ދީން މާތް ނަބިއްޔާ صلى الله عليه وسلم ގެ ދިފާޢުގައި

މާތް ނަބިއްޔާ صلى الله عليه وسلم ގެ ދިފާޢުގައި

މާތް ނަބިއްޔާ صلى الله عليه وسلم ގެ ދިފާޢުގައި

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

ޖަހާލަތުގެ އަނދިރިން ތައުޙީދުގެ އަލިކަމުގެ ތެރެއަށް މީސްތަކުންނަށް މަގު ދެއްކެވުމަށް އުއްމަތަށް ކައުކުރެވުނު މާތް ޞާޙިބާ މުހައްމަދު ޞައްލަﷲ ޢަލަހި ވަސައްލަމަކީ އަޅުގަނޑުމެން މުސްލިމުންގެ ޖާނާއި މާލާއި އަނބި ދަރިންނަށް ވުރެ ބޮޑަށް ލޯބިވާން އަމުރު ކުރެވިގެންވާ ކަލޭގެފާނެވެ. ފުރިހަމަ މުއުމިނުންނަށްވުމަށް މުހިއްމު ޝަރުތެކެވެ.

އެނގިލައްވާނެ ފަދައިން އެމެރިކާގައި ވަނީ މަތިވެރި އެކަލޭގެފާނަށް ފުރައްސާރަކޮށް ބަޔަކު މީހުން ފިލްމެއް އުފައްދާފައެވެ. އެބައިމީހުންނަށް ނޭނގުނަސް އެބައިމީހުން އެކުރީ އިރަށް ކުޅު ޖެހުން ފަދަ ކަމެކެވެ.

އިސްލާމީ އުއްމަތުގެ މެޔަށް ޖެހި މި ހަންޖަރުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މުސްލިމުން ދަނީ އިޙްތިޖާޖު ކުރަމުންނެވެ. މިފަދަ ދަނޑިވަޅެއްގައި އަޅުގަނޑުމެންގެ އީމާންކަންވެސް އިމްތިޙާނުވެގެން އެބަދެއެވެ. އެ ނަބިއްޔާގެ ކަރާމާތަށް އަރައިގަނެވުމުން އަޅުގަނޑުމެން ސައްތައިން ސައްތަ އިސްލާމުން ކަމަށް ދައުވާ ކުރާ ބަޔަކު ކުރީ ކީއްތޯ ސުވާލުކުރެވޭނެއެވެ. އެހެންކަމުން، އަޅުގަނޑުމެންނަށް ކުރެވިދާނެ ކަންތަކަށް ބަލައިލަމާތޯއެވެ.

މާތް ނަބިއްޔާ ޞައްލަﷲ ޢަލަހި ވަސައްލަމަށް ނަޞްރުދޭން އަޅުގަނޑުމެންނަށް ކުރެވޭނެ އެންމެ މޮޅު އަދި އެންމެ ފުރިހަމަ ކަމަކީ، އެކަލޭގެފާނަށް އަޅުގަނޑުމެން ހިތުގައި ތެދުވެރި ލޯތްބެއް އުފެއްދުމެވެ. އެ ލޯބި ވާންޖެހޭނީ އަޅުގަނޑުމެންގެ މައިންބަފައިންނާއި އަނބިދަރީންނާއި މުދަލަށްވުރެ ބޮޑު ލޯތްބަކަށެވެ. މިއީ ކުރިން ދެންނެވި ފަދައިން އީމާންކަން ފުރިހަމަ ވުމުގެ ޝަރުތެކެވެ.

ދެން އޮތީ، އެކަލޭގެފާނުގެ ސުންނަތަށް ފުރިހަމައަށް ތަބާވެވޭތޯ މަސައްކަތް ކުރާ ބަޔަކަށް ވުމެވެ. -ޤުރުއާނުގެ ތަޢުލީމަށް ކިޔަމަންވުމެވެ. އެހެނީ، އެކަލޭގެފާނުގެ ޚުލުޤަކީ ޤުރުއާނެވެ. އަޅުގަނޑުމެންގެ ޙަޔާތުގައި އެކަލޭގެފާނު ގެނެސްދެއްވި ކަންތައް އަދި އެކަންތަކަށްޓަކައި މަތިވެރި ޖިހާދުކުރެއްވި ކަންތައް ތަންފީޒު ކުރުމެވެ.

ތިންވަނައަށް، އެކަލޭގެފާނުގެ ސުންނަތަށް އެހެންމީހުންނަށް ދައުވަތު ދިނުމެވެ. ޚާއްޞަކޮށް ޣައިރު މުސްލިމުންނަށެވެ. މީގެ ވަރަށް ރީތި މިސާލެއް ވަނީ ފެނިގެން ގޮސްފައެވެ. އެމެރިކާގައި މި އުފެއްދި ފިލްމުގެ ރައްދެއްގެ ގޮތުން، ލަންޑަންގެ ޒުވާނުންތަކެއް ވަނީ މާތް ނަބިއްޔާ ޞައްލަﷲ ޢަލަހި  ވަސައްލަމާ ބެހޭގޮތުން ލިޔެފައިވާ އެކަލޭގެފާނުގެ ސިޔަރަތް ފޮތްތަކެއް ބަހާފައެވެ. ޣައިރު މުސްލިމުންނަށެވެ. އެހެނީ މިއީ ދަޢުވަތަށް ރަނުގެ ފުރުޞަތެކެވެ. ޣައިރު މުސްލިމުން މިހާރު ތިބޭނީ މާތް ނަބިއްޔާ ޞައްލަﷲ ޢަލަހި ވަސައްލަމާ ބެހޭގޮތުން އެނގެން ބޭނުންވެފައެވެ. އަދި މާތް ނަބިއްޔާ ޞައްލަﷲ ޢަލަހި ވަސައްލަމްގެ މަންހަޖަކީވެސް ޝިރުކުގެ އަނދިރިކަމުން މީސްތަކުން ނެރުމެވެ. މިގޮތަށް ކަންތައް ކުރުމުން އެކަލޭގެފާނަށާއި އެކަލޭގެފާނު ގެންނެވި މަތިވެރި ދީނަށް އަޅުގަނޑުމެންނަށް ނަޞްރު ދެވުނީއެވެ.

