ރިޕޯޓް

ދިވެހިންގެ ދީން (2) އިސްލާމްދީނާއި ދިވެހިންގެ ޘަޤާފަތް...

ލިޔުނީ : އަޙްމަދު އަޖްމަލް ޙާމިދު އަދި އަޙްމަދު ޝަމީނު ދޮންމަނިކު

އަޅުގަނޑު ކުރީލިޔުމުގައި އިޝާރާތްކުރި ބޮލޮގްތަކުގެ ތެރެއިން ބޮލޮގެއްގައި ވަރަށް ބޮޑު ތުހުމަތެއް ކޮށްފައިވެއެވެ. އޭގައިވާގޮތުންނަމަ އިސްލާމްދީންވަނީ އަޅުގަނޑުމެންގެ ޘަޤާފާތް ފުނޑުފުނޑުކޮށްލާފައެވެ. އަދި އިސްލާމްދީން ފެތުރޭ ކޮންމެތާކު މިފަދައިން ކަންހިންގައެވެ. ހަމަޔަޤީނުންވެސް މިއީ ދިވެހި ތާރީޚާއި އިސްލާމީ ތާރީޚާއި ޢަރަބިންގެ ތާރީޚް، އަދި ކިއެއްތޯ ދުނިޔޭގެ ތާރީޚު ދިރާސާކުރުމެއްނެތި ބުނެލާފައިވާ ތޯތޯ ވާހަކައެއްކަން ކަށަވަރެވެ.

އަޅުގަނޑުމެން ސުމަކުން ފައްޓަމާތޯއެވެ. އަޅުގަނޑުމެންގެ މިވާހަކަ ފައްޓާނީ އަބުލްއަންބިޔާއުގެ ނަމުން ލަޤަބުލިބިގެންވާ އިބްރާހީމްގެފާނުންނެވެ. (މިއީ ސުމެއްނޫންކަން އަޅުގަނޑުވެސް ޤަބޫލުކުރަމެވެ. ނަމަވެސް ކެތްތެރިވެވަޑައިގަންނަވާށެވެ.) އިބްރާހީމްގެފާނަކީ އެތައް ޤައުމެއްގެ އަދި ނަސްލެއްގެ ބައްޕައެވެ. ހަމަމިމޭރުމުން އެހެންކަމެއްވެސް ފާހަގަކޮށްލާނަމެވެ. އަޅުގަނޑުމެންގެ ނަސަބުގެ މަޞްދަރަކީވެސް މާތް ރަސޫލެކެވެ. ކޮންމެއަކަސް އިބްރާހީމްގެފާނު އަޅުކަންކުރެއްވީ އެއްކައުވަންތަ އިލާހަށެވެ. އެކަލޭގެފާނަށްފަހު ޢަރަބިން ބުދުތަކަށް އަޅުކަންކުރަން ފެއްޓިއެވެ. މިކަމުގެ ސަބަބުން އެމީހުންގެ ކާބަފައިކަލުން އިބްރާހީމްގެފާނާއި އާދަމްގެފާނުންގެ  ޡާޤާފާތާ އެމީހުން ދުރުވެގެންދިޔައެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން އަޅުގަނޑުމެންގެ ކާބަފައި ރަސޫލުބޭކަލުންގެ ސުންނަތަކީ އަދި ޘަޤާފަތަކީ ހަމައެކަނި އެއްކައުވަންތަ އިލާހަށް އަޅުކަންކުރެއްވުމެވެ. ޢީސާގެފާނު ވަޑައިގަތީ މިބޭކަލުންނަށްވުރެއްމާފަހުން ކަމާމެދު އެއްވެސް ސަމާވީ ދީނެއްގެ މީހަކު ދެކޮޅެއްނުހަދާނެއެވެ. އަދި ޓްރިނިޓީ ނުވަތަ ޘާލޫޘް ގެ ރަތްލާޖެހި، ބޮޑު، ރޯމަރު ދޮގު އައީ އެކަލޭގެފާނަށްފަހު އެތައް ޤަރުނެއް ވޭތުވެދިޔުމަށްފަހުކަން ތާރީޚު ހެކިދެއެވެ. އެއަށްފަހު މިދޭހަށްއަލިކުރީ ޚާތިމުލްއަންބިޔާއުއެވެ. އެކަލޭގެފާނު އަޅުގަނޑުމެންގެ ކާބަފައި ރަސޫލުންގެ ޘަޤާފަތް ދިރުއްވެވިއެވެ. އެއީ ހަމައެކަނި އެއްކައުވަންތަ އިލާހަށް އަޅުކަންކުރުމުގެ ދުވަސްވީ ޘަޤާފަތެވެ. އެހެންވީމާ ވިދާޅުވެދެއްވާށެވެ. އިސްލާމްދީން ޢަރަބީންގެ ޘަޤާފަތް ފުނޑުފުނޑުކުރީތޯއެވެ؟ ނުވަތަ އެމީހުންގެ ޙަޤީޤީ ޘާޤާފަތާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް އެމީހުން ރުޖޫޢަކޮށްދިނީތޯއެވެ؟ އެޘަޤާފަތަކީ އެއްކައުވަންތަ އިލާހަށް އަޅުކަންކުރުމުގެ މުޤައްދަސް ޘަޤާފަތެވެ. އެހެންވެ އިލްޙާދަކީ މިނިވަން މުސްތަޤިއްލު ޘާޤަފަތަށް އޮތް މަގޭ ބުނެކުރާ ބަހުޘަކީ ތާކުންތާކުން ނުޖެހޭ ބަޙުޘެއްކަން ޔަޤީނެވެ. އެހެނީ ދިނާއި ކަލަކުވޮޑިގެންވާކަން ޤަބޫލުކުރުމީ ދުނިޔޭގެ ވަރަށް ގިނަ ޘާޤާފަތްތަކެއްގައިވެސް މުހިއްމު ދައުރެއް އަދާކުރާ ދޭއްޗެކެވެ. އެއްކައުވަންތަ އިލާހަށް އަޅުކަންކުރުމަކީ ޢާލަމީ، ޝާމިލް ޘަޤާފަތެކެވެ.

