ވާހަކަ

ތިފަދަ މީހަކީމެވެ.

މާލެ އިންޓަރނޭޝަނަލް އެއަރޕޯޓަށް ބޯޓު ޖެއްސުމާއި އެކު ހިތްހަމަޖެހުނެވެ. ކޮންމެވެސް ވަރަކަށް ވިއްސާރަ ރެއަކަށްވާތީ އަހަރެން އިނީ ވަރަށް ބިރުންނެވެ. އައި އިރު ބޯޓުވެސް ކޮންމެވެސް ވަރަކަށް ތެޅުނީމައެވެ.

އުމުރުން އެންމެ ފަނަރަ އަހަރުގައި ނުވެސް ދަންނަ ތަނަކަށް، މައިންބަފައިން ދޫކޮށްލާފައި އައީ އަންނަ ހިތަކުން ނޫނެވެ. ދިރިއުޅުން ގަދަ ކަނޑެއް ފަދައެވެ. ބައެއް ފަހަރު އޮއެދަމާކޮޅަކަށް އިޚްތިޔާރަކާ ނުލާވެސް ދާންޖެހެއެވެ.

އަހަރެން ގެނައީ އެންމެ ފޮއްޓެކެވެ. އެއީ އަހަރެންގެ މަންމަ އަހަރެންގެ އުފަންދުވަހެއްގައި ހަދިޔާއަކަށް ދިން ފޮއްޓެކެވެ. ދުވަހަކުވެސް އެ ފޮށި ހިފައިގެން އަހަރެންގެ އަމިއްލަ ވަޒަން ދޫކޮށް އަންނަން ޖެހޭނެކަމެއް އަހަރެން ހިޔެއް ނުކުރަމެވެ. އެނގުނު ނަމަ އަހަރެން މަންމަގެ އެ ހަދިޔާ ޤަބޫލުނުވެސް ކުރީމުހެވެ.

ފޮށި ލިބުމާއި އެކު އަހަރެން ގޭޓުން ނުކުތީމެވެ. އަހަރެން ބަލާ އެތަނުގައި މީހަކު ހުންނާނެކަން  އަހަންނަށް އޮތީ މާކުރިންވެސް އެނގިފައެވެ.

ގޭޓުގެ ކުރިމަތީ ބޯޑު ހިފައިގެން ހައެއްކަ މީހުން ތިބި އިރު، އަހަރެންގެ ނަމެއް އެއިން މީހެއްގެ އަތުގައިވާ ބޯޑެއްގައި ނުވެއެވެ.ކަންބޮޑުވެގެން ދެކޮޅު ހޯދާލެވުނެވެ.

އަހަންނަކީ ޓޮރިކުލް ސިއްދީޤް މުޙައްމަދެވެ. އަހަންނަކީ ބަނގްލަދޭޝްގެ ރައްޔިތަކީމެވެ.

އަލަށް ޤައުމުން ބޭރަށް ދާން ޖެހުމުން، އަހަރެން ކަންތައްތައް ކުރަންޖެހޭ ގޮތް ބައްޕަގެ ވަރަށް ގާތް ރައްޓެެއްސަކުވަނީ ކިޔާދީފައެވެ.

އެހެންނަމަވެސް ބަލާ ނައުމުން ކަންތައް ކުރަންޖެހޭ ގޮތެއް އޭނާ ކިޔާދީފައެއްނުވެއެވެ. އެއީ އަހަރެން ބަލާ އަންނާނެ ކަމުގެ ޔަޤީންކަން އޭނާއަށް އޮތީމައެވެ.

ކަންބޮޑުވެގެން މީހުން ނުކުމެގެން ދާ ދިމާލަށް ހިނގައިގަތީމެވެ. އަނެއްކާ މިހެން ދަނިކޮށް ގެއްލިއްޖެއްޔާ ދެން ވާނީ ކިހިނެއްބާއެވެ. ދިހަވަރަކަށް ފިޔަވަޅުކުރިއަށް އެޅުމަށްފަހު މަޑުކޮށްލީމެވެ.ދާނީވެސް ވަކި ކޮންތާކަށް ހެއްޔެވެ. މީހަކު ކައިރީ އަހާނީވެސް ވަކި ކީކޭ ހެއްޔެވެ. އަހަރެން ބަލާ އަންނަ މީހެއްގެ ނަމެއް އަދި ހުންނަ ސިފައެއްވެސް އަހަންނަށް އެނގެނީއެއް ނޫނެވެ.