އަޅުގަނޑުމެން ރާއްޖެއަކީވެސް ޣައިރު މުސްލިމު ފަތުރުވެރިން ގިނައިން އުޅޭ ރާއްޖެއެކެވެ. މާލެ ދެކިލަން އައިސް މާލޭގެ މަގުމަތީގައިވެސް އެބައިމީހުން އުޅޭތަން ފެންނާނެއެވެ. އެފަދަ މީހަކަށް މާތް ނަބިއްޔާ ޞައްލަﷲ ޢަލަހި ވަސައްލަމާ ބެހޭގޮތުން ލިޔެވިފައިވާ ފޮތެއްގެ މިންވަރު ދިއްކޮލުމަކީވެސް ދަޢުވަތުގައި ތިބާއަށް ކުރެވޭ ވަރަށް ބޮޑު ކަމެކެވެ. ތިބާގެ ސަބަބުން މާތް ﷲ އޭނަގެ ހިތުގައި އިސްލާމް ކަމުގެ ނޫރު ފާޅުކުރެއްވުންވެސް ގާތެވެ. އެއީ އަދި ކިހައި ބޮޑު ހެވެއްތޯއެވެ؟

ފަހުން ޚަބަރު ލިބުނު ގޮތުގައި ރާއްޖޭގައިވެސް މަގުމައްޗަށް ނުކުމެ އެ ފިލްމާ ދެކޮޅަށް މުޒާހަރާ ކުރަން ފަށައިފިއެވެ. ޝަރުތުތަކަކާ ލައިގެން މިއީ ގޯސްކަމެކޭ އަޅުގަނޑު ނުދަންނަވާނަމެވެ. މިއީ ކޮންމެހެން ކުރަން ޖެހޭނެ ކަމެކެވެ. ނަމަވެސް ޝަރުތުތަކެއް އެބަހުއްޓެވެ. ތަނަކަށް ގެއްލުމެއް ނުދީ، މީހަކަށް ގެއްލުމެއް ނުދީ، އަދި މުއާހަދާ ކުރެވިފައިވާ ޤައުމެއްގެ ދިދައަށް ގެއްލުން ނުދީ، ހުތުރު ބަސްތައް ބޭނުން ނުކޮށް، އެކަމަށް ކުށްވެރިވާ ބަޔަކަށް އަމާޒުކޮށްގެން ޝުޢޫރު ފާޅު ކުރުމެވެ.

އެފަދަ މުޒާހަރާއަކަށް އަޅުގަނޑު ތާޢީދުކުރަމެވެ. އެއީ އެކަމުގައިވެސް ފައިދާތަކެއް ހުރީމައެވެ. މުޅި ދުނިޔެއަށް އަޅުގަނޑުމެން ރާއްޖޭގައިވެސް އެކަން ކުށްވެރިކުރާ ކަން ހާމަކޮށްދިނުމަށެވެ. މާތް ނަބިއްޔާ ޞައްލަﷲ ޢަލަހި ވަސައްލަމަށް ފިދާވާން ދިވެހި މުސްލިމުންވެސް ތިބިކަން ދެއްކުމަށެވެ. ރާއްޖެއަށް ކަނޑައަޅާފައިވާ އެމެރިކާގެ ސަފީރަށް އޭނަގެ ޤައުމުގައި މިކުރެވުނީ ރަނގަޅު ކަމެއް ނޫންކަން ހާމަކުރުމަށެވެ.

އިލްތިމާސަކީ މާތް ނަބިއްޔާ ޞައްލަﷲ ޢަލަހި ވަސައްލަމްއަށް ނަޞްރު ދިނުމުގައި ވީހާވެސް ޙިކުމަތްތެރިކާއެކު އަޅުގަނޑުމެން ކުރިޔަށް ދިއުމެވެ.

ނިންމާލުން އޮތީ ޤުރުއާނުގެ މޫރިތި އާޔަތަކުންނެވެ. (( هُوَ الَّذِي أَرْسَلَ رَسُولَهُ بِالْهُدَىٰ وَدِينِ الْحَقِّ لِيُظْهِرَهُ عَلَى الدِّينِ كُلِّهِ وَلَوْ كَرِهَ الْمُشْرِكُونَ )) الصف: 9

މާނައީ: "އެކަލާނގެއީ، ތެދުމަގާއި، ހައްޤު ދީނާގެން އެކަލާނގެ ރަސޫލާ ފޮނުއްވި ރަސްކަލާނގެއެވެ. އެއީ އެންމެހާ ދީންތަކުގެ މައްޗަށް އެ ދީން މަތިވެރި ކުރެއްވުމަށެވެ. މުޝްރިކުން ނުރުހުނުކަމުގައި ވިޔަސްމެއެވެ."

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.