ދެންއުފެދޭ ސުވާލަކީ އިސްލާމްދީން އެހެންމީހުންގެ މައްޗަށް ޢަރަބިންގެ ގޮތްގަނޑު ލާޒިމުކުރޭ ހެއްޔެވެ؟ މިސުވާލަށް ދޭންޖެހޭ ޖަވާބަކީ ނޫނެކެވެ. ނަމަވެސް އިސްލާމްދީނާއި ޢަރަބި ކަރައާއި ޢަރަބިންނާ ވަރަށް ގާތް ތިމާގެކަމެއްވާ ކަމާމެދު އިންކާރެއްނުކުރަމެވެ. މިފަދަ ތިމާގެކަމުގެ ގުޅުންތައް އެހެން ދީނުތަކުންވެސް ފެންނާން އެބަހުއްޓެވެ. މޫސާގެފާނާއި ޔަހޫދީދިން މިޞްރާ ތިމާގެވާފަދައިންނެވެ. ޢިސާގެފާނާއި ނަޞާރާދީން އޫރުޝަލީމާ ލާމެހިފައިވާ ފަދައިންނެވެ. މުޙައްމަދުގަފާނާއި އިސްލާމްދީންވަނީ ޢަރަބިކަރައާއި އެކަރައިގެ އަހުލުވެރިންނާ ގުޅިފައެވެ. މާތްﷲ މިމާތް ރަސޫލުބޭކަލުންނަށް ސަލާމްލައްވާށިއެވެ!

