ރާއްޖޭގެ ޚަބަރު

އެންމެ ރިވެތި ޒީނަތް

ދުނިޔޭގެ ޙަޔާތުގައި އިންސާނުންގެ މައްޗަށްވާ އެންމެ ބޮޑު އަދި އެންމެ މުހިއްމު ވާޖިބަކީ އީމާންކަމެވެ. އެއީ ނަފްސާއި ހިތް ޙާސިލް ކުރާ އެންމެ މަތިވެރި ކަންތަކެވެ. އެއީ އެކަމުގެ ސަބަބުން ދުނިޔެއާއި އާޚިރަތުގައި އަޅާގެ ދަރަޖަ މަތިވެރިވެގެންދާ ކަމެކެވެ. އެހެނީ ދުނިޔެއާއި އާޚިރަތުގެ ކާމިޔާބު ގުޅިފައިވަނީ ޞައްޙަ އީމާންކަމާއެވެ. އާޚިރަތް ދުވަހުން އީމާނުގެ އަހުލުވެރިން ވާކަން ކަށަވަރީ އުޑާއި ބިމަށްވުރެ ތަނަވަސްވެގެންވާ ސުވަރުގެ ތަކުގައެވެ. އަދި އެންމެ މަތިވެރިވެގެންވާ ނިޢުމަތްތަށް އެތަނުން ލިބިލިބި ހުންނާނެއެވެ. ދުވަހަކުވެސް އިންސާނެއްގެ ލޮލަށް ފެނިފައިނުވާ، އަދި ކަންފަތުން އަޑު އަހާފައިނުވާ އަދި ހިތަށްވެސް ނާރާ ފަދަ މަތިވެރި ނިޢުމަތްތަކެކެވެ. އަދި އެ އީމާންކަމަކީ އަޅާ ނަރަކައިން ސަލާމަތް ކޮށްދޭނެ އެއްޗެކެވެ. އެ ނަރަކަ އަކީ އެތާގެ ޢަޛާބު ގަދަފަދަ ވެގެންވާ، އަދި އެހާމެ ފުންވެގެންވާ،  ހޫނުކަން އިންތިހާ އަށް ގަދަވެގެންވާ ތަނެކެވެ. އަދި އީމާނުގެ ސަބަބުން އަޅާ ކާމިޔާބު ކުރާ އެންމެ މުހިއްމު ކަމަކީ ﷲ تعالى ގެ ރުހިވޮޑިގަތުމެވެ. އެކަމުގެ ސަބަބުން ޤިޔާމަތްދުވަހުން އެކަލާނގެ މަތިވެރި މޫނުފުޅު ފެނުމުގެ ޝަރަފު ލިބިގެންދާނެއެވެ. އަދި އެ އީމާންކަން ހިތަށް ހަމަޖެހުން ގެނެސްދީ ނަފްސަށް މަޑުމޮޅިކަން ގެނެސްދޭނެއެވެ.

އީމާންތެރިކަމުގެ މިސާލަކީ ބަރަކާތްތެރި ގަހެއްގެ މިސާލެވެ. އޭގެ ފައިދާ ބޮޑު މޭވާއެޅުން ގިނަ ގަހެކެވެ. އެގަސް އިންދާފައިވަނީ ޚާއްސަ ތަނެއްގައެވެ. އެއީ މުއުމިނުންގެ ހިތްތަކެވެ. އެ ގަހަށްދެނީ ޚާއްޞަ ފެނަކާއި ކާނާއެކެވެ. އެއީ ﷲގެ ވަޙީއެވެ. ކީރިތި ޤުރްއާނާއި ރަސޫލް صلى الله عليه وسلم ގެ ސުއްނަތެވެ. އެގަހުގެ ދިރުމަކީ އެއީ އެވެ.  އަދި އެގަހުގައިވެސް މުލާއި ގޮތްޕާއި މޭވާތައް ވެއެވެ. އޭގެ މޫތަކަކީ އީމާންކަމުގެ ރުކުންތަކެވެ. އެއީ ﷲއަށާއި، މަލާއިކަތްބޭކަލުންނަށާއި، ފޮތްތަކަށާއި، ރަސޫލުންނަށާއި، ޤިޔާމަތްދުވަހަށާއި، އަދި ހެޔޮ މިންވަރާއި ނުބައިމިންވަރަށް އީމާންވުމެވެ. ފަހެ އޭގެ އެންމެ މައި މުލަކީ ﷲއަށް އީމާންވުމެވެ. އަދި އެގަހުގެ ގޮފި ތަކަކީ ޞާލިޙް ޢަމަލުތަކެވެ. އަދި ދުނިޔެއާއި އާޚިރަތުގައި މުއުމިނުންނަށް ލިބޭ ހުރިހާ ހެވަކާއި ކާމިޔާބަކާއި އުފަލަކީ އެގަހުގެ މޭވާއެވެ.

