ރާޖޫއާއި އެކު އަހަރުން އުޅޭތަނަށް ދެވުނު އިރު އިރުއޮއްސިއްޖެއެވެ.
ގެއަށް ވަތް އިރު ވަށައިގެންވަނީ ދޮވެފައިވާ އަންނައުނުތަކެވެ.
'' މިއަދަކީ އެންމެން އެއްޗެހި ދޮންނަ ދުވަސް.... ދޮންނަ މެޝިނުން ދޮންނާތީ ބޮސް އޮންނަނީ ބުނެފަ އެންމެން އެއްދުވަހެއްގަ ދޮންނާށޭ... މަ ކަލޭ ކައިރީ ނުބުނީ ހަނދާން ނެތުނީމަ..'' ރާޖޫ ވާހަކަދައްކަމުން ގޮސް ގޭތެރެއަށް ވަނެވެ.
'' ދާވެފަ ނެތްތަ އެއްވެސް އެއްޗެއް '' އަހަރެން އަނގައިން ނުބުނެ ހުރުމުން ރާޖޫ އަހާލިއެވެ.
''ނޫން....ހަފްތާއެއް ވީމަ، އެބަހުރި ބައެއް އެއްޗެހި ދާވެފަ. ދެން ކިހިނެއް ހަދާނީ..'' އަހަރެން ކަންބޮޑުވިއެވެ.
''ކަލޭ އަތުގަ ކިތައް ހެދުން އޮވޭ..''
''ފަހެއް...ތިން ފަޓުލޫނާއި، ތިން ގަމީހާއި، ދެ ޓީޝާ....'' އަހަރެން އިނގިލިން ގުނަމުން ބުނީމެވެ.
''ކަލޭ ގުނާ ގޮތެެއްދޯ...'' ރާޖޫ ބާރަށް ހީލާފައި އައިސް އަހަރެންގެ ކޮނޑުގައި ޖަހާލިއެވެ.
''ދެން އެހެންވީމަ މާދަމާ އެތަނުން ބާލިދީއަކަށް އަޅައިގެން އަތުން ދޮވެލާ.... ދޮވެލާފަ މަސައްކަތަށްދާނީ....'' ރާޖޫ އަހަރެން ކަންތައް ކުރަންވީގޮތް ކިޔާ ދިނެވެ.
އަހަރެންގެ ޤައުމުގައިވެސް އެއްޗެހި ދޮވެ ހަދަނީ ގިނައިން އަހަރެން އަމިއްލައަށްވާތީ އަތުން އެއްޗެހި ދޮވުމަކީ މާބޮޑު ކަމަކަށް އަހަންނަކަށް ނުވިއެވެ.
އެކަމަކު އަހަރެން ކަންބޮޑުވީ އެންމެންގެ އެއްޗެހި އެއްކޮށް ދޮންނާތީއެވެ. އަހަރެން އެެވާހަކަ ވަގުތުން ރާޖޫކައިރީ ބުނީމެވެ.
''ލޯންޑްރީ ކިޔާ އަޑު އަހަންތަ؟ އެމީހުންވެސް އެއްޗެހި ދޮންނަނީ އެއްކޮށް...ކަލޭގެ އެއްޗެއް މަގޭ އެއްޗެއް އެހެން ނޯވޭ.... ބުނަން.... އެތަނެއްގަ އުޅެން ޖެހޭނީ އެތަނެއްގަ، އެވަގުތަކު ހާލަތު ނިޔާކުރާ ގޮތަކަށް.. މާގޮތްބޮޑުވެގެން ކިހިނެއް މިތާ އުޅޭނީ...'' ރާޖޫ އަހަންނަށް ވިސްނުވާ ދިނުމަށްވުރެ ބޮޑަށް ހިތްހަމަ ނުޖެހި ހުރިކަން އަހަންނަށް ފާހަގަވިއެވެ.
ރާއްޖެ އައިތާ މަހެއް ފުރުނު ދުވަހު އަހަރެން ފޯނެއް ގަތީމެވެ. މުސާރަ ލިބުމާއި އެކު ރާޖޫއާއި އެކީ ގޮހެވެ.
އެއީ ނޮކިޔާ ފޯނެކެވެ. އަގަކީ 320 ރުފިޔާއެވެ. ފޯނާއި އެކީ ފޯނުގަ ލައްވާނެ ކަވަރެއްވެސް ގަތީމެވެ. އެއީ ނޫކުލައިގެ ފޯނެކެވެ. ފުރަތަމަވެސް ސިމް ލައްވައިގެން އަހަރެން ގުޅީ ބައްޕަގެ ރަޙްމަތްތެރިޔާއަށެވެ.