އެ ވަގުތު ފޮއްޓަށް ބަލާލެވުނެވެ. މަންމައާއި އާއިލާ މަތިން ވަރަށް ހަނދާންވިއެވެ. ފެންކަޅިވެފައި ދުރަށް ބަލާލީމެވެ. މިތާ ހުރެ ރޯކަށް އަހަރެން ބޭނުމެއް ނޫނެވެ. އަހަންނަކީ ފިރިހެނެކެވެ. ކުޑައިރު އަނިޔާއެއްވިޔަސް އަހަންނަކީ އަޑު އަޑުނަގާ ރޯމީހެއް ނޫނީމުއެވެ.

މަންމަ މި ފޮށި ނުގަނެ އަހަންނަށް ފޯނެއް ގަނެދިން ނަމަ މިހެން ނުވީސްނޫންހެއްޔެވެ. މިކަހަލަ ތަނަކަށް އައިސް އަހަންނަށް މި ދިމާވި ފަދަ ކަމެއް ދިމާވެއްޖިއްޔާ އެ ފޮށީގެ ބޭނުމެއް ނުކުރެވޭނެ ނޫން ހެއްޔެވެ.

އެވަރުން އަހަރެން މިތަނަށް ފޮނުވަންވީ ކީއްކުރަން ހެއްޔެވެ. އަހަންނާއި ހެދި އުނގަދޫވަންޏާ އެވާހަކަ ބުނީމަ ނިމުނީއެވެ. ޖެހިގެން އަންނަ ސިކުންތުގައި އަހަރެން ގެއިން ނުކުމެގެން ގޮސްދާނަމެވެ.

ހިތާ ހިތާ ޝަކުވާ ކުރަމުން މީހުން ގޮސް އޮބާލާ މަންޒަރު ބަލަން ހުރެވުނީއެވެ. އޭރުވެސް ލޮލަށް ޖަމާވެފައިވާ ކަރުނަތައް ނުހިކެއެވެ.

އަހަރެންނާއި އެކީ އައި އެންމެންހެން ގޮސް ހުސްވެއްޖެއެވެ. އަހަރެން މި އިނީ އަދިވެސް އެއަރޕޯޓްގައެވެ.

ފުރަން އަންނަ މީހުންނާއި އެކި ހިސާބުތަކުން ރާއްޖެ އަންނަ މީހުން އިރު އިރު ކޮޅާ ފެންނަމުން ދިޔައެވެ.

ފަންސަވީހަކަށް ފޫޓު ދުރުގައި ހުރި ގޮނޑިއެއް ހުހަށް ހުއްޓާއަޅައިގަތެވެ. ފޮށި ބަރުނުވިކަމުގައި ވިޔަސް ކޮޅަށް ހުރެ ހުރެ މިހާރު ދެފައިން ވާގި ދޫވާވަރުވެއްޖެއެވެ.

ފޮށި ގޮނޑި ކައިރީ ބެހެއްޓުމަށްފަހު ގޮނޑީގައި އިށީންދެލީމެވެ.އަހަރެން ދަންނަ މީހަކުވެސް ކުޑަ މިނުން ނުފެނެއެވެ. އެކަމު ވަރަށް ގިނަ މީހުން އަހަރެންގެ ޤައުމުގެ މީހުންނާއި ވައްތަރެވެ.

