"ދިވެހިރާއްޖޭގައި ބޮންތަކެއް ގޮއްވާލަނީ؟!؟!"، "ދިވެހިރާއްޖޭގައި އަލްޤައިދާމީހުން"، "ދިވެހިރާއްޖޭގައި ޠާލިބާނުން"، "ދިވެހިރާއްޖޭގައި ޓެރަރިސްޓުން"، ދިވެހިރާއްޖެ އަޑިއަށް ދަނީ" ދިވެހިރާއްޖޭގައި ހަރުކަށި މީހުން".......
ސިއްސައިގެން ދިޔައީ ދެއްތޯއެވެ. ކަންބޮޑުވެ ނުލައްވާށެވެ. މަތީގައި އެވަނީ ހުސް ބޭކާރު ސުރުޚީތަކެކެވެ. އެއީ އަޅުގަނޑުގެ މި ލިޔުމަށް ތިބޭފުޅުންގެ ސަމާލުކަން ހޯދުމަށް އަޅުގަނޑު ބޭނުންކުރި އުކުޅެކެވެ. ތިބޭފުޅުންގެ ސަމާލުކަން ހޯދުމަށް އަދިވެސް ހަމަ އެ އުކުޅު އަޅުގަނޑު ބޭނުން ކުރާނަމެވެ. އެއީ ކިތަންމެ ގިނައިން އެއުކުޅު ބޭނުންކުރިއަސް ތިބޭފުޅުންގެ ސަމާލުކަން ލިބޭނެކަން އަޅުގަނޑަށް އެނގޭތީއެވެ.
މީހުންގެ ސަމާލުކަން ހޯދުމަށް އެކިމީހުން ކުރަނީ އެކިކަހަލަ ކަންތައްތަކެވެ. ތިމާއަކީ އެއްވެސް ކަމެއް ކުރުމުގެ ޤާބިލުކަމެއް ނެތް މީހެއްކަން އަމިއްލަ ނަފްސަށް ޤަބޫލުކުރެވޭ ހިސާބުން އެމީހަކު ބޭނުންވާނީ މުޖްތަމަޢުގައި އޭނާއަކީވެސް މީހެއްކަން ދެއްކުމަށެވެ. އޭނާގެ ގައްޑާކަން ދެއްކުމަށެވެ. މީގެ އެއްވައްތަރަކީ މާލޭގެ މަގުތަކުގައި ސައިކަލު ދުއްވަމުންދާ ބައެއް ކުދިންނެވެ. އެންމެންގެ ބޮލަށް އުނދަގޫވާ ޒާތުގެ އަޑުފައްގަނޑެއް ގޮއްވަމުންދާ "ގައްޑާ" ކުދިންނެވެ. އެހެންއެކަން ކުރުމުން އެންމެންވެސް އޭނާއަށް ބަލާ ހަދާނެއެވެ. ނަމަވެސް އޭނާގެ ޖާހިލުކަމުން އޭނާހީކުރަނީ، އޭނާއަށް މީހުން ބަލަނީ އޭނާގެ ސައިކަލުގެ އަޑުރީތިވެގެން، ނުވަތަ އޭނާގެ ގައްޑާކަންފެނި، އޭނާގެ މޮޅުކަމުން ޙަސަދަވެރިކަން ހިތުގައިލައިގެން ކަމަށެވެ. އެހެނެއްކަމަކު އޭނާއަށް ނޭންގޭކަމަކީ، މީހުން އެބަލަނީކީ އޭނާއަށް ނޫންކަމެވެ. އެހެންނަމަވެސް އޭނަޔާހެދި ބޮލަށް އުނދަގޫވެގެން ބަދު ދުޢާކުރާ ޙާލު ބަލާލެވެނީ ކަމެވެ. އަދި އެކަމުގެ ސަބަބުން އޭނާޔާއި މެދުގައި މީހުން ދެކޭގޮތް ގޯސްވާކަންވެސް އޭނާއަށް އިޙުސާސްވެސް ނުވަނީއެވެ.
އަނެއް ވައްތަރެކެވެ. ޓައީ އާއި ކޯޓުފަޓްލޫނުލައިގެން ބޭރުފުށުން މާ ޑީސެންޓު މީހެއްކަން ދައްކައިގެން މީހުންގެ ސަމާލުކަން ހޯދަންއުޅޭ މީހެކެވެ. މި ވައްތަރުގެ މީހުންގެ ސަމާލުކަން ގިނަބަޔަކަށް ލިބެއެވެ. އެއީ ބޭރުފުށުން ރީތި ސިފައެއްގައި ހުރީތީއެވެ. މިފަދަ މީހުން ބޮޑެތި ބުހުތާނު ދޮގު ހަދާފާނެކަމަށް ގިނަބަޔަކަށް ޤަބޫލެއް ނުކުރެވެއެވެ. ނަމަވެސް ޙަޤީޤަތަކީ މިފަދަ މީހުންނަކީ އެންމެ ގިނައިން ދޮގުހަދާ އޮޅުވާލާ މީހުންނެވެ. ހިތާމައަކީ ހަ އިރު ހަ ގޮތަށް ވާހަކަދައްކަމުންދާ މިފަދަ މީހުންގެ ވާހަކަތައް އަޑުއަހަންތިބޭ މީހުންގެ ޖާހިލުކަން ހައްދުފަހަނައަޅައި ގޮސްފައި ވުމެވެ.