ނަމަވެސް އިސްލާމީ ރިސާލަތަކީ އެއްވެސް ޙާލަތެއްގައި ވަކިޤައުމެއްގެ އަމިއްލަ ރިސާލަތެއްނޫނެވެ. އިސްލާމީ ރިސާލަތަކީ ޝާމިލް ރިސާލަތަކެވެ. އިސްލާމްދީން އެކިނަސްލުތަކާއި ޖަމާޢަތްތަކުގެ އައުޚިޔާލުތަކަށް މަރުޙަބާކިޔައެވެ. ތިޔަބޭފުޅުން ޚަންދަޤު ހަނގުރާމައަށް ނަޒަރު ހިންގަވާލައްވައިފިނަމަ ފާހަގަކުރެއްވޭނެ އެއްކަމަކީ ޚަންދަޤު ކޮނުމުގެ ޚިޔާލަކީ ސަލްމާނުލް ފާރިސީގެ ޚިޔާލަކަށްވާކަމެވެ. މިއީ މިކަމަށް ބާރުދޭ އެންމެ މިސާލެކެވެ. އިސްލާމްދީން ފެތުރި ފުޅާވާން ފެށުމުން އެތައް ނަސްލެއްގެ އެތައްބަޔަކު އިސްލާމްދީނަށް ވަނެވެ. މިމީސްމީހުންގެ ޚިޔާލު އިސްލާމްދީން އިތުރަށް ފުޅާކޮށް ފެތުރުމަށް ބޭނުންކުރެވުނެވެ. އިސްލާމްދީން ގޮވާލަނީ މަޝްވަރާ ކުރުމަށާއި އިސްލާމްދީނުގެ އަސްލަކާ ތަޢާރުޟްނުވާހާ ހިނދަކު އަޣުލަބިއްޔަތުން ކަންކަން ނިންމުމަށެވެ. މިއީ އަދުގެ 'މޮޑަން ޑިމޮކްރަސީ" ގައިވާ އީޖާބީ ކުލަވަރެއްވެސްމެއެވެ.

ދެންއުފެދޭ ސުވާލަކީ އިސްލާމްދީން ޢަރަބި ގޮތްގަނޑުތަކާއެކު ދިވެހި ޘަޤާފަތް ފުނޑުފުނޑުކޮށްލައިފިތޯއެވެ. ދިވެހި ޘާޤާފަތޭ ބުނެވުމުން އެއިން ދޭހަވަނީ ހަމައެކަނި ބުދުދީނަށް އަޅުކަން ކުރުންކަމުގައިވާނަމަ، ހަމަޔަޤީނުންވެސް އިސްލާމްދީން ދިވެހި ޘަޤާފަތް ވެއްޔާ މޮޑަލައިފިއެވެ. ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ އެއްވެސް ދީނަކަށް އަނެއްދީނެއްގެ ޖާގަ އެދީނެއްގެ ރަމްޒުތަކާއި ނިޝާންތައް ދުރަށް ޖެއްސުމަށްފަހު މެނުވީ ނުނެގޭނެކަމެވެ. މިސާލަކަށް ނާޞާރާދީން މިރާއްޖޭގައި ފެތުރޭންވެއްޖެނަމަ ދިވެހި ދިދައިގައިވާ ހަނދުފަޅި މާގިނަ ދުވަހަކު ނުހުންނާނެއެވެ. އެހެންވެ މިކަންކަމުން ވާޞިލްވެވޭ ނަތީޖާއަކީ ހުރިހާ ދީނެއްވެސް ޘާޤާފަތް ނެތިކުރުވައެވެ. ނަމަވެސް މިއީ ފެންނަންހުރި މަންޒަރުތަކަށް ބަލާލުމުން ނަފީވެގެންދާ ނަޡަރިއްޔާއެކެވެ. ބުނަންޖެހެނީ އައުދީނެއް ތާކު ފެތުރެންވެއްޖެނަމަ ބައުދީނުގެ ރަމްޒުތަކާއި ނިޝާންތައް ނެތިކޮށްލައެވެ.

ހަމަމިފުރުޞަތުގައި ފާހަގަކޮށްލަމެވެ. ދީންތަކުގެ ތެރެއިން އެހެން ދީންތަކަށް ޖާގަދޭ އެންމެ ފުރިހަމަ ނިޒާމުވަނީ އިސްލާމްދީނުގައެވެ. އެގޮތުން އިސްލާމްދީނުގައި ޛިންމީންނަށް ޖިޒްޔަ ދެއްކުމުން މިނިވަންކަމާއެކު އުޅެވެއެވެ. މީގެ ޢަމަލީ ހެކި ތާރީޚަށް ނަޡަރު ހިންގާލުމުންވެސް ފެންނާން އެބައޮތެވެ. އަދި މިވަރަކުން ނުނިމެއެވެ. އަނެއްއަޤީދާގެ އަހުލުވެރިންނަށް ޙުރުމަތްތެރިކޮށް ހިތުމަކީ މުސްލިމުންގެ ސިފައެކެވެ. އެގޮތުން މުސްލިމުން އޫރުޝަލީމްގައި ތިބިއިރު ސަމާވީ ތިންދީނުގެ މީހުން އެއްމިސްކިތެއް، ފައްޅިއެއް ޙިއްޞާކުރިއެވެ. ނަމަވެސް އެތަނަށް ޞަލީބީ ލަޝްކަރު އައިސް "އަހަރުމެންގެ މީހެއް އެމީހުންގެ މީހެއް" ބެލުމެއްނެތި ހިންގި ޤަތުލު ޢާމުން އެމީހުންނަކީ ކިހާވަރެއްގެ ބަޔެއްކަން އެނގިގެންދެއެވެ. ދެންތިބީ ޔަހޫދީންނެވެ. ކާންދޭމީހާގެ އަތުގައި ދަތްއަޅައިގަތްގޮތަށް އަދިވެސް ނައްޓަން ނޭނގިފައި އެތިބީނޫންތޯއެވެ.

