ރިޕޯޓް "އިލްޔާސް ދައްކާ ވާހަކަ ކުރިން ޤަބޫލުކުރިން، އެކަމަކު މިހާރު ނުކުރާނަން"

"އިލްޔާސް ދައްކާ ވާހަކަ ކުރިން ޤަބޫލުކުރިން، އެކަމަކު މިހާރު ނުކުރާނަން"

"އިލްޔާސް ދައްކާ ވާހަކަ ކުރިން ޤަބޫލުކުރިން، އެކަމަކު މިހާރު ނުކުރާނަން"

ކިޔާލަން ހޭދަވާނީ 4 މިނިޓް

ފޮންޓް ސައިޒް

"އިލްޔާސް ދައްކާ ވާހަކަ ކުރިން ޤަބޫލުކުރިން، އެކަމަކު ދެން ނުކުރާނަން" މި ޖުމްލައަކީ ބައެއް މީހުންގެ ފަރާތުން ވަރަށް ގިނައިން އިވޭ ޖުމްލައެކެވެ. އެމީހުން ނިސްބަތްވަނީ ކޮން ޖަމާޢަތަކަށްކަން އެމީހުންނަށް އެނގޭނެއެވެ. އަޅުގަނޑު އެކަމެއް ބަޔާނެއް ނުކުރާނަމެވެ.

މަތީގައި ވާހަކަ މިދެކެވޭ އިލްޔާސަކީ އައްޝެއިޚް އިލްޔާސް ޙުސެއިނެވެ. އަބަދުވެސް ޝެއިޚް އިލްޔާސް ޙުސެއިން ދައްކާ ވާހަކަ ޤަބޫލުނުކުރާ ކޮންމެވެސް އެއް ޖަމާޢަތެއް އޮވެއެވެ. ސިޔާސީ ޕާޓީއެއްގައި އުޅުއްވާ ބޭފުޅަކަށްވާތީ ކަމަށް ވެދާނެއެވެ. މައުމޫނުގެ ވެރިކަމުގައި، ޢަދާލަތު އޮތީ އެ ސަރުކާރަށް ފާޑުކިޔާ ޕާޓީއެއްގެ ގޮތުގައެވެ. އެހެންކަމުން، މައުމޫނުގެ ބައެއް ސަޕޯޓަރުން ޝެއިޚް އިލްޔާސް ދައްކާ ވާހަކަ ޤަބޫލު ނުކުރެއެވެ. ޤަބޫލުނުކުރާނެ ކަމަށް ބުނަމުން ދިޔައެވެ.

ވެރިކަން ފުރޮޅުނުއިރު، ޢަދާލަތު އޮތީ ވެރިކަމަށް އިސްކުރެވުނު ކޯލިޝަނުގައެވެ. ނަމަވެސް، އަލަށް އުފެދުނު ސަރުކާރުވެސް ވެގެންދިޔައީ ދީނަށް މާ ހެޔޮ އެދޭ ސަރުކާރަކަށް ނޫނެވެ. ނަތީޖާއަކަށްވީ ކެތްނުކުރެވިގެން ޢަދާލަތަށް ޖެހުނީ އެ ކޯލިޝަނުން ވަކިވާށެވެ. އެހިސާބުން، ކޮޅު ބަދަލުވެއްޖެއެވެ. ޝެއިޚް އިލްޔާސް ވަރެއް ނެތް ކަމަށް ދެކުނު ބައެއް މީހުންނަށް ޝެއިޚް އިލްޔާސް ވަރުގެ ނުލަފާ ޝެއިޚެއް ނެތެވެ. އެބޭފުޅާ ދައްކާ ވާހަކަ ދެން ޤަބޫލު ނުކުރާނެކަމަށް ބުނަން ފެށިއެވެ. އަދި އެމީހުންގެ ސިޔާސީ ޕޯޑިއަމްތަކުގައި ރޭވިގެން ޝެއިޚް އިލްޔާސާ ދެކޮޅަށް މީހުން ކެއްކުމުގެ ސިލްސިލާއެއް އެމީހުންގެ ވެރިން ޖެއްސިއެވެ.