އަހަންނަށް ފާހަގަކުރެވުނީ އަހަރެން ލައިގެން ހުރި ކަހަލަ ހިމަ އަތް ދިގު ގަމީހަކާއި ފައިކުރި ފުޅާ ފަޓްލޫނު ލައިގެން ތިބި އެއްވެސް ބަޔަކު މިތަނުން ނުފެންނަ ކަމެވެ. ފެންނަ ކޮންމެ މީހަކުވެސް އަހަންނަށް ސިފަވަނީ ފިލްމް ސްޓާރ އަކާއެވެ. އެއީ މިހާ ރީތިކޮށް ހެދުން އަޅާބަޔަކު އަހަންނަށް ފެނިފައިވަނީ ފިލްމު ތަކުން ކަމަށް ވީމައެވެ.

އެކި ފިކުރުގައި ވިސްނަން އިން އިރު ރާއްޖެ އާދެވުނު މޮޔަހީވެ، ރާއްޖެ ދެކެ ފޫހިވެސް ވެއްޖެއެވެ.

މީގެ ކުރިން މި ތަނުގައި ދަންނަ މީހެއް ހުރި ނަމަ ކޮންމެވެސް ގޮތަކުން ރާއްޖެއޭ ކިޔައިގެން އަހާލެވުނިސް ނޫންހެއްޔެވެ. މިދިމާވީ ކޮންފަދަ އިމްތިހާނެއް ހެއްޔެވެ. ބިރުވެރިކަމާއި ނާމާންކަން ހިތައް ވެރިވަނީ ހަމައެކަނި ބިރުވެރި ފިލްމު ބެލުމުންނެއް ނޫނެވެ.

މިފަދައިން އެކަނި ނުވެސް ދަންނަ ތަނެއްގެ އެއަރޕޯޓްގައި އެކަނިމާއެކަނި ހުރުމަކީ އަހަރެން ޖަލަށްވެސް ދާން ޖެހިދާނެފަދަ ކަމެއްކަން އަހަންނަށް އިޙްސާސްކުރެވެން ފެށިއެވެ.

އަހަރެން އަތުގައިވާ ގަޑިއަށް ބަލާލީމެވެ. މިތަނަށް އައިތާ މިހާރު ތިން ގަޑި އިރު ހަމަވަނީއެވެ. އަނބުރާ ދާނެ ގޮތެއްވެސް ނެތެވެ.

ބައްޕަގެ ރައްޓެހި މީހާ ކިޔާދިން ގޮތުން، ވިސާކަންތައްވެސް ހަމަޖައްސަން ޖެހެއެވެ. އެކަންވާނީވެސް ބަލާ އަންނަ މީހަކާ އެކީކަމަށް އޭނާ ބުނެފައިވެއެވެ.(ނުނިމޭ)

ދެވަނަ ބައި ވިދާޅުވޭ!

ގުޅުންހުރި

6 ޚިޔާލު

  1. ކޮބާ އަނެއް ބައި!!!!!!

  2. މީގެ ޒަމާން ބުނެދެވިފަ އޮތްނަމަ

  3. ވެއިޓިން ފޯ ދަ ނެކްސްޓް ޕާރޓް ވ ވ ވ ވ ވ ރީތިވާނެހެން ހީވަނީ…………………..

  4. ެދެން އޮތްބައި ނުކުންނާނެ ދުވަހެއް ބުނެލަދިންނަމަ ވަރަށް ރަގަނޅުވީސް.. ވަރަށް ރީތި ވާނެ ކަމައް މި ބަލަނީ ދެން އޮތް ބައި. އަވަސް ތާރީޙެއްގައި ކިޔާލަން ލިބޭ ވަރު ވާނޭ ކަމަށް އުއްމީދު ކުރަން.

  5. ދެން އޮތްބައި ނުކުންނާނެ ދުވަހެއް ބުނެލަދިންނަމަ ވަރަށް ރަގަނޅުވީސް.. ވަރަށް ރީތި ވާނެ ކަމައް މި ބަލަނީ ދެން އޮތް ބައި އަވަސް ތާރީޙެއްގައި ކިޔާލަން ލިބޭ ވަރު ވާނޭ ކަމަށް އުއްމީދު ކުރަން. :)

  6. ދެވަނަ ބައިގެ ލިންކެން ހިމެނުން މުހިއްމު ކަމަށް ފެނޭ

Your email address will not be published. Required fields are marked *

More in ވާހަކަ