ކުރިން ދެންނެވި ދިވެހި ޘަޤާފަތުން އެއަށްވުރެން އިތުރު ފުޅާ ކަންތައްތަކެއް ދޭހަވާނަމަ ދަންނަވަންތޯއެވެ. ދިވެހި ރާއްޖޭގައި އިސްލާމްދީނުގެ އުޞޫލުތައް ތިޔަވިދާޅުވާ "ހަރުކަށިކޮށް" ތަންފީޒުކުރެވިފައިވަނީ ކުރީގެ ސަރުކާރުގެ 30 އަހަރަކު ނުވަތަ އަދުގެ އައު ސަރުކާރުގެ ވެރިކަމަކު އެކަންޏެއް ނޫނެވެ. ތާރީޚަށް ނަޒަރު ހިންގާލައިފިނަމަ ފެނިގެންދަނީ މިއަށްވުރެ ރަނގަޅަށް އިސްލާމްދީންގެ އުޞޫލުތައް ތަންފީޒުކުރެވިފައިވާ ޒަމާނެކެވެ. ދިވެހިން ޕޯޗުގީޒުންގެ ވަކިތަކުން މިންޖުކޮށްދެއްވުމަށްފަހު ބޮޑުތަކުރުފާނުންވަނީ ވަރަށް ވަރަގަދަޔަށް އިސްލާމްދީންގެ ޝިޢާރުތައް ފަތުރުއްވާފައެވެ. އެނދި މަރިޔަނބަށްފަހު އިސްލާމްދީން އައުރޫޙާކާއިގެން ފަތުރާލެވުނެވެ. އަދި ރެހެނދި ޚަދީޖާގެ ވެރިކަމުގައި، އިބްނު ބަޠޫޠާގެ ޒަޢާމާތުގެ ދަށުން އިސްލާމްދީންގެ ޙައްދުތައް ވަރަށް ފުޅާކޮށް ޤާއިމްކުރެވުނުކަންވެސް ފެންނަންއެއޮތީއެވެ. ހަނދުމަފުޅު ހުންނާނެހެން ވަގެއްގެ އަތް ކެނޑުމަށް އަމުރު ކުރެވުނު ހިނދު އެތައްބަޔަކު އަނބުރައިގެނެގެން ވެއްޓުނެވެ. އެސައްޔާޙުގެ ނާމާގައި ދިވެހި ރާއްޖެއާ ބެހޭގޮތުން ލިޔުއްވާފައިވާ ވާހަކަތައް ކިޔުއްވައިފިނަމަ މިފަދަ އިތުރު އެތައް ޙާދިސާތަކެއް ފެނިގެންދާނެއެވެ. ތާރީޚުގެ ދިގުރާސްތާގައި އިސްލާމްދީނާއި ދިވެހި ޘާޤާފަތްވަނީ ވަރަށް ޞުލްޙަވެރު ގޮތެއްގައި ދިވެހިބިން ޙިއްޞާކޮށްފައެވެ. މިވޭތުވެދިޔަ ދިގު ޒަމާންތަކުގައި ދިވެހި ކާބަފައިންވާނީ އިސްލާމްދީނުގެތެރޭ ދިވެހި ޘަޤާފަތް، އަދި ދިވެހި ޘަޤާފަތުގެ ތެރޭ މިދީން ރައްކާތެރިކޮށްދީފައެވެ. ދެން އަޅުގަނޑުމެންނާ ޖެހުމުން އެފަދައިން ކަންތައް ކުރުމަށް އަޅުގަނޑުމެން ނުކުޅެދުނެވެ. އަދި ބަޔެއްގެ ނުފޫޒުގެ ސަބަބުން މިކަމުގެ ޒިންމާ އިސްލާމްދީނުގައި އެޅުވުނެވެ.