ނަމަވެސް މައްސަލާގެ ފުނަށް ވިސްނީ ކިތައް މީހުން ހެއްޔެވެ؟ ތެދެކެވެ. ޝެއިޚް އިލްޔާސަކީ ސިޔާސީ ޕާޓީއެއްގައި ޙަރަކާތްތެރިވާ ޝެއިޚެކެވެ. އެގޮތުން ސިޔާސީ ބޭފުޅެކެވެ. ސިޔާސީ ގޮތުން އެބޭފުޅާއާ އަޅުގަނޑާވެސް ކަމަކާމެދު ޚިޔާލު ތަފާތުވެދާނެއެވެ. އެއީ އިންސާނީ ތަބީޢަތެވެ. ނަމަވެސް އެހެނޭ ބުނެ، އެބޭފުޅާ ޢިލްމީގޮތުން ދެއްވާ ދަރުސްތަކަށް އަޅުގަނޑު ފުރަގަސް ދިނުމަކީ ތަހުޒީބީ ގޮތެއްތޯއެވެ؟

ކޮންމެއަކަސް، ކުރިން ޝެއިޚް އިލްޔާސް ދެއްކެވި ވާހަކަފުޅުތައް ޤަބޫލުކުރެވިފައި، ކުއްލިއަކަށް މިހާރު ޤަބޫލު ނުކުރެވެންވީ ކީއްވެތޯއެވެ؟ މައުމޫނު ސަރުކާރާ ދެކޮޅަށް އުޅުނު އިރު، ރިޔާސީ އިންތިޚާބާ ކައިރިކޮށް، ތިޔަ ބައިމީހުންގެ ޕޯޑިއަމުގައި ޝެއިޚް އިލްޔާސް ދުޢާ ނުކުރައްވާތޯއެވެ؟ އޭރު ކުރެއްވި ދުޢާ ވަރަށް ބަރާބަރެވެ. އޭރާއި 23 ޑިސެމްބަރުގައި ކުރެއްވި ދުޢާގައި އެއްވެސް ތަފާތެއް އެބައޮތްތޯއެވެ؟ ހަމަގައިމުވެސް އަޅުގަނޑު ތަފާތު ކަލިމަތަކެއް އަޑެއް ނައަހަމެވެ. ދުޢާ ކުރެއްވީ ޤައުމުގެ މަސްލަޙަތާއި އަމަންއަމާންކަމާއި ދީނުގެ ރައްކާތެރިކަމާއި، ނުލަފާ ވެރިންގެ ކިބައިން ޤައުމު ސަލާމަތްކުރެއްވުމާއި، ހެޔޮ ލަފާ ވެރިން އަޅުގަނޑުމެންގެ މައްޗަށް ލެއްވުމަށެވެ. ދުޢާއަކީ ހަމަ އެއް ދުޢާއެކެވެ. ބަދު ދުޢާއެއް ނުކުރައްވައެވެ.

އަޅުގަނޑަށް ޝެއިޚް އިލްޔާސް ފެނިގެން ދިޔައީ ތެދުވެރި ބޭފުޅެއްގެ ގޮތުގައެވެ. ސަބަބަކީ އެބައިމީހުންގެ ސަރުކާރާ ދެކޮޅަށް ޝެއިޚް އިލްޔާސް މަސައްކަތްކުރެއްވީ، އަވިދޭ ދުވަހެއްގައި އިރު ފެންނާން ހުންނާނެ ފަދައިން، އެބައިމީހުންގެ ވެރިން އިސްލާމްދީނާ ދެކޮޅަށް ހިންގަން ފެށި ޖަރީމާތަކެއްގެ ސަބަބުންނެވެ. އިސްލާމީ ޝަރީޢަތަށް ޤައުމުގެ ވެރިޔާ ދިޔައީ ފާޅުގައި ކުޑައިމީސް ބަސްބުނަމުންނެވެ. މާތް ނަބިއްޔާ ޞައްލަﷲ ޢަލަހި ވަސައްލަމްގެ އަބުރުފުޅުވެސް އޭނަގެ ވިހަ ދުލުން ސަލާމަތެއް ނުވިއެވެ. ހަމަ އެންމެ ސަބަބަކާ ހެދިއެވެ. އިސްލާމްދީނުގެ ނިޢުމަތް ލިބިފައިވާ މި ޤައުމުގައި އިސްލާމީ ޝަރީޢަތުގެ ބައެއް ޙުދޫދުތައް އޭރު ބަހުސް ކުރެވެމުންދިޔަ ޤާނޫނުލްޢުޤޫބާތުގައި ހިމަނަން ބަޔަކު މީހުން މަސައްކަތްކުރުމުންނެވެ.