އަސްލަމްބާއި އަށެވެ.
''ވަރަށް އުފާވެއްޖެ ދިމާވީމަ...މިހާރު އަސްލަމްބާއިއަށް ނުގުޅިޔަސް ސީދާ މަންމަމެންނަށް ގުޅޭނެ... ރޭ ބައްޕަ ގަނެފިއޭ ފޯނެއްވެސް...''
އަހަރެން ބައްޕައަށް ގުޅީމެވެ. ބައްޕަ ފޯނުގަތީ އަހަރެން މުސާރަ ފޮނުވާނެކަން އެނގޭތީ ފަހުން ލާރި ދޭގޮތަށެވެ.
''މަންމާ....މިތަން ވަރަށް ހިތްގައިމޭ...'' އަހަރެން ހުރީ ރޮވިފައެވެ. އެކަން މަންމައަށް ސިއްރު ކުރާނީ ކިހިނެއް ހެއްޔެވެ.
''ދަރިފުޅާ ހިތްވަރުކޮށްލާ... ދަރިފުޅުގެ ކޮއްކޮމެން ކިޔަވާ ނިމުމުން ދަރިފުޅަށް އެހެން ގޮތެއް އިރާދަކުރެއްވިޔާ މެދުވެރިވާނެ... ގައުމުން ބޭރުގަ އުޅޭ އިރު ދިމާވާނެ އެކި ކަންތައް.... އެކަންތަކަށް ހިތްވަރާއިއެކު ކުރިމަތިލައިގެން ކުރިއަށްދާތި... އަހަރެމެންގެ އުޅުމާއި އެމީހުންގެ އުޅުމާއި ތަފާތުވެދާނެ... އެކަމަކު ނުވާނެ މާޔޫސްވެގެން ތިތަނުން އެނބުރި އަންނާކަށް... ކިހާ ލާރި ލިބޭ... ބައްޕައަށް ލިބޭ ލާރި ކޮޅުން ކިރިޔާއެއްނު ދެކޮޅު ޖެއްސެނީ... ރަގަޅު ގޮތެއްވީމަ އެންމެން އެއްތަނެއްގަ އަދި އުޅެވޭނެ އުފަލުގަ... އެކީގަ... '' މަންމަ އަޑުން އަޑުނަގާ ރޯން ފެށީއެވެ. އަހަރެން ދެން ނުރޮއި ހުންނާނީ ކިހިނެއް ހެއްޔެވެ.
އެވަގުތު ރާޖޫ އަހަންނަށް ވަރަށް އެހީތެރިވިއެވެ. އަހަރެން ކައިރީ އިށީންދެގެން އިނދެ ނުރުއިމަށް ނަސޭހަތް ދިނެވެ.
މަންމަގެ ހިތަށް ކުޅަދާނަ ނުވާނެ އެވެ. އަހަރެން ކިޔަވަންދިޔަ ދުވަސްކޮޅުވެސް ތަންކޮޅެއް ލަހުން ގެއަށް އަންނަ އިރު މަންމަ ހުންނަނީ ރޮވިފައެވެ. އަދި މިހާ ދުރު ހިސާބަކަށް އައިސް އުޅޭއިރު ކިހާ އެއްޗެއް ހިތަށް އަރާނެ ހެއްޔެވެ.
ޚަރަދު ބޮޑުވާނެތީ މާގިނަ އިރަކު ފޯނުގައި ނުހުރެވުނެވެ. އެންމެންނަށް ސަލާމް ރައްދުކުރުމަށްބުނެ، އެކަކު އަނެއްކަކަށް ހެޔޮދުޢާކޮށްފައި ފޯނު ބޭއްވީއެވެ.
ދުވަސްތައް އެކި ތަޖުރިބާތަކާއި އެކީ ނިމި، ޖެހިގެން އައި މަހަށް ތަންދިނެވެ. ލިބުނު މުސާރަ ގައުމަށް ފޮނުވާލުމަށްފަހު އެވާހަކަ ބުނަން އަހަރެން ބޭންކުން ބޭރަށް ނުކުތީމެވެ.
''އޭނނނނ...ފޯން ފޯން ފޯން...'' އަހަރެންނަށް ބާރަށް ހަޅޭއްލަވައިގަނެވުނެވެ.
އެއީ ރާއްޖެމީހުން ކިޔާ ޕާޓޭއެކެވެ. އޭނާ އަހަރެންގެ ފޯނު ޖަހައިގެނެގެން ދުއްވައިގަތީއެވެ. ފޭރިގަތީއެވެ. އަހަރެން އެހާވަރަށް ގޮވި އިރުވެސް އެތަނުގައި އެވަގުތު ތިބި ބައެއްވިއްޔާ ކުޅި ބަލަން ތިބީއެވެ.