މިފަދައިން ކޯޓުފަޓުލޫނުލައިގެން، ޓައީ އަޅާ، ތުނބުޅި މަތިމަސް ބާލައިގެން އުޅޭ، ބުހުތާނު ދޮގު ހަދާމީހަކު މިފަހުން އަޅުގަނޑުމެންގެ ތެރޭގަވެސް ވަނީ ފައުޅުވެފައެވެ. މީނާއަކީ މިކަމުގައި ވަރަށް ކުޅަދާނަމީހެކެވެ. އެހެންނަމަވެސް މީނާގެ މިކުޅަދާނަކަން ފެނި އަޅުގަނޑު ޙައިރާނެއްނުވެއެވެ. ސަބަބަކީ މީނާގެ މިކުޅަދާނަކަމަށްވުރެ، މީނާގެ ޖާހިލުކަމާއި، ނިކަމެތި ކަމާއި، އަޅުގަނޑުގެ ކުރިމަތީގައި ބޮޑުވެފައިވާތީއެވެ. އަދި އިސްލާމްދީނަށް މީނާގެ ހިތުގައި އޮތް ދުޝްމަންކަން މީނާގެ ކޮންމެ ދޮގަކުންވެސް ފާޅުވާތީއެވެ. މީނާއަކީ މުޙައްމަދުބޭ ކިޔާ މީހެކެވެ. މީނާޔަށްވީގޮތަކީ، މީނަ އަރާހުރި "އޮޑި" އަމިއްލައަށް ފައްތާލުމަށްފަހު އެއްފަހަރު ބުނީ އޮޑި ފައްތާލީ ޢަބްދުﷲ ބެއޭ، އަނެއްފަހަރު ބުނީ ވަހީދުބެއޭ، އަނެއް ފަހަރު ބުނީ ތުނބުޅިލައިގެން ހުރި މުދިންބެއޭ، އަނެއްފަހަރު ބުނީ ބިންމަތީގައި އަބަދު ނިތް ތަޅަމުންދާ ބައިގަނޑޭ، އަނެއް ފަހަރު ބުނީ ފަޓާސް ގޮއްވާމީހުންނޭ، އަނެއް ފަހަރު ބުނީ މޫނުމަތި އެޅި މީހުންނޭ، އަނެއް ފަހަރު ބުނީ ބުދަށް އަޅުކަންކުރާ އިންޑިއާ ސޮރޭ، އަނެއް ފަހަރު ބުނީ ބޭރުގެ ކަރަކަރައިގެ އަތެއް ވެއޭ.... މިހެންގޮސް މުޙައްމަދުބޭ ބުނާގޮތުން އޮޑި ފައްތާލުމުގައި މިހާރު މުޅި ދުނިޔެވަނީ ބައިވެރިވެފައެވެ. ނަމަވެސް އޮޑި ފައްތާލީ ރޯމާ ދުވާލު މުޙައްމަދުބޭގެ އަތުންކަން ނޭނގޭ ބުއްދި ހަމަނުޖެހޭމީހަކުވެސް ދުނިޔެއަކު މިހާރު ނެތެވެ.
މީހުންގެ ސަމާލުކަން ހޯދުމަށްޓަކައި ކޮންމެފަދަ ދޮގެއްވެސް އަދި ކޮންމެފަދަ ކަމެއްވެސް މީހަކު ކޮށްފާނެކަން މި 'އޮޑި' ފައްތާލިފަހުން މިފާއިތުވީ މަދު ދުވަސްކޮޅުގެތެރޭގައިވަނީ ފެނިގެންގޮސްފައެވެ. އަދި މިހާރުވެސްދަނީ ފެންނަމުންނެވެ. އެގޮތުން އަލްޤައިދާއޭ، ޠާލިބާނުންނޭ، ޓެރަރިސްޓުންނޭ، ޤައުމު އަޑިއަށް ދަނީއޭ، ބޮން ގޮއްވާނެއޭ، ޓުއަރިސްޓުން މަރާނެއޭ....މިފަދަ މޮޅެތި ގައްޑާ ބަސްތަކުން ޅެން، ފަރިހި ހަދަ ހަދައިގެން ކިޔަމުން މީނަ ހަމަ ދުވަނީއެވެ. މާތްވެގެންވާ ކޮރު ޑިމޮކްރަސީގެ މިނިވަންކަމުގެ ތެރެއިންނެވެ. ބޭރު ކަރަކަރައަށް ގޮއްސަވެސް މި ފަރިހިތައް މީނަ ކިޔާކަމަށްވެއެވެ.
މިއީ ދިރި ހުރި މިސާލެކެވެ. އަޅުގަނޑުމެން ކޮންމެ މުސްލިމަކުވެސް މިކަމުން ޢިބުރަތް ޙާސިލުކުރަންވާނެއެވެ. އިހަށްދުވަހު 'ކެޔޮޅު' ކަމުގައި ހުރި މީހަކު، މިއަދު ނިކަމެތިކަމުގެ އިންތިހާއަށް ތިރިކުރައްވައި، އޭނާގެ ޖާހިލުކަން މުޅިދުނިޔެއަށް ފައުޅުކުރެއްވީއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...