އަޅުގަނޑުމެން މިކަމާމެދު ތަންކޮޅެއް ފުންކޮށް ވިސްނާލުމުން ފާހަގަކުރެވޭ ކަމަކީ ދިވެހި ޘަޤާފަތަކީ އޮތްއެއްޗެއްކަންވެސް އަނގައިދެނީ އިސްލާމްދީން ކަމެވެ. ދިވެހި ޘަޤާފަތް، ކީއްތޯ؟ ތާރީޚު ރަނގަޅަށް ފެންނަން އޮތީވެސް  ދިވެހިން އިސްލާމްވި ފަހުންނޫންތޯއެވެ. އިސްލާމްދީނުގެ ކުރީގެ ދިވެހި ތާރީޚް އެހާ ސާފުކޮށް އެނގޭކަށް ނެތެވެ. ދިވެހި ރާއްޖެ އިސްލާމީ ޤައުމެއްގެ ގޮތުގައި ދެމިއޮންނަތާ  800 އެތައް އަހަރެއްވެއްޖެއެވެ. ނަތީޖާއެއްގެ ގޮތުން އަދު އިސްލާމްދީނާއި ނުލާ ދިވެހި ޘަޤާފަތް އޭގެ އެންމެ ފުރިހަމަ ގޮތުގައި ތަމްޘީލެއް ނުކޮށްދެވެއެވެ. ދިވެހި ޘަޤާފަތް އޭގެ އެންމެ ފުރިހަމަ ޝައުކަތާއި ޝައުނަތުގައި ދައްކާދިނުމަށްޓަކައި އިސްލާމްދީން ލާޒިމެވެ.

މިހިސާބުން އުފެދޭނީ އެއްލައްކައިގެ ސުވާލެކެވެ. ދިވެހި ޘަޤާފަތް ހަލާކުކޮށްލީ އިސްލާމްދީންނޫން ކޯއްޗެއްބާއެވެ؟ އެއީ ދުނިޔެއަށް ރާއްޖެހުޅުވާލަދިން ފަތުރުވެރިކަމަށް ވެދާނެބާއެވެ؟ ނޫންނަމަ އެއަށްވުރެއް ކުރީން އިނގިރޭސިން ރާއްޖޭގައި ތިބީއްސުރެއް މަޑުމަޑުން ދިވެހި ޘަޤާފަތް ހަލާކުވަމުން އައީބާއެވެ؟ ނޫންނަމަ އެއީ އަދުގެ މުއާސަލާތު ކުރުމާއި ޚަބަރު ފެތުރުމުގެ އައު ވަޞީލަތްތައްޖެހި މަޅިއެއްބާއެވެ؟ އެއީ ކޮންމެ ކަމެއްކަމުގައިވިޔަސް، އެކަމުގެ ޒިންމާއަކީ އަޅުގަނޑުމެން އެއްބައިވަންތަ ޤައުމެއްގެ ގޮތުގައި މިއޮތް ހުރިހާ ޒަމާން ވަންދެން ބާއްވައިދިން އިސްލާމްދީނުގެ ޒިންމާއަކަށް ނުހަދަމާތޯއެވެ. ނުމެ ހެދޭނެމެއެވެ. ހަނދާން ބަހައްޓަންވީ އަޅުގަނޑުމެންގެ ސަލާމަތްތެރިކަމާއި ޞުލްޙަމަސަލަސްކަން އަދި ޘާޤާފަތުގެ އަސާސަކީވެސް މިދީންކަމެވެ.

ނޯޓް: މިއީ ފަސް ބައިގެމައްޗަށް އެކުލެވިގެންވާ ސިލްސިލާ މަޒުމޫނެކެވެ. މިލިޔުން ފުރަތަމަ ޝާޢިއު ކުރެވިފައިވަނީ 2009 އޮކްޓޯބަރ 30 ގައި ނޫރުލްއިސްލާމް ވެބްސައިޓުގައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ރިޕޯޓް