ސައްތައިން ސައްތަ، އިސްލާމީ ޤައުމެއްގެ ތަޢުލީމީ މަންހަޖު އިޒްރާއީލުގެ އެޑިޔުކޭޝަން މިނިސްޓްރީން ހަދާނެ އެއްޗެއް ހަދަން މެމޮރަންޑަމްއެއްގައި ސޮއިކުރުމަކީ ހާދަހާވާ ނުރައްކާތެރި ކަމެކެވެ. އެކަމާމެދު އެބައިމީހުން ފިކުރު ނުކުރަނީތޯއެވެ؟ ދަރިވަރުންގެ މެދުގައި އިސްލާމީ ޢަޤީދާއާއި އަޚްލާޤު ހީނަރުވެފައިވާ މިފަދަ ޒަމާނެއްގައި، އިސްލާމީ ތަޢުލީމަށް، މި އިސްލާމީ ދީބު ފެންބޮވައިގަނެފައިވީ ހިނދު، އިސްލާމީ މާއްދާ އިޚްތިޔާރީ ކުރަން އެބައިމީހުންގެ ވެރިންތައް ރެއާއި ދުވާލު އެއްކޮށްގެން މަސައްކަތްކުރީ ކޮން ދީނީ ލޯތްބެއްގެ ދަށުންތޯއެވެ؟ އެކަމާ ތިޔަބައިމީހުން ވިސްނާލިންތޯއެވެ؟

މިދެންނެވީ، މަދު ކަމެއްގެ ވާހަކައެވެ. ނަމަވެސް އެންމެ ޚުތޫރަތްތެރި އަދި އެންމެ ނުރައްކާތެރި ކަންތަކުގެ ވާހަކައެވެ. ކުރިޔަށް އޮތް ޖީލުތަކުގައި އިސްލާމީ އައިޑެންޓިޓީ ނެތިހިނގައިދާނެ ފަދަ އަމަލުތަކެއްގެ ވާހަކައެވެ. އަލަށް ދިރިގެން އަންނަ ޖީލެއް ލާދީނިއްޔަތަށް މުޅިން ގަންބާލެވިދާނެ ފަދަ އަމަލުތަކެއް ވާހަކައެވެ. މިކަމާމެދު އަޅެ ތިޔަބައިމީހުން ވިސްނާނުލަންތޯއެވެ؟ ތިޔަބައިމީހުންނަށް ފެނުނީ 23 ޑިސެމްބަރެވެ. ޝެއިޚް އިލްޔާސް ދުޢާ ކުރެއްވި ތަނެވެ.

މިފަދަ ޚުތޫރަތްތެރިކަމުގެ ތެރެއަށް އިލާހީ ދީން ވެއްޓިގެން ދާއިރުވެސް ޝެއިޚް އިލްޔާސް ހުންނަވަންވީ ތިޔަބައިމީހުންގެ ވެރިންނަށް ޘަނާ ކިޔާ މީހެއްގެ ގޮތުގައިތޯއެވެ؟ އެހެންވެއްޖެނަމަ، ޝެއިޚް އިލްޔާސަކީ ޚިޔާނާތްތެރިއެކެވެ. މާތް ﷲ ގެ ދީނަށް ޣީރަތްތެރިކަން ހުރި ޝެއިޚެއް ކަމަށް ބުނަން އަޅުގަނޑަށް ދަތިވާނެއެވެ. ނަމަވެސް، ކެރިވަޑައިގެން ކުރިޔަށް ނުކުމެވަޑައިގެން އެދެއްކެވީ ނަމޫނާއެކެވެ. ސިޔާސީ ފައިދާއަށްޓަކައި، ވެރިންނަށް ޘަނާ ކިޔުމަކީ ދީނީ ޢިލްމުވެރިން ކުރައްވާނެ ކަމެއް ނޫނެވެ.

ޝެއިޚް އިލްޔާސް ދައްކަވާ ވާހަކަ ތިޔަބައިމީހުން ދެން ޤަބޫލުކުރާނީ އަނެއްކާވެސް ޝެއިޚް އިލްޔާސް ތިޔަބައިމީހުންގެ ކޭމްޕަށް ވަޑައިގަތީމަކަންވެސް އަޅުގަނޑުމެންނަށް އެނގެއެވެ. އެއީ ތިޔަބައިމީހުންނަށް ކުރަން ވަރަށް ފަސޭހަކަމެކެވެ. މިސާލެއްގެ ގޮތުން އަލްހާނާއި، ބޫމްބޫމް ޢަލީ ވަޙީދު ފުދެއެވެ. މީހުން ދައްކާ ވާހަކަ ޤަބޫލުކުރުމާއި ނުކުރުމުގައި ތިޔަބައިމީހުން ބަލަނީ އެވާހަކައިގެ ބަރުދަނަކަށް ނޫނެވެ. އެވާހަކަ ދެއްކި މީހާ ހުރި އިންފާރަށެވެ.

ނިންމާލަމުން ބުނެލަން އޮތީ، އަމިއްލަ ނަފްސަށް އިޚްތިރާމުކޮށް، ދީނީ ލޯބި ހިތުގައި އުފައްދާ، ﷲ އަށް ބިރުވެތިވެވޭތޯ ބަލާނަމަ، އަޑު އަހަންވީ ކޮން ވާހަކަތަކެއްކަމާއި ކާކުގެ ވާހަކައެއްކަން އެނގިހާމަވެދާނެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.