އީމާންކަމުގައި މީސްތަކުން ތަފާތުވެގެންވެއެވެ. އެއީ އީމާންކަމުގެ ވަރުގަދަކަމާއި ބަލިކަށިކަމުގެ ގޮތުންނެވެ. އަދި އީމާންކަން އިތުރުވެގެންވުމާއި މަދުވެގެންވުމުގެ ގޮތުންނެވެ. އެހެންކަމުން މުސްލިމު އަޅާގެ މައްޗަށް ވަނީ އީމާންކަން އިތުރުކޮށް ވަރުގަދަ ކުރާނެ މަގުތައް ހޯދައި، އެކަންތައްތައް ކުރުމުގައި ގަދައަޅައި މަސައްކަތްކުރުމެވެ. އަދި އީމާންކަން މަދުވެ ބަލިކަށިވާނެ ފަދަ ކަންކަމުން ނަފްސު ސަލާމަތްކުރުމަށްޓަކައި އެކަމުގައިވެސް ގަދައަޅައި މަސައްކަތް ކުރުމެވެ.

އީމާންތެރިކަން އިތުރުކޮށް ވަރުގަދަ ކޮށްދޭނެ މަގުތައް ވަރަށްބައިވަރެވެ. އޭގެ ބައެއް މުހިއްމު ކަންތައްތަކަކީ: ޢިލްމު އުނގެނުމެވެ. އަދި ޤުރްއާން ކިޔަވައި އެ ތަދްބީރު ކުރުމެވެ. ﷲ ގެ އިސްމުފުޅުތަކާއި ސިފަފުޅުތައް ރަނގަޅަށް އުނގެނި ދަސްކުރުމެވެ. ރަސޫލް صلى الله عليه وسلم ގެ ސީރަތާއި އަޞްޙާބު ބޭކަލުންގެ ސީރަތުތައް ރަނގަޅަށް ދިރާސާ ކުރުމެވެ. އަދި މިކައުނުގައި ވާ ތަކެއްޗާމެދު ވިސްނައި ފިކުރު ކުރުމެވެ. ފަހެ އީމާންކަމަކީ ﷲއަށް ކިޔަމަންކަން އަދާކުމުގައާއި، އެކަލާނގެ އަމުރުފުޅުތަކަށް ރައްކާތެރިވުމުގައި ގަދައަޅައި މަސައްކަތް ކުރާ މިންވަރަކުން އިތުރުވާ އެއްޗެކެވެ.