ރާޖޫ އެވަގުތު އިނީ ބެންކް ތެރޭގައެވެ. އޭނާވެސް ލާރި ފޮނުވަން ވެގެންނެވެ. އޭނައަށް ނުކުމެވުނު އިރު ވާނެކަމެއް ވެ ނިމިއްޖެއެވެ.
ހިތްދަތިވެ، މާޔޫސްވެފައި ހުރެ އަހަރެން ރާޖޫއާއި ދިމާލަށް ބަލާލީމެވެ.
''އެއީ މަ ބުނާ ވާހަކަ އަކީ.... މިތާކު ނޯންނާނެ ގޮތެއް ފޮތެއް... އޭނަގެ ލާރިއަކުން ނޫނެއްނު ފޯނުގަތީ.. އެކަމަކު އޭގެ ބޭނުން ދެން ކުރާނީ އޭނަ.... ރަގަޅެއްނު... މަސައްކަތްނުކޮށް އެއްޗެހި އެބަ ލިބޭ ވިއްޔަ..'' ރާޖޫވެސް ހުރީ ކަންބޮޑުވެފައެވެ. އަހަންނަށް ހިތްވަރު ދެވޭވަރަށްވުރެ ރުޅިވެސް އައިސްފައެވެ.
ރާޖޫ އަހަރެން ގޮވައިގެން ޕޮލިހަށް ދިޔައެވެ. މައްސަލަ ރިޕޯޓް ކުރުމަށެވެ. މިކަހަލަ ކިތަންމެ ފަހަރަކު ރާޖޫވަނީ އެކި ޤައުމުގެ މީހުންނާއި އެކު ޕޮލިސް ސްޓޭޝަނަށް ގޮސްފައެވެ. ކޮންމެވެސް ވަރަކަށް ދިވެހި ބަހުން ވާހަކަދައްކަން އެނގޭތީއެވެ.
ޕޮލިހުން ބުނީ އެ ފޯނު ފެނިއްޖެނަމަ ގުޅާނެ ކަމަށެވެ. ނަމަވެސް ރާޖޫ ބުނީ އެމީހުން ނުގުޅާނެކަމަށެވެ. ޚުދު ރާޖޫއަށްވެސް އެކަން ދިމާވެފައިވީމައެވެ.
ރާޖޫގެ ފޯނަށް ލާރި އަޅައިގެން އަހަރެން ބައްޕައަށް ގުޅާ އެވާހަކަ ބުނީމެވެ. މަންމަ އަނެއްކާވެސް ރޯން ފެށީއެވެ.
ރާއްޖޭގައި އުޅޭތާ ތިންވަނައަށްވީމަހު، މުސާރަ ލިބުމާއި އެކު ރާޖޫ، އަހަރެންނަށް ފޯނެއް ގަތުމަށް އިރުޝާދު ދިނެވެ.
އެހެންކަމުން އަހަރެމެން ހުކުރު ދުވަހުގެ ރޭ ފޯނު ވިއްކާ ފިހާރަތައް ބަލަން ނުކުތުމަށް އަހަރެމެން ނިންމީމެވެ.
މުސާރަ ލިބުނީ އެ ހަފްތާގެ ބުރާސްފަތި ދުވަހަށްވާތީ އާދިއްތަ ދުވަހު ބޭންކަށް ދިޔުމަށް ނިންމީމެވެ.
''ހަލޯ....ރާޖޫ..ޔެސް...އޯކޭ އޯކޭ..ދަނީ..'' ރާޖޫއަށް ފޯނެއް އައީއެވެ. (ނުނިމޭ)















އަނެއްބައި އަންނާނެ ދުވަހަކަށް އިންތިޒާރުކުރަން!! އިޓްސް ކްއައިޓް އިންޓްރެސްޓިން..
ވަރަށް ދެރަވެއްޖެ މިލިޔުން ކިޔާފަ. އެފަކީރުގެ ލާރިކޮޅު ފޭރިގަންނާނީ ދޯދެން. ރާއްޖޭގައި އުޅޭ ބައެއް ބިދޭސީން އުޅެނީ ވަރަށް ހާލުގަ……………………………….
ވަރަށް ސަޅި މި ސީރީސް ގެނެސްދޭ ގޮތް. އަނެއްބައަށް އިންތިޒާރް ކުރަން