާނެ ގޮތެއް އޮޅުންފިލުވާށެވެ. އެޑޮކްޓަރެއް ނެތެވެ. އެހެން ޑރ އަކު ބަލާފަ ބުނީ މާދަމާ ހެދިޔަސް މައްސަލައެއް ނެތެވެ. އަނެއްދުވަހުގެ ނަންބަރެއް ލިބޭތޯ އަވަހަށް ފުރަތަމަ ދިޔަ ބޮޑު ހޮސްޕިޓަލަށް ހިނގައްޖަޢިމެވެ. ނަސީބަކުން ނަންބަރެއް ލިބިއްޖެއެވެ. އަނެއް ދުވަހު ހެނދުނަށެވެ. ގެއަށް އާދެވުނު ވެފައިވާ ވަރުބައްޔާއި ފޫހިން ޖައްސާލައިފީމެވެ. ރޭގަނޑު އެގާރަ ޖަހަން އުޅެނިކޮށް ފޯނެއް އައެވެ. ހޮސްޕިޓަލުންނެވެ. އެ ޑޮކްޓަރު ޗުއްޓީ ނެގިއްޔޯލައެވެ. ދެން ހަދާނީ ކިހިނެއް ހެއްޔެވެ. އެހެން ޑޮކްޓަރަކަށް ދައްކަން ބޭނުމިއްޔާ ދެގަޑިއިރުތެރޭ އައިސް އަލުން އެޕޮއިންޓްމަންޓް ހައްދާށެވެ. ނިދާހެދުން ބަދަލުކޮށްގެން މަތިހަދާލައިގެން ހިނގައްޖައީމެވެ. އެޕޮއިންޓްމަންޓްވެސް ހައްދައިފީމެވެ. ބަލަންފަށަނީ 3 ޖަހާއިރެވެ. އޮތީ ތަންކޮޅެއް މަތީ ނަންބަރެއްވީމަ ދިޔައީ ތިންގަޑި ބައިވީފަހުންނެވެ. 7 މީހުން ބަލައިފިއެވެ. އަދިވެސް ލައްކަ މީހުން އެބަތިއްބެވެ. ބޯދުގައި އިނީ 15 ނަންބަރެވެ. އެނަންބަރުގައި އިރުތަކެއްވެއްޖެއެވެ. ދެން އައީ އެނައުންސްމަންޓެކެވެ. ޑޮކްޓަރު އެހެން ކޮޓަރިއަކަށް ވަޑައިގަތީއެވެ. ދެންވެސް ތިބީއެވެ. ގަޑިއަކަށްވުރެ ގިނައިރުވީފަހުން ޑޮކްޓަރު އައިސް ދެމީހަކު ބަލައިފިއެވެ. ތިންވަނަ ނަންބަރު އެއްކަލަހެން ހަރުވެއްޖެއެވެ. އަނެއްކާވެސް އެއްކަލަ ކޮޓަރިއަށް ޑޮކްޓަރު ދިޔައީއެވެ. މިފަހަރުވެސް އެހައިރު ނެގިއެވެ. ނަސީބަކުން ދެން އަރާމުގައި ހަމަޖެހިލައިގެން ނަންބަރަކަށްފަހު ނަންބަރެއް އަރަމުން ދިޔައެވެ. މަގޭ ނަންބަރާ ޖެހުނީ ނުވައެއް ޖަހަން އުޅެނިކޮށެވެ. ޑރ. އެއްކަލަ ކަރުދާސްގަނޑު ބައްލަވާފައި ބުނުއްވީ އެއީ މިހާރު އަހަރެމެން ހަދާ ޓެސްޓެއް ނޫނެވެ. މިތަނަށް ދައްކައިފިއްޔާ ހަދަންޖެހިޖެއްޔާ ފަހަރެއްގައި ހެދިދާނެއެވެ. އެހިސާބުން މިދަތުރު ނިމުނީއެވެ. ޑރ އަށް ދެއްކުމަށް ދިޔަ ފައިސާއާ ބައެއް ފަހަރު ޓެކްސީއަށް ދިޔަ ފައިސާއާ އެއްޔެއާ ރެއާ މިއަދު އެކަމުގައި އުޅެން ޖެހުނު ވަގުތުތައް މޭވާނާޅާ ވަނދުވެގެން ދިޔައީއެވެ.
ވަރަށް ބޮޑު ތެދެއް…
ވަރަށް ބޮޑު ތެދެއް ހަމަ ހަގީގަތް
މި ލިޔުމާއި ކޮމެންޓް ތަކުން އަހަރުމެން ޤަބޫލުކުރަން ޖެހޭ ހަޤީްަތަކީ އަދި އަހުރެމެން ބޭނުންވާ ޑިމޮކްރެސީއެއް މިޤައުމަކަށް ނުލިބޭކަން މި ބޭނުންން ވެގެން އުޅޭ ޑިމޮކްރެސީ ލިބޭނީ އިސްލާމީ އަޚްވަންތަ ކަމާއި އިސްލާމީ އެއްބައިވަންތަ ކަން މިޤައުމަށް ލިބިގެންކަން ކަށަވަރެވެ.
އަސްލުވެސް
Alhamdulillah Ya ALLAH jazakALLAH khayr Maasha ALLAH . Insha ALLAH warah rangalhu ibratheh haasil vaane heyo wisna beyfulhakah dhn bunelan othy mainbafain adhi mudhahrisun wes kudhinah Maai ALLAH ah takaa ekaku anehkakah foohikameh rulhi eh nethi ogawumuge rivethi sifa dhaskohdheynwaaney ehen nuny mi sifa nethi kudhin thah bodethiwe hidhumai dheyn nikunnairu hudhu aharumenwes amihla dharin kairiah hidhumatheh hodhan dhaairu mi nurangalhu ogaatherikan nuvaa sifa fennan fashaafaaney . Eyrun hithaama kuran jeheyni hama alhugandumen nah