އީމާންތެރިކަން އުނިކޮށް ބަލިކަށި ކުރާ މަގުތައްވެސް ބައިވަރެވެ. އޭގެ މުހިއްމު ބައެއް ކަންތައްތަކަކީ: ﷲގެ ދީނާމެދު ޖާހިލުވުމާއި ޣާފިލުވުމެވެ. އަދި ފާފަތަކާއި މުންކަރާތްތަކަށް އަރައިގަނެ އެކަންކަމުގައި ދެމި ހުރުމެވެ. އަދި ނަފްސުގެ އެދުންތަކަށް ތަބާވުމެވެ. އަދި ފާސިޤު ފާޖިރު މީހުންނާއި އެކު ވަގުތު ހޭދަ ކުރުމެވެ. އަދި ދުނިޔެ ދެކެ ލޯބިވެ އާޚިރަތްމަތިން ހަނދާންނައްތާލުމެވެ. ފަހެ އީމާންތެރި ކަމަކީ ﷲއަށް ކިޔަމަންތެރިކަން އަދާ ކުރުމުން ދުރުވެގެންދާ މިންވަރަކުން، އަދި އެކަލާނގެ މަނާ ކުރެއްވި ކަންތައްތަކަށް އަރައިގަންނަ މިންވަރަކުން އުނިވެގެންދާ އެއްޗެކެވެ.

ހަމަކަށަވަރުން އީމާންތެރިމަކީ މީހާއަށް ލިބިގެންދާ ރީތި ކަމަކާ ޒީނަތްތެރި ކަމެކެވެ. އަދި އެއީ ފޮނި މީރުކަމަކާއި ލައްޛަތެއް ލިއްބައިދޭ އެއްޗެއްވެސް މެއެވެ. ﷲ ވަޙީ ކުރައްވާފައިވައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. " އަދި އެހެނެއްކަމަކު ﷲ، ތިޔަބައިމީހުން އީމާން ކަމަށް ލޯބިޖައްސަވައި، ތިޔަބައިމީހުންގެ ހިތްތަކުގައި އެ އީމާންކަން ޒީނަތްތެރިކުރެއްވިއެވެ." (އަލްޙުޖުރާތު 7) އަދި ރަސޫލް صلى الله عليه وسلم އެކަލޭގެފާނުގެ ދުޢާކުރައްވާއިރު ވިދާޅުވާ ކަމުގައި ވެއެވެ. "ހައްދަވާ ގެންގުޅުއްވާ އިލާހް! އީމާންކަމުގެ ޒީނަތުން އަޅަމެން ޒީނަތްތެރި ކުރައްވައިފާނދޭވެ!" އަދިވެސް އެކަލޭގެފާނު صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. "ﷲ އީ ރައްބުކަމަށާއި، އިސްލާމްދީން އެއީ ދީންކަމަށާއި، މުޙައްމަދުގެފާނީ ރަސޫލާ ކަމަށް ރުހިއްޖެ މީހާ އީމާންކަމުގެ މީރު ރަހަ ލިބިގަނެފިއެވެ." އަދިވެސް އެކަލޭގެފާނު صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. "މީހެއްގެ ގައިގައި ތިން ކަމެއް ހުރެއްޖެ ނަމަ އެމީހަކަށް އީމާންކަމުގެ ފޮނިމީރުކަން ލިބޭނެއެވެ. އެއީ އެހެން ހުރިހާ ފަރާތަކަށްވުރެ ބޮޑަށް ﷲ އާއި އެކަލާނގެ ރަސޫލް صلى الله عليه وسلم ދެކެ ލޯބިވުމާއި، އަދި ﷲ އަށްޓަކައި މެނުވީ އެހެން ފަރާތެއް ދެކެ ލޯބި ނުވުމާއި، ކާފަރުކަމުން ﷲ ތިޔަބައިމީހުން ސަލާމަތްކުރެއްވުމަށްފަހު އަލުން އަނބުރައި ކާފަރުކަމަށް ދިއުމަށް، އަލިފާނޑެއްގެ ތެރެއަށް އެރުމަށް ތިމާ ނުރުހޭ ފަދައިން، ނުރުހުންތެރި ވުމެވެ."

       ހައްދަވައި ގެންގުޅުއްވާ އިލާހް! އީމާންކަމުގެ ޒީނަތުން އަޅަމެން ޒީނަތްތެރި ކުރައްވައިފާނދޭވެ! އާމީން

والحمد لله ربّ العالمين وصلّى الله وسلّم على نبيِّنا محمد.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *