ރާއްޖޭގެ ޚަބަރު އެގާރަ ކައިވެނިފުޅުގެ މަޤްޞަދު (2)

އެގާރަ ކައިވެނިފުޅުގެ މަޤްޞަދު (2)

އެގާރަ ކައިވެނިފުޅުގެ މަޤްޞަދު (2)

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ހުވަފަތް އަންހެނުންނަށް ޙިމާޔަތާއި ރައްކާތެރިކަން ހޯއްދަވައިދެއްވުން. މިކަމުގައި އުއްމަތަށް ނަމޫނާ ދެއްކެވުން.
ސަޢުދާ ބިންތި ޒަމްޢާ :-
ސަޢުދާ ބިންތި ޒަމްޢާ ގެ ފިރިކަލުން ހަބުޝްކަރާގައި އަވަހާރަވެވަޑައިގެންފިއެވެ. އެކަމަނާ އެނބުރި މައްކާއަށް ވަޑައިގެންނެވީ ހުވަފަތް ޙާލުކޮޅުގައެވެ. އެކަމަނާގެ ބައްޕާފުޅާއި ބޭބޭފުޅުވީ އިސްލާމްދީނުގެ ޢަދާވާތްތެރިންގެ ގޮތުގައެވެ. އެމީހުން ތިބީ އެކަމާނާޔަށް ހިޔާވަހިކަން ދިނުމަށް ތައްޔާރަކަށް ނޫނެވެ. އެމީހުން ދިޔައީ އެކަމަނާއަށް އިންޒާރުތައްދީ ނިކަމެތި ކުރަމުންނެވެ.
ދެންނެވުނު ޙާލުކޮޅުގައި ސަޢުދާގެފާނު ވީއިރު ރަޙްމަތުއްލިލް ޢާލަމީން މުޙައްމަދު صلى الله عليه وسلم ވެސް ހުންނެވީ ހުވަފަތް ޙާލުކޮޅުގައެވެ. އެހެންކަމުން އިތުރު ސާޙިބާ ނިންމެވީ ސަޢުދާގެފާނާއި ކައިވެނިފުޅު ބައްލަވައިގެންނެވުމަށެވެ. އެއީ އެކަމަނާއަށް ޙިމާޔަތާއި ރައްކާތެރިކަން ހޯއްދަވައިދެއްވުމުގެ އިތުރުން ޢަދާވާތްތެރިންނާއި ތިމާގެކަމުގެ ގުޅުން އުފެއްދެވުމުގެ މަތިވެރި، އަދި މުޙިއްމު މަޤްޞަދުގައެވެ.
ޒައިނަބު ބިންތި ޚުޒައިމާ
އުއްމުލް މަސާކީން، ނުވަތަ މިސްކީނުންގެ މަންމަ ގެ ލަޤަބުފުޅުން މަޝްހޫރުވެ ވަޑައިގެންފައިވާ ޒައިނަބު ބިންތި ޚުޒައިމާ އަކީ ނިކަމެތީންނަށް އިހްސާންތެރިވުމާއި އަޅާލެއްވުމުގައި ލާމަސީލު ނަމޫނާއެކެވެ. އެކަމަނާގެ ޙަޔާތްޕުޅުގައި ޚުދު އެކަމަނާވެސް އެކަނިވެރިވެ، އަނެކުންގެ އެހީތެރިކަމާއި އަޅާލުން އިންތިހާޔަށް ބޭނުންވީ ވަގުތެއް މެދުވެރިވެއްޖެއެވެ. އެއީ ދެވަނަ ފަހަރަށް އެކަމަނާ ހުވަފަތްވެ ވަޑައިގެންނެވުމުންނެވެ. އުހުދު ހަނގުރާމާގައި ފިރިކަލުން ޢަބްދުﷲ ބިން ޖަހްޝު ޝަހީދުވީއެވެ. އެހިނދު އެކަމަނާގެ ހިތާމަތަކަށް ލުޔެއް ހޯއްދަވައި ދެއްވާ، އެކަމަނާޔަށް އެހީތެރިވެ ވަޑައިގެންނެވުމުގެ ގޮތުން މާތް ނަބިއްޔާ ޒައިނަބުގެ ފާނާ ކައިވެނިފުޅު ބައްލަވައިގަތެވެ. މި ކައިވެނިފުޅަށް އަހަރެއްވެސް ނުވަނީސް އެކަމަނާ އަވަހާރަވެއްޖެއެވެ.
އުއްމު ސަލަމާ
އުއްމު ސަލަމާ އެންމެ ފުރަތަމަ ކައިވެނިފުޅު ބައްލަވައިގަތީ ޢަބްދުﷲ އަބޫ ސަލަމާ އާއިއެވެ. އެކަމަނާ އާއި ފިރިކަލުން ހަބުޝްކަރައަށް ޙިޖުރަ ކުރެއްވިއެވެ. އުއްމު ސަލަމާގެ ފިރިކަލުން އަވަހާރަވުމުން އެކަމަނާ ހުވަފަތްވެ، ދަރިން ޔަތީމު ވުމާގުޅިގެން ޙިޖުރައިން 4 ވަނަ އަހަރު ކީރިތި ރަސޫލާ صلى الله عليه وسلم އެކަމަނާ އާއި ކައިވެނިފުޅު ބައްލަވައިގަތެވެ. މި ކައިވެނިފުޅުގެ މައިގަނޑު ދެ މަޤްޞަދެއްވެއެވެ. ފުރަތަމައީ ހުވަފަތް އަންހެނަކާއި ޔަތީމު ކުދިން ތަކަކަށް އަޅާލެއްވުމާއި އެހީތެރިވެ ވަޑައިގަތުމެވެ. ދެވަނައީ އިސްލާމްދީނާއި ޢަދާވާތްތެރި މައްކާގެ ބާރުގަދަ ވަންހައަކާއި ތިމާގެކަމުގެ ގުޅުން އުފެއްދެވުމެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން އުއްމު ސަލަމާ އަކީ މަޚްޒޫމް ވަންހައިގެ ބޮޑެއްގެ ކޮއްކޯފުޅެވެ.
ކުޑަވެސް ޝައްކެތްނެތެވެ! ހުވަފަތްވެ، އަޅާލާނެ ޔާރެއް އިޔާރެއް ނެތް ނިކަމެތި އަންހެނުން، ޢަދުއްވުންގެ މުށުތެރެއަށް ދޫކޮށްލުން، ނުވަތަ ހިލޭ ފިރިހެނުންގެ ޝިކާރަޔަކަށް ވުމަށް ދޫކޮށްލުމަކީ އިންސާނިއްޔަތާ ޚިލާފު ބޮޑު ޖަރީމާއެކެވެ. ޚިޔާލު ކޮށްލައްވާށެވެ! ތިބާގެ އަންހެން ދައްތަ، ނުވަތަ ކޮއްކޮ އަށް އަޅާލާނޭ އެއްވެސް އިޔާރެއްނެތް ޙާލުގައި، އެމީހުން ދޫކޮށްފަ ދާން ޖެހިއްޖެނަމަ ތިބާ ކުރާނީ ކޮން އިހުސާސެއްތޯއެވެ؟ އެމީހުންނަށް ފުރިހަމަ ޙިމާޔަތާ ރައްކާތެރިކަން، ލޮތްބާއި އަޅާލުން ދޭނޭ ފަރާތެއްވުމަށް ތިބާ ނޭދޭނަން ހެއްޔެވެ؟ އެފަދަ ފަރާތެއް ކަމުގައި އިސްލާމްދީނުގެ ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ވެވަޑައިގެންނެވުމުން އެކަލޭގެފާނަށް ތިބާ އަރުވަނީ "އައްޔާޝީ" އެއްގެ ލަޤަބުތޯއެވެ؟ ނުވަތަ "އިންސާނިއްޔަތުގެ ބައްޕަ" ގެ ލަޤަބުތޯއެވެ؟ ޝައްކެތްނެތެވެ! އަޅުގަނޑު އެކަލޭގެފާނަށް އަރުވާނީ އިންސާނިއްޔަތުގެ ބައްޕަގެ ލަޤަބެވެ. އިންސާފުގެ ތަރާދަކުން ކިރާ ކޮންމެ މީހަކު އެކަލޭގެފާނު ބަލައިގަންނާނީ އިންސާނިއްޔަތުގެ ސާޙިބާގެ ގޮތުގައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.